ޖީ.އީ.އެފް-7 ގެ ދަށުން ހިންގާ "އިންޓަރގްރޭޓަޑް، ސަސްޓެއިނަބަލް އެންޑް ލޯ އިމިޝަން ޓްރާންސްޕޯޓް އިން ދަ މޯލްޑިވްސް" މަޝްރޫއުއިން އިންތިޒާމުކޮށްގެން، އީ.ވީ އުޅަނދުފަހަރާ ބެހޭ ގޮތުން މައުލޫމާތު ހޯދުމުގެ ޚާއްސަ ދަތުރެއް ތައިލެންޑުގެ ބެންކޮކުގައި ވަނީ ކާމިޔުކަމާއެކު ނިންމާލާފައެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 25 އިން 30 އަށް، ހަ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ތައިލެންޑުގެ އޯ.ޓީ.ޕީ އާއި އީ.ވީ.އޭ.ޓީ އާ ގުޅިގެން ރާވައި ހިންގާފައިވާ ދަތުރެކެވެ.
މި ދަތުރުގެ ތެރެއިން ބައިވެރިންނަށް ވަނީ އެ ގައުމުގެ އިލެކްޓްރިކް ދަތުރުފަތުރުގެ ސިޔާސަތުތަކާއި، ބޭނުންކުރާ ޒަމާނީ ޓެކްނޮލޮޖީގެ އިތުރުން ސިނާއަތަށް އަންނަ ބަދަލުތަކާ ގުޅޭ މުހިންމު މައުލޫމާތުތައް ފޯރުކޮށްދީފައެވެ.
މައިގަނޑު ގޮތެއްގައި މި ހަރާތުގައި އަލިއަޅުވާލާފައިވަނީ ރާއްޖެއަށް އީ.ވީ އުޅަނދުތައް ގެއުނުމާއި، އުފެއްދުމާއި، ރައްކާތެރިކަމާއެކު ޗާޖުކުރުމުގެ ނިޒާމުތައް ބައްޓުކުރުމުގެ މައްޗަށެވެ. އަދި ފަންނީ މީހުން ބިނާކުރުމާއި ބެޓެރީ ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ.
މި ދަތުރުގެ ބައިވެރިން ވަނީ "ޑެކޯ ގްރީން އެނާޖީ" އަދި "އެސް.އޭ.އައި.ސީ މޮޓޯ-ސީޕީ (އެމް.ޖީ)" ގެ އިތުރުން ކޭ.އެމް.ޔޫ.ޓީ.ޓީ އާއި އޭ.ބީ.އޭ.ސީ ފަދަ ތައުލީމީ މަރުކަޒުތަކާއި ޕީ.ޓީ.ޓީ ޗާޖިންގ ސްޓޭޝަނާއި ބެޓެރީ ޓެސްޓިންގ ސެންޓަރަށް ޒިޔާރަތޮށްފައެވެ.
މި ދަތުރުން ލިބުނު އިލްމުގެ ސަބަބުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށް ފުޅާކުރުމަށް ކުރާ ގައުމީ މަސައްކަތްތަކަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!