ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫއަށް ގެންގޮސްފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރުމަށް ފަހު، ފުރަތަމަ ގެންދިޔައީ ހުޅުމާލޭގެ ޕޮލިސް ސްޓޭޝަނަށެވެ. އަދި އޭގެ ފަހުން ހުޅުމާލެއިން ލޯންޗެއްގައި އޭނާ މިހާރު ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ.

Ad
rt

ފުލުހުން ބުނީ ޝާހިދު ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ހައްޔަރުކުރުމުގެ ކުރިން ޝާހިދު ވަނީ މީސްމީޑިއާ ޕްލެޓްފޯމް އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވައިފަ އެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވީ، ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

ހަމައެއާއެކު، އެފަދަ އެއްވެސް ސާބިތު ނުހިފޭ ވާހަކަތަކެއް ނުފެތުރުމަށް ވެސް ހައްޔަރުކުރުމުގެ ކުރިން ކުރެއްވި ޕޯސްޓުގައި ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ.

ކުރިން ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދަކީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބޭފުޅެކެވެ.