ސިފައިންގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށްޓަކައި، ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިމާރާތެއް އެޅުމުގެ މަޝްރޫޢު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ސިފައިންގެ ތާރީޚުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުގެ ގޮތުގައި ފާހަގަކުރެވޭ "ކަޅުތުއްކަލާކޮށި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން އެންޑް ލޮޖިސްޓިކްސް ބިލްޑިންގ"ގެ މި މަސައްކަތަކީ ސިފައިންގެ އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ އެކޮމޮޑޭޝަނާއި ލޮޖިސްޓިކްސް ބޭނުންތަކަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ ސިފައިންގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކޮށް ވަސީލަތްތައް ޤާއިމުކުރުމަށް ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ 2026 ނޮވެންބަރު 2 ވަނަ ދުވަހު ބަންޑާރަކޮށީގައެވެ.
ބަންޑާރަކޮށީގައި ބޭއްވި މި ރަސްމިއްޔާތުގައި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ނާއިބު އަލްފާޟިލާ ފާތިމަތު މިޒްނާ ޢަލީއެވެ. އަދި ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މރ. ޖޯ ވޭދޯން އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އޮނަރަބްލް ޙަސަން ރަޝީދެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، ރޯޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަން ލިމިޓެޑްގެ އިސްބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!