ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

އޮކްޓޫބަރު 31ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، މ. ޕިންކްލައިޓް، ޝިވާން އިބްރާހީމް (45އ) އާއި، ތ. ތިމަރަފުށި، ޢަލީއާބާދު، އަޙްމަދު މުޙައްމަދު (38އ) އެވެ. މީގެ އިތުރުން ތ. ތިމަރަފުށި، މާލޭގެއާގެ، އަޒުހަދު ޢަލީމަނިކު (41އ) އާއި، އެ ރަށު ވިލާ، އާމިނަތު ނިސާ (41އ) ވެސް މި މައްސަލާގައި ހައްޔަރުކޮށްފައިވެއެވެ.

Ad
rt

މި މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، ވިޔަފާރިކުރުމުގެ އިތުރުން ޓެފިކްކުރުމުގެ ކުށެވެ.

ފުލުހުން ބުނީ މި ތުހުމަތުތަކާ ގުޅިގެން ފުލުހުންގެ ޓީމުތަކުން މާލޭގެ ތިން ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި ބަލާފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 111.15 ގުރާމުގެ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ މީހުން ފަސް ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.