ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލައަކާ ގުޅިގެން ބައެއް ހެކިތައް ބަލައިގަތުމާ މެދު ކްރިމިނަލް ކޯޓުން ނިންމި ނިންމުމެއް އިސްތިއުނާފުކުރުމަށް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފި އެވެ.
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާއި ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ނެންގެވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ކުރާއިރު, އޭގެ ތެރެއިން އާރަށް މައްސަލާގައި ބައެއް ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ޔާމީންގެ ފަރާތުން އިސްތިއުނާފްކުރީ މިދިޔަ ހަފުތާގަ އެވެ.
ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރާ ވަނީ އިއްޔެ ނިންމެވީ އެ މައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ނިންމިއިރު ފުއްގިރީގެ މައްސަލާގައި ކްރިމިނަލް ކޯޓުން މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ. އަދި އެ މައްސަލާގެ ހުކުމް މިދިޔަ ހަފުތާގައި އިއްވަން ތާވަލް ކުރުމަށްފަހު އެހެން ދުވަހަކަށް ވަނީ ފަސްކޮށްފަ އެވެ.
އާރަށް މައްސަލާގައި ކުރިން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި ނަމަވެސް އެ ހުކުމް ހައި ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ. އަދި އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!