އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ ދާއިރާގައި ފާހަގަކޮށްލެވޭ އޯޕަންއޭއައި ކުންފުނީގެ ސީއީއޯ ސޭމް އޯލްޓްމަން، ދުރާލައި އިއުލާނުކުރުމެއް ނެތި ސައުތު ކޮރެއާއަށް ކުއްލި ދަތުރެއް ކުރައްވައިފިއެވެ. ހަފުތާ ބަންދުގައި އޭނާ ކުރެއްވި މި ދަތުރަކީ އެ ގައުމުގެ ޗިޕް އުފައްދާ އެންމެ ކުރީ ސަފުގެ ކުންފުނިތަކާއެކު މިހާރުވެސް އޮތް ޕާޓްނާޝިޕް އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ކުރެއްވި ދަތުރެކެވެ.

މި ދަތުރުގެ ތެރެއިން ސޭމް އޯލްޓްމަން ވަނީ ސެމްސަންގް ކުންފުނީގެ އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ. ސެމްސަންގުން ހޮނިހިރު ދުވަހު ހާމަކުރި ގޮތުގައި، ސޯލްގެ ދެކުނުގައި އޮންނަ ޔޮންގިންގައި ބޭއްވި މި ބައްދަލުވުމުގައި، އިލެކްޓްރޯނިކްސް، ފައިނޭންސް އަދި ބަޔޯޓެކްނޮލޮޖީ ފަދަ އެ ކުންފުނީގެ އެކި ދާއިރާތަކުގެ ގާތްގަނޑަކަށް 50 އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އޭއައިގެ ކުރިއެރުންތަކާއި، ވިޔަފާރީގެ އައު ފުރުސަތުތަކުގެ އިތުރުން ކުންފުނީގެ ނިންމުންތައް ނިންމުމަށާއި އޮޕަރޭޝަންތަކަށް މި ޓެކްނޮލޮޖީގެ ސަބަބުން ކުރާނެ އަސަރުތަކާ ގުޅޭގޮތުން ކަމަށް ސެމްސަންގުން ބުނެފައިވެއެވެ.

މީގެއިތުރުން، ސައުތު ކޮރެއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ މެންދުރުގެ ކެއުމެއްގެ ތެރެއިން އޯލްޓްމަން ވަނީ އެސްކޭ ގްރޫޕުގެ ޗެއާމަން ޗޭ ތޭ-ވޮން އާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އެސްކޭ ހައިނިކްސް އަދި އެސްކޭ ޓެލެކޮމްގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް މީޑިއާތަކުން ބުނެއެވެ. ނަމަވެސް އެސްކޭ ހައިނިކްސްއިން ސީއެންބީސީއަށް މައުލޫމާތު ދެމުން ބުނީ މިފަދަ ބައްދަލުވުމެއް ބޭއްވިކަން ކަށަވަރުކޮށްދެވެން ނެތް ކަމަށެވެ.

ދެ ފަރާތުގެ ދެމެދުގައި މަޝްވަރާކޮށްފައިވަނީ އޭއައި ޗިޕްތަކާއި ޑޭޓާ ސެންޓަރުތައް ތަރައްގީކުރުމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި ހައި-ބޭންޑްވިޑްތް މެމޮރީ ސަޕްލައިކުރުމާއި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމަށް މިހާރުވެސް އެކުލަވާލާފައިވާ ރޭވުންތައް ހިމެނެއެވެ. އެހެންނަމަވެސް މި ބައްދަލުވުމުގައި ބައިވެރިވި އެއްވެސް ފަރާތަކުން މަޝްވަރާތަކުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އޯލްޓްމަން ވަނީ މީގެ ކުރިން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުވެސް ސައުތު ކޮރެއާއަށް ޒިޔާރަތްކުރައްވާފައެވެ. އެ ދަތުރުގައި އޭނާ ވަނީ ރައީސް ލީ ޖޭ މިޔުންގްގެ އިތުރުން ސެމްސަންގް އިލެކްޓްރޯނިކްސްގެ އެގްޒެކެޓިވް ޗެއާމަން ޖޭ ވައި. ލީ އަދި އެސްކޭ ގްރޫޕުގެ ޗެއާމަން ޗޭ ތޭ-ވޮން އާ ބައްދަލުކުރައްވައި، އޯޕަންއޭއައިގެ 'ސްޓާގޭޓް' އިނީޝިއޭޓިވްގެ ދަށުން ސެމްސަންގާއި އެސްކޭ ގްރޫޕާއެކު ޕާޓްނާޝިޕްތައް އިއުލާނުކުރައްވާފައެވެ. މީގެއިތުރުން މިދިޔަ ޖުލައި މަހު ސެން ފްރެންސިސްކޯގައި ހުންނަ އޯޕަންއޭއައިގެ މައި އޮފީހުގައި ވެސް ސެމްސަންގްގެ އެގްޒެކެޓިވް ޗެއާމަން ޖޭ ވައި. ލީއާއެކު އޯލްޓްމަން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ސެމްސަންގުން މައުލޫމާތުދެއެވެ.

އޯޕަންއޭއައިގެ ސްޓާގޭޓް އިނީޝިއޭޓިވްގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭއައި އިންފްރާސްޓްރަކްޗާ ފުޅާކުރުމެވެ. މި އެއްބަސްވުންތަކުގެ ދަށުން ސެމްސަންގް އިލެކްޓްރޯނިކްސް އަދި އެސްކޭ ހައިނިކްސްއިން ވަނީ ކުރިއަރާފައިވާ މެމޮރީ ޗިޕްތައް އުފައްދާ މިންވަރު އިތުރުކުރުމުގެ ޕްލޭންތައް އެކުލަވާލާފައެވެ. އަދި އޯޕަންއޭއައިއާއެކު އެ ގައުމުގައި އޭއައި ޑޭޓާ ސެންޓަރުތައް ތަރައްގީކުރުމުގެ ފުރުސަތުތައް ދިރާސާކުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.

އޯޕަންއޭއައިއިން ބުނި ގޮތުގައި ސައުތު ކޮރެއާގައި އެ ކުންފުނީގެ ދައުރު ފުޅާކުރަން ނިންމި މައިގަނޑު ސަބަބަކީ، އޭއައިއަށް ތައްޔާރުވެފައިވާ މިންވަރުން އެ ގައުމަކީ ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އެއް ގައުމަށް ވުމާއި، ވާދަވެރިކަން އިތުރުކުރުމަށް ސަރުކާރާއި އަމިއްލަ ދާއިރާ ގުޅިގެން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާތީއެވެ.

މި ދަތުރު ނިންމަވާލެއްވުމަށްފަހު އޯލްޓްމަން ހޮނިހިރު ދުވަހު ސައުތު ކޮރެއާއިން ފުރާވަޑައިގެންފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.