މޯލްޑިވިއަންގެ ފްލީޓަށް އައު ބޯޓެއް: "ކިންގް އެއާ 360" އާއެކު ލަގްޒަރީ ދަތުރުތައް ފަށަނީ

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލީޓަށް މުޅިން އަލަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ގެނެސް، މިއަދު ޚިދުމަތަށް ނެރެން ތައްޔާރުވެއްޖެއެވެ. މިއީ ޤައުމީ އެއާލައިނުން މި މަރުކާގެ ބޯޓެއް މެދުވެރިކޮށް ލަގްޒަރީ އުދުހުންތައް ފަށާ ފުރަތަމަ ފަހަރެވެ. މޯލްޑިވިއަނުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ނިލާ ކޮރެލްސްއާ ގުޅިގެންނެވެ.

Ad
rt

މި އައު ދަތުރުތަކާ ގުޅޭގޮތުން މޯލްޑިވިއަނުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މިއީ އެ އެއާލައިންގެ ވައިގެ ދަތުރުފަތުރުގެ ހަޔާތުން ފެށުނު މުޅިން އައު ބާބެއް ކަމަށެވެ. އަދި އެއާލައިންގެ ފްލީޓަށް އެންމެ ފުރަތަމަ ފަހަރަށް ކިންގް އެއާ 360 މަރުކާގެ ބޯޓެއް ގެނެވުނުކަމީ ނުހަނު ފަޚުރުވެރިވާ ކަމެއް ކަމަށްވެސް އެ އެއާލައިނުން ހާމަކުރިއެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި، މިއީ ނިލާ ކޮރަލް އައިލެންޑާ ގުޅިގެން ކުރެވުނު މަސައްކަތުން ހާސިލުކުރެވުނު، އެ ކުންފުނީގެ ދަތުރުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ލަގްޒަރީ ދަތުރުފަތުރުގެ ފެންވަރު އިތުރަށް މަތީ ހަރުފަތަކަށް ގެންދިއުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.

މި އައު ބޯޓު ފަރުމާކޮށްފައިވަނީ 8 ފަސިންޖަރުންގެ ޖާގައާއެކު، ފަތުރުވެރިކަމުގެ ލަގްޒަރީ އަދި ވިޔަފާރީގެ ދަތުރުފަތުރުގެ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ. މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ "ނިލާ ކޮރަލް އައިލެންޑް"އަށް ޚާއްޞަ އެއާ ޓްރާންސްފާ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށްވެސް މި ބޯޓު ލިބެން ހުންނާނެ ކަމަށް އެ އެއާލައިނުން ބުނެއެވެ.

ދެ އިންޖީނު އަޅާފައިވާ ޓާބޯޕްރޮޕްގެ މި މަތިންދާބޯޓަކީ އޭގެ ހަލުވި ދުވެއްޔާއި، އިތުބާރާއި، އަދި ހިތްފަސޭހަ ކެބިންގެ ސަބަބުން މަޤުބޫލުކަން ހޯދާފައިވާ ބޯޓެކެވެ. މޯލްޑިވިއަނުން ފާހަގަކުރި ގޮތުގައި، ދަތުރުވެރިން ބޭނުންވާ ވަގުތެއްގައި ސީދާ މަންޒިލަށް ފުރޭ ގޮތަށް ދޭ މި ޚިދުމަތުގެ ސަބަބުން ޓްރާންސިޓުގައި އިންތިޒާރު ކުރަންޖެހޭ ވަގުތު ކުޑަވެ، ފަސޭހަކަމާއެކު ދަތުރު ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ޤައުމީ އެއާލައިނުން މިހާރު އަންނަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އިތުރުން އޮސްޓްރޭލިއާ، ބަންގްލަދޭޝް، އިންޑިއާ އަދި ޗައިނާ ފަދަ ޤައުމުތަކަށް ބައިނަލްއަޤުވާމީ ދަތުރުތައްވެސް ބާއްވަމުންނެވެ. އެ އެއާލައިންގެ ފްލީޓުގައި މިހާރު 25 ބޯޓު އޮޕަރޭޓް ކުރަމުންދާއިރު، އޭގެ ތެރޭގައި އެއާބަސް އޭ330-200ގެ ބޯޓަކާއި، އެއާބަސް އޭ320 މަރުކާގެ ބޯޓެއް ހިމެނެއެވެ. މީގެ އިތުރުން އޭޓީއާރުގެ 5 ބޯޓާއި، ޑޭޝް 8ގެ 7 ބޯޓު އަދި ސީޕްލޭންގެ ގޮތުގައި ބޭނުންކުރާ ޑީއެޗްސީ-6 ޓްވިން އޮޓާގެ 11 ބޯޓު އެ ފްލީޓުގައި ހިމެނެއެވެ.