މައި ޚަބަރަށް ދިޔުމަށް
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހަމަތަކަށް ރިޢާޔަތްކޮށް އެކުލަވާލެވިފައިވާ

ތިލަދުންގެ އެތިކްސް ނުވަތަ ސުލޫކީ މިންގަނޑު

މިއީ ތިލަދުންގެ ނޫސްވެރިންގެ އަމަލުތައް ބަހައްޓާނޭ ސުލޫކީ މިންގަނޑެވެ. ތިލަދުން ނޫހުގައި މަސައްކަތްކުރާ ނޫސްވެރިން މިސުލޫކީ މިންގަނޑަށް އެއްބަސްވެއެވެ. މިސުލޫކީ މިންގަނޑު އެކުލަވާލުމުގައި އަސްލެއްކަމަށް ބަލާފައިވާނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ "ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑު" އަށެވެ.

20 މާއްދާ އެޑިޓޯރިއަލް އަސާސްތައް ރަޖިސްޓްރީ: 21 އޮގަސްޓް 2019
1

ސުލޫކީ މިންގަނޑުގެ 20 މާއްދާ

ތިލަދުންގެ ކޮންމެ ނޫސްވެރިއަކު އަދި އެޑިޓޯރިއަލް މެންބަރަކު ކަށަވަރުކުރަންޖެހޭ އަސާސްތައް

01 މާއްދާ 1

އިސްލާމީ އުޞޫލުތަކާއި ޤާނޫނަށް ބޯލެނބުން

އިސްލާމީ އުޞޫލުތަކާޢި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ޚިލާފު އެއްވެސް އެއްޗެއް ތިލަދުންގައި ޝާއިއު ނުކުރެވޭނެއެވެ.

02 މާއްދާ 2

މައުލޫމާތުގެ ސައްހަކަން ޔަގީންކުރުން

ތިލަދުންގައި ޝާއިއުކުރާ ޚަބަރާއި ލިޔުންތަކަކީ ސައްހަ މައުލޫމާތުކަން ޔަގީންކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ.

03 މާއްދާ 3

ނުފޫޒުން އެއްކިބާވެ މިނިވަންކަން ހިފެހެއްޓުން

ޚަބަރާއި ލިޔުން ޝާއިއުކުރުމަށް މައުލޫމާތު ހޯދުމާއި ފާޑުކިޔުމުގެ ތެރޭގައި އެއްވެސް ނުފޫޒަކަށް ބޯނުލަނބާ ނޫސްވެރިކަމުގެ މިންގަނޑުން ބޭރު ވެގެންނުވާނެއެވެ.

04 މާއްދާ 4

ތެދު މައުލޫމާތު — ހަގީގަތް އޮޅުވާނުލުން

ލިޔާ ޚަބަރާއި ލިޔާ އާރޓިކަލްތަކުގައި ހަޤީޤަތް އޮޅޭގޮތަށް އަދި ހަޤީޤަތް އޮޅުވާލުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެއެވެ. އަބަދުވެސް ބަލާނީ ތެދު މައުލޫމާތު ލިޔުމަށެވެ.

05 މާއްދާ 5

ކުށް ވަގުތުން އިސްލާހުކުރުން

މައުލޫމާތުގެ ކުށަކުން ނަމަވެސް ދޮގެއް ލިޔެވިއްޖެނަމަ އެކަން އެނގުނު އެންމެ އަވަހަކަށް އެކުށް އިސްލާހު ކުރަންވާނެއެވެ.

06 މާއްދާ 6

ނޫސްވެރިކަމުގެ ކާޑުގެ ނަހަމަ ބޭނުން ނުހިފުން

ތިލަދުންއިން ހަވާލުކޮށްފައިވާ ނޫސްވެރިކަމުގެ ކާޑު ނަހަމަގޮތުގައި ބޭނުން ކޮށްގެން ނުވާނެއެވެ. އަމިއްލަ ބޭނުންތަކަށާއި ސިޔާސީ މަސްލަހަތަކަށް އެކާޑު ބޭނުން ކޮށްގެން ނުވާނެއެވެ.

07 މާއްދާ 7

މިލްކުވެރިކަމާއި ހަވާލާ ދިނުން

ނޫސް، މަޖައްލާގައި ޝާއިއުކުރާ ފޮޓޯ، ވީޑިއޯ އަދި ލިޔުމަކީ އެހެން ފަރާތެއްގެ މިލްކެއްނަމަ އެފަރާތަށް ހަވާލާ ދޭންވާނެއެވެ.

08 މާއްދާ 8

މަސްދަރު ހާމަކުރުމާއި ސިއްރު ހިފެހެއްޓުން

ޚަބަރާއި އާރޓިކަލްގައި ޝާއިއުކުރާ މައުލޫމާތުތަކުގެ މަސްދަރު ހާމަކުރަންވާނެއެވެ. ނަމަވެސް މަސްދަރު ހާމަކުރަން ބޭނުންނުވާނަމަ މަސްދަރު ހާމަނުކޮށް އެސިއްރު ހިފަހައްޓަންވާނެއެވެ.

09 މާއްދާ 9

އަޚްލާޤީ މިންގަނޑާއި ބަރަހަނާ މަންޒަރުން ދުރުހެލިވުން

ބަރަހަނާ މަންޒަރާއި ވާހަކަ ސިފަކޮށްދޭ ލިޔުންތައް ޝާއިއުކުރުމުން ދުރުހެލިވާންވާނެއެވެ. އަދި ލިޔުމުގައި ޝާއިއު ކުރާ ފޮޓޯ އަކީ ދީނުގެ ތަރަހައިގެ ތެރޭގައި ހުއްދަ ފޮޓޯ ނުވަތަ ވީޑިއޯއަކަށް ވާންވާނެއެވެ.

10 މާއްދާ 10

ބަސްމަގު ރިވެތިކުރުން — ބޭއަދަބީ ބަސް ބޭނުންނުކުރުން

ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ޚަބަރާއި އާރޓިކަލް ލިޔުމުން ދުރުހެލިވާންވާނެއެވެ.

11 މާއްދާ 11

މުޖުތަމައަށް ފައިދާކުރުވަނިވި މައުޟޫޢުތައް

ޚަބަރާއި އާރޓިކަލް ލިޔާއިރު ކިޔާ މީހާއަށް ފައިދާކުރުވަނިވި އެއްޗަކަށް ހެދުމަށާއި އިޖްތިމާއީ މައްސަލަތަކަށް އަލިއަޅުވާލުމުގައި އިސްކަން ދޭންވާނެއެވެ.

12 މާއްދާ 12

އަނިޔާވެރި މަންޒަރު ޝާއިއުކުރުމުގެ އުސޫލު

އަނިޔާވެރި މަންޒަރު ސިފަކޮށްދޭ ފޮޓޯ، ވީޑިއޯ އަދި އަޑު ހިމެނޭ އޯޑިއޯ ޝާއިއުކުރުމުގައި އާންމު މަސްލަހަތަށް ރިއާޔަތްކުރަންވާނެއެވެ.

13 މާއްދާ 13

ތަފާތުނުކުރުމާއި ކަރާމާތް

ލިޔާ ޚަބަރާއި ރިޕޯޓްތަކުގައި އެނިސްބަތްވާ މީހެއްގެ ނަސަބާއި، ދީނާ، ޖިންސާ، ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމާ ގުޅުވައިގެން ލިޔެގެންނުވާނެއެވެ.

14 މާއްދާ 14

ޒާތީ ދިރިއުޅުމަށް އިޙްތިރާމްކުރުން

ޝާއިއުކުރާ ލިޔުންތަކުގައި އަނެކާގެ ޒާތީ ދިރިއުޅުމަށް އިހްތިރާމް ކުރަންވާނެއެވެ.

15 މާއްދާ 15

ހިތާމައިގެ ހާލަތްތަކުގައި އިންސާނީ ކަރާމާތް

ހިތާމަ އާއި މާޔޫސްކަމުގެ ހާދިސާއެއް މެދުވެރިވެފައިވާ ހާލަތެއްގައި ކަންކަން އޮޅުންފިލުވައި އަދި ޝާއިއުކުރާނީ އެހިތާމައެއް ނުވަތަ ހިތާމައާއި މާޔޫސްކަމުގެ ހާދިސާއެއް ކުރިމަތިވެފައިވާ ބައެއްގެ އިންސާނީ ކަރާމާތްތެރިކަމަށް އުނިކަން ނާންނާނޭ ގޮތުގެ މަތިންނެވެ.

16 މާއްދާ 16

ކުޑަކުދިންގެ އައިޑެންޓިޓީ ހިމާޔަތްކުރުން

ކުޑަކުދިންނާއި ގުޅޭ ޚަބަރުތައް ޝާއިއުކުރުމުގައި އެކުދިންގެ އައިޑެންޓިޓީ ހާމަވެދާނެފަދަ އެއްވެސް މައުލޫމާތެއް ޚަބަރާއި ލިޔުމުގައި ބޭނުން ކޮށްގެން ނުވާނެއެވެ.

17 މާއްދާ 17

ޖިންސީ ގޯނާ ލިބިފައިވާ ފަރާތްތައް ރައްކާތެރިކުރުން

ޖިންސީ ގޯނާ ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާނީ އެފަރާތުގެ ރުހުމާއި އެކުގައެވެ.

18 މާއްދާ 18

އިސްލާމީ ޝަރީޢަތާއި އެހެން ފަރާތްތަކުގެ ހައްޤުތައް

ޚަބަރާއި ރިޕޯޓް ލިޔުމުގައި އެކަމާއި ނުގުޅޭ ފަރާތްތެއްގެ ހައްޤު ގެއްލޭގޮތަށް ޝާއިއު ކޮށްގެން ނުވާނެއެވެ. އިސްލާމީ ޝަރީއަތުގައި ހަރާމްކުރައްވާފައިވާ ކަމެއް ނުވަތަ ކުރުމުން ދުރުހެލިވާން އަންގަވާފައިވާކަމެއް ކުރުމަށް ހިތްވަރުދޭފަދަ އެއްވެސް ލިޔުމެއް ޝާއިއު ކޮށްގެން ނުވާނެއެވެ.

19 މާއްދާ 19

ވާހަކަ ރެކޯޑުކުރުމުގެ ހަމަތަކާއި ރުހުން ހޯދުން

ޚަބަރާއި މައުލޫމާތު ހޯދުމުގައި އެއްވެސް ފަރާތަކާއިއެކު ދެކެވޭ ވާހަކައެއް ރެކޯޑްކުރާނީ އެމީހަކަށް އެނގިގެން އެމީހެއްގެ ރުހުމާއި އެކުގައެވެ. މައުލޫމާތު ދޭ މީހާއަށް ނޭނގި ރެކޯޑް ކުރާނީ އެމީހާގެ ފަރާތުން ހޯދަން ބޭނުންވާ މައުލޫމާތަކީ މުޖްތަމައަށް ކޮންމެހެން އެނގެން ޖެހޭ މައުލޫމާތަކަށްވެފައި އެކަން ސިއްރުކޮށްގެން ނޫނީ އެމައުލޫމާތެއް ހޯދެންނެތް ހާލަތެއްގައި އެކަންޏެވެ.

20 މާއްދާ 20

ނޫސްވެރިކަމުގެ އިމްތިޔާޒުތަކުން ނާޖާއިޒު ފައިދާ ނުނެގުން

ނޫސްވެރިއަކަށްވީތީ ލިބިފައިވާ ޚާއްޞަ އިމްތިޔާޒުތަކާއި އިޚްތިޔާރުތަކާއި ފުރުސަތުތަކުގެ ފައިދާ ނާޖައިޒު ގޮތުގައި ބޭނުން ކޮށްގެން ނުވާނެއެވެ.

2

ތިލަދުންގެ އެޑިޓޯރިއަލް ހަމަތައް

ޚަބަރާއި ރިޕޯޓުތައް ޝާއިއުކުރުމުގައި އަޅުގަނޑުމެން ބަލާ މައިގަނޑު އަސާސްތައް

ޞައްޙަކަމާއި، އިންސާފުވެރިކަމާއި، ޖަވާބުދާރީވުން

މި ނޫހުގެ އެޑިޓޯރިއަލް އުސޫލުތަކުގެ ގޮތުގައި ހިމެނެނީ އަންނަނިވި އަސާސްތަކުގެ މައްޗަށެވެ: ޞައްޙަކަމާއި، އިންސާފުވެރިކަމާއި، ޖަވާބުދާރީވުމާއި، އިޙްތިރާމާއި އަދި އާންމު މަސްލަހަތެވެ. ހުރިހާ ކޮންޓެންޓެއްގައިވެސް އެންމެ މުހިންމީ އިތުބާރުހުރި ގިނަ މަސްދަރުތަކުން މައުލޫމާތު ކަށަވަރުކުރުމެވެ. ކުށެއް ފާހަގަވެއްޖެނަމަ ވަގުތުން ރަނގަޅުކޮށް، އެކަން އެ ޚަބަރެއް ނުވަތަ ރިޕޯޓެއްގައި ހާމަކުރާނެއެވެ.

ބޮޑު ތިލަދުންމަތީގެ އަޑު އިއްވުން

ބޮޑު ތިލަދުންމަތީގެ އަޑު އިއްވުމަށް އިސްކަންދޭނެއެވެ. އާންމު ރައްޔިތުންގެ އަޑާއި ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ޚަބަރުތަކާއި، ތަރައްޤީގެ މަޝްރޫޢުތަކާއި، ދަނޑުވެރިންނާއި މަސްވެރިންނާއި، މުދައްރިސުންފަދަ އާންމު ރައްޔިތުންގެ ވާހަކަތަކަށް ޖާގަދޭނެއެވެ. އަދި ރަށްރަށުގެ އާދަކާދަތަކާއި، މުޖުތަމަޢުގެ ގުޅުންތަކަށް އިޙްތިރާމްކުރާނެއެވެ.

ޤައުމީ ފެންވަރުގެ ހަމަހަމަކަމާއި ދެފުށްފެންނަ ޞަޙާފަތް

ޤައުމީ ފެންވަރުގެ ޚަބަރުތަކުގައި ވަކިފަރާތަކަށް ނުޖެހި، ހަމަހަމަކަމާއެކު ސިޔާސީ އަދި ޤައުމީ މައްސަލަތައް ގެނެސްދޭނެއެވެ. ދިރިއުޅުމުގެ ވާހަކަތަކުގައި ޒަމާނީ ކަންކަމާއި ދިވެހި އާދަކާދަ އެއްކޮށްލައި، ރާއްޖޭގެ ހުނަރުވެރިންނަށް އިސްކަންދޭނެއެވެ. އިޝްތިހާރުތައް ވަކިން އެނގޭގޮތަށް ފާހަގަކޮށްފައިވާނެއެވެ. ފޮޓޯއާއި ވީޑިއޯގައި އޮޅުވާލުމުގެ ގޮތުން އެއްވެސް ބަދަލެއް ނުގެންނާނެއެވެ. އެހެން މީހެއްގެ ފޮޓޯއެއް ނުވަތަ ލިޔުމެއް ނަކަލުކުރާނަމަ އެފަރާތަކާއި ހަވާލާދީފައިވާނެއެވެ. އަދި ސޯޝަލް މީޑިއާގައިވެސް މި ހުރިހާ މިންގަނޑުތަކެއް ހިފަހައްޓަމުންދާނެއެވެ.

3

އިދާރީ މަޢުލޫމާތާއި ގުޅުއްވުން

ތިލަދުން އޮންލައިން ނޫހުގެ ރަސްމީ ރަޖިސްޓްރޭޝަނާއި އޮފީހުގެ މަޢުލޫމާތު

ރަސްމީ ރަޖިސްޓްރޭޝަން

  • • ރަޖިސްޓްރީ ކުރެވުނު ތާރީޚު: 21 އޮގަސްޓް 2019
  • • ރަޖިސްޓްރީ ކޮށްދިން އިދާރާ: މިނިސްޓްރީ އޮފް ހޯމް އެފެއާޒް
  • • ބެލެނިވެރި އިދާރާ: މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ)
  • • އިނގިރޭސި އެޑިޝަން: Thiladhunmathi Times

ކޯޕަރޭޓް އޮފީސް އަދި ގުޅުއްވުމަށް

  • އެޑްރެސް: ހ. ސްޓާކްސް (ގްރައުންޑް ފްލޯރ)، ކަށިމާ ހިނގުން، މާލެ - ދިވެހިރާއްޖެ
    H. Starks (Ground Floor), Kashimaa Hingun, Male' - Maldives
  • +960 7948777 info@thiladhun.com