މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އާއި އިތުރު ފަސް ހޮސްޕިޓަލެއްގެ ގަވަރނިންގ ބޯޑުތައް އުވައިލައްވައި، "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
މި ބަދަލު ގެންނަވާފައިވަނީ ސަރުކާރުގެ ޓަރޝަރީ ހޮސްޕިޓަލުތަކާއި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރަމުންދާ ސަރުކާރުގެ ހޮސްޕިޓަލުތައް އެއް ގަވަރނިންގ ބޯޑެއްގެ ދަށުން، ހައިބްރިޑް ސެންޓްރަލައިޒްޑް މޮޑެލްއަކަށް ހިންގަމުންދާނެ އިންތިޒާމު ހަމަޖެއްސެވުމުގެ މަޤްޞަދުގައެވެ.
އަލަށް އުފެއްދެވި މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕުގެ ގަވަރނިންގ ބޯޑަކީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، ސީދާ އެމަނިކުފާނަށް ޖަވާބުދާރީވާ ގޮތަށް އަދި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއާ ގުޅިފައިވާ ގޮތަށް ހިނގަމުންދާނެ ބޯޑެކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅުގެ ދަށުން އެމްޓީއެޗްޖީގެ ގަވަރނިންގ ބޯޑާއި، އެ ބޯޑުން ބަލަހައްޓަވަމުން ގެންދާ ތަންތަނުގެ ކަންކަން ވިލަރެސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްއެވެ.
އެމްޓީއެޗްޖީ އުފެއްދެވުމާ ގުޅިގެން މީގެ ކުރިން ވަކިން ހިންގަމުން އައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިތުރުން، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ގަން ރީޖަނަލް ހޮސްޕިޓަލާއި، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑުތައް ވަނީ އުވައިލައްވާފައެވެ.
އަލަށް އެކުލަވައިލެއްވި މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕުގެ ގަވަރނިންގ ބޯޑުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ އަދި ޞިއްޙީ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރެއްގެ އިތުރުން އަލްފާޟިލް ޢަބްދުލްޙަންނާން ޢަބްދުއްރަޙީމް ހިމެނިވަޑައިގަންނަވައެވެ.
މި އައު ބޯޑުގެ ބެލުމުގެ ދަށުން ރާއްޖޭގެ 12 މަރުކަޒެއްގެ ހިންގުން ވަނީ އެއް ފުރާޅެއްގެ ދަށަށް ގެންނަވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދަރުމަވަންތަ ހޮސްޕިޓަލާއި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި، ހުޅުމާލެ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލުގެ އިތުރުން މޯލްޑިވިއަން ބްލަޑް ސަރވިސަސް އަދި އެ ޚިދުމަތުގެ ދަށުން ހިންގާ ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރެވެ.
މީގެ އިތުރުން އަތޮޅުތަކުގެ މައި ހޮސްޕިޓަލްތަކުގެ ތެރެއިން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލާއި، ގަން ރީޖަނަލް ހޮސްޕިޓަލް އަދި ފުވައްމުލަކު ހޮސްޕިޓަލުގެ ހިންގުން ވެސް ދެން ބަލަހައްޓަމުން ގެންދާނީ މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕުގެ ބޯޑުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!