ކުރީ އަދަދާއި ގުޅޭ

މައިރާއަށް އަވަސް ނަޒަރެއް ދިނުމާއެކު ޝެލިން އެނދުން ފުންމާލިއެވެ. ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔުމާއެކު އެ ނަޒަރު އަމާޒުވެލީ މިކްޔާލްއާއެކު އިން ކަރަމްއަށެވެ. ޝެލިންގެ މޫނުގައިވި އަސަރުން މިކްޔާލް ތެދުވި އިރު ކަރަމްގެ ތޫނު ނަޒަރުވެސް އެ މޫނަށް ހުއްޓިލިއެވެ.

Ad
rt

"ޕްލީޒް ދޮންބެ! ސްޓޭ އަވޭ ފްރޮމް ހިމް!!" މަޑުމަޑުން ޝެލިން ބުނެލިއެވެ.

"ވަޓް؟ ޝެލީ އޯކޭތަ؟". މިކްޔާލް އަހާލިއިރު ލޮލުގެ ހިމަކޮޅުން ކަރަމްއަށް ބަލާލިއެވެ. އެ މޫނުން ކުޑަ ނުތަވަސްކަމެއް އެހިނދު ފާޅުވެލިއެވެ.

"އާނ އެކޭ ޝެލީ ރަނގަޅޭ!! މަންމަ ބުނެބަލަ ދޮންބެ ކައިރީ ކަރަމް މި ގެއަށް ނުގެންނާށޭ!" މައިރާއާ ކައިރިއަށް ޖެހިލަމުން ޝެލިން ބުނެލީ ކުޑަ ކުއްޖެއް ފަދައިންނެވެ. އެ މޫނުގައިވި އަސަރުން މައިރާގެ ހިތް ތެޅިލިއެވެ. ދަރިފުޅު ގަޔާއި ކައިރިކޮށްލަމުން ކަރަމްއަށް ބަލާލިއިރު ހިނދުކޮޅަކަށް ނަމަވެސް އެ މޫނުން ޖެހިލުންވުމުގެ އަސަރު ފެނިލިއެވެ.

"ޝެލީ، ފުރަތަމަ ހަމަޖެހިލާ. އަނެއްކާ ވެސް ބިރުވެރި ހުވަފެނެއް ފެނުނީތަ؟" މިކްޔާލްގެ މޫނުގައިވި ސީރިޔަސް ކުލަވަރު ކެނޑިއްޖެއެވެ. ކުޑަ ހުނުމަކާއެކު އޭނާ ޝެލިންއާ ދިމާކޮށްލިއެވެ.

"ދޮންބެ މޮޔަވީތަ؟ ހަމަހޭގަ ހުއްޓާ ލޯ ކުރިމައްޗަށް ފެންނަ މަންޒަރުތައް ވެސް ގަބޫލު ނުކުރަން ފެށީތަ؟؟ ހީ ޑިޑް ދިސް ޓު މީ". ކުއްލިއަކަށް މައިރާއާ ދުރަށް ޖެހިލަމުން ޝެލިން ބުނެލިއިރު އެ މޫނުގައިވީ ނުރުހުންވުމެވެ. މިކްޔާލްއަށް މަޑުމަޑުން އިސްތަށިގަނޑުގައި އަތް ހިންގާ ލެވުނެވެ. ޝެލިންގެ ވާހަކަތަށް އޭނާއަށް ގަބޫލުކުރެވޭކަށް ނެތެވެ.

"ކާމް ޑައުން ޝެލީ، ކަރަމް އެ އައީ މީގެ އިރުކޮޅެއް ކުރިން މިގެއަށް. ޝެލީ އަނބުރައިގަތީ އޭގެ މާ ކުރިން. ނުކައި ހުރީމަ އެހެން ވާނެ". މިކްޔާލް ތަންކޮޅެއް ބާރަށް ބުނެލުމުން ޝެލިން ހިމޭންވިއެވެ. އޭރު ކަރަމްގެ ތުންފަތަށް ވެރިވި ސިއްރު ހިނިތުންވުން އޭނާ ދުށްޓެވެ. އެހެނަސް އިތުރަށް ބުނާނެ އެއްޗެއް އެ ސިކުނޑިއަށް ނައެވެ. މިކްޔާލް އެފަދަ ދޮގެއް ނުހަދާނެކަން ގައިމެވެ.

"ތެދެއް! މަންމައާ ނޫއްތަ އައި އިރުވެސް ގޭގަ ހުރީ ދޮންބެ އެކަނި. ޝެލީ މިހާރު މާ ބޮޑަށް ތި ވިސްނަނީ. އާދޭ ކާން! ދެން މިރޭ ހޭލާ ނުހުރެ ނިދާނީ އިނގޭ". ޝެލިންގެ އަތުގައި ހިފައި ކާގެއަށް ގެންދަމުން މައިރާ ބުންޏެވެ. ނޫރާ ވެސް އިރުކޮޅަކު ހުރެފައި ދިޔައީއެވެ.

************

ކައި ނިމުމާއެކު ޝެލިން ކޮޓަރިއަށް ވަނެވެ. މައިރާ ބުނި ފަދައިން ނިދޭތޯ މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުކުރެވުނެވެ. ދެލޯ ބޮޑުކޮށްލައިގެން އޮތް އިރު އެ ނަޒަރު އަމާޒުވެފައިވީ ކުޑަދޮރުން ބޭރަށެވެ. މާހައުލަށް ވެރިވެފައިވާ ކަނު އަނދިރިކަން ފެންނާން ހުއްޓެވެ. އެކަމުން އެ ހިތަށް ބިރުވެރިކަން އިހްސާސް ނުކުރެވޭ ފަދައެވެ. އެސްފިޔަ ޖަހާލުމެއް ނެތި އޮތް އިރު އެ ސިކުނޑީގައި ކަންތައްތަކެއް ދައުރުވާކަން ދޭހަވަނީ މޫނަށް ވެރިވެގެންދާ އަސަރުތަކުންނެވެ. އުދާސްވާން ފެށުމާއެކު ގައިމަތީ އަޅާފައި އޮތް ރަޖާ އެއްފަރާތްކޮށްލިއެވެ. ލަސް ހިނގުމެއްގައި ގޮސް ކުޑަދޮރު ކައިރީ މަޑުކޮށްލި އިރު ޝެލިންގެ މޫނުގައިވީ ނުތަވަސްކަމެކެވެ.

"ވަޓްސް ރޯންގް ވިތް މީ؟" މަޑުމަޑުން ބުނެލެވުނު އިރު އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެވަގުތު މޫނަށް އެޅިގެން ދިޔަ ގަދަ އައްޔާއެކު ޝެލިންއަށް މޫނުމަތީ އަތް ހުރަސްކޮށްލެވުނެވެ. އެ ހިސާބު އެކީ އެކައްޗަކަށް އަލިވެގެންދިޔައެވެ. ގަސްތަކުގެ މަތިން ހުރަސްކުރި އެ ގަދަ އަލި ޝެލިންއަށް ފެނުނީ ހިނދުކޮޅަކަށެވެ. މާ ދުރަށް ގޮސް އޮބާލީ އޭނާ ބަލަން ހުއްޓައެވެ. އެހެނަސް ނުހަނު އަވަހެވެ. އެ ވަގުތުކޮޅު މިނިޓަކަށް ވެސް ދެމިގެން ނުދާނެކަން ޔަގީނެވެ.

އިހްސާސް ކުރެވުނު ބިރުވެރިކަމާއެކު ޝެލިންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ދެތިން ފަހަރު އެސްފިޔަ ޖަހާލެވުމާއެކު މީހާ ހަމައަކަށް އެޅުނު ކަހަލައެވެ. އަވަސް ފިޔަވަޅުތަކެއްގައި އަނެއްކާވެސް ކުޑަ ދޮރާ ކައިރިވެލިއެވެ. ތިރީގައި ފަސްއެނބުރި މީހާ ލޮލުގައި އަޅައިގަތުމާއެކު ޝެލިންގެ ނޭވާ ހިނދުކޮޅަކަށް މަޑުޖެހުނު ކަހަލައެވެ. އެ އަނދިރީގެ ތެރެއިން ވެސް އެ ހަށިގަނޑު ވަށައިގެންވި ނޫ ކުލައިގެ ވިދުން ފާޅުވެއެވެ. ޝެލިންއަށް ބަލަން ހުރެވުނީ އެ ސޫރަ ދެކިލަން ހިތް އެދުނު ވަރުންނެވެ. އެހެން ހުއްޓާ އެ ޒުވާނާ ފަސްއެނބުރިލިއެވެ. އިސްޖަހައިގެން ހުރެފައި ކުއްލިއަކަށް ބަލާލި ގޮތުން ޝެލިންގެ ހިއްސުތައް ގަނޑުވިކަހަލައެވެ.

ބިޔަ ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. ހުދު ހަންގަނޑެއް ލިބިގެންވާއިރު އެ ތޫނު ކަޅީގައިވި ވިލުނޫކުލަ ސިއްރެއް ނުވެއެވެ. އިސްތަށިގަނޑުގައި ރަންކުލަ ހުރި އިރު އެ ހަށިގަނޑުގެ ވަށައިގެން ނޫ އައްޔެއްވިއެވެ. ޝެލިންއަށް ބަލާލަމުން އެ ޒުވާނާ ހިނިތުންވެލިއެވެ. އަތުން ހަނާ އަޅާލަމުން ތިރިއަށް އައުމަށް އެދުނެވެ. އެ ބެލުމުގައިވީ ދަމާ ބާރެއް ފަދައެވެ. ޝެލިންއަށް އެ އެދުމާ ދެކޮޅު ހަދަން އުނދަގޫވިއެވެ. ކުޑަދޮރު މައްޗަށް ކޮޅަށް އެރުމާއެކު ފުންމާލީ އިތުރު ވިސްނުމަށް ދިޔުމެއް ނެތިއެވެ. އަމިއްލަ ފުރާނައިގެ ރައްކާތެރިކަމާ މެދު ބިރެއް ނެތް ފަދައިންނެވެ.

އެ ހަށިގަނޑު ބިމުގައި ނުޖެހޭކަން ޔަގީނެވެ. ލުއި ގޮތަކަށް ހިފެހެއްޓުނެވެ. ދެން ފެނުނީ ޝެލިން ކޮޅަށް ހުއްޓައެވެ. އެ ގޮތް ނޭނގޭ ޒުވާނާއާ ދާދި ގާތުގައެވެ. ޝެލިންއަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް ނުކުރެވުނެވެ. ފެންނަމުންދަނީ ހަގީގަތެއް ނޫންކަމެއް ބުނަން އުނދަގުލެވެ. ހުރިހާ ހިއްސެއް ބަރާބަރަށް މަސައްކަތް ކުރެއެވެ.

"ހިނގާލަން ދާނަންތަ؟". އެ ޒުވާނާގެ އަޑު ކަންފަތުގައި ޖެހުމާއެކު ޝެލިންއަށް އެސްފިޔަ ޖަހާލެވުނެވެ. އަވަސް އަވަހަށް ބޯ ޖަހާލެވުމާއެކު އެ ޒުވާނާ ހިނގައިގަތެވެ. ޝެލިން ވެސް އޭނާގެ ފަހަތުން ދިޔަ އިރު ކައިރިން ރާޅުގެ އަޑު އިވެން ފަށައިފިއެވެ. އެއާއެކު މިސްރާބު ހުރި ދިމާ ޝެލިންއަށް އެނގުންވިއެވެ. ހިތުގައި އެފެދުނު ސުވާލާއެކު ޝެލިން އެ ޒުވާނާއަށް ބަލާލީ ސިއްރުންނެވެ.

"ކީއްވެ މާ ވަރަކަށް ބަލަނީ؟ އެއްޗެކޭ ނުބުނަނީސް ތި ސިކުނޑީގަ ހިނގާ ހިޔާލުތަކެއް ނޭނގޭނެ". ލުއި ހުނުމާއެކު އެ ޒުވާނާ ބުނެލިއެވެ.

"ހުވަފެނެއްތަ މިއީ؟" ޝެލިން އަހާލުމުން އެ ޒުވާނާ އަނެއްކާވެސް ހީލިއެވެ. ވަކި ޖަވާބެއް ނުދީ ގޮސް އޭނާ މަޑުކޮށްލީ ރާޅުޖަހާ ހިސާބުގައެވެ.

"ޝެލިން ބޭނުންގޮތެއް. ހުވަފެނެއްކަމުގަ ވާން ބޭނުންވަންޏާ މިއީ ހުވަފެނެއް". އޭނާ ބުނެލިއެވެ. އެ ޖަވާބު ޝެލިންއަށް ނުހަނު ކަމުދިޔައެވެ. ލުއި ގޮތަކަށް ބަލާލަމުން ޝެލިން ލައިގެން ހުރި ހޫޑީގެ ޖީބަށް އަތް ޖަހާލިއެވެ.

"ރަސަލް". އެ ޒުވާނާ އަނެއްކާ ވެސް ބުނެލިއެވެ. ފަސްއެނބުރި ހުރެފައި އޭނާ ބަލާލީ ޝެލިންގެ ޖަވާބެއް ނުލިބުމުންނެވެ.

"މި ބުނީ އަހަރެންގެ ނަމަކީ ރަސަލްއޭ". ރަސަލްގެ މޫނުގައި އަދިވެސް ވީ ހިނިތުންވުމެކެވެ. އެކަމުގެ ސަބަބުން އެ މޫނުގައި އުޖާލާކަމެއް އެކުލެވިފައިވިހެން ޝެލިންއަށް ހީވިއެވެ.

"ތިއީ ހުވަފެނުގަ ފެންނަ މީހާތަ؟". ޝެލިން އަހާލުމާއެކު ރަސަލް ނުހަނު އަވަހަށް ބޯ ޖަހާލައިފިއެވެ.

"ޝެލިން ބޭނުންވެއެންނު އަހަންނާ ބައްދަލުކުރަން. ބޭނުން ނުވާނަމަ މި ފުރުސަތު ނުލިބުނީސް". ރަސަލް ބުންޏެވެ. އެ އަޑު އަހާލަން ހިތްގައިމުވެފައި ހިތަށް އަސަރުކުރުވާ ގޮތެއް ހުއްޓެވެ. ރަކި ހިނިތުންވުމަކާއެކު ޝެލިން ބޯ ޖަހާލުމުން ރަސަލްގެ ހިނިތުންވުން އިތުރަށް ފުންވިއެވެ.

"ކިހިނެތް ރަސަލްއަށް އެނގެނީ؟ ދުވަހަކު ވެސް އަހަރެން ނުދެކެން ރަސަލްއެއް. މި ރަށު މީހެއްތަ ތީ؟". ޝެލިންގެ ލޮލުގައިވީ އާދަޔާހިލާފު ވިދުމެކެވެ. ރަސަލްއާ ބެހޭ ގޮތުން އެނގެން އެ ހިތް ކެތްތެރިކަމެއްނެތި އެދެނީއެވެ.

"އަހަރެން ނުފެނުނަސް ޝެލިން ފެނޭ ވަރަށް ގިނައިން". ރަސަލް ބުނެލުމުން ޝެލިންގެ މޫނަށް ވެރިވީ ހައިރާންކަމެވެ.

"މިވަގުތު ދެން މަޑުކުރެވެން ނެތް. ޝެލިންގެ މަންމަ އެބަދޭ ކޮޓަރިއަށް ބޭސް ހިފައިގެން. ވަރަށް އަވަހަށް ބައްދަލުކުރާނަން". ރަސަލް ބުނެލިއެވެ. އިތުރަށް ޝެލިންއަށް އެއްޗެއް ބުނާނޭ ފުރުސަތެއް ނުދީ ރަސަލް އެ އަތުގައި ހިފެހެއްޓިއެވެ. އެއާއެކު ދެން ވީ ގޮތެއް ޝެލިންއަށް ނޭނގުނެވެ.

ދެން އިވުނީ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ އަޑެވެ. ސިހިފައި ހޭލެވުމާއެކު ޝެލިންއަށް ފުރަތަމަ ވެސް ބަލާލެވުނީ ކުޑަ ދޮރަށެވެ. ރީތިކޮށް ދޮރު ލައްޕާފައި ހުރި އިރު އާދަޔާހިލާފު ކަމެއް ނެތެވެ. އެނދުން ތެދުވުމާއެކު ޝެލިން ގޮސް ދޮރު ހުޅުވާލިއެވެ.

"ކިހާ ވަރަކަށް ގޮވައިފިން. އަވަހަށް ބޭސްކާންވީ. މިހާރު ލަސްވެސް ވެއްޖެ". ދޮރުމަތީ ހުރި މައިރާ އަތުގައި ހުރި ފެންތަށި ދައްކާލަމުން ބުނެލިއެވެ. ޝެލިންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މައިރާގެ އަތުގައި ހުރި ފެންތަށި ނެގި އިރު ވެސް އެ ސިކުނޑީގެ މަސައްކަތްކުރުން ހުއްޓިފައިވާ ކަހަލައެވެ.

"ދެން ދޭ ނިދަން" ޝެލިންގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން މައިރާ ބުނެލިއެވެ. ބޯ ޖަހާލުމާއެކު އޭނާ ގޮސް އެނދުގައި އޮށޯތެވެ. ކޮޓަރީގެ ދޮރު ލެއްޕީ މައިރާއެވެ. ޝެލިން ތެދުވީ އޭގެ އިރުކޮޅެއް ފަހުންނެވެ. އަވަސް ހިނގުމެއްގައި ގޮސް ހަރުގަނޑުގައި ހުރި ކުރެހުން ނެގިއިރު އެ ހިތް ތެޅެމުން ދިޔައީ ނުހަނު ބާރުމިނެއްގައެވެ.

"ރަސަލް".. އެ ކުރެހުމަށް ނަޒަރު ހުއްޓާލަމުން ޝެލިން ބުނެލިއިރު އަތްފައި ފިނިވެއްޖެއެވެ. އެހެނަސް ވިސްނަންވީ ކީކޭ ކަމެއް ނޭނގުނެވެ. މީގެ އިރުކޮޅެއް ކުރީ އެއީ ހުވެފެނެއްތޯ ސުވާލުކޮށްލެވުނީ އަމިއްލަ ނަފްސާއެވެ. އޭރު އެ ލޮލުގައި ނިދީގެ އަސަރެއް ނެތެވެ. ކުޑަ ދޮރަށް އިރުއިރުކޮޅާ ބަލާލެވުނަސް އެ ހިސާބަށް ދާނޭ ހިތްވަރެއް ނުލިބުނެވެ. ކުރެހުން ހިފައިގެން ގޮސް އެނދުގައި އިށީން އިރު އެ ހިތުގައި ފުނިޖެހިފައިވީ ޖަވާބު ނުލިބޭނޭ ސުވާލުތަކެކެވެ.

** ނުނިމޭ **
(ކޮންމެ އަންގާރަ އަދި ހުކުރު ދުވަހެއްގެ ރޭ 9:00 ގައި)

(ނިމުނީ)