އެއީ އޭނާ ކުރެހި ކުރެހުމެވެ. މިހާރު އެ ކުރެހުމުގައިވި މަންޒަރު އަނެއްކާ ވެސް ބަދަލުވެފައިވި ހެން ޝެލިންއަށް ހީވިއެވެ. ކުރެހުމުގައި ފެންނަން އިން އަންހެންކުއްޖާގެ ފަހަތުން ހުރި ފަނޑު ސޫރަ ލޮލުގައި އަޅައިގަތުމާއެކު ހިތަށް ފާޑެއްގެ ގޮތެއްވިކަން އެނގުނެވެ. ހަމަ ގައިމު ވެސް އެއީ އޭނާ ކުރެހި ކުރެހުން ނޫންކަން ޝެލިންއަށް ޔަގީނެވެ. ވީއިރު އެ ކޮޓަރިއަށް އިތުރު މީހަކު ވަނީތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ. އެނދުމައްޗަށް ގަނޑު ދޫކޮށްލުމާއެކު ޝެލިން ނުކުތީ ބޭރަށެވެ. މައިރާއަށް ގޮވާލި އިރު އެ އަޑު ހިސާބަކަށް ބާރުވެފައި ވިއެވެ. ނުރުހުންވުމުގެ އަސަރު ފާޅުވާން ހުރި އިރު ގޭގެ އެކި ދިމާލަށް ނަޒަރު ހިންގާލެވުނީ މިކްޔާލްގެ ނިޝާނެއް ވޭތޯއެވެ.
"މަންމާ! ދޮންބެ ކައިރީ ބުނޭ ޝެލީ ބަހައްޓާފަ ހުންނަ އެއްޗެހީގަ އަތް ނުލާށޭ. މިހާރު އެހާ ރީތިކޮށް ކުރެހި ކުރެހުން ވެސް ހަޑިކޮށްލައިފި". ކޮޓަރިން ނުކުތް މައިރާ ފެނުމާއެކު ޝެލިން ބުނެލިއެވެ.
"ދަރިފުޅު އަބަދުވެސް ހުންނަނީ ކޮންމެވެސް ކަމަކާ މިކީއާ ތޮޅެންވެފަ ދޯ؟ ހަވީރު ބޭރަށް ދިޔަ ގޮތަށް ދޮންބެ އަދި ގެއަށް ނާދޭ". މައިރާ ބުންޏެވެ. ދެފަރާތަށް ބޯ ހޫރާލަމުން އޭނާ ގޮސް ސޯފާގައި އިށީނީ ފޯނު ހިފައިގެންނެވެ. ޝެލިންއަށް އިތުރު ސަމާލުކަމެއް ނުދީ ފޯނުން ހުޅުވާލި ގުރުއާނު އެޕުން މައިރާ ކިޔަވަން ފެށުމާއެކު ޝެލިން ވެސް އިތުރު އެއްޗެއް ނުބުނެ ކޮޓަރިއަށް ވަނެވެ.
އެހެނަސް އެ މޫނުގައިވި ނުރުހުންވުމުގެ އަސަރު ފަނޑެއްނުވެއެވެ. ފުން ނޭވާއެއް ދޫކޮށްލެވުމާއެކު ޝެލިންއަށް ޖެހިލެވުނީ ކުޑަދޮރު ކައިރިއަށެވެ. އެވަގުތު ޖެހިލި ފިނި ވައިރޯޅިއާއެކު އެ ފަން އިސްތަށިގަނޑަށް ގޯނާ ކުރުވިއެވެ. އެ ވައިރޯޅިއާއެކު ނޭފަތުގައި ޖެހުނު ލުއި މީރު ވަހަށް ޝެލިންގެ ސަމާލުކަން ދެވުނެވެ. ފިނިފެންމަލުގެ ބަގީޗާއަކަށް ވަދެވުނު ކަހަލަ އިހްސާސެއް އޭނާއަށް ކުރެވުނެވެ. އެތެރެއަށް ނޯށް ދަމާލުމާއެކު ތުންފަތް ދެފަރާތަށް ދެމިލީ ސިކުނޑިއަށް ލިބުނު ހަމަޖެހުމުންނެވެ. އެވަގުތު އަތިރިމަތިން ފެނުނު ޒުވާނާ ސިފަކޮށްލެވުނީ ކީއްވެ ކަމެއް ޝެލިންއަށް ނޭނގުނެވެ. އެހެނަސް އެ ތަސްވީރުވީ އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާކަން ޔަގީނެވެ.
ނަމާދު ކޮށްލުމާއެކު ޝެލިން އަވަސްވެގަތީ އެ ޒުވާނާގެ ތަސްވީރު ކުރެހުމަށެވެ. އެއީ މިހާރު އޭނާ އެންމެ ކުރާ ހިތްވާ ކަމުގައިވެ ނިމިފައިވާ ކަހަލައެވެ. މުޅި ދުވަސް ހޭދަވެ ނިމިގެންދާ އިރު އެ ގޮތްނޭނގޭ ޒުވާނާގެ ހިޔާލުގައި ހުރެވޭލެއް ގިނައެވެ. ޔަގީން ނުވި ނަމަވެސް ހަވީރު އަތިރިމަތިން ފެނުނު ޒުވާނާއާއި ހުވަފެނުން ފެންނަ ޒުވާނާއާ ގުޅުމެއްވާ ކަމުގައި ޝެލިންގެ ހިތް ބުނެލިއެވެ.
"އިޓް ސީމްސް ރިޔަލް. ބަޓް ކެން އިޓް ބީ އެ ޑްރީމް އޯ އަރ ޔޫ ރިޔަލް؟". ކެންވަސްގައި ފިހިގަނޑު ޖައްސާލިއިރު ޝެލިންއަށް ބުނެލެވުނެވެ. އެވަގުތު އަނެއްކާވެސް އެ ލުއި ވައިރޯޅީގެ އިހްސާސް ކުރެވުނެވެ. ޝެލިންގެ ހިތުގައިވާ ސުވާލުތަކަށް ޖަވާބެއް ލިބެން އުޅޭ ފަދައަކުންނެވެ.
ކެންވަސްގައި ޝެލިން ކުރެހީ މިއަދު ފެނުނު ޒުވާނާއެވެ. ހުދު ކުލައިގެ ޓީޝާޓެއްގައި ހުރި އިރު އޭނާގެ ބިޔަ ހަށިގަނޑު ނުހަނު ފުރިހަމައަށް ކުރަހާލެވިފައެވެ. އެ ކުރެހުން ވެސް ޝެލިން ބެހެއްޓީ ކުރިން ކުރެހި ކުރެހުން ކައިރީގައެވެ. އެ މަންޒަރުގެ ހިތްގައިމު ކަމުން އޭނާ އެ ދެ ކުރެހުމުގެ ފޮޓޯއެއް ވެސް ނެގިއެވެ.
އެ މަސައްކަތުގައި އުޅެފައި ޝެލިން ކޮޓަރިން ނުކުތް އިރު އަށެއް ޖަހަން ކައިރިވެއްޖެއެވެ. މިރެއަކީ މައިރާ އޭނާ ގޮވައިގެން ފިހާރައަށް ދާނެ ކަމުގައި ބުނެފައި އޮތް ރެއެވެ. ތިރިން މިކްޔާލްއާ ދިމާވެ މައިރާ ކޮބައިތޯ ޝެލިން އަހާލުމުން ނޫރާމެން ގެއަށް ގޮސް ވެއްޖެކަމުގައި މިކްޔާލް ބުނެލުމުން ތުންކޮޅު ދަމާލެވުނެވެ.
"ވަރަށް ގިނަ އިރުވެއްޖެތަ؟". ފޯނުން ގަޑިއަށް ބަލާލަމުން ޝެލިން އަހާލިއެވެ.
"ކުޑަ އިރުކޮޅެއް ވެއްޖެ. ޝެލީ ދޭބަ ބަލާލަން. ކަމެއް ވީތަ؟" މިކްޔާލް އަހާލުމުން ޝެލިން ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާ ގަސްތުގައި ނުބުނީއެވެ. ނޫނީ މިކްޔާލް ކޮންމެވެސް އެއްޗެކޭ ކިޔައިގެން އޭނާއަށް ދިމާކުރާނެކަން އެނގޭތީއެވެ.
"ކޮބާ ދޮންބެގެ ބެސްޓީ؟ މިހާރު އެ ނޫން މީހަކާ އެކީ ނުފެނޭ". އަނގަޔަށް ގޮތެއް ހަދާލަމުން ޝެލިން ބުނެލިއިރު އެ ހިތް ތެޅިލިއެވެ. މޫނުން ހަމަޖެހޭގޮތް ދައްކަން އުޅުނަސް ކަރަމްގެ ނަން ހިތަށް އެރިޔަސް އެ ހިތް ރޫރޫ އަޅައިގެން ދެއެވެ.
"އައްދެ! ދޮންބެގެ ބެސްޓީއަށް ޝެލީ އެޓެންޝަން ދޭން ފެށީ ކޮންއިރަކު. ދޮންބެ ހީކުރީ ޝެލީ ގަޔާވާ މީހެއް ނޫން ކަމަށް އެއީ". މިކްޔާލް ބުނެލުމުން ޝެލިން ލޯ އަޅާލިއެވެ. އޭނާ އެއްޗެއް ބުނަންވާއިރަށް ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވެން ފެށިއެވެ. ގޯތިތެރޭގައި ހުރި ބަނބުކެޔޮ ގަހުން ވެރިފައިވާ ހިކި ފަތްތަށް މުރަނަ ވެގެންދާ އަޑު އިވުމުން ޝެލިންގެ ހަށިގަނޑުގައިވާ ލޯލިތައް ކޮޅަށް ޖެހުނުހެން ހީވިއެވެ. މިކްޔާލްއަށް އޭނާ ބަލާލިއިރު އެ ލޮލުގައިވީ ސިހުމެވެ. ހުރިތަނުން ގުޑިލާން ވެސް ނުކެރިފައި ހުއްޓާ ދޮރުމައްޗަށް އެރި ކަރަމް ފެނި ޝެލިން ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނެވެ. މޭގައި އަތް އަޅާލެވުމާއެކު މިކްޔާލްއާ ނަޒަރު ވަކިކޮށްލިއެވެ. އޭރު މިކްޔާލްގެ ތުންފަތުގައިވި ލާނެތް ހިނިތުންވުން ޝެލިން ދުށްޓެވެ.
"ލުކިންގ ފޯރ މީ؟" ކަރަމްގެ ބަރު އަޑު ކަންފަތުގައި ޖެހުމާއެކު ޝެލިންއަށް ހިންދިރުވާލެވުނެވެ. މިރޭ ވެސް ކަރަމް ހުރީ މުޅިން ކަޅު ހެދުމުގައެވެ. ލައިގެން ހުރި އަތް ކުރު ޓީޝާޓުގައި އެ ވަރުގަދަ މުލައްދަނޑީގެ ބާރުގަދަކަން ފާޅުވާން ހުއްޓެވެ. ވިދުމެއްވި އެ ތޫނު ކަޅީގެ ބެލުންވީ ޝެލިންއާ އަމާޒުވެފައެވެ. ޝެލިން އިސްޖަހާލީ އެ ނަޒަރުން ސަލާމަތްވުމަށްހެން ހީވިއެވެ. ކަރަމްގެ މޫނުގައިވި ސީރިޔަސް ކުލަވަރުން އެކަނި ވެސް ޝެލިންގެ ޅަ ހިތް ރޫރޫ އަޅަމުން ދިޔައެވެ. އެ ގޮތް ނޭނގޭ ޒުވާނާ ފެންނަ ކޮންމެ ހިނދަކު އެ ނަފްސަށް ވެރިވާ ހިމޭންކަމުގެ އަސްލު ހުދު ޝެލިންއަށް ވެސް ނޭނގުނެވެ.
"އަނެއްކާ މިއީ އޭނަތަ؟ ހުވަފެނުގަ އަހަންނަށް ފެންނަނީ ކަރަމްތަ؟". ކުއްލިއަކަށް ހިތަށް ވެރިވި ސުވާލާއެލު ޝެލިންއަށް އިސްއުފުލާ ބަލާލެވުނެވެ. ކަރަމްއާ ނަޒަރު ސީދާކޮށްލީ އޭނާގެ ޝައްކު ހަގީގަތަކަށް ވެދާނެ ކަމުގައި ކުރެވުނު ހީއާ އެކުގައެވެ.
އެހެނަސް ދެ ޒުވާނުންގެ ނަޒަރު ބައްދަލުވުމާއެކު ޝެލިންއަށް އިހްސާސް ކުރެވުނީ އަނދިރިކަމެވެ. އެކަނިވެރިކަމާއި ނާމާން ކަމެވެ. ކަރަމްއާ ނަޒަރު ވަކި ކުރަން ހިތް ބޭނުން ވިޔަސް ޝެލިންއަށް އެ ކަމެއް ނުކުރެވުނެވެ. ނަފްސުގެ ބާރު ދޫވެފައިވި ކަހަލައެވެ. އޭރު ކަނދުރައިން ހިރުވަން ފަށައިފިއެވެ. އެ ހިރުވުން ގަދަވެ ޝެލިންގެ ކެތްތެރިކަން ކޮޅުން ލާން ފެށިއިރު ވެސް އޭނާއަށް ގުޑި ލާން ފުރުސަތެއް ނުލިބުނެވެ. ނުފެންނަ އަތަކުން އެ ހަށިގަނޑު ގައިދު ކޮށްފައިވި ފަދައެވެ. އެ ދޮން މޫނުން ދާތިކިތައް ފާޅުވާން ފެށިއެވެ. އަތްފައި ފިނިވެ ޝެލިންގެ ބުރަކަށްޓަށް ތޫނު ތަދެއް އެރީ ކުއްލިއަކަށެވެ. މަޑު އާހަކާއެކު ހުރި ތަނަށް ތިރިވެވުނު އިރު އެ ދެލޯ މެރިއްޖެއެވެ.
ފުސްވަމުންދިޔަ މަންޒަރު އަނދިރިކަމަށް ބަދަލުވީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. މިކްޔާލްގެ ބާރު ހަޅޭކުގެ އަޑާއެކު ބިމުން މައްޗަށް އޭނާ އުފުލުނުކަން ޝެލިންއަށް އެނގުނެވެ. އެއާއެކު ގަނޑުފެންކޮޅެއްހާ ފިނި އަތްތިލައަކުން އެ މޫނުގައި ބީހިލިކަމުގެ އިހްސާސް ކުރެވުނެވެ. އެހެނަސް ބުރަކަށްޓަން ވަމުން ދިޔަ ތަދު ކުޑަވާ ގޮތެއް ނުވިއެވެ. އިރުއިރުކޮޅާ އަރައިގެންދާ ތޫނު ތަދާއެކު ޝެލިންގެ އަނގައިން މަޑު އާހެއް ބޭރުވެދެއެވެ. އެއިން ކޮންމެ ފަހަރަކު ހަށިގަނޑުގެ ގުނަވަންތައް ބުރިބުރިވާހެން ހީވެއެވެ. ކަށިތައް ބިނދި ހަށިގަނޑު ފަޅާލާފައި ނުކުންނަނީ ކަމުގައި އިހްސާސް ކުރެވެއެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނާއެކު ވެސް ޝެލިންއަށް ހަމަހޭގައި ހުރެވުނުކަން އެއީ އެންމެ ހައިރާންކަން ގެނުވި ކަމެވެ. އެހެނަސް ލޯ ހުޅުވާލުމުގައި އޭނާ ނާކާމިޔާބުވިއެވެ. އެގޮތުގައި ހޭދަވި ފަސް ވަރަކަށް މިނިޓަށް ފަހު ޝެލިންގެ ހަރަކާތްތަށް ހުއްޓިއްޖެއެވެ. ދެލޯ މެރި ހަށިގަނޑުން ހަކަތް ހުސްވިއިރު މިކްޔާލްއަށް ޝެލިން ހިފަހައްޓާލުން އުނދަގޫވިއެވެ. ލުއި ފަތްކޮޅެއްހާ ހިކި އެ އަންހެންކުއްޖާގެ ބުރަދަން އިތުރުވަމުން ދިޔައީ އެސްފިޔަޖަހާލާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
"ކޯލް އެމްބިޔުލާންސް" ޝެލިންގެ ހަށިގަނޑުގައި ހިފަހައްޓައިގެން އިން މިކްޔާލް ބުނެލިއެވެ. އެ މޫނުން ފާޅުވާން ހުރި ހާސްކަމުގެ އިތުރަށް ހައިރާންކަން ވެރިވީ ކަރަމް ފެންނަން ނެތުމުންނެވެ. މީގެ އިރުކޮޅެއް ކުރިން ކައިރީގައި ހުރިކަން ޔަގީނެވެ. އެހެނަސް އެވަގުތު އެކަމާ ވިސްނާނޭ ވަގުތުކޮޅެއް މިކްޔާލްއަށް ނުލިބުނެވެ. ޝެލިންގެ ހަށިގަނޑު ފިނިވަމުންދާކަން އޭނާއަށް އިހްސާސްކުރެވުމާއެކު ނުބައި ގޮތަކަށް ހިތް ތެޅިލިއެވެ.
"ޝެލީ! ޝެލީ!! ސްޓޭ ވިތްމީ". މަޑުމަޑުން ޝެލިންގެ ކޮލުގައި ދެ ފަހަރަކު ޖަހާލަމުން މިކްޔާލް ބުނެލިއިރު އެ އަޑު ކުރެހިއްޖެއެވެ. ފިރިހެނެއް ނަމަވެސް އެވަގުތުކޮޅު އެ ހިތްވީ ބިރުވެރިކަމުން ފުރިފައެވެ. އަމިއްލަ އަތު ތެރޭ އޮތް ލޯބިވާ ކޮއްކޮގެ ހާލު ފެނި އެ ލޮލުން ކަރުނަ ފާއްދާލިއެވެ.
މިކްޔާލްގެ އަޑާއެކު ބޭރުގައި ހުރި މައިރާ ވެސް ދުވެފައި އަތުވެއްޖެއެވެ. އޭނާގެ ފަހަތުން ނޫރާ ވެސް އައި އިރު ދެ އަންހެންވެރިންގެ މޫނުން ހާސްކަން ފާޅުވީ ޝެލިން ފެނުމާއެކުގައެވެ. އިތުރު ވިސްނުމަކަށް ނުގޮސް އޭރު ނޫރާ އެމްބިޔުލާންސަށް ގުޅައިފިއެވެ.
"ނޫން. އެމްބިޔުލާންސަށް ގުޅާނެ ކަމެއް ނެތް. ޝެލިން ގެންދޭ ކޮޓަރިއަށް. މަންމަ މި އަންނަނީ". ޝެލިންގެ ނިތްކުރީގައި އަތް ޖައްސައިގެން އިނުމަށްފަހު މައިރާ ބުނެލިއެވެ. މިކްޔާލް ބަލާލީ ގަބޫލުކުރަން އުނދަގޫވެފައެވެ. އެހެނަސް މައިރާ ބުނި އެތި ދެވަނަ ފަހަރަށް ވެސް ތަކުރާރުކޮށްލުމުން މިކްޔާލް އެގޮތަށް ކަންތައް ކުރިއެވެ. އޭރު ޝެލިންގެ ހަށިގަނޑު ފުދޭވަރަކަށް ބަރެވެ. ނޫރާގެ އެހީތެރިކަމާއެކު މިކްޔާލްއަށް ޝެލިން ކޮޓަރިއާ ހަމައަށް ގެންދެވުނެވެ.
"މިކް އިހަށް ބޭރުގަ މަޑުކޮށްލާ". ނޫރާ ބުނެލިއެވެ.
"ނޫން! ޝެލީ އެ ހާލުގަ އޮށްވާ ނުދެވޭނެ؟ ޝެލީއަށް ކިހިނެތް އެވީ؟ ކީއްވެ ހޮސްޕިޓަލަށް ނުގެންދަންވީ؟". މިކްޔާލްގެ ސުވާލުތަކާއެކު ނޫރާގެ ފަރާތުން ފާޅުވީ ހިމޭންކަމެކެވެ.
"މި ގަޑީގަ މިކް ދޭ!". ދެވަނަ ފަހަރަށް ވެސް ނޫރާ ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ މިކްޔާލް ނުކުތް ނަމަވެސް އޭރު އެ ސިކުނޑީގައި ފުނި ޖެހިފައިވީ ސުވާލުތަކެކެވެ. ގިނަ އިރުތަކެއްނުވެ މައިރާ ވެސް ކޮޓަރިއަށް ވަތްތަން މިކްޔާލް ދުށްޓެވެ. މަންމަގެ އަތުގައި ހުރި ތަށީގައި ޒާތެއްގެ ބޭހެއް ހުރިކަން ވެސް އޭނާއަށް އެނގުނެވެ. އެހެނަސް އެއިން ކަމަކާ ގުޅިގެން ސުވާލުކޮށްލާނޭ ފުރުސަތެއް ނުލިބުނެވެ.
"މައިއަށް ޔަގީންތަ؟". ނޫރާ އަހާލީ ކޮޓަރިއަށް ވަތް މައިރާ ފެނުމުންނެވެ. އޭނާގެ އަތުގައި ހުރި ތަށްޓަށް ނޫރާގެ ނަޒަރު އަމާޒުވެލިއެވެ.
"ވަރަށް ޔަގީން. އިވާން ބުނި ދުވަސް މި އައީ. ދެން ކިހިނެތް އަހަރެން ހަދާނީ؟ ކިހިނެތް މިކަން ހުއްޓުވާނީ؟ އެ މީހުންގެ ނަޒަރުން ޝެލީ ސަލާމަތް ކުރަން ކޮން ކަމެއް ކުރަންވީ؟". ދެ އަތުން ބޮލުގައި ހިފަހައްޓާލެވުމާއެކު މައިރާއަށް ރޮވިއްޖެއެވެ. އޭރު އޭނާ ގެނައި ތަށި އެނދު ކައިރީ ހުރި ކުޑަ ކަބަޑު މަތީ ބަހައްޓާފައި ހުއްޓެވެ. ނޫރާ ޖެހިލީ މައިރާއާ ކައިރިއަށެވެ.
"މިއީ ތި ހުރިހާ ކަމަކާ ވިސްނަންވީ ވަގުތު ނޫން. މި ގަޑީގަ މުހިންމީ ޝެލީއަށް ފަރުވާކުރުން. މި ގޮތުގަ އެ މަންޖެ ހޭދަވާ ކޮންމެ ވަގުތަކީ އަހަރެމެންނާ ޝެލީއާ ދުރުވާނޭ ކަމެއް!". ނޫރާ ބުނެލުމުން މައިރާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. މޫނު ފޮހެލުމަށްފަހު ތެދުވެ އަލަމާރިން ނެގި ސާފު ހުދު ކުލައިގެ ރުމާލު ގެނެސް ތަށީގެ ތެރެއަށް މައިރާ ލިއެވެ. އެއާއެކު ރުމާލުގެ ހުދުކަން ކެނޑި މަޑު ފިޔާތޮށި ކުލައަކަށް ބަދަލުވިއެވެ.
އެ ތެތް ރުމާލުން ޝެލިންގެ ހަށިގަނޑުގައި ހާކަމުން ދިޔަ ވަރަކަށް އެ ހަށިގަނޑަށް ވެރިވެފައިވި ފިނިކަން ކެނޑެން ފެށިއެވެ. އެ ގޮތުގައި ހޭދަވި ވިއްސަކަށް މިނިޓަށްފަހު ޝެލިންގެ އެސްފިޔަތަށް ހަރަކާތްކޮށްލި މަންޒަރު މައިރާ ދުށްޓެވެ. އެއާއެކު އޭނާ ކުރަން އިން މަސައްކަތް ހުއްޓާލިއެވެ.
" ކަރަމްމ...". ޝެލިންގެ ދެ ތުންފަތް ހަރަކާތް ކޮށްލިއެވެ. އެ ލޮލުގައިވި ބިރާއި ސިހުން ސިއްރެއް ނުވެއެވެ. ދެލޯ ބޮޑުކޮށްލައިގެން ދޮރާ ދިމާލަށް ނަޒަރު ހުއްޓާލިގޮތަށް ޝެލިންއަށް ރޮވެން ފެށުނެވެ. އޭރު ބޭރުން ކަރަމްގެ ބަރު އަޑު އިވި އިވި ހުއްޓެވެ.
** ނުނިމޭ **
(ކޮންމެ އަންގާރަ އަދި ހުކުރު ދުވަހެއްގެ ރޭ 9:00 ގައި)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!