އާ ދުވަހަކަށް އިރު އެރީ ޝެލިން ހޭލާ އުޅެނިކޮށްނެވެ. ހެނދުނު ހެނދުނާ ފެންވަރާލުމުން އެ ހަށިގަނޑަށް ވެރިވެފައިވަނީ ތާޒާ ކަމެވެ. އަށެއް ޖަހަން ކައިރިވެފައި ވަނިކޮށް އޭނާ ކޮޓަރިން ނުކުތްއިރު މައިރާ ސިޓިންގރޫމުގައި އުޅެއެވެ. މިކްޔާލްގެ ކޮޓަރިއަށް ބޯ ދިއްކޮށްލިއިރު ލޯގަނޑު ކުރިމަތީ ތައްޔާރުވާން ހުރިތަން ފެނުމުން އެ ކޮޓަރިއަށް ދެމިގަތެވެ.
"ކޮން އިރަކު ވަޒީފާއަށް ހޮވުނީ؟ ނުވެސް ބުނަމެންނު". ތުންކޮޅު ދަމާލަމުން ޝެލިން ބުނެލީ އެނދުގައި އިށީނުމަށްފަހުއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ލޯގަނޑުން ފެންނާން ހުރި މިކްޔާލްގެ ސޫރައަށެވެ.
"ނުބުނެވޭތަ ޝެލީ ކައިރީ؟ އިއްޔެ ހޮސްޕިޓަލުން ގުޅައިފި. އަޑު އެހިން ލިޔާނާ ވެސް ހޮސްޕިޓަލުގެ ވަޒީފާކައަށް ހޮވުނު ވާހަކަ". މާ ނޫން ކަމަށް ހަދާފައި މިކްޔާލް ބުނިއެވެ. ޝެލިންއަށް ހެވުމާއެކު މިކްޔާލް އަނގަޔަށް ގޮތެއް ހަދާލިއެވެ.
"ޔާނު ވެސް މިއަދު ނުކުންނާނެ. މިކޮޅަށް އައީ ވެސް ވަޒީފާ ހުސްވެފަ އޮތީމަ. ދޮންބެއަށް ރަނގަޅެންނު. ޔާނު އެއީ މިގެއަށް ގެންނަން ހަމަ އެއްވަނައިގެ ކުއްޖެއް. އަޅެ ޝެލީ ބުނަންތަ ޔާނު ކައިރީ؟". ނުހަނު ފޯރީގައި އިނދެ ޝެލިން ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ އެ ކޮޓަރީގެ ދޮރުމަތީ ހުއްޓުނު މައިރާ ފެނުމުންނެވެ. މިކްޔާލް، މައިރާއަށް ބަލާލީ ޝުކުރުގެ ނަޒަރަކުންނެވެ. އެހެނަސް ކުޑަ ރަތްކަމެއް އެ ދޮން މޫނަށް ވެރިވެ ދިޔައީ ކޮއްކޮ ޝެލިންގެ ވާހަކަތައް މައިރާއަށް އަޑު އިވުނުހެން ހީވުމުންނެވެ.
"އިރު ނާރަނީސް ޝެލީ ހޭލާ އުޅޭ ދުވަހެއްތަ؟ ރޭގަ ނިދުނުތަ ރަނގަޅަށް". މައިރާ އައިސް ޝެލިންގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ޖަވާބުގައި ޝެލިން ބޯ ޖަހާލުމުން ދެން މައިރާ ޖެހިލީ މިކްޔާލް ކައިރިއަށެވެ. އެވަގުތުކޮޅުގެ ބޭނުން ހިފައި ޝެލިން ތެދުވިއެވެ.
އޭނާގެ ފިޔަވަޅުތައް ނުހަނު އަވަހެވެ. ގޭގެ މައިދޮރު ހުޅުވާލުމަށްފަހު ޝެލިންގެ ކޮޓަރިއާ ދިމާލަށް ހުންނަ ފަރާތަށް ދިޔައީ އެކަމަށް އެ ހިތް އެދުނު ވަރުންނެވެ. ބޮޑު ކޮށްލެވިފައިވާ ދެލޯ ހޯދަމުން ދިޔައީ އެންމެ ސޫރައެކެވެ. އެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ރޭގެ ހަނދާންތަކެވެ. ހުވަފެނަކަށްވުރެ ހަގީގަތަކާ އެ ހުރިހާ ކަމެއް ވައްތަރުކަމެއް އެ ހިތް އެއްބަސްވެފައި ވިއެވެ. ހައިރާންވަނީ އެ ކަމުން އެ ހިތަށް ބިރުވެރިކަމެއް އިހްސާސް ނުވާތީއެވެ. ބަދަލުގައި އަދިވެސް އެ ސޫރަ ދެކިލުމަށް އެ ހިތް އެދޭތީއެވެ. އެ ޒުވާނާއާ މެދު ހިތުގައި އާދަޔާ ހިލާފު ޝައުގުވެރިކަމެއް އުފެދިފައިވީތީއެވެ.
"ކީއްވެބާ ރަސަލްއަށް އަހަންނާ ބެހޭ ގޮތުން އެނގެނީ؟ ހޫ އިޒް ހީ؟ އަނެއްކާ އޭނަ އަހަންނަށް ފާރަލަނީތަ؟ އަހަރެން އުޅޭ ހުރިހާ ތަނެއް ބަލަނީތަ؟ ކިހިނެތްބާ އަހަރެންގެ ނަން އެނގެނީ؟ އުޅޭތަން ހޯދީ؟ ކީއްވެބާ އެ ގަޑީގަ އައީ؟ ދެން ފެންނާނެތަ؟ މިރޭ އަންނާނެބާ؟".. ނިޔަފަތިތައް ހަފާލަ ހަފާލާ ޝެލިންއަށް ހުރެވުނީ ފުން ހިޔާލަކަށް ގެއްލިފައެވެ.
އަދިވެސް ލޯ ކުރިމަތިން ރަސަލްގެ ސޫރަ ސިފަވާހެން ޝެލިންއަށް ހީވެއެވެ. އޭނާ ސިހުނީ މައިރާގެ އަޑު އިވުމުންނެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ގެއަށް ވަތްއިރު ވެސް އެ ވިސްނުން ގުޅިފައިވީ އެންމެ ފަރާތަކާއެވެ. ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެވެމުން ދިޔައީ ރަސަލްގެ ދެވަނަ ފެނިލުމަކަށެވެ.
މިކްޔާލް ދިޔުމާއެކު ޝެލިން ސޯފާގައި އިށީނެވެ. މައިރާ ވެސް ކޮފީތަށްޓެއް ހިފައިގެން އައިސް އިށީނުމުން ހަގީގަތުގައި ޝެލިން އިނީ ތެދުވާން ނުކެރިފައެވެ. ކުރިމަތިން ފެންނަން ހުރި ޓީވީއަށް ނަޒަރު ހުއްޓައިގެން އިން ނަމަވެސް އިރު އިރުކޮޅާ އެ ތުންފަތަށް ހިނިތުންވުމެއް ވެރިވަނީ ސިކުނޑީގައި ހުއްޓުމެއްނެތި ދައުރުވަމުންދިޔަ މަންޒަރުތަކުންނެވެ.
މުޅި ދުވަސް ޝެލިންއަށް ދިގުވެފައިވާ ކަހަލައެވެ. ގޭގައި އެކަނި ހުންނަން ޖެހުމުން ހުރެވުނީ ފޫހި ވެފައެވެ. ލިޔާނާ ވެސް ވަޒީފާއަށް ދިޔުމުން އޭނާއާ އެކު ވަގުތު ހޭދަކުރާނޭ ބައިވެރިއެއް ނެތެވެ.
މެންދުރުވީ އިރު ކޮންމެވެސް ވަރަކަށް ވިއްސާރައިގެ ކުލަތައް އުދަރެހުން ދައްކަން ފަށައިފިއެވެ. ދޭތެރެއަކުން ޖެހިލާ ވައިރޯޅިން ގަސްތަށް ވަޔާ ދެފަރާތަށް ހެލިލާ މަންޒަރު ފެނެއެވެ. ހިނދެއް ހިނދަކަށް އުޑުމަތި ބައްދަމުން އައި ކަޅު ވިލާތައްވީ އިތުރެވެ. ދެންމެ ދެންމެ ވާރޭ އޮއްސައިގަންނާނެހެން ހީވާ ފަހަރުތައް ގިނައެވެ.
އަނބުގަހުގައި އެލުވާފައިވާ އުނދޯއްޔެއްގައި ޝެލިން އޮތް އިރު އެއް އަތުން ފޯނުގައި ހިފަހައްޓާލެވިފައިވެއެވެ. ހެޑްސެޓް ކަންފަތަށް ޖަހައިގެން އޮތް އިރު އަޑު އަހަމުންދިޔަ ލަވައާ އެއްވަރަށް ފައިގެ އިނގިލިތައް ހަރަކާތްކުރަމުންދިޔައެވެ. ވަށައިގެންވި މާހައުލަށް ނަފްސު ދޫކޮށްލައިގެން އޮތީ ނުހަނު ހަމަޖެހިފައިހެން ހީވެއެވެ.
އެހެނަސް ކުއްލިއަކަށް ލުއި ވައިރޯޅިއެއް ޖެހިލި ކަމުގެ އިހްސާސް ކުރެވި ސިހިފައި ލޯ ހުޅުވާލެވުނެވެ. އެ ވައިރޯޅިއާއެކު އެ އިސްތަށިގަނޑު ދެފަރާތަށް ވިހުރިލިއެވެ. ކަންފަތް ކައިރިން މީހަކު އެއްޗެކޭ ބުނެލިހެން ހީވިއެވެ. ވަށައިގެން ހޯދާލިއިރު ޝެލިންގެ ދެލޯ ބޮޑުވެއްޖެއެވެ. އުނދޯލިން ތެދުވެ މަގުމައްޗަށް ނުކުމެ ވެސް ބެލިއެވެ. އެހެނަސް އެ ހިސާބުން އިންސާނެއްގެ ހިލަމެއް ނުވިއެވެ.
އެނބުރި ގެއަށް ވަންނަން އުޅެފައި ވެސް ޝެލިންގެ މިސްރާބު ބަދަލުކޮށްލިއެވެ. ގޭގެ ފުރަގަހުން ވަދެވެން އޮތް ގަސްބޯ ސަރަހައްދަށް ދެވެން އޮތް ހަނި މަގަކުން ކުރިއަށް ދާން ފެށިއެވެ. އެ މަގުން އަތިރިއަށް ދެވޭނެކަން އެނގޭތީއެވެ. ރޭގައި ރަސަލްއާ އެކީ ހިނގާލަން ދެވުނީ އެ މަގުންހެން ޝެލިންއަށް ހީވިއެވެ. ނަމަވެސް ޔަގީންކަމާ އެކީ ބުނަން ނޭނގުނީ މީގެ ކުރިން އެ ހިސާބަށް ޝެލިން ގޮސްފައި ނުވާތީއެވެ.
ހީކުރި ވަރަށްވުރެ އެ މާހައުލު ހިތްގައިމެވެ. އެކި ދިމާލުން ކުދި ކުދި ރަތްކުލައިގެ މާތަކެއް އަޅާފައިވާ ގަސްތަށް ހުރި އިރު އެ ގަސްތަކުގައި ޗެރީ ފަދަ ކުދި ކުދި އެއްޗެހިތަކެއް ހުއްޓެވެ. ހިނގަން އޮތް މަގުގައި ވެސް އެއްކޮށް ފެހި ވިނަ ހެދިފައި އޮތް އިރު މަގުގެ ދެފަރާތުން އެކި ވައްތަރުގެ ގަސް ހެދިފައި ހުރީ ނުހަނު އެއްވަރަށެވެ. ބަލާ ބެލުމަށް އެއީ ކުޑަ ބަގީޗާއެއް ހެން ހީވެއެވެ.
"ބްރެތް ޓޭކިން..".. ޝެލިން ބުނެލިއެވެ. ކުޑަކޮށް ދުވެފައި އޮތް ޝެލިން މަޑުކޮށްލީ އެ ރަތްކުލައިގެ މާ އަޅާފައިވާ ގަސް ކައިރީގައެވެ. އޭގެން މާ ކޮޅެއް ނައްޓަން އުޅެނިކޮށް ތަންކޮޅެއް ދުރުގައި ހުރި ގަހެއް ޝެލިންގެ ލޮލުގައި އަޅައިގަތެވެ. ހަށިގަނޑު ސީދާ ކޮށްލުމަށްފަހު ގޮސް އޭނާ މަޑުކޮށްލީ އެ ގަސް ކައިރީގައެވެ. ތިރިކޮށް ހެދިފައި ހުރި ނަމަވެސް ނުހަނު ވަރުގަދައެވެ. އެ ސަރަހައްދުގައި ވެސް އެ ވައްތަރުގެ އެހެން ގަހެއް ހުރިތޯ ޝެލިން ވަށައިގެން ހޯދާލިއެވެ. އެހެނަސް އެ ގަސް ނޫން ގަހެއް ނުފެނުނެވެ. ނޫ ކުލައިގެ ކުދި މާތަކެއް ހުރީ ކޯނި ކޯންޏަށެވެ. "ބްލޫ ބެލް" މަލާ ވައްތަރުގޮތެއް ހުއްޓެވެ. ލުއި ހިނިތުންވުމެއް ޝެލިންގެ މޫނަށް ވެރިވީ އެ ސަރަހައްދުގައި ހިފާލި ލުއި މީރުވަހުންނެވެ.
"ރަސަލް...". ޝެލިންގެ ހިތް ބުނެލިއެވެ. ބޭގަރާރުވެފައިވާ ދެލޮލުން އޭނާ ހޯދާލީ އެ ސޫރަ ފެނޭތޯއެވެ. އެހެނަސް ޝެލިން ފިޔަވާ އިތުރު މީހެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. އެއްކުރި މާ ކޮޅު ހިފައިގެން ޝެލިން ނުކުތް އިރު ވެސް އޭނާއަށް އުންމީދު ކުރެވެމުން ދިޔައީ ރަސަލްއަށެވެ.
ކޮޓަރިއަށް ވަތްގޮތަށް އެ މާތަށް ކުޑަ ފުޅިއަކަށް ފެން އެޅުމަށްފަހު އެއަށް ޝެލިން ޖަހާލިއެވެ. އޭރު ކޮޓަރީގައި ހިތްގައިމު ވަހެއް ހަރުލާފައި ވިއެވެ. ކުރާނެ އިތުރު ކަމެއް ނެތުމާއެކު ޝެލިންއަށް ސޯފާގައި އިށީނދެވުނެވެ. އޭރު ހިމަފޮދު ވާރޭ ވެހެން ފަށައިފިއެވެ. އެ މަންޒަރަށް ހިތާއި ނަފްސު ދޫކޮށްލައިގެން އިން އިރު އެ ސިކުނޑީގައި ދައުރުވަމުންދިޔަ ހިޔާލުތައް ގުޅިފައިވީ އެންމެ ފަރާތަކާއެވެ. ގިނަ އިރުތަކެއްނުވެ ފުން ނިންޖެއްގެ ތެރެއަށް ޝެލިން ގެނބިގެން ދިޔަ އިރު އޭނާއަށް ނޭނގުނީ އެ ހުރިހާ އިރު ވެސް އެ ހަރަކާތްތަކަށް ނަޒަރު ހުއްޓައިގެން އިތުރު މަޚުލޫޤެއް ހުރި ކަމެވެ.
ޝެލިންއަށް ދެން ހޭލެވުނީ އިރު އޮއްސުނު ފަހުންނެވެ. ކޮޓަރިތެރެއަށް ފުން އަނދިރިކަމެއް ވެރިވެފައިވީ އިރު އެ އަނދިރިކަމަށް ހޭނެން ދެތިން މިނިޓް ނެގިއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ.
"ޝެލި!! ހަމަ މިހާރު ތެދުވޭ އިނގޭ!! މިހާރު ކޮން އިރެއް މި ވަނީ!" ލިޔާނާގެ އަޑު ކަންފަތުގައި ޖެހުމުން ހިފަހައްޓައިގެން އިން ނޭވާ ޝެލިންއަށް ދޫކޮށްލެވުނެވެ. ޔާނު ދޯ އޭ ބުނެލަމުން ޝެލިން ތެދުވިއެވެ. ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލުމަށްފަހު ގޮސް ފާހާނާއަށް ވަނީ ތާޒާ ވެލައިގެން އަންނަނީ ކަމުގައި ބުނެފައެވެ.
ޝެލިން ތިރިއަށް ފޭބީ ފަނަރަ ވަރަކަށް މިނިޓް ފަހުންނެވެ. ދެންމެ ފެންވަރައިގެން ހުރިކަން އެނގެނީ އެ މޫނުގައިވި ތާޒާ ކަމުންނެވެ. އެ ތުންފަތުގައިވި ލުއި ހިނިތުންވުން ފަނޑުވީ ސޯފާގައި އިން ކަރަމް ފެނުމުންނެވެ. މިރޭ ވެސް މުޅިން ކަޅު ހެދުމުގައި ހުރި އިރު ދުވަހުގެ މޫސުމާއި ގުޅުވާފައިވާހެން ހީވެއެވެ. ކަރަމްގެ މޫނުގައިވީ ހަމަ އެ ނުރައްކާތެރި ބެލުމެވެ.
"ޝެލީ ހާދަ ލަސްވީ!" ލިޔާނާއަށް ޝެލިން ފެނުމާއެކު ބުނެލިއެވެ. ވަކި އެއްޗެކޭ ނުބުނެ ޝެލިން އައިސް ސޯފާގައި އިށީނެވެ. އޭރު މިކްޔާލް ތާސްގަނޑުތައް ހަތަރު މީހުންނަށް ހަމައަށް ބަހާލިއެވެ.
"ކަރަމްއަށް އެނގޭތަ ކުޅެން". އެ ހުރިހާ އިރު އެއްޗެކޭ ނުބުނެ އިނދެފައި ޝެލިން ކޮށްލި ސުވާލުން މިކްޔާލްގެ އިތުރުން ލިޔާނާއަށް ވެސް ހެވިއްޖެއެވެ.
"އޮފް ކޯޒް.. ކީއްވެ ނޭނގެންވީ؟ އޯހް ޕްލީޒް ލީން، އަދިވެސް ޝައްކު ކުރަނީތަ؟" ކަރަމް އަހާލިއެވެ. ޝެލިން ބަލާލީ ދެލޯ ހަނިކޮށްލަމުންނެވެ. ކަރަމްގެ ވާހަކަތަކަށް އިތުބާރު ނުކުރާކަން އެ މޫނުން އެނގެއެވެ.
"އަހަރެންމީ އިންސާނެއް. އިންސާނެއްވީމަ އެންނު މި ތަނުގަ ވެސް މި އިނީ. ބަލާބަލަ، ފައިގަ ނެތެންނު ކައްޓެއް ވެސް. ހަންޑިއެއް ނަމަ ކަށި ހުންނާނެ ދޯ މިކް؟". ކަރަމް އިނީ ހެވިފައެވެ. ޝެލިންއާ ނުބައި ސަމާސާއެއް ކުރާ ކަހަލައެވެ.
އެ ހުރިހާ ވާހަކައެއް ކަރަމް ދައްކަމުން ދިޔަ އިރު ލިޔާނާ އަށް އިނދެވުނީ ކަޅި ޖަހާލުމެއްނެތި އެ މޫނަށް ބަލަހައްޓައިގެންނެވެ. ޝެލިން ކަރަމްގެ ވާހަކަ ކިޔައިދިން ނަމަވެސް އެ ޒުވާނާ އެހާ ފުރިހަމަ ވާނޭ ކަމެއް ލިޔާނާއަށް ނޭނގެއެވެ. ފުރަތަމަ ނަޒަރުން ވެސް ކަރަމްގެ ފުރިހަމަކަން އެ ހިތުގައި ބިންވަޅު ނެގިއްޖެއެވެ. މިކްޔާލްއަށްޓަކައި އެ ހިތުގައިވި އިހްސާސްތައް އެއްކޮށް ފިނިވި ކަހަލައެވެ.
އެހެނަސް ލިޔާނާއަށް ފާހަގަވީ ކަރަމް އެންމެ ފަހަރަކު ވެސް އޭނާއަށް ނުބަލާ ކަމެވެ. އެ ހުރިހާ ސަމާލުކަމެއް ދެވިފައިވި ފަރާތަކީ ޝެލިން ކަމެވެ. އެ ކަމުން ނޭނގޭ އުނދަގުލެއް އިހްސާސް ވުމާއެކު ލިޔާނާ އިސްޖަހާލަން އުޅުނެވެ. އެހެނަސް އެވަގުތު ކުއްލިއަކަށް ކަރަމްގެ ތޫނު ނަޒަރު އޭނާއާ އަމާޒުވެއްޖެއެވެ.
** ނުނިމޭ **
(މާފުކުރައްވާ! މިވާހަކަ ވަނީ މެދުކަނޑާލެވިފައި)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!