ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު އުނދަގޫ މެޗުން ނޯނީ މަޑުއޭކޭ ޖަހައިދިން ލަނޑާއެކު 1-0 އިން މޮޅުވެ، އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު އާސެނަލުން ކުޑަކޮށްފިއެވެ.

ސިޓީ ގްރައުންޑުގައި އާދީއްތަ ދުވަހު ކުޅުނު މި މެޗުގައި އާސެނަލްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް، މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރި މި ލަނޑާއެކު އެ ޓީމުން ވަނީ މުހިންމު ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

Ad
rt

ހޮނިހިރު ދުވަހު އިޕްސްވިޗް އަތުން 3-2 އިން މޮޅުވި ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއާ ތިން ޕޮއިންޓް ގާތަށް އާސެނަލް މިހާރު ވަނީ ޖެހިލާފައެވެ. ސެޕްޓެމްބަރު 19 ގައި ބްރައިޓަން އަތުން 3-0 އިން ލިބުނު ހައިރާންކުރުވަނިވި ބައްޔަށް ފަހު، ދެވަނައިގައި އޮތް އާސެނަލުން މިވަނީ ޖެހިޖެހިގެން ތިން މެޗުން މޮޅުވެފައެވެ. ލީގުގައި ލީޑްސް ޔުނައިޓެޑް އަދި ޗެމްޕިއަންސް ލީގުގައި ލިއްލީ ބަލިކުރުމަށް ފަހު ހޯދި މި މޮޅަކީ މި ސީޒަނުގެ ލީގުގައި އެ ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން ހޯދި ހަވަނަ ކާމިޔާބީއެވެ. ވޭތުވެދިޔަ ސީޒަނުގައި 22 އަހަރަށް ފަހު ލީގު ތަށި ހޯދިއިރު ދެއްކި ފަދަ މޮޅު ކުޅުމެއް އަދި އެއްވަރެއްގައި ނުދެއްކުނު ނަމަވެސް، މެޗުތަކުން މޮޅުވުމުގެ ސިފަ އާސެނަލުން އަދިވެސް ދަނީ ދަމަހައްޓަމުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލަށް އެކަށީގެންވާ ރިދަމެއް ހޯދުމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ބުކާޔޯ ސަކާ ނެގި ހުރަހެއް ފޮރެސްޓުގެ ގޯލްކީޕަރު މެޓްސް ސެލްސް ގޯލުގެ ހުރަސްދަނޑި ދަށުން ދިފާއުކުރިއިރު، ފޮރެސްޓުގެ ޑޭން އެންޑޯއީ ފޮނުވާލި ބޯޅައެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފައެވެ. ފުރަތަމަ ހާފުގައި އާސެނަލަށް ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން މާޓިން އޮޑެގާޑް ދިން ބޯޅައަކުން ކައި ހަވާޓްޒް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. އެދެވޭ ކުޅުމެއް ނުދެއްކި ފުރަތަމަ ހާފު ނިމުމުން ކޯޗު މިކޭލް އާޓެޓާގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެންދިޔައެވެ.

ޓީމުގެ ކުޅުން ރަނގަޅުކުރުމުގެ ގޮތުން ދެވަނަ ހާފު ފެށުމުގެ ކުރިން އެބެރެޗީ އެޒޭގެ ބަދަލުގައި މަޑުއޭކޭ ވަނީ ކުޅެން އަރުވާފައެވެ. އެހެން ނަމަވެސް ވަގުތުން ބަދަލެއް ނުފެނުނު ތަނުގައި، ފޮރެސްޓުގެ ފޯވާޑް ލިއަމް ޑެލަޕް ވަނީ ނުރައްކާތެރި ހަމަލާއެއް ގޯލުގެ ބޭރަށް ފޮނުވާލާފައެވެ. ބޯޅަ ހިފަހައްޓައިގެން ކުޅުމުގައި އާސެނަލް ލަސްވުމުން، އާޓެޓާ ވަނީ މިކޭލް މެރީނޯ އާއި ވިކްޓާ ގިޔޮކެރެސް އަދި ޔޫރިއެން ޓިމްބާ ކުޅެން ނެރެފައެވެ. މި ބަދަލުތަކާއެކު ދަނޑުން ބޭލި ކުޅުންތެރިންގެ ތެރޭގައި، ނިއުކާސަލްއިން ބަދަލުވި ފަހުން ލީގުގައި ދެވަނަ ފަހަރަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ބްރެޒިލްގެ މިޑްފީލްޑަރު ބްރޫނޯ ގިމަރާއެސް ހިމެނެއެވެ.

މެޗުގައި ޑެކްލަން ރައިސް ނެގި ކޯނަރަކުން ގެބްރިއެލް މަގަލްހާއިސް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިންނެވެ. އަދި ޒަވިއާ ޝްލާގާ ދިން ބޯޅައަކުން ޑެލަޕް ފޮނުވާލި ހަމަލާ ރާޔާއަށް އަމާޒުނުކުރެވުނުއިރު، ޓިމްބާ ތަނަވަސްކޮށްދިން ފުރުސަތަކުން ރައިސް ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލާ އަމާޒުނުވެ މަތިންނެވެ. މިއީ 2023 ވަނަ އަހަރުގެ ފަހުން ޕްރިމިއާ ލީގު މެޗެއްގެ ފުރަތަމަ 70 މިނެޓު ނިމުނުއިރު ގޯލާ އަމާޒުކޮށް އާސެނަލަށް އެންމެ ހަމަލާއެއްވެސް ފޮނުވާނުލެވުނު ފުރަތަމަ ފަހަރެވެ.

އާސެނަލުން ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާއިން އެ ޓީމު ލީޑު ނެގީ 80 ވަނަ މިނެޓުގައެވެ. ވާތު ފަޅިން އޭރިއާ ތެރެއަށް ވަދެ މަޑުއޭކޭ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ފޮރެސްޓުގެ ޖެއާ ކޫންޔާ ގައިގައި ޖެހި، މިސްރާބު ބަދަލުވެގެންނެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި ނަތީޖާ ހަމަހަމަކުރުމާ ގާތަށް ފޮރެސްޓް ދިޔަ ނަމަވެސް، މުރީލޯ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.

މި ނާކާމިޔާބީއާއެކު ތާވަލުގެ ފުލުން ތިންވަނައިގައި އޮތް ފޮރެސްޓަށް ވަނީ އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައެވެ. އެ ޓީމު އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 17 ލީގު މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ ދެ މެޗުންނެވެ. އަދި އޮފް-ސީޒަންގައި ޓީމާ ހަވާލުވި ކޯޗު އޮލިވާ ގްލާސްނާއަށް ހަތް ލީގު މެޗުން ހޯދުނީ އެންމެ މޮޅެކެވެ. ކުރިއަށް އޮތް ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް އާސެނަލް ނުކުންނަން ޖެހޭއިރު، އަންނަ ހަފުތާ ބަންދުގައި ލީގުގައި އެ ޓީމު އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ އެވަޓަންއާއެވެ.