ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން، ރާއްޖޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމަށް ނަގާ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާ ރޭޓްތަކަށް ބަދަލު ގެނެސްފިއެވެ.
ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ ވަކި އަތޮޅުތަކަކަށް ލުއިތަކެއް ލިބޭ ގޮތަށެވެ.
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ، މި އިސްލާޙާއެކު ކޮންސެޝަން ރޭޓްތައް ހަމަޖައްސާފައިވަނީ ބޮޑު ތިލަދުންމަތީގެ ތިން އަތޮޅު ހއ.، ހދ. އަދި ށ. ގެ އިތުރުން ތ.، ލ. އަދި އައްޑޫ އަތޮޅުގެ ރަށްރަށަށް އެކަނި ކަމަށެވެ. މި ލުއިތައް ދެމިއޮންނާނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
އަލަށް ކަނޑައެޅުނު އުސޫލުގެ ދަށުން، ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރާނެ ގޮތް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން މި އަގު ހިސާބުކުރާނީ ބޭސް ރޭޓާއި، ހެކްޓަރަކަށް ޖެހޭ ރޭޓް ބިމުގެ ބޮޑުމިނާ ގުނަކުރުމުން ނުކުންނަ އަދަދުގެ އިތުރުން ސައިޒް ޕްރީމިއަމް އެއްކޮށްގެންނެވެ.
މި އުސޫލުގައި ސައިޒް ޕްރީމިއަމް ނެގުމަށް ހަމަޖެހިފައިވާ މިންގަނޑުތަކަށް ބަލާއިރު، 20 ހެކްޓަރާއި 40 ހެކްޓަރާ ދެމެދުގެ ބިންތަކުން ސައިޒް ޕްރީމިއަމް ނުނަގާނެއެވެ. ނަމަވެސް 41 ހެކްޓަރަށްވުރެ ބޮޑެތި ބިންތަކަށް ސައިޒް ޕްރީމިއަމްގެ ގޮތުގައި 500,000 އެމެރިކާ ޑޮލަރު ދައްކަންޖެހޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އިއުލާންކޮށްފައިވާ އަގުތަކުގެ ތެރޭގައި ހިމެނެނީ ބޭސް ރޭޓަކީ 400,000 އެމެރިކާ ޑޮލަރު ކަމަށް ބަލައި، ހެކްޓަރަކަށް 35,000 އެމެރިކާ ޑޮލަރު ޖެހޭ ރޭޓަކާއި، ބޭސް ރޭޓަކީ 700,000 އެމެރިކާ ޑޮލަރު ކަމަށް ބަލައި، ހެކްޓަރަކަށް 60,000 އެމެރިކާ ޑޮލަރު ޖެހޭ ރޭޓެކެވެ.
މީގެއިތުރުން، ރަށްރަށުގެ ބިމުގެ ބޮޑުމިން ބަލާނީ މީން ޓައިޑް ލައިން އެތެރޭގައި ހިމެނޭ ސަރަޙައްދު ސާވޭކޮށްގެން ކަމަށް އެ ވުޒާރާއިން ބަޔާންކުރެއެވެ. އަދި ފަޅު ހިއްކުމުގެ ހުއްދަ ދެވޭނީ ހިއްކާ ސަރަޙައްދަށް ދައްކަންޖެހޭ އެކުއިޒިޝަން އަގު ދެއްކުމުން ކަމަށާއި، ހިއްކާ ސަރަޙައްދުގެ އެކުއިޒިޝަން ކޮސްޓް ހިސާބުކުރާނީ އެ އަތޮޅަކަށް ކަނޑައަޅާފައިވާ ހެކްޓަރެއްގެ ރޭޓާއި، ހިއްކަން ހުށަހަޅާ ސަރަޙައްދުގެ ބޮޑުމިން ގުނަކުރުމަށްފަހު، އެ އަދަދުގެ 70 އިންސައްތަ ނަގައިގެން ކަމަށް ވެސް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!