ޣައްޒާގެ މެދުތެރޭގައި ގެދޮރު ގެއްލި ޙާލުގައި ޖެހިފައިވާ މީހުން ދިރިއުޅެމުންދިޔަ ފޭލިގެތަކަކަށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްޠީނުގެ ކުޑަ އަންހެން ކުއްޖަކު ޝަހީދުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު ކަމަށް ފަލަސްޠީނުގެ ރަސްމީ ޚަބަރު ފަތުރާ އިދާރާ، ވަފާ އިން ވަނީ ރިޕޯޓުކޮށްފައެވެ.

Ad
rt

ޞިއްޙީ މަޞްދަރުތަކާ ޙަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޙަމަލާގައި ޝަހީދުވެފައިވަނީ މިސްކު ޙާޒިމް އަލްދަލޫ ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ޝަހީދުވީ މަޣާޒީ ރެފިއުޖީ ކޭމްޕުގައި ރައްކާތެރިކަން ހޯދަމުންދިޔަ މީހުންގެ ފޭލިގެތަކަށް އަމާޒުކޮށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ދިން ބަޑީގެ ޙަމަލާތަކުގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ.

މީގެ އިތުރުންވެސް، ޣައްޒާގެ ދެކުނުގައި އޮންނަ ރަފަޙްގެ އަލް މަވާސީ ސަރަޙައްދުގައި ގެދޮރު ގެއްލިފައިވާ މީހުން ތިބި ފޭލިގެތަކަކަށް އިސްރާއީލުގެ އަސްކަރީ އުޅަނދުފަހަރުން ވަނީ ވަރުގަދަ ބަޑީގެ ޙަމަލާތަކެއް ދީފައެވެ. ހަމައެއާއެކު، ޚާން ޔޫނިސްގެ އުތުރުއިރުމަތީ ސަރަޙައްދުތަކަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އާޓިލަރީ ބަޑީގެ ޙަމަލާތައް އަމާޒުކޮށްފައެވެ.

މި ޙަމަލާތައް ދީފައި މިވަނީ، 10 އޮކްޓޫބަރު 2025 އިން ފެށިގެން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފައި އޮތް ނަމަވެސް، އެ އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުންވެސް އިސްރާއީލުން ދިން ޙަމަލާތަކުގައި ފަލަސްޠީނުގެ މަދުވެގެން 1،511 މީހުން ވަނީ ޝަހީދުވެފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އިތުރު 5،375 މީހުން ވަނީ ޒަޚަމްވެފައެވެ.

އޮކްޓޫބަރު 2023 ގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ ޢަދަދު 74،469 އަށް އަރާފައިވާ ކަމަށް ހޮނިހިރު ދުވަހު ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މީގެއިތުރުން، މި ހަނގުރާމައިގައި މިހާތަނަށް ޒަޚަމްވި މީހުންގެ ޢަދަދު ވަނީ 175،492 އަށް އަރާފައެވެ.