އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތްތައް މެދުކަނޑާލުމަށް އެ ބޭންކުން ނިންމައިފިއެވެ. އެގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ ޚިދުމަތްތައް މެދުކަނޑާލަން ފަށާނީ އަންނަ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މިއީ އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓަމަރުންގެ އެކައުންޓްތައް ބެލެހެއްޓުމަށް އެހީތެރިވެދިނުމުގެ މަގުސޫދުގައި އަޅާ ފިޔަވަޅެއް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
އެހެންކަމުން، އެއްވެސް ކަހަލަ ހުރަހެއް ކުރިމަތިނުވެ ޚިދުމަތްތައް ބޭނުންކުރުމުގެ ފުރުސަތު ދެމެހެއްޓުމަށްޓަކައި، ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.
ފައިސާ ނުދެއްކުމުގެ ސަބަބުން ބޭންކިންގ ޚިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އަލުން ޚިދުމަތް އިއާދަކޮށްދޭނެ ގޮތް ވެސް އެ ބޭންކުން ވަނީ ސާފުކޮށްދީފައެވެ. އެގޮތުން އެ މަހެއްގައި ދައްކަން ކަނޑައަޅާފައިވާ އަދަދު ދައްކައި ޚަލާސްކުރުމުން، އެއް ދުވަހުގެ ތެރޭގައި އަލުން ޚިދުމަތް ލިބެން ފަށާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން، ކަސްޓަމަރުންގެ އެއްވެސް އޯވާޑިއުއެއް އޮތްނަމަ، ފައިސާ ދެއްކުމަށް އެކަށީގެންވާ ވަގުތު ދިނުމަށާއި ޚިދުމަތްތައް މެދުކެނޑިދާނެކަން ހަނދާންކޮށްދިނުމުގެ ގޮތުން، ތާވަލުކުރެވިފައިވާ އުސޫލެއްގެ ދަށުން ކަސްޓަމަރުންނަށް މެސެޖު ފޮނުވަމުން ގެންދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ނުވަތަ އެހީތެރިކަން ހޯދުމަށް އެ ބޭންކުގެ ނަންބަރު 1613 އަށް ގުޅުމަށް ވެސް ވަނީ އެދިފައެވެ.
އެސްއެމްއީ ޑިޖިޓަލްއިން އަންނަނީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ތަފާތު އެކި ދާއިރާތަކުން ލޯނުތައް ދޫކުރަމުންނެވެ. އަދި މި ބޭންކުން ލޯނު ދޫކުރުމުގައި ވިޔަފާރި ފަށަން ބޭނުންވާ އަންހެނުންނަށް ޚާއްސަ އިސްކަމެއް ދެމުން އަންނަކަން ވެސް ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!