ސަޢޫދީ ޢަރަބިއްޔާގެ ނޭޝަނަލް ގާޑުގެ އަސްކަރީ ހެލިކޮޕްޓަރެއް އެ ޤައުމުގެ ނަޖްރާން ސަރަޙައްދަށް ވެއްޓި، އޭގައި ތިބި ދެ އޮފިސަރުން މަރުވެއްޖެ ކަމަށް ޔަމަނުގެ ޝަރުޢީ ސަރުކާރަށް ތާއީދުކުރާ ކޯލިޝަނުން ހާމަކޮށްފިއެވެ.
ކޯލިޝަނުން އާދީއްތަ ދުވަހު ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. އަދި ވެއްޓިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ގާޑުގެ އޭއެޗް-6 އައި މަރުކާގެ ރިކޮނައިސެންސް ހެލިކޮޕްޓަރެއް ކަމަށް ވެސް ކޯލިޝަނުން ބުންޏެވެ.
މި ހާދިސާއާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވީ، ސަޢޫދީ ނޭޝަނަލް ގާޑަށް ނިސްބަތްވާ މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރަޙައްދުގެ ތެރޭގައި ހިމެނޭ ނަޖްރާން ސަރަޙައްދަށް ކަމަށެވެ.
މީގެއިތުރުން، މި ހާދިސާ ހިނގި ވަގުތު ހެލިކޮޕްޓަރުގައި ތިބީ އޮފިސަރުންގެ ދަރަޖައިގެ ދެ ފަޅުވެރިން ކަމަށާއި، މި ހާދިސާގައި އެ ދެ އޮފިސަރުން ވެސް މަރުވެފައިވާ ކަން ތަރުޖަމާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މޭޖަރ ޖެނެރަލް ތުރުކީ އަލް މާލިކީ ވަނީ ހާދިސާގައި ފުރާނަ ގެއްލުނު ދެ އޮފިސަރުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެ ދެ ބޭފުޅުންނަށް މާތް ﷲ ރަޙްމަތް ލެއްވުމަށާއި، އެ ބޭފުޅުންގެ ލޯބިވާ ޢާއިލާތަކަށް ކެތްތެރިކަމާއި ތަސައްލީ ދެއްވުން އެދިވަޑައިގެން އޭނާ ދުޢާ ދެންނެވިއެވެ.
ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި މައިގަނޑު ސަބަބަކީ ޓެކްނިކަލް މައްސަލައެއް ކަމަށް ކޯލިޝަނުން ވަނީ އަލުން ތަކުރާރުކޮށް ކަށަވަރުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!