ކުޅުދުއްފުށީ ސިޓީގައި ދިރިއުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލް ކުރުމުގެ ގޮތުން ހާއްސަ ޕްރޮގްރާމެއް އެ ސިޓީގެ ކައުންސިލުން އިސްނަގައިގެން ފަށައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މި ޕްރޮގްރާމަކީ ރަށުގައި އުޅޭ އާންމު ބުޅާތައް ހިފައި، އެ ތަކެތި ނިއުޓާކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

Ad
rt

މި މަސައްކަތުގެ ތެރެއިން ބުޅާތައް ހިފައި، ނިއުޓާކުރުމަށްފަހު، ރައްކާތެރިކަމާއެކު އަނބުރާ ވެއްޓަށް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި، މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު އެއް މަގުސަދަކީ އިންސާނިއްޔަތުކަމާއެކު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދިއުމެވެ.

ހަމައެއާއެކު، ރައްކާތެރި ގޮތެއްގައި ކުޅުދުއްފުށި ސިޓީގައި އުޅޭ ބުޅަލުގެ އާބާދީ ކޮންޓްރޯލުކުރެވޭނެ މަގުފަހިކުރުމަކީ ވެސް މި ޕްރޮގްރާމުގެ މުހިންމު ބޭނުމެއް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

ކައުންސިލުން އިސްނަގައިގެން މި ފެށި ޕްރޮގްރާމްގެ ސަބަބުން، ކުޅުދުއްފުށީގައި އުޅޭ އާންމު ބުޅާތަކުގެ އާބާދީ ދެމެހެއްޓެނިވި އަދި ރައްކާތެރި އުސޫލުތަކެއްގެ މަތިން ކޮންޓްރޯލް ކުރުމަށް ވަނީ މަގުފަހިވެގެން ދާނެއެވެ.