ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާކަމަށް ދިވެހި ސަރުކާރުން ރަސްމީކޮށް މިއަދު ޢިއުލާންކޮށްފިއެވެ.

ތިން ދުވަހުގެ މި ރަސްމީ ދަތުރުފުޅު ރައީސް އޮފީހުން ކަށަވަރުކޮށްދީފައިވާއިރު، ޕާކިސްތާނުގެ ނޫސްތަކުން ވެސް ވަނީ މި ދަތުރުފުޅުގެ މަޢުލޫމާތު ރިޕޯޓްކޮށްފައެވެ.

Ad
rt

މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއެކު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. މި ދަތުރުފުޅު ހަމަޖެހިފައި މިވަނީ، 26 ޖުލައި 1966 ގައި ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާރިޖީ ސިޔާސަތު "މޯލްޑިވްސް ފަސްޓް" މި ޝިޢާރުގެ ދަށުން ބައްޓަންކޮށްފައިވާއިރު، މިއީ އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގާތް ގުޅުމަށް އިސްކަންދެއްވައިގެން ކުރައްވާ ދަތުރުފުޅެކެވެ.

ޕާކިސްތާނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ގާތްގަނޑަކަށް 12 އެއްބަސްވުމެއްގައާއި ފަހުމުނާމާގައި ސޮއިކުރުމަށް ވަނީ ތައްޔާރުވެފައެވެ. މީގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމުގެ މުހިންމު އެއްބަސްވުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމާއި، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ. މީގެއިތުރުން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކުގެ ދާއިރާއިންނާއި، ދިފާޢީ އަދި ސަލާމަތީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެއެވެ.

ދިހަ އަހަރަށް ފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް، 12 އެއްބަސްވުމެއްގައި ސޮއިކުރަން ތައްޔާރުވެއްޖެ

ދެ ޤައުމުގެ މަޝްވަރާތަކުގައި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކަށް ވެސް ޚާއްޞަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ހަރަކާތްތައް އަލުން ދިރުވައި ހިންގުމާ ގުޅޭގޮތުންނާއި، އދ. އަދި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

މި ދަތުރުފުޅަށް ތައްޔާރުވުމުގެ ގޮތުން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގައި ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވާފައެވެ. ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޚާރިޖީ ވަޒީރު އިސްޙާޤް ދާރުގެ ރިޔާސަތުގައި އިސްލާމްއާބާދުގައި ބޭއްވެވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކޮށް، ދެފަރާތަށް ވެސް ފައިދާހުރި ބައިވެރިވުމެއް ކުރިއެރުވުމަށް ލިބޭ އަގުހުރި ފުރުޞަތެއް ކަމަށެވެ. އަދި ޕާކިސްތާނުގެ ސަގާފީ ހޫނު މެހެމާންދާރީ ފެންނާނެހެން ހުރިހާ އިންތިޒާމުތަކެއް ފުރިހަމަކޮށްގެން މަސައްކަތް ކުރުމަށް އޭނާ ވަނީ ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ.