އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައިގައި ސުންނާފަތިކޮށްލާފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުން ދާދިފަހުން ފެނުނު ފަލަސްޠީނުގެ 75 މީހެއްގެ ހަށިގަނޑުގެ ބައިތައް އެއްފަހަރާ ވަޅުލައި، ބޮޑު ޖަނާޒާއެއް ބާއްވައިފިއެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ބޭއްވި މި ޖަނާޒާގެ ހިނގާލުމުގައި ސަތޭކައަކަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ބައިވެރިވެފައިވާއިރު، އެ ހަށިގަނޑުތައް ވަޅުލާފައިވަނީ ޝައިޚް ރަޟްވާން ޤަބުރުސްތާނުގައެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، އިމާރާތްތަކުގެ ދަށުން ފެނުނު ގިނަ ހަށިގަނޑުތަކަކީ ޣައްޒާ ސިޓީގެ އުތުރުއިރުމަތީގައި އޮންނަ ދަރަޖު އަވަށަށް ނިސްބަތްވާ މީހުންނެވެ.

Ad
rt

އަލްޖަޒީރާގެ މުރާސިލު ނޫރު ޚާލިދު ބުނި ގޮތުގައި، ފެނުނު ގިނަ ހަށިގަނޑުތަކަކީ އިސްރާއީލުން ހަމަލާތައް އަމާޒުކުރި ވަގުތު ގޭތެރޭގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހަށިގަނޑުތަކެވެ. އަދި ވަޅުލުމުގެ ކުރިން އެ ހަށިގަނޑުތަކުގެ ބައިތަކާއި އެ މީހުންގެ އަމިއްލަ ތަކެތި ބަހައްޓާފައިވަނީ ފަލަސްޠީނުގެ ދިދަ އޮޅައިފައެވެ.

ޣައްޒާގެ ސިވިލް ޑިފެންސްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިރެކްޓަރު ޢަބްދުﷲ އަލް މަޖްދަލާވީ، ތުރުކީގެ ދައުލަތުގެ ނިއުސް އެޖެންސީ ކަމަށްވާ އަނަދޯލޫއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަށިގަނޑުތައް ނަގާފައިވަނީ ފާއިތުވި ހަފުތާތަކުގައި ދަރަޖު އަވަށުގެ ސުންނާފަތިވެފައިވާ އެކި ގެތަކުގެ ދަށުން ކަމަށެވެ. އަދި އެ އިމާރާތްތަކަށް ބޮންއަޅާފައިވަނީ ހަނގުރާމައިގެ ކުރީކޮޅު މީހުން ގޭތެރޭގައި ތިއްބައި ކަމަށާއި، މި ހާދިސާގައި ޝަހީދުވެފައިވަނީ ގާތްގަނޑަކަށް 20 ޢާއިލާއަކަށް ނިސްބަތްވާ މީހުންނާއި އެ ގެތަކަށް ހިމާޔަތް ހޯދަން ގޮސް ތިބި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުން ހަށިގަނޑުތައް ނެގުމަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ސާމާނާއި ބޮޑެތި މެޝިނަރީ ނެތުމުގެ ސަބަބުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް މަޖްދަލާވީ ވިދާޅުވިއެވެ. ސިވިލް ޑިފެންސުން ހަށިގަނޑުތައް ހޯދުމުގެ ދެވަނަ ފިޔަވަހި ޖުލައި މަހު ފަށާފައިވާއިރު، އެ އިދާރާގެ ފުރަތަމަ އޮޕަރޭޝަނުގައި 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ 333 މީހެއްގެ މުޅި ހަށިގަނޑާއި 559 މީހެއްގެ ހަށިގަނޑުގެ ބައިތައް ނަގާފައެވެ.

ސިވިލް ޑިފެންސުން ބުނާ ގޮތުގައި މުޅި ޣައްޒާގެ އިމާރާތްތަކުގެ ދަށުގައި އަދިވެސް އިތުރު 8،000 ފަލަސްޠީނު މީހުންގެ ހަށިގަނޑު ވަނީ ތާށިވެފައެވެ. އދ. ގެ ފަލަސްޠީނު ރެފިއުޖީންނާ ބެހޭ އެޖެންސީ (އުންރުވާ) އިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގައި ގެއްލުންވެ ހަލާކުވެފައިވާ ގާތްގަނޑަކަށް 200،000 އިމާރާތް އެބަހުއްޓެވެ. އިސްރާއީލުން މި ހަނގުރާމަ ފެށި ފަހުން ފަލަސްޠީނުގެ މަދުވެގެން 74،475 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.