ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހއ. އުތީމަށް ނިސްބަތްވާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) ކާމިޔާބުކޮށްފިއެވެ.
ގައުމީ ޓީމުގެ ސްކޮޑުން ބާކީކޮށް ފުރުސަތު ގެއްލުނު ދަނޑިވަޅެއްގައި ވެސް މާޔޫސްނުވެ، އޭނާ ދެއްކި ހިތްވަރާއި ބުރަ މަސައްކަތުން މިހާރު މިވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފާ ހަމައަށް ވާސިލުވެފައެވެ.
އައިހަމްގެ މި ކާމިޔާބީއާ ގުޅިގެން އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމީ ޓީމުން ބާކީކޮށް ފުރުސަތު ނުދިނުމުން ވެސް މާޔޫސްނުވެ ކުރިއަށްދިއުމުގެ ފޮނި ނަތީޖާ މިއަދު ލިބުމުން މުޅި އުތީމާއި ހާއްސަކޮށް ބޮޑުތިލަދުންމަތި ފަހުރުވެރިވާނެ ކަމަށެވެ. އަދި އުތީމަކީ ބަތަލުންގެ ފަސްގަނޑުކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އައިހަމް ހޯދިއިރު، މީގެކުރިން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅެން އޮތް މެޗުގެ ސްކޮޑުން އޭނާ ވަނީ ބާކީކޮށްފައެވެ. ގައުމީ ޓީމުން އޭނާ ބާކީކުރަން އެފްއޭއެމުން ނިންމީ، 2025 ނޮވެމްބަރު 18 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ އޭޝިއަން ކަޕްގެ ކޮލިފައިން މެޗަށް 25 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ނަގައި ފަރިތަކުރުންތައް ފަށާފައި ވަނިކޮށެވެ.
އައިހަމް ގައުމީ ސްކޮޑުން ބާކީކުރަން ނިންމި ސަބަބެއް ކަމަށް އެފްއޭއެމުން ބުނެފައި ވަނީ، ހުއްދަ ހޯދުމެއްނެތި ފުޓްސަލް މުބާރާތެއްގައި އޭނާ ކުޅެފައިވުމާއި، ޕްރެކްޓިސް ސެޝަނެއްގައި ބައިވެރިނުވުމެވެ. އެ އިދާރާގެ ބަޔާނުގައި ބުނެފައި ވަނީ، ގައުމީ ޓީމުގައި ހިމެނި ގައުމު ތަމްސީލުކުރާ ކުޅުންތެރިންގެ ފަރާތުން ޒިންމާދާރުކަމާ އެކު ޕްރޮފެޝަނަލް ކަމުގެ އެންމެ ރަނގަޅު މިންގަނޑުގެ ތެރެއިން ކަންކަން ކުރުމަށް އެދޭ ކަމަށެވެ. އައިހަމް ކުޅުނީ ހއ. އަތޮޅު ކައުންސިލުން އޭނާގެ އުފަން ރަށް ކަމަށްވާ އުތީމުގައި ބޭއްވި "ތިލައުތުރު ފުޓްސަލް މުބާރާތް 2025" ގެ ފައިނަލަށް ދަތުރުކުރި އުތީމު ޓީމަށެވެ. އޭނާ ރަށު ޓީމާ ގުޅުނީ ކުއާޓާ ފައިނަލުން ފެށިގެންނެވެ. އަދި ފިއްލަދޫއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލުގައި ޕެނަލްޓީއަކުން އުތީމުގެ ތިންވަނަ ލަނޑު ޖަހައިދީ، ފައިނަލް މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައި ރަށަށް ތަށި ހޯދައިދިނުމުގައި އޭނާ ބޮޑު ދައުރެއް އަދާކުރިއެވެ.
އެ މުބާރާތަށްފަހު އައިހަމް ނެރުނު ބަޔާނެއްގައި، އޭނާގެ ފަރާތުން ފެނުނު ކަންތައްތަކާ ގުޅިގެން ގައުމީ ޓީމުގެ ސްކޮޑުން ވަކިވާން ޖެހުމުން އެފްއޭއެމާއި، ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނާއި، ޓީމުގެ ކުޅުންތެރިން އަދި ސަޕޯޓަރުންގެ ކިބައިން އިހުލާސްތެރިކަމާއެކު މާފަށް އެދުނެވެ.
"އަޅުގަނޑުގެ މި ގޯހުގެ ފުރިހަމަ ޒިންމާ އަޅުގަނޑު ނަގަން، އަޅުގަނޑުގެ އަމަލުތައް ހުރީ ޕްރޮފެޝަނަލްކޮށެއް ނޫން، އަދި ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ފަރާތުން ފެންނަންޖެހޭ މިންގަނޑުތަކާ އެއްގޮތަކަށް ވެސް ނޫން، ދިވެހިރާއްޖެ ތަމްސީލުކުރުމަކީ ކޮންމެ އެތުލީޓަކަށް ލިބޭ އެންމެ ބޮޑު ޝަރަފް، ޓީމަށް އަޅުގަނޑު ވެފައިވާ ވައުދަށާއި، އަޅުގަނޑަށް ކުރެވުނު އިތުބާރަށް އަސަރުކުރި މި ނިންމުމާމެދު އަޅުގަނޑު ވަރަށް ބޮޑަށް ދެރަވަން،" އޭނާގެ ބަޔާނުގައި ބުނެފަވެއެވެ.
މި ތަޖުރިބާއިން ވަރަށް އަގުހުރި ފިލާވަޅެއް ދަސްވި ކަމަށާއި، އެސޯސިއޭޝަނާއި، ކޯޗުން އަދި ސަޕޯޓަރުންގެ އިތުބާރު އަލުން ހޯދަން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް އައިހަމް އޭރު ބުންޏެވެ. އަދި ކުޅުންތެރިއެއްގެ ގޮތުގައްޔާއި ޕްރޮފެޝަނަލެއްގެ ގޮތުގައި އަމިއްލަ ނަފްސު ތަރައްގީކުރަން ގަސްދުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
އައިހަމް އަކީ 2024 ވަނަ އަހަރުން ފެށިގެން ގަވާއިދުން ގައުމީ ޓީމުން ޖާގަ ހޯދައި، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު، ހަލުވި ދުވެއްޔެއްގައި ކުރިއެރުން ހޯދަމުން އައި ކުޅުންތެރިއެކެވެ.
އެ ހުރިހާ ގޮންޖެހުންތަކަށްފަހު އައިހަމް ދެއްކި ސާބިތުކަމާއި ހިތްވަރާއެކު، އޭނާ މިއަދު މިވަނީ ކުރީގެ މަގާމަށް ވާސިލްވެ، ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައި އަމިއްލަ ފެންވަރު ސާބިތުކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!