ޝްހޫރު ވާހަކަ "ނޯމަލް ޕީޕަލް" ގެ ލިޔުންތެރިޔާ ސެލީ ރޫނީ، އިނގިރޭސިވިލާތުގައި (ޔޫކޭ) މަނާކޮށްފައިވާ "ޕަލަސްޓައިން އެކްޝަން" ޖަމާއަތަށް ތާއީދުކުރާ މައްސަލައިގައި، އެ ގައުމުގެ ފޮތް ފިހާރަތަކަށް އޭނާގެ ވާހަކަފޮތްތައް ސަޕްލައިކުރުން ހުއްޓާލައިފި އެވެ. ރޫނީ އާއި އޭނާގެ ފޮތްތައް ޗާޕުކުރާ ފޭބާ ގުޅިގެން މި ނިންމުން ނިންމާފައިވަނީ، އޭނާގެ މަސައްކަތްތައް ޔޫކޭގައި ވިއްކުމަކީ ގާނޫނީ ގޮތުން ޖިނާއީ ބޮޑު ކުށަކަށް ވެދާނެ ކަމަށް ބަލައިގެންނެވެ.
''ބީބީސީ ނިއުސް އަށް'' ދީފައިވާ ބަޔާނެއްގައި އަޔަލެންޑަށް ނިސްބަތްވާ ރޫނީ ބުނެފައި ވަނީ، ޔޫކޭގައި އޭނާގެ ފޮތްތައް އިތުރަށް ޝާއިއުކުރުމަކީ "ޖިނާއީ ބޮޑު ކުށަކަށް" ވެދާނެ ކަމަށެވެ. އެހެންކަމުން ޔޫކޭގެ ރީޓެއިލަރުންނަށް ފޮތްތައް ސަޕްލައިކުރުން ކުރިއަށް ނުގެންދިއުމަށް ޕަބްލިޝަރާ އެކު އެއްބަސްވެފައިވާ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ރޫނީ ބުނީ އޭނާ ގަބޫލުކުރާ ކަންކަމާއި ނިޔަތާ މެދު އާންމުންނަށް ތެދުވެރިވުމަށް ހުރިހާ މަސައްކަތެއް ކޮށްފައިވާނެ ކަމަށާއި، އޭގެ ނަތީޖާއާ ކުރިމަތިލާން މުޅިން ތައްޔާރަށް ހުރި ކަމަށެވެ.
މި ނިންމުމާ އެކު ޔޫކޭގައި ރޫނީގެ ފޮތްތަކުގެ އީ-ބުކް ވަރޝަންތައް ވިއްކުން މިހާރު ވަނީ ހުއްޓުވައި، މާކެޓުން ނަގައިފަ އެވެ. ނަމަވެސް ބައެއް ފިހާރަތަކުގައި މިހާރު ވެސް ސްޓޮކް ހުރި ފޮތްތައް ވިއްކުމަށް ހުރަހެއް ނެތް ކަމަށް ފޮތް ވިއްކާ މަޝްހޫރު ވިޔަފާރިއެއް ކަމަށްވާ ވޯޓާސްޓޯންސް އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޕަބްލިޝަރު ފޭބާ އާއި ހަވާލާދީ ''ބީބީސީ ނިއުސް''ގައި ބުނެފައި ވަނީ، ޔޫކޭގެ މިހާރުގެ ގާނޫނުތައް އޮތް ގޮތުން، ރޫނީގެ މަސައްކަތުން އެ ގައުމުގައި ލިބޭ އާމްދަނީ އޭނާއަށް ރައްދުކުރެވެން ނެތް ކަމަށެވެ. ލިޔުންތެރިއެއްގެ މަސައްކަތް ވިއްކުމަށް ފަހު އޭގެ ފައިސާ ނުދެވޭ ގޮތަށް އޮތުމަކީ ބަލައިގަނެވޭނެ ހާލަތެއް ނޫން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ރޫނީއާ އެކު ވެވުނު ފުރިހަމަ އެއްބަސްވުމާ އެކު، ޔޫކޭގައި އެއްވެސް ފޯމެޓެއްގައި އޭނާގެ ފޮތްތައް ދެން ސަޕްލައި ނުކުރަން ނިންމި ނަމަވެސް، ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި އޭނާގެ ފޮތްތައް ވިއްކުން ފަޚުރުވެރިކަމާ އެކު ކުރިއަށް ގެންދާނެ ކަމަށް ވެސް ފޭބާ އިން ވަނީ ބުނެފަ އެވެ.
ޔޫކޭ ސަރުކާރުން 2025 ވަނަ އަހަރުގެ ޖުލައި މަހު "ޕަލަސްޓައިން އެކްޝަން" އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅީ، އެ ޖަމާއަތަކީ މުދަލަށް ގެއްލުންދިނުމުގެ ދިގު ތާރީޚެއް އޮތް ބައެއް ކަމަށް ބުނެ އެވެ. އެ ޖަމާއަތުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ޣައްޒާގައި އިޒްރޭލުން ހިންގާ ހަނގުރާމައާ ގުޅުން ހުރި ހަތިޔާރު އުފައްދާ ކުންފުނިތަކަށެވެ. ރޫނީ ބުނީ އަޔަލެންޑްގައި އެއީ މަނާ ޖަމާއަތެއް ނޫން ކަމަށާއި، ފޮތްތަކުން ލިބޭ އާމްދަނީ އެ ޖަމާއަތަށް އެހީވުމަށް ބޭނުންކުރާނެ ކަމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު "އައިރިޝް ޓައިމްސް" ގައި ލިޔުނު ކަމަށެވެ. އަދި ޔޫކޭއަށް ހިނގައްޖެ ނަމަ ހައްޔަރުކޮށްފާނެ ކަމުގެ ބިރު އޮތުމުން، އެވޯޑެއް ބަލައިގަތުމަށް އެ ގައުމަށް ކުރަން އޮތް ދަތުރެއް ވެސް އޭނާ ވަނީ ކެންސަލްކޮށްފަ އެވެ.
ޕަލަސްޓައިން އެކްޝަންގެ ކޯ-ފައުންޑަރު ހުދާ އައްމޯރީ ބުނީ، އެ ޖަމާއަތް މަނާކުރަން އުޅޭކަން އިއުލާނުކުރި ހިސާބުން ފެށިގެން ރޫނީ ނެގީ ހިތްވަރުގަދަ އަދި ވަރުގަދަ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ސްޓޭންޑެއް ކަމަށެވެ. އަދި ރޫނީގެ ފޮތްތައް އަނބުރާ ގެންދަން ޖެހުމަކީ، ޕަލަސްޓައިން އެކްޝަން މަނާކުރުމުގެ ސަބަބުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް އޭނާ ފާހަގަކުރި އެވެ.
އެ ޖަމާއަތަށް ތާއީދުކުރި ކަމުގެ ތުހުމަތުގައި ޔޫކޭއިން 3،700 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، ގާތްގަނޑަކަށް 2،500 މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. ނަމަވެސް ޖަމާއަތް މަނާކުރި ނިންމުން ގާނޫނީ ގޮތުން ގޮންޖަހައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަންނަ މަހު ބަލަން ހަމަޖެހިފައިވާތީ، މިހާތަނަށް އެއްވެސް މީހެއްގެ ޝަރީއަތް ހިންގާފައެއް ނުވެ އެވެ.
ނީލްސެން އައިކިއު ބުކްޑޭޓާގެ ހިސާބުތައް ދައްކާ ގޮތުން، ރޫނީ ވަނީ ދުނިޔޭގެ ބާޒާރުގައި 6 މިލިއަނަށް ވުރެ ގިނަ ފޮތް ވިއްކައިފަ އެވެ. އޭގެ ތެރޭގައި ޔޫކޭގައި ވިކުނު 2.3 މިލިއަން ފޮތް ހިމެނެ އެވެ. އޭނާ 2018 ވަނަ އަހަރު ނެރުނު "ނޯމަލް ޕީޕަލް" ވާހަކަ އޭގެ ދެ އަހަރު ފަހުން ޓީވީ ސީރީޒަކަށް ބަދަލުކުރިއިރު، އެއީ އެކްޓަރު ޕޯލް މެސްކަލް އަދި ޑެއިޒީ އެޑްގާ-ޖޯންސްގެ އެކްޓިން ކެރިއަރަށް ބޮޑު ކުރިއެރުމެއް ގެނެސްދިން މަސައްކަތެކެވެ. ރޫނީގެ އިތުރު ވާހަކަތަކުގެ ތެރޭގައި "އިންޓަމެޒޯ"، "ކޮންވަސޭޝަންސް ވިތު ފްރެންޑްސް" އަދި "ބިއުޓިފުލް ވޯލްޑް، ވެއާ އާ ޔޫ" ހިމެނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!