ދިރާސީ އައު އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރެއަށް ބަދަލުކުރުމާ ގުޅިގެން، ކިޔެވުމަށް ދަރިވަރުންނާއި ބެލެނިވެރިންގެ ކިބައިގައި ހުރި ފޯރިއާއި ޖޯޝު ކެނޑިގެންދިޔަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ލަތީފް އަބުދުއްލަތީފް މުހައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ.
ލަތީފް މިހެން ވިދާޅުވީ ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ދެއްކެވި ވާހަކާގައެވެ.
ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ސްޕޮންސަރ ކުރަށްވާފައިވާ މި ބިލުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ލަތީފް ވިދާޅުވީ، ދިވެހިންނަކީ ޒަމާނުއްސުރެ ވެސް ތަޢުލީމަށް ވަރަށް ބޮޑަށް ލޯބިކުރާ އަދި އިސްކަންދޭ ބައެއް ކަމަށެވެ. އަދި ރާއްޖޭގައި މިއަދު އޮތީ ތަޢުލީމީ ޒުވާން ޖީލެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ލަތީފް ވިދާޅުވި ގޮތުގައި ރާއްޖޭގައި ކުރިން އޮތް ފުރިހަމަ ތަޢުލީމީ ނިޒާމަށް ބޮޑު ބަދަލެއް ގެނައީ އެމްޑީޕީގެ ސަރުކާރުންނެވެ. އެގޮތުން ޖޫން ނުވަތަ ޖުލައި މަހުގައި އައު އަހަރުގެ ކިޔެވުން ފެށުމުގެ ސަބަބުން މައިންބަފައިންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނު ކަމަށް ވިދާޅުވިއެވެ. ކުރިން ޖަނަވަރީ ނުވަތަ ފެބުރުވަރީ މަހު ކިޔެވުން ފެށޭއިރު، އައު ޔުނިފޯމާއި، ބޫޓާއި އަދި ނަންކޮޅުތައް ހަމަކޮށް، މައިންބަފައިންނާއި ދަރިވަރުން ސްކޫލަށް ދާން ތައްޔާރުވަމުން އައީ ވަރަށް ބޮޑު ފޯރިއަކާއި ޖޯޝެއްގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް އެމްޑީޕީ ސަރުކާރުން އަހަރުގެ މެދުތެރެއަށް ކިޔެވުން ބަދަލުކުރުމާ ގުޅިގެން މައިންބަފައިންނާއި ދަރިވަރުންގެ ފޯރި ކެނޑިގެންދިޔަ ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި މި ބަދަލު ގެނެސްފައިވަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި، ޢިލްމީ ބޭފުޅުންނާ ބަހުސްކޮށް މަޝްވަރާކުރުމެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެ ކުރިން މި ދެންނެވި ފޯރިއާއި ޖޯޝު މި ހުރި ވަރަށް އެއްވެސް މައިންބަފައިންގެ ކިބައަކުން ނުފެނޭ، ދަރިވަރުންގެ ކިބައަކުން ނުފެނޭ، އާ އަހަރުގެ ކިޔެވުމަށް އައި މި ބޮޑު ބަދަލާ އެކު،" ލަތީފް ވިދާޅުވިއެވެ.
މީގެއިތުރުން އަހަރުގެ މެދުތެރެއިން ކިޔެވުން ފެށުމުން ތަޢުލީމަށް ދޭންވާ ސަމާލުކަން ކުޑަވާކަން ފާހަގަކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.
މިހާރު ހުށަހަޅާފައިވާ އިޞްލާޙުގެ ދަށުން އައު އަހަރުގެ ކިޔެވުން ޖަނަވަރީ މަހު ނުވަތަ އެންމެ ލަސްވެގެން ފެބުރުވަރީ މަހު ފެށޭނެކަން ބަޔާންކުރައްވަމުން ލަތީފް ވިދާޅުވީ، މިއީ ގެންނަންޖެހޭ ވަރަށް މުހިންމު އިޞްލާޙީ ބަދަލެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ތަޢުލީމަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ބޭފުޅެއް ކަމަށާއި، މި ބަދަލުގެ ސަބަބުން ހަރުދަނާ، ޢިލްމީ ޖީލެއް ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތަޢުލީމީ ބަޖެޓާ ގުޅޭގޮތުން މަޖިލީހުގައި މެންބަރަކު ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައި ލަތީފް ވިދާޅުވީ، އަހަރަކު އެތައް ދަރިވަރުންނެއް ދުނިޔޭގެ ފެންވަރުގައި ޖީސީއީ އަދި އޭ-ލެވެލް އިމްތިޙާނުތަކުން މަތީ ވަނަތައް ހޯދަމުން އަންނަނީ ތަޢުލީމަށް ސަރުކާރުތަކުން އިސްކަންދޭތީ ކަމަށެވެ. އަދި މި ބިލުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާކަން ފާހަގަކުރައްވައި، އެ ކުދިންނަކީ ވެސް މުޖުތަމަޢުގައި ދައުރެއް އަދާކުރެވޭނެ ބަޔަކަށް ހެދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅު ކަމަށާއި، މި ސަރުކާރުން އަބަދުވެސް ތަޢުލީމަށް އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!