ރައްޔިތުން ސަރުކާރާއެކު ސާބިތުވެ ތިބިހައި ހިނދަކު، އޭނާ ނުވަތަ އޭނާ ފަދަ އެތައް ހާސް ބަޔަކު އަވަހާރަކޮށްލި ކަމުގައި ވިޔަސް ދުޝްމަނުންނަށް އެއްވެސް ކަމެއް ހާސިލުނުކުރެވޭނެ ކަމަށް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.

ރައީސް ޕެޒެޝްކިއާން ވިދާޅުވީ، އޭނާ އަވަހާރަކޮށްލަން ބޭނުންވާ ނަމަ އެކަން ކުރަންވީ ކަމަށެވެ.

Ad
rt

"އަހަރެން މަރާލަންވީ. ރައްޔިތުން އަހަރެމެންނާއެކު ތިބި ނަމަ، އަހަރެން ފަދަ އެތައް ހާސް ބަޔަކު މަރާލިޔަސް ދުޝްމަނުންނަށް އެއްވެސް ކަމެއް ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

މިއީ އެ ގައުމުގެ އެތެރޭގެ އެއްބައިވަންތަކަމާއި، ވެރިކަމުގެ ނިޒާމުގެ ވަރުގަދަކަން ހާމަކޮށްދެއްވުމުގެ ގޮތުން އޭނާ ވިދާޅުވި ވާހަކަފުޅެކެވެ.

ޕެޒެޝްކިއާންގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ ވަކިވަކި ލީޑަރުންނަށް ވުރެ ބޮޑަށް މުޅި ނިޒާމު ދެމިއޮތުމުގެ މުހިންމުކަމުގެ މައްޗަށެވެ. އެގޮތުން، އިސްލާމިކް ރިޕަބްލިކްގެ ދެމިއޮތުން ބިނާވެފައިވަނީ ވަކިވަކި ލީޑަރުންގެ މައްޗަށް ނޫން ކަމަށާއި، މުއައްސަސާތަކުގެ ދެމިއޮތުމާއި އާންމު ރައްޔިތުންގެ ތާއީދުގެ މައްޗަށް ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ލީޑަރުން ބަދަލުވުމަކީ ދައުލަތުގެ ސިޔާސަތުތައް ބަލިކަށިވާނެ ކަމެއް ނޫން ކަމަށް ބަޔާންކުރައްވައި، ވަކިވަކި ލީޑަރުންނަށް އަމާޒުކޮށްގެން ދޭ ހަމަލާތަކަކީ ސިޔާސީ ގޮތުން އެއްވެސް ނަތީޖާއެއް ނެރެވޭނެ ކަމެއް ނޫންކަން އޭނާ ދެއްކެވިއެވެ.

މި ވާހަކަފުޅުތައް އައިސްފައިވަނީ ސަރަހައްދީ ހަމަނުޖެހުންތައް އިންތިހާއަށް އިތުރުވެ، އިސްރާއީލާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް ސަރަހައްދީ ފާހަގަކޮށްލެވޭ އިސް ޝަހުސިއްޔަތުތަކަށް އަމާޒުކޮށްގެން ދޭ ހަމަލާތަކުގެ ބިރުވެރިކަން އޮތް ވަގުތެއްގައި، ބޭރުގެ އެއްވެސް ޕްރެޝަރަކަށް ބޯނުލަނބާނެކަން ހާމަކުރުމަކީ މި ބަސްމަގުގެ މައިގަނޑު ބޭނުމެވެ.

މީގެއިތުރުން، ދައުލަތް ދިފާއުކުރުމަކީ އެންމެން ގުޅިގެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ސިފަކުރެއްވުމަކީ، ގައުމުގެ އެތެރޭގެ މަސްރަހު އެއްބައިވަންތަކުރުމަށް އެޅުއްވި ފިޔަވަޅެކެވެ. ސަރަހައްދީ ސިޔާސީ ހަލަބޮލިކަމާއި އިގްތިސާދީ ދަތިތަކުގެ ތެރޭގައި، ރައްޔިތުންގެ ވަފާތެރިކަމާއި އެކުވެރިކަން ދެމެހެއްޓުމަށް މި ވާހަކަފުޅުން ވަނީ ގޮވާލައްވާފައެވެ.

މި ބަޔާނަކީ ބޭރުގެ ފިއްތުންތަކާއި ނުރައްކާތަކަށް ރައްދުދިނުމަށާއި، ގައުމުގެ އެތެރޭގެ އެއްބައިވަންތަކަން ހާމަކުރުމަށް އީރާނުގެ ލީޑަޝިޕުން އާންމުކޮށް ބޭނުންކުރަމުން އަންނަ ހަރުދަނާ ސިޔާސަތުގެ ދަށުން ދެއްކެވި ވާހަކަފުޅެކެވެ. މީގެ މައިގަނޑު ބޭނުމަކީ ބޭރުގެ ހަމަލާތަކާއި ޕްރެޝަރުތަކުން އީރާނުގެ ސާބިތުކަމަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަން ދުޝްމަނުންނަށް އަންގައިދިނުމެވެ.