ށ. މިލަންދޫގައި ދުވާރުމަތީގައި ވެހިކަލް ޕާކުކުރާނަމަ، ފުލުހުން މެދުވެރިކޮށް އެކަން ބަލައި ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

މިލަންދޫ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ، އެ ރަށުގެ ބައެއް ފަރާތްތަކުން ދުވާރުމަތީގައި ވެހިކަލް ޕާކުކުރަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިގެންނެވެ.

Ad
rt

ކައުންސިލުން ފާހަގަކުރި ގޮތުގައި، ދުވާރުމަތީގައި ވެހިކަލް ޕާކުކުރުމަކީ މަގުމަތިން ހިނގާބިނގާވެ އުޅޭ މީހުންނަށް އޭގެ ސަބަބުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާ ކަމެކެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން، ދުވާރުމަތީގައި އެއްވެސް ބާވަތެއްގެ ވެހިކަލެއް ޕާކުކުރުމަކީ މުޅިން މަނާކަމެއް ކަމަށް ވެސް ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.

އެހެންކަމުން، ރަށުތެރޭގައި ޤާއިމުކޮށްފައިވާ ޕާކިން ޒޯންތަކާއި، ޕާކުކުރުމަށް ޚާއްޞަކުރެވިފައިވާ ތަންތަން ފިޔަވައި އެހެން އެއްވެސް ތަނެއްގައި ވެހިކަލް ޕާކު ނުކުރުމަށް މިލަންދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކައުންސިލުން ވަނީ އެންގުންތަކާ ޚިލާފަށް ދުވާރުމަތީގައި ޕާކުކުރާ ފަރާތްތަކާމެދު، ފުލުހުން މެދުވެރިކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ތަކުރާރުކޮށް ހާމަކޮށްފައެވެ.