ހަތިޔާރުގެ އަޅުވެތިކަމުން ދިވެހި ޤައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުންވެސް ޤައުމު ސަލާމަތްކޮށް އިޤްތިޞާދީ މިނިވަންކަން ޤާއިމުކުރަންޖެހޭ ކަމަށާއި، ޤައުމެއްގެ ޙަޤީޤީ ސިޔާދަތު ކަށަވަރުކުރެވެނީ ސަލާންޖަހަން ނުޖެހޭ ފުދުންތެރި އިޤްތިޞާދެއް ބިނާކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ޤައުމުގެ ދިފާޢުގައި ތެދުވެވަޑައިގެންނެވި މަތިވެރި ޝަހީދުންގެ ޒިކުރާ އާކުރައްވައި، އެ ބޭފުޅުންގެ ޤުރުބާނީގެ އަގުވަޒަންކުރައްވާފައެވެ. އަދި ދިވެހި ތާރީޚު ދުށް ހުރިހާ ޝަހީދުންވެސް އިސްކަންދެއްވީ ދިވެހި ވަޠަނާއި ޤައުމުގެ މިނިވަންކަމާއި، ހަމަޖެހުމާއި އަމާންކަން، އަދި މުސްތަޤުބަލުގެ ތަރައްޤީއާއި ކުރިއެރުމަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި ތާރީޚުން ފެންނަން ހުރި ޢިބުރަތްތެރި ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޕޯޗުގީޒުންނާއި މަލާބާރީންގެ ޙަމަލާތަކާއި، ބޮޑުހުޅުގެ ހާދިސާގެ އިތުރުން ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގެ އަޑީގައިވެސް ތިބީ ވެރިކަމަށް ދަހިވެތިވެފައިވާ ދިވެހިން ކަމަށެވެ. އަދި ޤައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާއްޖަވެރިކަން ކަމަށާއި، ޤައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަން ކަމުގައި އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ނޮވެންބަރު ތިނެއްގެ ޢުދުވާނަށް ފަހު 38 އަހަރު ފާއިތުވެދިޔައިރު، މި ހާދިސާ ނުދެކޭ އާ ދެ ޖީލެއް އުފެދިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ކުދިންނަށްޓަކައި އަދާކުރަންޖެހޭ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވާކަމަށެވެ. މިކަންކަމުގެ ބިންގާ ގޮސް ގުޅެނީ ޤައުމުގެ މިނިވަންކަމާއި، އިޤްތިޞާދީ ފުދުންތެރިކަމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިޤުލާލު ދެމިއޮތުމުގެ ކަށަވަރުކަމާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ފުދުންތެރި، ބާއްޖަވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ޤައުމުގެ އިޤުތިޞާދީ މިނިވަންކަން ޤާއިމުވެފައި އޮތުން ކަމަށާއި، ޤައުމެއްގެ އަމިއްލަ ބަސް ބުނެ، ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރިކުރެވެނީ ސަލާންޖަހަން ނުޖެހޭ އިޤުތިޞާދަކަށް ފުރާނައެޅިގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޤައުމުގެ މާލީ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަމުން ސަލާމަތްކޮށް، ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކުރުން ހުއްޓާލައި، ދައުލަތުގެ ދަރަނިތައް ދައްކައި ޚަލާޞްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މީގެއިތުރުން، ޤައުމިއްޔަތާއި މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގަށް ކުޑަވެސް ހީނަރުކަމެއް ނާންނާނެހެން، ދައުލަތުގެ މުޅި މާލިއްޔަތަށް އޭގެ ހެޔޮ އަސަރުކުރާނޭފަދަ އިންޤިލާބީ ބަދަލުތަކާ ކުރިމަތިލާން ޖެހިފައިވާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ރައީސްގެ ތަޤުރީރުގައި، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލެވިފައިވާ ކަމަށާއި، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު ހޯދުމުގެ މަސައްކަތް ބައިނަލްއަޤްވާމީ މައިދާނުގައި ފެށިފައިވާ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ޤައުމީ ދިފާޢީ ބާރުގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ހާމަކުރައްވަމުން، ޤައުމުގެ އެތެރޭގެ ތަރައްޤީއަށް ފުދުންތެރިކަން ޤާއިމުކޮށް، ދިވެހިންގެ މާނަވީ އަދި މާއްދީ ތަރައްޤީއަށް އެއްވަރަކަށް އިސްކަންދެއްވައިގެން ތަހުޒީބު ދިވެހިރާއްޖެއެއް ބިނާކުރައްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އެރުވިއެވެ.
ޤައުމީ ވިސްނުން ހުރި ޒުވާނުންތަކެއް ބިނާކުރުމަށް ފަށާފައިވާ ވަޠަނީ ޚިދުމަތުގެ ދަށުން ހާހަކަށްވުރެ ގިނަ ޒުވާނުން ދަސްވެނިވެ، އެތައް ބަޔަކު ވަޒީފާގެ މައިދާނަށް ނުކުމެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަންނަން އޮތް ޖީލުތަކަށް ރައްކާތެރި ޤައުމެއް ވާރުތަކޮށްދިނުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމުގައި ވިދާޅުވިއެވެ. ތަޤުރީރު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، ސިޔާސީ ޖަޒުބާތުތަކާއި ޒާތީ އަރާރުންތަކުގެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަމާއި ޖަމާޢަތުގެ ބާއްޖަވެރިކަން ނެރެ، ދަރަނީގެ އަޅުވެތިކަމުން މިންޖުވެ ފުދުންތެރި މުސްތަޤުބަލަކަށް އަމާޒު ހިފުމަށް މުޅި ޤައުމަށް ގޮވާލައްވާފައެވެ. މީގެއިތުރުން އެމަނިކުފާނު އަޅުއްވާ ކޮންމެ ފިޔަވަޅަކީ ދިވެހި ޤައުމީ ބަހާތަކަށް ދިރުން ގެނެސް، ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީވަންތަކަމާއި މިނިވަންކަން ޙިމާޔަތްކުރުމަށް އަޅުއްވާނެ ފިޔަވަޅުތަކެއް ކަމުގައިވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 1 ޚިޔާލެއް ލިބިފައިވޭ!
މަނިކުފާނުތިވަރަށް ދިވެހިރައްޔިތުންނަށް ފުރައްސާރައާއި މަލާމާތްނުކުރިޔަސް ވެދާނެ،ކޮންމެވެރިޔަކުވެސް ވޯރާވިޔަފާރިވެރިންނަށް ސަޖިދަ ޖަހައިފަ ޤައުމަށާއި ރައްޔިތުންނަށް ކޮންކަމެއްތޯކޮށްދެވޭނި،ގައުމޭކިޔައިގެން ވާހަކަނުދެއްކެވިއްޔާރަނގަޅީ