އަންހެނުން ފަނޑިޔާރުކަމަށް ޢައްޔަންކުރުމުގައި މިއުންމަތުގެ އެންމެ ބޮޑެތި އިމާމުންނާއި ދަންނަބޭކަލުންގެ ބަސްފުޅުތަކަށް ބަލާލާނަމެވެ.
އަލްއިމާމް އަލްމާވަރްދީ:
އެކަލޭގެފާނުގެ އަރިހުން "الأحكام السلطانية والولايات الدينية" މިފޮތުގައި ވިދާޅުވެފައި ވެއެވެ. ވެރިކަމުގެ އެއް ޝަރުޠަކީ ފިރިހެނަކަށް ވުމެވެ. އެހެންކަމުން އަންހެނާއަށް ވެރިކަމާއި ފަނޑިޔާރު ކަން ހުއްދަ ނުވާނެއެވެ. އެއީ އޭނާއަށް އިމާމަތުކަން ނުކުރެވުމާއި ކައިވެނި ޢަޤުދުކޮށް ނުދެވުމާއި ހުރިހާ މަޤާމެއްގައި ހެކިބަސް ޤަބޫލު ނުކުރެވޭތީއެވެ.
އަލްއިމާމް އަލްބަޣަވީ:
މިކަލޭގެފާނު "شرح السنة" ގައި މިފަދައިން ވިދާޅުވެފައި ވެއެވެ. ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ވެރިކަމަށާއި ޤާޟީކަމަށް އަންހެނާ އެކަށީގެން ނުވެއެވެ. އެއީ ވެރިޔާއަކީ ޖިހާދު ކުރުމަށާއި ޖިހާދަށް ލަޝްކަރު ތައްޔާރު ކުރުމުގައި އެންމެ އިސްކޮށް ނިކުންނަންޖެހޭ މީހެކެވެ. އަދި ޤާޟީއަކީ މީސްތަކުންގެ މެދުގައި އުފުދޭ ދެކޮޅުވެރިކަމާއި އަރާރުންތައް މަތަކޮށް އެބައިމީހުންގެ ކޯޅުންތަކުގެ ތެރޭގައި މުރާލިކަމާއެކު ނިކުމެ އެކެއްގެ ނުރުހުން ލިބިގެން އަނެކާ ރުހުމާއެއްގޮތަށް އިންޞާފުގެ ހަތިޔާރު އެމީހުންގެ ބޯމައްޗަށް އުފުލައިގެން ހުރެ އެބައިމީހުންނާއި ގައިގޯޅިވާންޖެހޭ މީހެކެވެ. އަންހެނާގެ އުފެދުމުގައި ހުންނަ ބަލިކަށިކަމުގެ ސަބަބުންނާއި ޠަބީޢީ އުނިކަންތަކުގެ ސަބަބުން މީގެ ތެރެއިން ގިނަކަންތައްތައް ފުރިހަމަކުރަން އޭނާވަނީ ނުކުޅެދިފައެވެ. އަދި ވެރިކަމާއި ފަނޑިޔާރު ކަމަކީ ފުރިހަމަ ކުޅެދުންތެރިކަމާއެކު ނޫނީ ނުކުރެވޭނެ ކަންކަމެވެ. އެހެންކަމުން ފިރިހެނުންގެ ތެރެއިންވެސް ފުރިހަމަ ސިފަ ލިބިގެންވާ މީހަކުނޫނީ މިކަމަށް އެކަށީގެން ނުވާނެއެވެ. އެކަލޭގެފާނު މިވާހަކަ ލިއުއްވާފައިވަނީ "لن يفلح قوم ولوا أمرهم امرأة" މިޙަދީޘުގެ ޝަރަޙަ ކުރެއްވުމުގައެވެ.
އަލްއިމާމް އިބްނު ރުޝްދު
އެކަލޭގެފާނުގެ މަޝްހޫރު ފޮތް "بداية المجتهد" ގައި ލިއުއްވާފައި ވެއެވެ. ފަނޑިޔާރުކަން ކުރާމީހެއްގެ ކިބައިގައި ހުރުން ޝަރުޠުވާ ސިފަތަކުގެ ތެރޭގައި ވަނީ މިނިވަނަކަށް ވުން، މުސްލިމަކަށް ވުން، ބާލިޣުވުން، ފިރިހެނަކަށް ވުން، ބުއްދިހުރުން، ޢަދުލުވެރިއަކަށް ވުން، މިއެވެ. އެއަށްފަހު އެކަލޭގެފާނު މިފަދައިން ވިދާޅުވެފައި ވެއެވެ. ކަންމިހެން ހުރުމާއެކު އަންހެނާއަށް ފަނޑިޔާރުކަން ދިނުމަށް ދިފާޢުކޮށް ޖަދަލުކުރާ މީހަކުނަމަ އެކަން އެމީހާ ޤައުމުގެ އިސްވެރިކަމާ އެއްފަދަ ކުރަނީއެވެ. އަދި މިކަމަކީ ހުއްދަނޫން ކަމެއް ކަމުގައި ވާހިނދު ޢާއްމު ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ނޫންކަމެއްކަމުގައި ދުށުން މާ އައުލާކަން ބޮޑެވެ.
އަލްއިމާމް އިބްނު ޤުދާމާ:
އެކަލޭގެފާނުގެ ފޮތް "المغنى" ގައި ލިއުއްވާފައި ވެއެވެ. ޤާޟީއެއްގެ ކިބައިގައި ހުރުން ޝަރުޠުވާ ތިންކަމެއް ވެއެވެ. އޭގެ ތެރެއިން އެއްކަމަކީ ފުރިހަމަވުމެވެ. އަދި ފުރިހަމަވުން ހިމެނިގެންވަނީ ދެވައްތަރަކަށެވެ. ފުރަތަމަ ވައްތަރަކީ: އަޙްކާމްތައް ފުރިހަމަވުމެވެ. ދެވަނަ ވައްތަރަކީ މީސްވަންތަކަން ފުރިހަމަވުމެވެ. ދެންފަހެ އަޙްކާމްތައް ފުރިހަމަވަނީ ހަތަރު ކަމަކުންނެވެ. އެއީ: ބާލިޣުވުމާއި ބުއްދިހުރުމާއި މިނިވަނަކަށްވުމާއި ފިރިހެނަކަށް ވުމެވެ. ... ދެން އެއަށް ފަހު ވިދާޅުވެފައިވެއެވެ. ޤައުމެއްގެ އިސްވެރިއަކަށް ހުރުމާއި ސްޓޭޓްތަކުގެ ގަވަރުނަރުކަން ކުރުމަކީ އަންހެނަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެންކަމުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެފަދަ ކަމަކަށް އެއްވެސް އަންހެން ބޭކަނބަލަކު އިސްކުރައްވާފައި ނުވެއެވެ. އަދި އެކަލޭގެފާނަށް ފަހުގައި ޚަލީފާވެރިން ވެސް އަދި އެނޫން ބައަކު ވެސް އަދާހަމައަށް ޤާޟީކަމަށް ވެސް އަދި ރަށެއްގެ ވެރިކަމަށް ވެސް އަންހެނަކު އިސްކޮށްފައެއް ނުވެއެވެ. އަދި މިއީ ހުއްދަކަމެއް ކަމުގައި ވީނަމަ އަދާހަމައަށް މިކަން މިގޮތަކަށް ނޯތީހެވެ.
އަލްއިމާމުލްޤުރުޠުބީ:
އެކަލޭގެފާނު މަޝްހޫރު ތަފްސީރު "الجامع لأحكام القرآن" ގައި މިފަދައިން ލިއުއްވާފައި ވެއެވެ. އުއްމަތުގެ ދަންނަބޭކަލުން އިޖްމާޢުވާ ގޮތުގައި އަންހެނާ ވެރިކަމަށް އިސްވުމަކީ ހުއްދަކަމެއް ނޫނެވެ. އަދި ޤާޟީކަމުގެ ތެރެއިން އެކަނބުލޭގެއަށް ހެކިބަސް ދެވޭތަންތަނުގައި ޤާޟީކަމަށް އިސްވުމާ މެދު އެބޭކަލުންގެ މެދުގައި އިޚްތިލާފު ވެފައި ވެއެވެ.
އަލްއިމާމުލްޚައްޠާބީ:
އެކަލޭގެފާނު "لن يفلح قوم .... " މިޙަދީޘާ މެދު ވިދާޅުވެފައި ވެއެވެ. އަންހެނާއަށް ވެރިކަމާއި ފަނޑިޔާރުކަން ކުރުމެއް ނޯވެއެވެ. އަދިވެސް ޚައްޠާބީ ވިދާޅުވެފައި ވެއެވެ. އަންހެނުންނަށް ވެރިކަން ކުރުމާއި ފަނޑިޔާރުކަން ކުރުމުގެ މައްސަލައަށް ބަލާއިރު ޖުމްހޫރު ދަންނަބޭކަލުންގެ ބަސްފުޅަކީ އެދެކަމަކީ އޭނާއަށް މަނާކަމެއް ކަމެވެ. ނަމަވެސް އިމާމު ޠަބަރީ ވިދާޅުވަނީ ފަނޑިޔާރުކަން ކުރުން ހުއްދަ ކަމުގައެވެ.
އިމާމު މާލިކުގެ އަރިހުން ވެސް އެއްބަސްފުޅުގައި މިގޮތަށް އައިސްފައިވެއެވެ. އިމާމު އަބޫޙަނީފާގެ އަރިހުގައި އަންހެނުންގެ ހެކިބަސް ޤަބޫލުވާފަދަ ކަންކަމުގައި އަންހެނުންގެ ފަރާތުން ފަނޑިޔާރުކަން ކުރެވިދާނެއެވެ.
އަލްއިމާމް އިބްނު ތައިމިޔާ:
އެކަލޭގެފާނުގެ "مجموع الفتاوى" ގައި ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުން އިމާމުވެރި ބެއިކަލުން އެއްބަސްވެ ވަޑައިގަންނަވާގޮތުގައި ވެރިއެއްގެ މައްޗަށް ލާޒިމުވެގެންވަނީ އޭނާއަކީ ޢަދުލުވެރި ހެކިދިނުމަށް ކަމުދާ މީހެއްކަމުގައި ވުމެވެ. މިގޮތުން އަންހެނާ ފިރިހެނާއާ އެއްގޮތަށް އެންމެހާ ޙާލަތްތަކުގައި ހެކިދިނުމަށް ކަމުދާ މީހެއްކަމުގައި ނުވެއެވެ. އަދި އެކަލޭގެފާނު "منهاج السنة النبوية" ކިއުނު ފޮތުގައި މިފަދައިން ވިދާޅުވެފައި ވެއެވެ. މުސްލިމުންވަނީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުން މިމައްސަލާގައި އަބޫބަކުރުގެފާނު އިސްކޮށްފައެވެ. އެއީ އެކަލޭގެފާނަކީ ނަބީބޭކަލުން ދޫކުރައްވާފައިވާ ވާރުތަވެރިކަމަށް (އެބަހީ ޢިލްމަށް) އެންމެ އަރާހުންނެވި އަދި އެންމެބޮޑަށް ޢަދުލު އިންޞާފުވެރި ބޭކަލަކު ކަމުގައިވާތީއެވެ. އެހެންނާ ލޮބުވެތި ސިއްތުނާ ފާޠިމަތުގެ ފާނަކީ މާތް ނަބިއްޔާގެ ދަރިކަނބަލުން ކަމުގައި ވެފައި ވާރުތަވެރިކަމުގައި އެންމެ އައުލާ އެންމެ ޙައްޤު ފަރާތެވެ. މުސްލިމުން މިޒިއްމާ އެކަލޭގެފާނާ ޙަވާލުކުރީ ފަހަރެއްގައި ވެސް އެއުރެންގެ ހިތުގައި ފާޠިމަތުގެފާނުންގެ މައްޗަށް އޮތް ލޯބީގެ ކުޑަކަމަކުންނޫނެވެ. އަދި ޢިލްމުގެ ގޮތުންނާއި ޢަދުލުވެރިކަމުގެ ގޮތުން އެކަމަނާގެ ދަރަޖަ ދަށްވާތީއެއް ވެސް ނޫނެވެ. ދީނުގެ ހުރިހާ ފިޤުހުވެރިން މިކަމުގައި އެންމެ ޙައްޤުވެރީ އަބޫބަކުރުގެފާނު ކަމުގައި އެއްބަސްވެ ވަޑައިގަންނަވާއިރު އެބޭކަލުން ކީރިތި ރަސޫލާގެ އަރިހުން ލިބިވަޑައިގަންނަވާނެ ވާރުތައިގެ މިލްކުވެރިއަކީ ފާޠިމަތުގެފާނުކަމުގައި ޝައްކެއް ނުކުރައްވައެވެ. އަދި އެބޭކަލުންގެ ހިތްޕުޅުގައި އެކަމަނާއަށް ދެވިފައިވާ ލޯބީގެ މިންވަރު ޒައްރާއެއް ކުޑަވެގެންވެސް ނުދެއެވެ. އަދި އެބޭކަލުން އެކަމަނާއަށް އެހާމެ ޤަދަރާއި ޢިއްޒަތް ދެއްވާމެއެވެ. އެބޭކަލުން ޢަމަލު ކުރެއްވީ އިތުރު އެކަލޭގެފާނުގެ އަރިހުން ޞައްޙަ މަގުން އައިސްފައިވާ ޙަދީޘުފުޅަށެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. "އެބައެއްގެ ވެރިކަން އަންހެނަކާ ޙަވާލުކޮށްފި ބައަކަށް ކާމިޔަބީއެއް ނުވެއެވެ." އެހެންކަމުން ކީރިތި ރަސޫލާގެ އަރިހުން ފާޠިމަތުގެފާނަށް ލިބިވަޑައިގަންނަވަންޖެހޭ ވާރުތައެއް އެކަމަނާއަށް ލިބިވަޑައިނުގަތުމާއި އަދި އެކަމަނާ އެކަމުގެ ޝަކުވާވެސް ނުކުރެއްވުމާއި އިސްލާމީ އުއްމަތުގެ މީހުން މިކަން އަބޫބަކުރުގެފާނާ ޙަވާލުކުރެއްވުން ސާބިތުކޮށްދެނީ މިކަމުގައި ހުރި ޢަދުލު އިންޞާފުގެ ބޮޑުކަމެވެ.
އަލްއިމާމު އިބްނު ޙަޖަރު އަލް ޢަސްޤަލާނީ:
ބުޚާރީގެ ޝަރަޙަ "فتح البارى" ގައި އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. އިމާމް ޚައްޠާބީ މިޙަދީޘާ މެދު ވިދާޅުވެފައި ވެއެވެ. އަންހެނާއަށް ވެރިކަމާއި ފަނޑިޔާރުކަން ކުރުމެއް ނޯވެއެވެ. އަދިވެސް ޚައްޠާބީ ވިދާޅުވެފައި ވެއެވެ. އަންހެނުންނަށް ވެރިކަން ކުރުމާއި ފަނޑިޔާރުކަން ކުރުމުގެ މައްސަލައަށް ބަލާއިރު ޖުމްހޫރު ދަންނަބޭކަލުންގެ ބަސްފުޅަކީ އެދެކަމަކީ އޭނާއަށް މަނާކަމެއް ކަމެވެ.
އިމާމު އައްނައިސާބޫރީ:
"الإجماع" ކިއުނު ފޮތުގައި ލިއުއްވާފައި ވެއެވެ. ދަންނަބޭކަލުން އިޖްމާޢުވާ ގޮތުގައި އެކަނބަލުންގެ ހެކިބަސް ހައްދު ޤާއިމުކުރެވޭ އެއްވެސް ތަނެއްގައި ޤަބޫލެއް ނުކުރެވޭނެއެވެ.
ޢައްލާމާ ޞަންޢާނީ:
ބުލޫޣުލްމަރާމުގެ ޝަރަޙަ "سبل السلام" ގައި "لن يفلح قوم..." މިޙަދީޘު ބަޔާންކުރެއްވުމަށް ފަހު މިފަދައިން ލިއުއްވާފައި ވެއެވެ. ޙަދީޘުން އަންގަވާ ގޮތުގައި އަންހެނާއަކީ އޭނާގެ ފިރިމީހާގެ ގޭގެ ވެރިޔާކަމުގައި ވީކަމުގައި ވިއަސް، މިޙަދީޘުން ސާބިތުކޮށް ދެނީ މުސްލިމުންގެ ޢާއްމު އެއްވެސް ޙުކުމެއް ކުރުމުގައި އަންހެނަކު އިސްވުން ހުއްދަނުވާނެ ކަމެވެ. އަދިވެސް އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާ ޙަދީޘުކުރައްވާފައި ވެއެވެ. "އަންހެނަކަށް އަންހެނެއްގެ ކައިވެނިކޮށެއް ނުދެވޭނެއެވެ. އަދި އަންހެނަކަށް އޭނާގެ އަމިއްލަ ކައިވެނިވެސް ނުކުރެވޭނެއެވެ." މިޙަދީޘުން ސާފުކޮށް ދޭހަވަނީ އަންހެނާއަށް އޭނާގެ ކައިވެނި ކަމުގައި ވިއަސް އަދި އެނޫން މީހެއްގެ ކައިވެނި ކަމުގައި ވިޔަސް ކައިވެނި ޢަޤުދު ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމެވެ.
ޢައްލާމާ އަބުލްޢަލީ އަލްމުބާރަކުފޫރީ:
ތިރުމިޛީގެ ޝަރަޙަ "تحفة الأحوذى" ގައި އިމާމު ޚައްޠާބީ ވިދާޅުވި ބަސްފުޅު ނަގުލު ކުރައްވާފައި ވެއެވެ. އަދި އަންހެނުންނަށް ވެރިކަން ކުރުމާއި ފަނޑިޔާރުކަން ކުރުން މަނާވުމުގެ ބަސްފުޅަކީ ޖުމްހޫރު ދަންނަބޭކަލުންގެ ބަސްފުޅު ކަމުގައި ބަޔާންކުރައްވާފައި ވެއެވެ.
ޢައްލާމާ އަލްޤަރާފީ:
"الذخيرة" ގައި މިފަދައިން ވިދާޅުވެފައި ވެއެވެ.
އެއްވެސް ޒަމާނެއްގައި އަންހެނަކު ފަނޑިޔާރުކަން ކޮށްފައިވާ ވާހަކައެއް އަޑުއިވިފައެއް ނޯވެއެވެ. އަދި މިއީ މިކަމުގައި އޮތް އިޖްމާއެކެވެ. އަދި މިއީ މުސްލިމް ނޫން މީހުންގެ މަގެކެވެ. އަދި ޤައުމުގެ އެއްމެ އިސް ވެރިކަމުގެ މައްޗަށް އޮތް ޤިޔާސް ކުރުމެކެވެ.
ފަޟީލަތުއް ޝައިޚު ސައްޔިދު ސާބިޤު:
މިހާރުގެ މަޝްހޫރު އަތްމަތީ ފިޤުހުފޮތް "فقه السنة" ގައި ވިދާޅުވެފައި ވެއެވެ. ކާފަރެއްގެ ފަނޑިޔާރުކަމެއް ޞައްޙަ ނުވާ ހުއްޓެވެ. އަދި ކުޑަކުއްޖެއްގެ ވެސް މޮޔަމީހެއްގެ ވެސް ފާސިގެއްގެ ވެސް އަންހެނެއްގެ ވެސް ފަނޑިޔާރު ކަމެއް ހުއްދަވެގެނެއް ނުވެއެވެ. އެއީ ޙަދީޘުން މިކަން މިގޮތަށް ސާބިތުވާތީއެވެ. ޤައުމުގެ އިސްވެރިކަން މިއަށް ވުރެން އައުލާކަން ބޮޑެވެ. މިކަލިބެނީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުއްނަތުންނެވެ. އަދި އަޞްޙާބު ބެއިކަލުންނާއި ސަލަފުގެ ޢަމަލުންނެވެ.
ފަޟީލަތުއްޝައިޚު މުޙައްމަދު ޞިއްދީޤު ޚާން އަލްޤަނޫޖީ:
"الروضة الندية شرح الدرر البهية" ގައި ކައިވެނީގެ ވަލީގެ މައްސަލާގައި އެއާ ބެހޭ ޙަދީޘުތަކުގެ ދަށުގައި ލިއުއްވާފައި ވެއެވެ. ކައިވެނީގައި އެއަންހެނެއްގެ ވަލީވެރިއެއް ނެތް މީހެއްގެ ވަލީވެރިއަކީ ވެރިމީހާއެވެ. މިކަން ސާބިތުވެފައިވަނީ ޞައްޙަ ޙަދީޘުންނެވެ. ޙަދީޘުގައި އައިސްފައި ވެއެވެ. "ވަލީވެރިންގެ ލިސްޓު މައްޗަށް ގޮސް އެމީހެއްގެ ވަލީއަކު ނެތްމީހެއްގެ ވަލީވެރިއަކީ ވެރިމީހާއެވެ. އިމާމް ޝާފިޢީ ވިދާޅުވެފައި ވެއެވެ. ގާތް ވަލީވެރިޔާގެ ވަލީ ލިބިގެން މެނުވީ އަންހެނެއްގެ ކައިވެނި އަޤުދު ނުކުރެވޭ ހުއްޓެވެ. އެމީހަކު ނެތްކަމުގައި ވަނީނަމަ ދުރު ވަލީވެރިއެއްގެ ބަސް ފުދޭނެއެވެ. އަދި އެފަދަ މީހަކު ވެސް ނެތިއްޖެ ޙާލަތެއްގައި ވެރިމީހާގެ ވަލީވެރިޔާއެވެ. މިހެނީ އަންހެނާގެ ވަލީވެރިއަކު ނެތިއްޖެ ހާލަތެއްގައި އޭނާގެ ވަލީވެރިއަކީ ވެރިޔާއެވެ. އެހެންކަމަށް ވާއިރު އެއަންހެނާ އަމިއްލައަށް އޭނާގެ ވަލީވެރިއަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ ޚުދް އޭނާއަކީ އަމިއްލައަށް ތިމާގެ ކައިވެނި ވެސް ނުކުރެވޭނެ މީހެއްކަމުގައި ޙަދީޘުގައި އައިސް ފައި އެބަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!