ހިޖުރީ އައު އަހަރެއް ފެށުމަކީ ތިމާއަށް ކުރެވުނު ކަންކަމާމެދު ފުންކޮށް ވިސްނައި، ނަފްސު ހިސާބުކުރުމަށް ލިބޭ އަގުހުރި ފުރުޞަތެއް ކަމަށް ދީނީ އިލްމުވެރިޔާ ސައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

މާދަމާ އިސްލާމީ އައު އަހަރެއް ފެށުމާ ގުޅިގެން ސައިޚް މިހެން ވިދާޅުވީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ސައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވީ، ހިޖުރީ އަހަރެއް ނިމި އައު އަހަރެއް ފެށުމަކީ، އެކަމަށްޓަކައި ޝަރުޢީގޮތުން ޚާއްޞަ މާތްކަމެއް ނުވަތަ ވަކި ޚާއްޞަ އަޅުކަމެއް ކަނޑައެޅިފައިވާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، އަހަރު ނިމުމާ ނުވަތަ ފެށުމާ ގުޅުވައިގެން ވަކި ޚާއްޞަ ދުޢާއެއް ނުވަތަ އަޅުކަމެއް ކުރުމަކީ ދީނުގައި ސާބިތުވާ ކަމެއް ނޫންކަން ސައިޚް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، މިއީ ފާއިތުވެދިޔަ ދުވަސްތަކުގައި ތިމާއަށް ކުރެވުނު ކަންކަމާމެދު ފުންކޮށް ވިސްނައި، ނަފްސު ހިސާބުކުރުމަށް ލިބޭ އަގުހުރި ފުރުޞަތެއްގެ ގޮތުގައި ސެއިޚް ސިފަކުރެއްވިއެވެ. ޚާއްޞަކޮށް ފާއިތުވެދިޔަ ހެޔޮ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ނުހިފުނީތީ އެކަމާ ހިތާމަކޮށް، ކުރިއަށް އޮތް އަހަރު ހެޔޮ ޢަމަލުތައް އިތުރުކުރުމަށް އައު ޢަޒުމެއް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށްވެސް ސެއިޚް ވިދާޅުވިއެވެ.

މާދަމާއަކީ އިސްލާމީ އައު އަހަރު ކަމަށްވާ 1448 ވަނަ އަހަރު ފެށޭ ދުވަހެވެ.