ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ސައޫދީ އަރަބިއްޔާގެ ޝައިޚް އާސިމް އަލް ހަކީމް ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފިއެވެ.

"ދަ ޓްރެވަލާ" ގްރޫޕުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ އަށް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ދަތުރުފުޅެކެވެ.

Ad
rt

މި ދަތުރުފުޅުގައި ސައިޚް ރާއްޖޭގެ ފަސް ސިޓީއެއްގައި ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އެވެ. މި ދަރުސްތަކުގެ ތެރެއިން އެންމެ ފުރަތަމަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވާ އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައެވެ.

މި ދަރުސްތަކުގައި ބައިވެރިވާ އާންމުންނަށް ޝައިޚާ ސުވާލުކުރުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވާނެއެވެ.

ޝައިޚް އާސިމް އަލް ހަކީ އަކީ ކޮން ބޭފުޅެއް؟

ޝައިޚް އާސިމް އަލް ހަކީމަކީ އިނގިރޭސި ބަހުން ދީނީ ދަރުސް ދެއްވާ ދުނިޔޭގެ އެންމެ މަޝްހޫރު އިލްމުވެރިންގެ ތެރެއިން އެކެކެވެ. ސީދާސާދަ އަދި ބައެއް ފަހަރު މަޖާޒީ ގޮތަކަށް ވާހަކަދެއްކެވުމަށް މަޝްހޫރު މި ޝައިޚަކީ، ދީނީ އުނދަގޫ މަސްއަލަތައް ފަސޭހައިން ދޭހަވާނެހެން ކިޔައިދެއްވުމުގެ ސަބަބުން ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.

1962 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ އަލް-ޚޯބަރަށް އުފަންވި އާސިމް އަލް-ޙަކީމް ވަނީ ކިންގް އަބްދުލްއަޒީޒް ޔުނިވަރސިޓީން ލިންގުއިސްޓިކްސްއިން ބީ.އޭ ހާސިލްކުރައްވާފައެވެ. އަދި މައްކާގެ އުއްމުލް ގުރާ ޔުނިވަރސިޓީން އިސްލާމިކް ސްޓަޑީޒްއިން ހަޔަރ ޑިޕްލޮމާ ހާސިލްކުރެއްވިއެވެ. ވޭތުވެދިޔަ 20 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ގެންދަވަނީ ޖިއްދާގެ މިސްކިތެއްގައި އިމާމުވެ ހުކުރު ޚުތުބާ ދެއްވައި ދަރުސްތައް ދެއްވަމުންނެވެ.

ޝައިޚް އާސިމަކީ ސޯޝަލް މީޑިއާ، ހާއްސަކޮށް ޓިކްޓޮކް އަދި ޔޫޓިއުބްގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. ސުވާލުކުރާ މީހާގެ ގާތުގައި "ބުއްދީގެ ބޭނުންކުރުމަށް" ބުނެލާ ބުނުމަކީ އޭނާގެ މަޝްހޫރު އެއް ސިފައެވެ. މީގެ އިތުރުން ކްރިޕްޓޯކަރަންސީ އާއި ސޯޝަލް މީޑިއާގެ އަދަބުތަކާ ގުޅޭ ޒަމާނީ މަސްއަލަތަކަށް އޭނާ ދެއްވާ ޖަވާބުތައް ގިނަ ބައެއްގެ ސަމާލުކަން ހޯދައެވެ.

އޭނާގެ ދަރުސްތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ތައުހީދާއި، ފިގުހު އިލްމާއި، އިސްލާމްދީނާ މެދު އުފެދިފައިވާ ކުށްހީތައް ސާފުކޮށްދިނުމުގެ މައްޗަށެވެ. ޚާއްސަކޮށް އޭނާގެ "އާސްކް ޒާދު" ސެޝަންތަކަކީ ވަރަށް މަގުބޫލު ސެޝަންތަކެކެވެ. މި ސެޝަންތަކުގައި ކައިވެންޏާއި، މާލީ މުއާމަލާތްތަކާއި، ތަހާރަތާ ގުޅޭގޮތުން ބެލުންތެރިން ފޮނުވާ ސުވާލުތަކަށް ވަރަށް އަވަސް އަދި ސީދާ ޖަވާބުތައް އޭނާ ދެއްވައެވެ.