އދ. ގެ ތަޢުލީމީ، ސައިންޓިފިކް އަދި ސަގާފީ ޖަމްޢިއްޔާ (ޔުނެސްކޯ) ގެ މަތީ ތަޢުލީމާ ގުޅޭ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ރާއްޖެއިން ބައިވެރިވުމަށް ނިންމާފައިވާ ދެ މުއާހަދާއަކީ "އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް އިން ހަޔަރ އެޑިއުކޭޝަން" (ޓޯކިޔޯ ކޮންވެންޝަން) އަދި "ގްލޯބަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް ކޮންސަރނިންގ ހަޔަރ އެޑިއުކޭޝަން" އެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މި ހިނގާ މަހުގެ 1 ވީ އާދިއްތަ ދުވަހު ބޭއްވި އެ މަޖިލީހުގެ ޖަލްސާގައެވެ. މި ނިންމެވުން ނިންމަވާފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހުގެ މައްޗަށް މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމެކެވެ. އެހެންކަމުން، މި ދެ މުއާހަދާގައި ބައިވެރިވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
މި ދެ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން ޔުނެސްކޯއިން ވަނީ "ނޭޝަނަލް އެސެސްމަންޓް އޮފް ދަ ބެނެފިޓްސް އެންޑް އިމްޕްލިކޭޝަންސް އޮފް ރެޓިފައިންގ ދަ ގްލޯބަލް ކޮންވެންޝަން އެންޑް ޓޯކްޔޯ ކޮންވެންޝަން" ގެ ނަމުގައި ޤައުމީ ފެންވަރުގެ އެސެސްމަންޓެއްވެސް ހަދާފައެވެ. މީގެއިތުރުން، މިކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދުމަށްޓަކައި ޔުނެސްކޯއާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގުޅިގެން ޚާއްޞަ މިޝަނެއް ކުރިއަށްގެންގޮސްފައިވާއިރު، ދާއިރާގެ އެކި ފަރާތްތައް ހިމެނޭގޮތަށް ފޯކަސް ގްރޫޕް ބައްދަލުވުންތަކެއްވެސް ވަނީ ބާއްވާފައެވެ.
ޔުނެސްކޯގެ އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ދެ މުއާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ ރާއްޖޭގެ މަތީ ތަޢުލީމީ ދާއިރާ ބައިނަލްއަޤްވާމީ ފެންވަރަށް ގެންދިއުމަށް ފަސޭހަވެގެންދާނެ ކަމެކެވެ. ހަމައެއާއެކު، ރާއްޖެއިން ބޭރުގެ ދަރިވަރުންނާއި މުވައްޒަފުން ރާއްޖެއައުމަށް ފަސޭހަވެގެންދާނެ ކަމަށާއި، ބޭރަށް ދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް ރާއްޖެއިން ބޭރަށް ގޮސް ކިޔެވުމަށްފަހު ބޭރުގެ ސަނަދަކާއެކު ރާއްޖެއަށް އެނބުރި އައުމުގެ ފުރުޞަތު ފަހިވެގެންދާނެކަންވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!