އިންގްލިޝް ލީގު ކަޕްގެ 66 އަހަރުވީ ތާރީޚުގައި ފެނުނު އެންމެ ބޮޑު ސިހުމަކާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން އާސެނަލް، ހަތަރުވަނަ ޑިވިޝަނުގައި ވާދަކުރާ ފްލީޓްވުޑް ޓައުން އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ މުބާރާތުގެ ގަދަ 16 އިން އަންގާރަ ދުވަހު ކަޓައިފިއެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވިތާ ފަސް މަސް ފަހުން އާސެނަލަށް އަނެއްކާވެސް މިވަނީ ޕެނަލްޓީ ޝޫޓްއައުޓެއްގައި ހިތްދަތި ނަތީޖާއަކާ ކުރިމަތިލާން ޖެހިފައެވެ. މި މެޗު ކުޅެފައިވަނީ އާސެނަލްގެ ކުރީގެ ސްޓޭޑިއަމާ އެއް ނަމެއް ކިޔާ، 5،300 މީހުންގެ ޖާގައިގެ ހައިބަރީ ސްޓޭޑިއަމްގައެވެ.
އިނގިރޭސި ފުޓްބޯޅަ ޕިރަމިޑުގައި އާސެނަލްއަށް ވުރެ 84 ދަރަޖަ ދަށުގައި އޮތް، އަދި ލީގު ޓޫގެ 18 ވަނައިގައި އޮތް ފްލީޓްވުޑުން ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި އެ ޓީމުން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށް 5-3 އިން މޮޅުވެފައެވެ. ޝޫޓްއައުޓްގައި ނާކާމިޔާބުވި ހަމައެކަނި ޕެނަލްޓީއަކީ އާސެނަލްގެ ބްރޫނޯ ގިމަރާއެސް ފޮނުވާލުމުން ފްލީޓްވުޑްގެ ގޯލްކީޕަރު ޖޭ ލިންޗް ދިފާއުކުރި ޕެނަލްޓީއެވެ. ފްލީޓްވުޑް މޮޅުވި ޕެނަލްޓީ ކާމިޔާބުކުރީ ކޮނޯ ހޯހީއެވެ. އެއާއެކު އުފާފާޅުކުރުމަށްޓަކައި އެ ޓީމުގެ ސަޕޯޓަރުން ވަނީ ދަނޑު މައްޗަށް އަރައިގަނެފައެވެ. މި މުބާރާތުގެ މި ހިސާބަށް ފްލީޓްވުޑް މީގެ ކުރިން ދުވަހަކުވެސް ދަތުރުކޮށްފައެއް ނުވެއެވެ.
ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި ފުލަމް އިން ލޯނު އެއްބަސްވުމެއްގެ ދަށުން ފްލީޓްވުޑަށް ކުޅެމުން އަންނަ ފޯވާޑް އާރޮން ލޫޕާލޯ-ބީ ވަނީ ލަނޑު ޖަހައި އެ ޓީމަށް ކުރިހޯދައިދީފައެވެ. ނަތީޖާ އަނބުރާލުމަށްޓަކައި ދެވަނަ ހާފު ފެށުމުގެ ގޮތުން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ކުޅެން އެރިއިރު، 50 ވަނަ މިނެޓުގައި އެ ޓީމަށް އެއްވަރުކޮށްދިނީ ވިކްޓަ ގިޔޮކެރެސްއެވެ. ނަމަވެސް، މެޗުގެ 85 ވަނަ މިނެޓުގައި އާސެނަލްގެ އުމުރުން 16 އަހަރުގެ މެކްސް ޑައުމަންއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެއީ އޭނާއަށް ޓެކުލްކޮށް ވައްޓާލި ކުޅުންތެރިޔަކަށް ފައިން ހަމަލާދިނުމާ ގުޅިގެންނެވެ. ޑައުމަން ދަނޑުން ފައިބައިގެން ދިޔަ ވަގުތު ކޯޗު މިކޭލް އާޓެޓާ އޭނާއަށް ނުރުހުން ފާޅުކުރި މަންޒަރު ފެނިގެންދިޔައެވެ.
މެޗަށް ފަހު ވާހަކަދައްކަމުން އާޓެޓާ ބުނީ މިއީ ވަރަށް ދެރަ ދުވަހެއް ކަމަށެވެ. ޑެކްލަން ރައިސް، ގެބްރިއަލް އަދި ޑޭވިޑް ރާޔާ ފަދަ މުހިންމު ކުޅުންތެރިން ޓީމުގައި ނުހިމެނި ނަމަވެސް، އޭނާ ނެރުނީ ބައިނަލްއަގުވާމީ ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ވަރުގަދަ ލައިނަޕެކެވެ. އާޓެޓާ އިތުރަށް ބުނީ، މޮޅުވުމަށް ކުރި މަސައްކަތާއި އަޒުމުގައި އެއްވެސް މައްސަލައެއް ނެތް ނަމަވެސް އެހެން ކަންތައްތަކެއް ޓީމުން މަދުވި ކަމަށެވެ. ފްލީޓްވުޑްގެ މެނޭޖަރު މެޓް ލޯލާ ބުނީ މިއީ ކްލަބުގެ ތާރީޚުގައި ވެސް އެންމެ ބޮޑު ރޭ ކަމަށާއި، ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ބަލިކުރެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ޕެނަލްޓީ ދިފާއުކުރި ކީޕަރު ޖޭ ލިންޗް ބުނީ، މިދިޔަ ސީޒަނުގައި ހަތަރުވަނަ ޑިވިޝަނުގެ ގްރިމްސްބީން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރި މެޗުން އެ ޓީމަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ.
މެޗުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި އާސެނަލުން ހިލޭ ޖެހުމެއް ޖަހަން ތައްޔާރުވަނިކޮށް، ދަނޑުމަތީގައި ޑްރޯނެއް އުދުހެމުން ދިޔުމުގެ ސަބަބުން ރެފްރީ ވަނީ ކުޅުން މެދުކަނޑާލާފައެވެ. މި ހާދިސާއާ ގުޅިގެން ރެފްރީ ވަނީ ސްޓޭޑިއަމްގެ ސޭފްޓީ އޮފިސަރާއި ދެ ޓީމުގެ މެނޭޖަރުން އަދި ބައެއް ކުޅުންތެރިންނާ ވާހަކަދެއްކުމަށްފަހު، އަށް މިނެޓުގެ މެދުކެނޑުމަކަށް ފަހު އަލުން ކުޅުން ފަށާފައެވެ. އަނެއްކޮޅުން، ޕެނަލްޓީ ނާކާމިޔާބުވި ގިމަރާއެސް ވަނީ މިދިޔަ ހޫނުމޫސުމުގައި ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 ގައި ނޯވޭ އަތުން ބްރެޒިލް ބަލިވި މެޗުގައި ވެސް ޕެނަލްޓީއެއް ބޭކާރުކޮށްލާފައެވެ.
އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގެ އައްސޭރިފަށުގެ ރަށަކަށް ނިސްބަތްވާ ފްލީޓްވުޑަކީ މަޝްހޫރު ފޯވާޑް ޖޭމީ ވާޑީ 2012 ގައި ލެސްޓާ ސިޓީއަށް ބަދަލުވުމުގެ ކުރިން ވިދާލި ކްލަބެވެ. އެ ކްލަބުގެ ކުރީގެ ވެރިޔާ އެންޑީ ޕިލީ ވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގައި 2023 ގައި 13 އަހަރަށް ޖަލަށް ލާފައެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލުން ތިންވަނަ ޑިވިޝަނުގެ ބްރެޑްފޯޑް ސިޓީ ވެސް ވަނީ ޕީޓަބަރާ 2-0 އިން ބަލިކޮށް ޖާގަ ހޯދާފައެވެ. ބްރެޑްފޯޑަކީ 2013 ވަނަ އަހަރު ހަތަރުވަނަ ޑިވިޝަނުގައި އޮވެ އާސެނަލް ކަޓުވާލުމަށްފަހު ފައިނަލަށް ދަތުރުކުރި ޓީމެކެވެ. މުބާރާތުގެ ގަދަ 16 ގެ އިތުރު މެޗުތައް ބުދަ އަދި ބުރާސްފަތި ދުވަހު ވެސް ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!