ހއ. ހޯރަފުށީގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ވިޔަފާރިތަކާއި ޚިދުމަތްތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި، އެ ރަށުން އެ ކުންފުންޏަށް 6,700 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކޮށްފިއެވެ.

މި ބިން އެސްޓީއޯއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ ހޯރަފުށީ ކައުންސިލާއި އެސްޓީއޯއާ ދެމެދު ވެވުނު ކުލީގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އެ ބިން އެ ކުންފުންޏަށް ދޫކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

Ad
rt

ހޯރަފުށީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ދެ ފަރާތުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2031 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހަށެވެ.

އެސްޓީއޯ އަށް މި ބިން ކުއްޔަށް ދޫކުރުމުގެ މައިގަނޑު މަޤުޞަދަކީ އެ ރަށުގައި އެ ކުންފުނީގެ ވިޔަފާރިތަކާއި ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކުރިއެރުވުމަށް މަގުފަހިކުރުން ކަމުގައި ވެސް އެ ރަށު ކައުންސިލުން ބުނެފައިވެއެވެ.

މީގެއިތުރުން ހޯރަފުށީ ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ބޭނުންވާ މުދަލާއި ތަފާތު ޚިދުމަތްތައް ކުރިއަށް ވުރެ ފަސޭހަކަމާއެކު ލިބިގެންދާނެ މަގު ތަނަވަސްވެގެންދާނެއެވެ.

ހޯރަފުށީގައި ވިޔަފާރީގެ އެކި ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން، ދާދި ފަހުން ވެސް އެ ރަށު ކައުންސިލުން ވަނީ ރަށުގެ ބަނދަރު ސަރަޙައްދުން ވިޔަފާރި އުޞޫލުން ތިން ބިމެއް ކުއްޔަށް ދޫކޮށްފައެވެ.