ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެ، މެންޗެސްޓާ ސިޓީން މި ސީޒަނުގައި ދަމަހައްޓަމުން އައި ފުރިހަމަ ރެކޯޑަށް ނިމުމެއް އަތުވެއްޖެއެވެ.
ވިލާ ޕާކުގައި ކުޅުނު މި މެޗުގައި ނިކޮލަސް ޖެކްސަން ކާމިޔާބުކުރި ދެ ލަނޑާއެކު އެސްޓަން ވިލާއިން މޮޅުވިއިރު، މިއީ ޕްރިމިއާ ލީގުގައި ސިޓީ ވިދިވިދިގެން ވިލާ ޕާކުގައި ބަލިވި ހަތަރުވަނަ ސީޒަނެވެ. އާ ކުލަބަކާ ހަވާލުވެ، ލީގުގެ ފުރަތަމަ ހަތް މެޗު ކާމިޔާބުކުރި ފުރަތަމަ ކޯޗުގެ ރެކޯޑު ހޯދި އެންޒޯ މަރެސްކާއަށް ވިލާގެ ދަނޑުގައި ދިމާވި މި ގޮންޖެހުމަށް ހައްލެއް ހޯދައިނުދެވުނެވެ.
މެޗު ފެށިގެން އެންމެ ހަ މިނެޓުގެ ތެރޭގައި ޖެކްސަން ވަނީ ވިލާއަށް ލީޑު ނަގައިދީފައެވެ. މާކް ގުއޭހީ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި، އެލިއަޓް އެންޑަސަން ކައިރިން ނައްޓާލުމަށްފަހު ޖެކްސަން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ކީޕަރު ޖިއާންލުއިޖީ ޑޮންނަރުއްމާގެ މަތީ ކަނަށެވެ. އެއަށްފަހު ފުރަތަމަ ހާފުގެ ބާކީ ބައިގައި ސިޓީން މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ވިލާގެ ގޯލްކީޕަރު ޒިއޯން ސުޒުކީ ވަނީ ހުށިޔާރުކަމާއެކު ގިނަ ބޯޅަތަކެއް ދިފާއުކޮށްފައެވެ. މިގޮތުން އިލިމާން އެންޑިއާޔޭ، ރަޔާން ޗެރްކީ އަދި އަބްދުކޮދިރް ހުސަނޯވް ފޮނުވާލި ނުރައްކާތެރި ހަމަލާތައް ސުޒުކީ ހުއްޓުވިއިރު، އެންޑިއާޔޭ ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް ވެސް އަމާޒުވިއެވެ.
ސިޓީން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ ފެނުނީ ދެވަނަ ހާފު ފެށިގެން 52 ވަނަ މިނެޓުގައެވެ. އެންޑިއާޔޭ ނަގައިދިން ހުރަހަކުން އާލިން ހާލަންޑް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ މި ސީޒަނުގައި އޭނާ ކުޅުނު 10 މެޗުން ޖެހި 13 ވަނަ ލަނޑެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޔޮޝްކޯ ގްވާޑިއޯލް ފޮނުވާލި ވަރުގަދަ ހަމަލާއެއް ކީޕަރު ސުޒުކީ މަތަކުރުމުން އެ ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.
ސިޓީން ލީޑު ނެގުމަށް ކުރިއަށް ޖެހިގަނެގެން އުޅެނިކޮށް، މެޗުގެ 60 ވަނަ މިނެޓުގައި ވިލާއިން ވަނީ ދެވަނަ ފަހަރަށް ލީޑު ހޯދާފައެވެ. ސިޓީގެ ޑިފެންސް ފަހަތަށް ވައްޓާލި ބޯޅައެއް ހޯދައި އިބްރާހިމް އެމްބާޔޭ ނަގައިދިން ހުރަހަކުން މި ލަނޑު ޖަހައިދިނީ ޖެކްސަންއެވެ. ދަށްކޮށް އައި މި ބޯޅަ ޑޮންނަރުއްމާއަށް ދިފާއުކުރެވޭނެ ފުރުސަތު އޮތް ނަމަވެސް، ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ. މެޗުގެ ފަހު ވަގުތުތަކުގައި ވެސް ސިޓީން ނަތީޖާ އެއްވަރުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.
ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗު ކާމިޔާބުކޮށް، މި މޮޅާއެކު އެސްޓަން ވިލާ ވަނީ ތާވަލުގެ ހަވަނައަށް ޖެހިލާފައެވެ. އުނައި އެމެރީ އެ ކުލަބާ ހަވާލުވިތާ ހަތަރު އަހަރު ވެފައިވާއިރު، އޭނާ ވަނީ ވިލާއަކީ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ވަރުގަދަ ބާރަކަށް ހަދާފައެވެ. ނިމިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ކާމިޔާބުކުރި މެޗު ފެށި އެގާރައިން ހަ ކުޅުންތެރިން ޓްރާންސްފާ ބާޒާރުގައި ޓީމު ދޫކޮށް ދިޔަ ނަމަވެސް، އަލަށް ގެނައި ޖެކްސަން، ސުޒުކީ، އެމްބާޔޭ އަދި ޔޯހަން މަންޒަމްބީ ފަދަ ކުޅުންތެރިންގެ ފަރާތުން މިހާރު ދަނީ އުއްމީދީ ކުޅުމެއް ފެންނަމުންނެވެ.
އިނގިރޭސި ލީގު 10 ފަހަރު ކާމިޔާބުކޮށްފައިވާ ސިޓީއާ ދެކޮޅަށް 2009 އިން 2018 އަށް މާލީ ގަވާއިދުތަކާ ހިލާފުވި ކަމަށް ބުނެ 100 އަށް ވުރެ ގިނަ ތުހުމަތު ސާބިތުވެ، ރެލިގޭޓްވުން ފަދަ ހަރުކަށި އަދަބުތަކަކާ ކުރިމަތިލާން ޖެހިދާނެތީ އެ މައްސަލަ އިސްތިއުނާފު ކުރަމުންދާ ދަނޑިވަޅެއްގައި، މައިދާނުގައި އެކަމުގެ އަސަރު މާބޮޑަށް ފެނިފައެއް ނުވެއެވެ. ނަމަވެސް މި މެޗުގައި ހެދުނު ދިފާއީ ދެ ގޯހެއްގެ ސަބަބުން ސިޓީއަށް ބަލިވުމާ ކުރިމަތިލާން ޖެހުނެވެ. މި ބައްޔާއެކު، ހޮނިހިރު ދުވަހު ފަހުން އެވަޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗު ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު އާސެނަލަށް މިހާރު ވަނީ ތަނަވަސްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!