ހއ. ތަކަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "މުއައްސަސާ ކަޕް 2026" އަންހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެ ރަށުގެ މުއައްސަސާތަކަށް ހުޅުވާލައިފިއެވެ.

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނީ، މި މުބާރާތަކީ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، މުޖުތަމަޢުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ. އަދި ވާދަވެރިކަމާއެކު ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާނެ ފަދަ ޙަރަކާތެއް ހިންގުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މައިގަނޑު އެއް ބޭނުން ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

Ad
rt

ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ވާ ބުދަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ މި މުބާރާތް ހުޅުވާލެވިފައިވަނީ ތަކަންދޫއަށް ނިސްބަތްވާ މުއައްސަސާތަކުގެ ނަމުގައި ނަގާ އަންހެން ވޮލީ ޓީމުތަކަށެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން ޓީމު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމާއި، ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރުމަށްފަހު ހުށަހަޅަންޖެހެއެވެ. މި ފޯމުތައް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި އޮކްޓޯބަރު މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

މުބާރާތުގެ ޤަވާއިދާއި، ޓީމު ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމުގެ އިތުރުން ކުޅުންތެރިންނާއި އޮފިޝަލުން ރަޖިސްޓްރީވުމަށް އެދޭ ފޯމު ތަކަންދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މީގެއިތުރުން ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުންނާއި ވައިބަރ ކޮމިއުނިޓީ މެދުވެރިކޮށް ވެސް މި ލިޔެކިޔުންތައް ލިބެން ހުންނާނެ ކަމަށް އެ އިދާރާއިން ބަޔާންކޮށްފައިވެއެވެ.

ކައުންސިލްގެ ރައީސް ޢަބްދުއްރައްޒާޤު އިބްރާހީމް ސޮއިކުރައްވައި ނެރުއްވި މި އިޢުލާނުގައިވާ ގޮތުން، މި މުބާރާތާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ފޯނު ނަންބަރު 6500034 އަށް ގުޅުމުން މަޢުލޫމާތު ލިބިގެންދާނެއެވެ.