ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މިސްކިތްތައް މަރާމާތުކޮށް، އެ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވެދިނުމުގެ މަޤްޞަދުގައި "އުރީދޫ މަސްޖިދުނާ" އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި ޕްރޮގްރާމަކީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، އެ ކުންފުނީގެ އިޖުތިމާޢީ ޒިންމާ (ސީ.އެސް.އާރު) ގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޚާއްޞަ މަސައްކަތެކެވެ.
މި އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
"އުރީދޫ މަސްޖިދުނާ"ގެ ދަށުން، ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފަސް މިސްކިތެއް މަރާމާތުކުރުމަށް އުރީދޫ މޯލްޑިވްސްއިން ވަނީ އަމާޒުކޮށްފައެވެ. އަދި މި މަސައްކަތްތައް އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ ކުރިންނެވެ.
މިއީ ރާއްޖޭގެ ދީނީ ޢިމާރާތްތަކާއި ވަޞީލަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، ރާއްޖޭގެ އާބާދީތަކުގެ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ފަރާތުން ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި އިނީޝިއޭޓިވްއަކީ ރާއްޖޭގެ އިސްލާމީ އުމްރާނީ ތަރައްޤީ ކުރިއެރުވުމުގައި ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ވުޒާރާއިން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތެކެވެ. މި ގުޅުމުގެ ތެރެއިން، ވުޒާރާއާއި އުރީދޫ މޯލްޑިވްސްގެ މައިގަނޑު އަމާޒަކީ މިސްކިތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެހީތެރިވެދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!