" އަހަރެން ދެން ދިޔަޔަސް އެންމެ ރަނގަޅުތަ؟" އަރޫޝާ ބުނެލިއެވެ.
ދާއިން ބޯ ޖަހާލުމާއެކު އަރޫޝާ ހިނގައިގަތެވެ. ދާއިންގެ ހުއްދަ ނުލިބިގެން އޭނާއަށް ނުދެވިފައި ހުރި ކަހަލައެވެ. އަރޫޝާ މަޑުމަޑުން ގޮސް ކޮޓަރި ދޮރު ހުޅުވާލި ވަގުތަކީ ނަދީމް އެ ހިސާބަށް އަރާ ހަމަވި ވަގުތެވެ. ކުރިއަށް އެޅި ފިޔަވަޅު ވެސް ނަދީމްއަށް އެޅުނީ ފަހަތަށެވެ. އަރޫޝާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އޭރު ނަދީމްގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ.
" ނަދީމް." އަރޫޝާއަށް ބުނެވުނެވެ.
އެ އަޑު އިވި، އެތެރޭގައި ހުރި ދާއިންއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ އަވަސް އަވަހަށް އައިސް އަރޫޝާގެ ފަހަތުގައި ހުއްޓި، ދޮރުމަތީގައި ހުރި ނަދީމްއަށް ބަލައިލިއެވެ.
" ނަދީމްބެގެ އަތަކު ނެތްތަ އަހަންނަށް ހެޔޮވަރުގެ ސޯޓެއް؟ ދޮވެފައި ހުރި އެއްޗެހިތައް އަރޫ ގެނެސްދިނީމަ މި ހަނދާންވީ ސޯޓެއް ނެތްކަން. ދަތުރުމަތީ ޖިންސް ލައިގެން ވަރަށް އުނދަގޫވާނެ. " ދާއިން ބުންޏެވެ.
އޭނާ މަސައްކަތް ކުރީ ހަމަޖެހޭ ގޮތް ދެއްކޭތޯއެވެ. ނުތަނަވަސް ވެފައި ހުރި އަރޫޝާ ވެސް ގަދަކަމުން ހިނިތުންވެލިއެވެ. އަދި އޭނާ އަވަސް އަވަހަށް އެ ކޮޓަރިން ނިކުމެއްޖެއެވެ.
" މާދަމާ ފުރަނީ ދޯ؟ ސޯޓު ހުންނާނެ. ގެނެސްދޭން ވީތަ؟" ނަދީމް ބުންޏެވެ.
ނަދީމް ހަމަޖެހިފައި ހުރުމުން ދާއިންގެ ހިތަށް ލުއިވެގެން ދިޔައެވެ. އޭރު އަރޫޝާ ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ގޮސް އެނދުގައި އިށީނދެ ހެޑް ބޯޑުގައި ލެނގިލީ ތެޅިތެޅި އޮތް ހިތަށް ތަސައްލީއެއް ލިބޭތޯއެވެ. ހަމަ އެވަގުތެވެ. ނަދީމް އައިސް ވަނެވެ. އޭނާ ގޮސް އަަލަމާރިން ސޯޓެއް ނެގުމަށްފަހު އަރޫޝާއަށް ބަލައިލިއެވެ. އެއާއެކު އަރޫޝާ މޫނު އަނބުރާލިއެވެ.
ދާދި ދެންމެއަކު ދާއިން ދެއްކި ވާހަކަތައް އަދިވެސް އޭނާގެ ކަންފަތުގައި ހަރުލައިފައި ހުރި ކަހަލައެވެ. އެތައް ފަހަރަކު އިންތިޒާރު ކުރުމަށް އެދުނު ހަނދާން ވުމުން ހިތަށް އުނދަގޫ ވާން ފެށިއެވެ. އޭނާގެ ހިތުގެ ކެކުޅުން އަހާލާނެ މީހަކު ނެތެވެ. ހިއްސާކޮށްލާނެ އެކުވެރިއަކު ނެތެވެ. ހިތަށް ފަސޭހަ ވެސް ވާނީ ހިތުގައިވާ ޝަކުވާތައް ބޭރު ކުރުމުންކަން އަރޫޝާއަށް އެނގެއެވެ. ނަަމަވެސް އެއީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ނިމުމެއް ނެތް އޭނާގެ ހިތުގެ ޝަކުވާތައް ހާމަ ކޮށްދޭނީ ވެސް ވަކި ކާކަށް ހެއްޔެވެ؟ އެ ބަަރު ހިތާއެކު ދިރިއުޅުން ކަޑައްތު ކުރުން ނޫން ގޮތެއް އޭނާއަށް ނެތްކަން ވެސް އަރޫޝާ ޤަބޫލު ކުރެއެވެ.
އަނެއްކާ ވެސް ނަދީމް އައިސް ވަތްކަން އަރޫޝާއަށް އެނގުނެވެ. ނަަމަވެސް އޭނާ އިން ގޮތަށް އިނީއެވެ.
" ކޮންކަމަކާ ތި ވިސްނަނީ؟" ނަދީމް އެހިއެވެ.
ނަދީމް އިނީ އެނދުގެ ކޮޅުގައެވެ. އަރޫޝާ ނަދީމްއަށް ބަލައިލުމަށްފަހު ދެ ކޮނޑު ހިއްލާލަމުން އާދައިގެ ގޮތަކަށް ހީލިއެވެ.
" ނުވިސްނަން. " އަރޫޝާ ދިނީ ކުރު ޖަވާބެކެވެ.
" ކޯޓު މެދުވެރިކޮށް ވަލީ ހޯދަނީ. ޒައިނާގެ ބައްޕަގެ އެއްވެސް ހަބަރެއް އޭނައަކަށް ނުވޭ!" ނަދީމް ބުންޏެވެ.
" ކޮންމެ ގޮތަކުން ވަލީ ހޯދައިގެން ވެސް ތި ކައިވެނި ކުރެވުނީމައެއްނު ޒައިނާ ވެސް އުފާވާނީ. " އަރޫޝާ ބުންޏެވެ.
އެއާއެކު ނަދީމްއަށް އަރޫޝާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލެވުނެވެ. އޭރު އަރޫޝާއަށް ވެސް އިނދެވުނީ ނަދީމްއަށް ބަލަހައްޓައިގެންނެވެ.
" ހީވަނީ އަހަރެން ޒައިނާއާ ނީނދެގެން އުޅޭހެން. އަހަންނާހެދި އުނދަގޫ ވަނީތަ މިހާރު؟ " އަސަރާއެކު ނަދީމް ބުންޏެވެ.
އެއާއެކު އަރޫޝާ ހީލިއެވެ. އަދި ބޯ ޖަހާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" އުނދަގޫވަނީ ހަމައެކަނި ނަދީމްއާ ހެދިއެއް ނޫން. މި ދުނިޔޭގައި ހުރީތީ ވެސް އަހަރެންގެ އަމިއްލަ ނަފްސަށް އުނދަގޫ ވާ ކަހަލަ. ހިތަށް އަރާ، މަންމައާއި ބައްޕަ ދިޔަ ފަދައިން އަހަރެން ވެސް އަވަހަށް ގެންދަވާނެ ނަމައޭ." އަރޫޝާއަށް ބުނެވުނެވެ.
" ތިހެން ނުބުނޭ! ތިހެން ބުނާކަށް ނުވާނެ. އަހަރެމެންނާ ހަދައިގެން ދުނިޔެ މަތިން ފޫހިވާ ދަރަޖައަށް ދިޔައީތީ އަހަރެން ވަރަށް ދެރަވެއްޖެ. އަހަރެންގެ މަންމައަށްޓަކައި ތިވަރުގެ ބޮޑު ގުރުބާނީއެއް ވަނީ ކީއްކުރަން؟ " ނަދީމް ބުންޏެވެ.
އެއާއެކު އަރޫޝާ ތެދުވެއްޖެއެވެ. އޭރު އޭނާގެ މޫނުމަތީގައި ވަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. އޭނާ ތެދުވި ގޮތަށް ނަދީމްއަށް ފުރަގަސްދިނުމަށްފަހު ދެ އަތް އުރާލިއެވެ.
" އަހަންނަށް ހީވަނީ އަހަރެން މި ބުނާ ވާހަކައިގެ މާނަ ނަދީމް ބަދަލްކޮށްލީހެން. ނޫނީ ނަދީމްއަށް އޮޅުނީ ކަންނޭނގެ. އަހަރެން ނަދީމްއާ ކައިވެނި ކުރީ ނަދީމްގެ މަންމަގެ އެދުމަށްކަމުގައި ވިޔަސް، އޭރު އަހަރެން އެކަން ކުރީ ނަދީމްއާއެކު އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުން ވެގެން. އެކަމަކު ހުރިހާ ކަމެއް ބަދަލްކޮށްލީ ނަދީމް. ނަދީމްއަށް އަހަރެމެންގެ ދިރިއުޅުމުގައި ކުލަ ޖެއްސުނު ނަމަ މިހާރު އަހަރެމެން ދެ މީހުން އުޅޭނީ އުފަލުގައި. އެކަން ހަނދާން ނައްތައި ނުލައްޗޭ!" އަރޫޝާ ބުންޏެވެ.
އޭނާ ނަދީމްއާ ދިމާލަށް ބަލައިލިއެވެ. އޭރު ނަދީމް އިނީ ކަޅި ޖަހައިނުލާ އަރޫޝާއަށް ބަލާށެވެ.
" މިހާރު ހިތަށް އަރާ، އަހަންނަށް އޭރު އެ ގޮތަށް ކަންތައް ނުކުރެވުނު ނަމައޭ! " ނަދީމްއަށް ބޭ އިހްތިޔާރުގައި ބުނެވުނެވެ.
" އަހަރެން ބޭނުމެއް ނޫން ދެން އިތުރަށް މި ބަހުސް ކުރާކަށެއް. އަހަންނަށް ރަނގަޅީ ދެން ވޭތުވެދިޔަ ދުވަސްތަކުގެ ވާހަކަތައް ނުދެއްކިއްޔާ! އަހަރެން އަބަދުވެސް އެދެނީ ނަދީމްއާ ޒައިނާއަށް އުފާވެރި ދިރިއުޅުމަކަށް. އަހަންނަކީ ނަދީމްގެ ޙަޔާތަށް އައި ވަގުތީ މެހެމާނެއް. ފަހަރެއްގައި އަހަރެން ހަމަ ނަދީމްގެ ހަޔާތުން ދުރަށް ވެސް ހިނގައިދާނެ. " އަރޫޝާ އެހެން ބުނެ، ލުއި ގޮތަކަށް ހީލިއެވެ. އިތުރަށް އެއްވެސް އެއްޗެއް ބުނުމެއް ނެތި ނަދީމް އިނީ އިސްޖަހާލައިގެންނެވެ.
ޖެހިގެން އައީ ބަންދު ދުވަހެއް ކަމުން އަރޫޝާ ކޮޓަރިން ނިކުތީ ތަންކޮޅެއް ލަހުންނެވެ. ބަދިގެއަށް އައިސް ކޮފީ ތަށި ތައްޔާރުކޮށްގެން މޭޒު ކައިރީ އިށީން އިރު ވެސް އޭނާގެ މޫޑު ރަނގަޅެއް ނޫނެވެ. ކުއްލިއަކަށް ފޯނު ދިއްލުނުތަން ފެނުމުން ފޫހިކަމާއެކު އޭނާއަށް ފޯނު ބަލައިލެވުނެވެ.
" އަހަރެން އަންނަން ދެން ވަފާތެރިކަމާއެކު ހުރެދެއްޗޭ! އަބަދުވެސް އަރޫދެކެ ވަރަށް ލޯބިވަން. " ދާއިންގެ މެސެޖް ލިބުމާއެކު އަރޫޝާއަށް ބޭއިހްތިޔާރުގައި ހިނިތުން ވެލެވުނެވެ.
މެސެޖަށް ރިޕްލައި ދިނުމުގެ ބޭނުމުގައި އަތް ހަރަކާތްކޮށްލެވުނު ނަމަވެސް އޭނާއަކަށް އެ ހިތްވަރެއް ނުލިބުނެވެ. އެ މެސެޖަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު އަރޫޝާ މެސެޖެއް ލިޔަން ފެށިއެވެ.
" އަހަންނަކީ މީހެއްގެ އަނތްބެއްކަން ދާއިން އަބަދުވެސް ހަނދާން ކުރައްޗޭ! ދާއިންދެކެ އަހަރެން އިންތިހާއަށް ލޯބި ވުމުގެ މާނައަކީ އަހަރެންގެ ފިރިމީހާއަށް އޮޅުވާލުން ކަމުގައި ވެދާނެތީ އަހަރެން ބިރުގަނޭ! އެއްވެސް ކަމެއްގައި އަހަރެން ކުއްވެރި ނުކުރައްޗޭ! އަހަރެން މިނިވަން ވާ ދުވަހަކުން ދާއިންއަށް ގުޅާނީ އަހަރެން. އޭގެ ކުރިން އަހަރެން އެދެނީ ދާއިން ދެން އަހަންނަށް އެއްވެސް މެސެޖެއް އަދި ކޯލެއް ވެސް ނުކުރުމަށް. ދާއިންގެ ސަބަބުން އަހަންނަށް ފާފައެއް ކުރެވޭނެ މަގެއް ކޮށައި ނުދޭނެކަމަށް ހީކުރަން. " އަރޫޝާ މެސެޖް ފޮނުވާލިއެވެ.
އެ މެސެޖް ކިޔާފައި ދާއިން ދެރަވާނެކަން އަރޫޝާއަށް އެނގެއެވެ. ނަމަވެސް ނަދީމްއާއެކު ދިރިއުޅެމުން، ދާއިންއާ ވަގަށް ވާހަކަ ދެއްކުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ހިތުގައިވާ އެންމެ ބޮޑު އުނދަގުލާއި ތަކުލީފަކީ ވެސް ހަމަ އެއީއެވެ.
" ދަރިފުޅު ހާދަ ބޮޑު ފިކުރެއްގައި. " ސިހިފައި އަރޫޝާއަށް ބަލައިލެވުނީ މަދީހާއާ ދިމާލަށެވެ.
އޭރު މަދީހާ އައިސް ހުރީ ބަދިގެއަށް ވަދެއެވެ.
" މަންމަ ކީއްކުރަން ތި އައީ؟ ކޮފީއެއް ގެންދަންތަ ކޮޓަރިއަށް؟" އަރޫޝާ އަހާލިއެވެ.
" ނޫނޭ! މިހާރު ދެ ތިން ދުވަސް ވެއްޖެއެއްނު ކޮޓަރީގައި އޮންނަނީ؟ ނިކުމެލީމަ ރަނގަޅުވަނީ ވެސް. މަންމަ މިހާރު ވަރަށް ބޮޑަށް ރަނގަޅު. " މަދީހާ ބުންޏެވެ.
ހަމަ އެވަގުތެވެ. ޒައިނާ ވެސް އައިސް ބަދިގެއަށް ވަނެވެ. ޒައިނާ ފެނުމާއެކު އަރޫޝާ ލުއި ގޮތަކަށް ހީލި ނަމަވެސް، ޒައިނާ އަރޫޝާއަކަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ.
" މަންމާ! އަހަރެންގެ އަތަށް ދީ! އަހަރެން ވަރަށް މޮޅުވާނެ ކޮފީ ގިރަން." ޒައިނާ ލޯތްބާއެކު ބުންޏެވެ.
ޒައިނާ އެހެން ބުނި އަޑަށް ބޭއިހްތިޔާރުގައި އަރޫޝާއަށް ވެސް އެ ދިމާލަށް މޫނު އަނބުރާލެވުނެވެ. އެއާއެކު ޖެހިލުންވެފައި ހުރެ މަދީހާ އަރޫޝާއަށް ބަލައިލިއެވެ. އޭރު މަދީހާގެ އަތުގައި އޮތް ޖޯޑު ވެސް ޒައިނާ ނަގައިފިއެވެ. މަދީހާގެ މޫނުމަތީގެ ކުލަވަރު ހުރި ގޮތުން އޭނާ އެހާ ގަޔާވެފައި ހުރިހެން ހިއެއް ނުވެއެވެ. އެހެންވެ، ހުރިހާ ކަމެއް ވެސް ރަނގަޅުވާނެޔޭ ބުނެލާ ފަދައިން އަރޫޝާ ހިނިތުންވެލުމަށްފަހު ބޯ ޖަހާލީ މަދީހާއަށް އިޝާރާތް ކޮށްލުމަށެވެ.
" ދެން ޒައިނާއަށް އެންމެ މީރުކޮށް ކެއްކެނީ ކޯއްޗެއް؟" ހަމަޖެހޭ ގޮތް ދައްކާލަމުން މަދީހާ ބުންޏެވެ.
އޭނާ ގޮސް އަރޫޝާގެ ކުރިމަތީގައި ހުރި ގޮނޑީގައި އީށީނެވެ.
" ދެން ނޭނގެ! ހަމައެކަނި ކޮފީ ހަދަނީ. " ޒައިނާ އެހެން ބުނުމާއެކު މަދީހާއަށް ދެ ބުމަ ހިއްލައިލެވުނެވެ.
އޭރު ޒައިނާ ހުރީ އޭނާއަށް ފުރަގަސް ދީގެންނެވެ. މަދީހާގެ މޫނުމަތީގެ ހަރަކާތްތައް ހުރި ގޮތުން އަރޫޝާއަށް ހެވުނެވެ. އެހެންވެ އޭނާ އަވަސް އަވަހަށް ކުރިމަތީގައި ހުރި ކޮފީ ޖޯޑު ނަގައި ތުންފަތުގައި ޖައްސާލިއެވެ.
" ކައްކާ މީހަކު އުޅޭތީ ނުޖެހޭ ކައްކާކަށެއް. އެކަމަކު މަންމަ އަހަންނަށް ދަސްކޮށްދީފިއްޔާ މީރުކޮށް އަހަރެން ކައްކާކަން." ޒައިނާ ބުންޏެވެ.
ފަރި ހިނގުމެއްގައި އައިސް އޭނާ މަދީހާގެ ކުރިމަތީގައި ކޮފީޖޯޑު ބަހައްޓާލިއެވެ. އަދި އޭނާ ވެސް މަދީހާގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.
" މިހާރު މި ގޭގައި ހުރިހާ އެއްޗެއް ވެސް ކައްކަނީ އަރޫޝާ. އަރޫޝާ އައިއްސުރެ، އޭނަ އެ ކައްކަނީ. މިގޭ އެންމެން ވެސް އަރޫޝާގެ ރަހަތަކަށް އާދަ ވެއްޖެ. އެހެންވީމަ ޒައިނާ ވާނެ އަރޫޝާ ކައިރިން ދަސްކުރަން." މަދީހާ ބުންޏެވެ.
އެ ވަގުތު ޒައިނާއަށް އަރޫޝާގެ މޫނަށް ބަލައިލެވުނީ ފޫހިކަމާއި އެކުއެވެ. ޒައިނާގެ ނުސީދާ ބެލުމުން އަރޫޝާގެ ހިތް ނުތަވަސްވީ ނަމަވެސް އޭނާ ހިނިތުންވެލުމަކުން ފުއްދާލިއެވެ.
" އެއް ރަހައަކަށް އާދަ ވީމަ ފޫހިވާ ގޮތް ވެދާނެ. އެހެންވީމަ، އަހަރެން ކައްކަން އެނގޭތޯ އަމިއްލައަށް މަސައްކަތް ކުރާނަން. އޭރުން ތަފާތު ރަހަތައް މި ގޭ ސުފުރާމަތިން ލިބޭނެ." ވަގު ލޮލަކުން އަރޫޝާއަށް ބަލަމުން ޒައިނާ ވާހަކަ ދެއްކިއެވެ.
" ތި ގޮތް މާ ރަނގަޅޭ! މަންމަ ވެސް ވަރަށް ބޭނުން ޒައިނާ ކައްކާ އެއްޗެހި ކާން. ތިއީ މިހާރު މިގޭ ދަރިއެކެއްނު. ދެން އަދި މި ގެއަށް ދާއިން ގެންނާނީ ކިހާ މީރުކޮށް ކައްކާ ކުއްޖެއް ކަމެއް ވެސް ނޭނގެ." މަދީހާ ބުންޏެވެ. އެއާއެކު އޭނާއަށް ބޭއިހްތިޔާރުގައި އަރޫޝާގެ މޫނަށް ބަލައިލެވުނެވެ. އަރޫޝާ އަވަސް އަވަހަށް ހީލީ، އެ ވަގުތު ހިތަށް ވީ ގޮތް މޫނުމަތިން ދޭހަ ވެދާނެތީ އެކަން ފޮރުވާށެވެ.
" ދެން މިއަދު ޒައިނާ ކައްކަން ވީ އެއްނު. އަރޫޝާ ވެސް އެހީ ވެދޭނެ ދޯ!" މަދީހާ ބުންޏެވެ.
" ނޫނޭ! އަހަރެން އެކަނި އުޅޭނަން. އަހަންނަށް ވެސް ވާނެ އެއްނު. " ޒައިނާ އަވަސް އަވަހަށް ބުންޏެވެ.
އެއާއެކު އަރޫޝާ ތެދުވެއްޖެއެވެ. މަދީހާ އަރޫޝާއަށް ބަލައިލުމާއެކު އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެންގެ އެހީތެރިކަމެއް ޒައިނާ ބޭނުން ނުވަންޏާ އަހަރެން މި ވަގުތު މި ދަނީ ކޮޓަރިއަށް. ނަދީމް ވެސް މިހާރު ހޭލަން އުޅޭނެ. " ނަދީމްގެ ވާހަކަ އަރޫޝާ ބުނެލީ ގަސްތުގައެވެ. އެއީ ޒައިނާގެ ހިތަށް އުނދަގޫ ކޮށްލުމުގެ ބޭނުމުގައެވެ.
" ނަދީމް ހޭލީމަ ބުނެބަލަ އަހަރެން ބުންޏޭ އަހަރެން ކައްކަން ދެން ބަދިގޭގައި އިންނަން އަންނާށޭ. އަހަރެން ވެސް ފޫހި ފިލާނެ އެއްނު." ޒައިނާގެ ޖުމްލައިން މަދީހާގެ މޫނުމައްޗަށް ހައިރާންކަން ވެރިވިއެވެ. އެ މަންޒަރު އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ ވެސް ޒައިނާއަށެވެ.
" މަންމައާއި ބައްޕަ ވެސް ވަރަށް ގުޅިގެން އުޅޭތަން އަހަންނަށް ފެނުނީ.. މަންމައާއެކު ބައްޕަ ވެސް ބަރާބަރަށް ދަނޑަށް ދާނެ. ކިހާ ލޯބި އެހެން އުޅުނީމަ. އެހެންވީމަ އަހަރެން މަސައްކަތް ކުރަން ދެން ނަދީމް މިތާ އިނީމަ ވެސް އަހަރެން އުފާވާނެޔޭ. ދެން ކައިވެނި ކުރަން ވެސް މާ ގިނަ ދުވަހެއް ނެތެއްނު މަންމާ! " ޒައިނާ ވާހަކަ ދެއްކީ ކުޑަކުއްޖަކު ފަދައިންނެވެ. އޭނާގެ ޅަ ގޮތްގަނޑު ފެނިފައި އަރޫޝާ ގާތަށް ހިނިވެސް އައެވެ.
" އަހަރެން ގޮސް ބުނެލާނަން ތިހެން." އަރޫޝާ ބުންޏެވެ.
" މަދީހާ! މަދީހާ! " ކުއްލިއަކަށް އިވުނީ ގެއަށް ވަދެގެން އަންނަ އަންހެނެއްގެ އަޑެވެ.
މަދީހާއަށް ގޮވަމުން އޭނާ އައިސް ކާގެ ދޮރުމައްޗަށް އެރުމާއެކު މަދީހާ ހީލިއެވެ.
" ފާތުމައިދީ ހާދަ ހެނދުނަކާ؟" މަދީހާ އަހާލިއެވެ. އޭރު މަދީހާ އިނީ އިންތިހާއަށް ހިތް ނުތަނަވަސް ވެފައެވެ. ފާތުމައިދީއަކީ އަބަދުވެސް ކޮންމެވެސް ވާހަކައަކައިގެން ނޫނީ އެގެއަށް އަންނަ މީހެއް ނޫނެވެ. އެހެންވެ، މިހާރު އޭނާ ދައްކަން އެ އުޅެނީ ކޮން ވާހަކައެއްކަން މަދީހާއަށް ހަމަ ރަނގަޅަށް އެނގެއެވެ.
" އާނ ފަހެ ފަތިހު ހިނގަން ދިޔައިރު އެތާ ބަޔަކު ވާހަކައެއް ދައްކައިގެން އަހަރެން މިއައީ ގަބޫލު ނުކުރެވިގެން." ފާތުމައިދީ އެހެން ބުނި އިރު، އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ޒައިނާގެ މޫނަށެވެ.
އޭނާ ދައްކަން އުޅޭ ވާހަކަ އެންމެންނަށް އެނގޭތީ އެއްވެސް މީހަކު ސުވާލެއް ނުކުރިއެވެ. އަނެއްކާ ވެސް ވާހަކަ ފެށީ ފާތުމައިދީއެވެ.
" އެހާ މަޑުމަޑުން ހުންނަ ސޮރެއް، އެކަހަލަ ކަމެއް ކުރާނެޔޭ ކާކުތަ ހީކުރާނީ؟ ދެން ސިއްރުން ދެއްކުމެއް ނެތްތާ! މި މާލޭ ކޮޔާ އިންނަން ވެގެން ފޯމް ވެސް ލައިފި ދޯ! " ފާތުމައިދީ ހުރީ އުނަގަނޑުގައި އަތް ވިއްދާލައިގެންނެވެ.
" އެއީ މައްސަލައެއް ނޫނެއްނު. އަހަރެމެން އެންމެން މި ތިބީ ނަދީމްއާ ޒައިނާގެ ކައިވެނީގެ އިންތިޒާރުގައި. " އަރޫޝާ ބުންޏެވެ.
" އަހަރެންގެ އުފަލަކީ ދަރިންގެ އުފާވެރިކަން. އެހެންވީމަ އެ ކުދިން ކުރަން ބޭނުންވާ ކަންކަމަށް ހުރަސް އަޅައިގެން އަހަރެން ކިހިނެއް އުފަލުގައި ހުންނާނީ؟" މަދީހާ ބުނެލީ، ފާތުމައިދީއަށް ބަލައިލަމުންނެވެ.
ކޮފީތަށީގައި އޮތް ސަމްސާ، ތަށިތެރޭ އަނބުރާލަ އަނބުރާލަ ޒައިނާ އިނީ ފޫހި ގޮތަކަށެވެ.
" އާނ ތިބުނީ ތެދެއް. އަހަރެން ވެސް މި އައީ އަސްލު މަދީހާއަށް ގޮވާލާށާ އެކީއޭ. ދެން ގޮސްލަނީ. ރަނގަޅު ދޯ މަދީހާ!؟" ފާތުމައިދީ ބުންޏެވެ. މަދީހާ ބޯ ޖަހާލުމާއެކު އޭނާ ނިކުމެއްޖެއެވެ.
" މަންމަ ބުނީމެއްނު ރަށުތެރޭގައި ވާހަކަ ފެތުރޭނެޔޭ." ހިތްހަމަ ނުޖެހޭ ރާގަކަށް މަދީހާ އެހެން ބުނުމާއެކު ޒައިނާ ގާތަށް ވަރަށް ރުޅި އަތުވެއްޖެއެވެ.
" ދެން ރަށުތެރޭގައި މީހުން ވާހަކަ ފަތުރާނެތީ އަހަންނާ ނަދީމްގެ ކައިވެނި ނުކުރެވޭނެތަ؟" ޒައިނާއަށް ސުވާލު ކުރެވުނީ ހަރުކަށި ގޮތަކަށެވެ. އޭނާގެ ރާގުން މަދީހާގެ އިތުރުން އަރޫޝާއަށް ވެސް ލިބުނީ ހައިރާންކަމެވެ.
" ޒައިނާ! " އަރޫޝާ ޒައިނާއަށް ގޮވާލީ ތަންކޮޅެއް ބާރަށެވެ.
" ކިހިނެއްވީ؟ އަހަންނަށް މި ބުނެވުނީ ގޯސް އެއްޗެއްތަ؟ މީހުން ކިޔާނެ އެއްޗެއްސަށް ވިސްނައިގެން ނަދީމްއާ އަހަރެންގެ އުފާތަކަށް ހުރަސް އަޅާތީ އަހަރެން ހިތާމަ ކުރަން." ޒައިނާ ބާރުބާރަށް ތެދުވެއްޖެއެވެ.
" މަންމަ އެހެން އެ ބުނީ ތިކަން ހުއްޓުވާކަށް ނޫނޭ! " އަރޫޝާ ބުންޏެވެ.
އޭރު މަދީހާ އިނީ ފެންކަޅި ވެފައެވެ. އެ މަންޒަރު ފެނި ޒައިނާ ކަންބޮޑު ވެއްޖެއެވެ. އޭނާ އަވަސް އަވަހަށް މޫޑު ބަދަލް ކޮށްލުމަށްފަހު ގޮނޑީގައި އިށީނެވެ.
" އަހަންނަށް މައާފް ކުރޭ މަންމާ! އަހަންނަށް އެގޮތަށް ވާހަކަ ދެއްކުނީ މަންމަދެކެ ރުޅި އައިސްގެންނެއް ނޫނޭ. މަންމައަށް އެނގެއެއްނު އަހަރެމެން ކައިވެނިކުރަން ބޭނުންވާ ވަރު. އެހެންވެ، އެކަން ނުވެދާނެތީ ބިރުގަތީ." ޒައިނާ މަޑުމަޑުން މަދީހާގެ އަތުގައި އަތް ޖައްސާލިއެވެ.
" ދެން އަޅައިނުލާ. އެކަމާ ނުވިސްނާ!" މަދީހާ ތެދުވެ، ނިކުމެގެން ދިޔައިރު ވެސް އަރޫޝާއާ ޒައިނާ ތިބި ތާ ތިއްބެވެ.
" ކޮންމެ ފާޑަކަށް އަހަންނާ ވާހަކަ ދެއްކިޔަސް، އަހަރެންގެ މަންމައާ އެ ގޮތަށް ވާހަކަ ނުދައްކައްޗޭ! " ޒައިނާއާ ދިމާލަށް އަރޫޝާ ބުނެލީ ރުންކުރު ގޮތަކަށެވެ. ރައްދެއް ނުދިން ނަމަވެސް، އަރޫޝާ އެހެން ބުނުމުން ޒައިނާ ހުރީ އިންތިހާއަށް ރުޅި ގަދަވެފައެވެ.
" ބައްޕަ ރަށުގައި ނެތްކަން ނަސީބެއް. ފަތިހު ވެއްޖެ މަހަށް ދާން ގޮސް. ހާދަ ދޫ ހަލުވި އަންހެނެކޭ އެއީ." އަރޫޝާ ގޮސް ކޮޓަރިއަށް ވަނުމާއެކު މަދީހާ ބުންޏެވެ.
" ދެން އެ ވާހަކަ ނުދައްކާ މަންމާ! އޭނަގެ ސިކުނޑިން ވިސްނިއްޔާ އަހަންނަށް ވެސް ވާނީ އެހެން ކަންނޭނގެ. އޭނަ ދެން މައާފަށް ވެސް އެދުނެއްނު. މައްސަލައަކަށް ނަހަދާ މަންމާ! ނުވިސްނާ!" އަރޫޝާ ބުންޏެވެ.
" އަހަންނަކަށް ނޭނގެ ޒައިނާއަކީ ރަނގަޅު ކުއްޖެއްހެން ހަމަ ހީ ނުވަނީ. އެކަމަކު ދަރިފުޅަށްޓަކައި މަންމަ އެކަން މި ކުރަނީ." މަދީހާ ބުންޏެވެ.
ކަންކަމާ ނުވިސްނުމަށް އެދި އަނެއްކާ ވެސް އަރޫޝާ މަދީހާއަށް ނަސޭހަތްދޭން ފެށިއެވެ.
ރޭގަނޑުގެ ދަން ވަގުތެކެވެ. ނަދީމް އޮތީ ޒައިނާގެ ކޮޓަރީގައެވެ. ނަދީމްގެ މޭމަތީގައި ބޯ އަޅާލައިގެން ޒައިނާ އޮތެވެ.
" އަހަންނަށް ހަމަ ހީވަނީއޭ ނަދީމް އަހަންނާ ވަރަށް ދުރުހެން." ޒައިނާ ބުންޏެވެ.
" ތިއީ ދެން މިހާރު އަބަދުވެސް ކުރާ ޝަކުވާއަކީ. ދުރު ވެސް ވާނެ ޝަކުވާ ކުރަންޏާ." ނަދީމް ބުނެލިއެވެ.
ހަމަ އެ ވަގުތެވެ. އެނދުމަތީގައި އޮތް ޒައިނާގެ ފޯނު ވައިބްރޭޓް ވާން ފެށިއެވެ. ފޯނު އޮތީ އެނދު ކޮޅުގައި ޗާޖަށް ޖަހާފައެވެ. ފުންމައިގެން ތެދުވެ ޒައިނާ ގޮސް ފޯނަށް ބަލައިލިއެވެ. އަދި އަވަސް އަވަހަށް ކަނޑާލައިއެވެ.
" ކާކު މި ގަޑީގައި ގުޅީ؟" ނަދީމް ތެދުވެ، ހެޑްބޯޑުގައި ބުރަކަށި ޖައްސާލަމުން އެހިއެވެ.
" ނޭނގެ! އޮޅިގެން ކަންނޭނގެ. މިސްކޯލެއް އައީ " ހަމަޖެހޭ ގޮތް ދައްކާލަމުން ޒައިނާ އެހެން ބުނެ، އަނެއްކާ ވެސް އެނދަށް އެރިއެވެ.
އަނެއްކާވެސް، އޭނާގެ ފޯނު ދިއްލުމާއެކު ދެ މީހުންނަށް އެ ދިމާލަށް ބަލައިލެވުނީ އެއްފަހަރާއެވެ.
" މި ފަހަރު މިސްކޯލެއް ނޫނޭ. އެ ގުޅަނީއެއްނު. ދޭބަލަ ނަގަން." ނަދީމް ބުންޏެވެ.
ޒައިނާއަށް ހިންދިރުވާލެވުނެވެ. ޖެހިލުންވެ ހުރެ އޭނާ ފޯނާ ދިމާލަށް ދިޔައެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!