ކުރީގެ އަދަދާއިގުޅޭ،

(އާދީއްތަ ދުވަހުގެ ބައި)

Ad
rt

"މި ފަހަރު މިސްކޯލެއް ނޫނޭ. އެ ގުޅަނީއެއްނު. ދޭބަލަ ނަގަން." ނަދީމް ބުންޏެވެ.

ޒައިނާއަށް ހިންދިރުވާލެވުނެވެ. ޖެހިލުންވެ ހުރެ އޭނާ ފޯނާ ދިމާލަށް ދިޔައެވެ. އޭރު ވެސް ނަދީމް އިނީ ޒައިނާއަށް ބަލާށެވެ. ޒައިނާއަށް ފޯނު ނުނެގި އުޅެނިކޮށް، ފޯނު ކެނޑިއްޖެއެވެ. އެއާއެކު އޭނާއަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

" ކުރީ ރެޔަކު ވެސް އޮތް ނުދަންނަ ނަންބަރަކުން ގުޅާފައި. އޮޅިގެން ކަމަށް ވާނީ. އަހަރެން ނުވެސް ގުޅަން." ޒައިނާ ވާހަކައިގައި ހުރެ، ފޯނު އޮފް ކޮށްލިއެވެ.

މިފަހަރު ނަސީބަކުން ނަދީމްގެ އެއްވެސް ޝަކުވާއެއް ނައެވެ. އަނެއްކާ ވެސް ޒައިނާ އައިސް ނަދީމް ގާތު އޮށޯވެލިއެވެ.

" ނަދީމް! ކައިވެނި ކުރަން ދެ ތިން ދުވަހަށް ވެފައި މި އޮތީ. އަހަރެން ވަރަށް ބިރުގަނޭ. ހިތަށް އަރަނީ ނަދީމް މިހާރު އަހަރެންދެކެ ވަރަށް ފޫހިވެޔޭ." ޒައިނާ ބުންޏެވެ.

" ތި ކަހަލަ ވާހަކަ ދައްކަންޏާ ފޫވިވާނެ. މަޑުމަޑުން ހުރެބަލަ. އޭރުން އަހަރެން ވެސް މިތަނަށް އަންނާނީ ވަރަށް އަންނަ ހިތުން. އަބަދު ޝަކުވާ ކުރަންޏާ އަންނަ ހިތެއް ނުވާނެ." ނަދީމް ބުންޏެވެ.

" އަހަރެން ވަރަށް މަސައްކަތް ކުރަމޭ ތިހެން ވޭތޯ! އެކަމަކު... އަހަންނަކަށް ނޭނގެ އަހަރެން ހަމަ ރުޅިގަދަ ވަނީއޭ. ކެތްތެރިކަން ކޮޅުންލަނީ. އަހަރެން އަސްލު ބޭނުމެއް ނުވޭ ނަދީމް އެންމެ މިނެޓަކަށް ވެސް އަރޫޝާއާ އެއް ކޮޓަރިއެއްގައި އުޅޭކަށެއް." ޒައިނާ ބުންޏެވެ.

ނަދީމްއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާގެ މޫނުމަތިން ހިތްހަމަ ނުޖެހުން ފެނުމާއެކު ޒައިނާ އަނެއްކާ ވެސް ރުޅި އައިސްފިއެވެ.

" އަހަރެން އެހެން ބުނީމަތަ ދެ ބުމައިގައި ގޮށް ޖަހައިގެން ތި އިނީ؟ ނަދީމް، އަހަންނާ މެރީ ކުރީމަ ދެން އަރޫޝާގެ ފަރާތުން އެއްވެސް ހިދުމަތެއް ހޯދަން ދާކަށް ނުޖެހޭނެ! ނަދީމްގެ ހުރިހާ ކަމެއް ވެސް އަހަރެން ކޮށްދޭނަމޭ. އަނެއްކާ ތިއީ ނަމެއްގައި އިނދެގެން އުޅޭ ދެ މީހުން. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ފިރިމީހާގެ ބުރަ، އިތުރު އަންހެނަކަށް ޖައްސާކަށް. ނަދީމްގެ ގަމީހެއް އިސްތިރި ކޮށްލަން ވެސް އޭނަ އަތަކަށް ނުދޭނަން. " ޒައިނާ ވާހަކަ ދެއްކީ އަވަސް އަވަހަށެވެ.

" ޒައި މާ ވަރަކަށް ވިސްނަ ވިސްނާފައި އަމިއްލައަށް ރުޅި ގަދަ ކުރަނީ! މި ގޭގައި ދިރިއުޅެނީ ހަމައެކަނި އަހަރެމެން ތިން މީހުންނެއް ނޫނޭ އަހަރެމެން ބޭނުންހާ ގޮތަކަށް އުޅޭކަށް. ކައިވެންޏަށް ފަހު މާ ޝަކުވާ ގިނަ ވަންޏާ އަހަރެން ވަރަށް ފޫހިވާނެކަން ހަނދާން ކުރައްޗޭ." އެހެން ބުނެ ނަދީމް ތެދުވެއްޖެއެވެ.

އޮށޯވެ އޮތް ޒައިނާ ތެދުވެ އިނދެ ހައިރާންކަމާއެކު ނަދީމްއަށް ބަލަން ފެށިއެވެ.

" މިހާރު ކިހިނެއް ވީ؟ ކީއްވެ ކުއްލިއަކަށް ފުންމައިގެން ތި ދަނީ؟ އަހަންނަށް ދެއްކުނީ ގޯސް ވާހަކަ ތަކެއްތަ؟" ޒައިނާ ބުންޏެވެ.

" ދެން އަބަދަކު މިތާކު ނޯވެވޭނެ އެއްނު. ދާން ވެސް ޖެހޭނެ އެއްނު." ގަޔަށް ޓީޝާޓް މަހާލަމުން ނަދީމް ބުންޏެވެ.

އެއާއެކު ޒައިނާ އެނދުން ފޭބިއެވެ. އަދި ރުންކުރު ގޮތަކަށް ވާހަކަ ދައްކަން ފެށިއެވެ.

" ކީއްވެ މިތާ ނޯވެވެން ވީ؟ ބުނެބަލަ! ކީއްވެ މަޑުނުކުރެވެން ވީ؟" ޒައިނާ ބުންޏެވެ.

"އަބަދު އެހެން މީހުންގެ ވާހަކަ ދައްކަންޏާ އަހަރެން ވަރަށް ހިތްހަމަ ނުޖެހޭ. ފޫހި ވެސް ވޭ! މި ރޫމަށް އަންނަ ރެޔަކު ވިއްޔާ އަހަން ޖެހޭނީ އަރޫޝާއަށް އެއްޗެހި ގޮވާ އަޑު. ނޫނީ ޒައިނާގެ ޝަކުވާގެ އަޑު. ނިކަން އަހަރެމެން ދެ މީހުންގެ ވާހަކަ ދައްކަބަލަ! ފިޔުޗާ ޕްލޭން ކޮށްބަލަ! ކައިވެންޏަށްފަހު ދިރިއުޅޭނެ ގޮތުގެ ވާހަކަ ދައްކަބަލަ! ފައިސާ ހޯދާނެ ގޮތެއް ޕްލޭން ކޮށްބަލަ! މި ހުންނަނީ ދެމަފިރިން ދައްކަން ހުންނަ ބައިބަރު ވާހަކަތަކޭ! އެކަަކު އަހަރެން ހަމަ އައިސް ވަންނައިރަށް އަރޫޝާ އަރޫޝާ އަރޫޝާ! ދެން ނޭނގެ." ނަދީމް ބުންޏެވެ.

ޒައިނާ އޭނާގެ އަތުގައި ހިފެހެއްޓުމުން ވެސް ނަދީމް މަސައްކަތް ކުރީ ދޮރާ ދިމާލަށް ދެވޭތޯއެވެ.

" އޯކޭ! އޯކޭ ނަދީމް. ސޮރީއޭ. ރުޅި ނައިސްބަލަ. އަހަންނަށް ޑިސްޓާބް ވާތީއޭ ދެއްކެނީ. މެރީ ކުރީމަ ރަނގަޅުވާނެ. ޕްލީޒް ރުޅި އައިސް ނުދޭ!" ޒައިނާ އުޅުނީ ނަދީމް ހަަމައަކަށް އެޅުވޭތޯއެވެ.

" އަހަރެން މި ދަނީ ދެން. ނެތް މޫޑެއް." ޒައިނާގެ އަތް އޭނާގެ އަތުން ނައްޓުވާލުމަށްފަހު ނަދީމް ނިކުތެވެ. މި ފަހަރު އޭނާ ހުއްޓުވާކަށް ޒައިނާ ނޫޅުނެވެ.

މަޑުމަޑުން ގޮސް ކޮޓަރި ދޮރު ހުޅުވާލުމާއެކު ނަދީމް ދިޔައީ ސިއްސައިގެންނެވެ. އަރޫޝާ އިނީ ހޭލައެވެ. އޭނާ ދިޔައިރު ގައިމު ވެސް އަރޫޝާ އޮތީ ނިދާފައެވެ. މިހާރު އޭނާ އެ އިނީ ލެޕްޓޮޕެއް ހިފައިގެން އެނދުމަތީގައެވެ. ނަދީމް ވަނުމާއެކު އަރޫޝާ ބަލައިލިއެވެ. އަދި އަވަސް އަވަހަށް އޭނާ އެނދުން ފައިބަން އުޅުނެވެ.

" އޭ! ނޫން ނޫން.. އޯކޭ ވާނެ. އިނދޭ! ލެޕްޓޮޕް ހިފައިގެން ތިރީގައި އިންނަން އުނދަގޫ ވާނެ. " އަވަސް އަވަހަށް ނަދީމް ބުންޏެވެ.

އެހެންވެ، އަރޫޝާ އަނެއްކާ ވެސް އެނދުމަތީ ހަމަޖެހިލިއެވެ. ހެޑްބޯޑުގައި ބުރަކަށި ޖައްސާލައިގެން އުނގުމަތީ ލެޕްޓޮޕް ބައިންދައިގެން އިނދެ އޭނާ އަވަސް އަވަހަށް ޓައިޕް ކުރަމުން ދެއެވެ. ނަދީމް މަޑުމަޑުން ގޮސް އެނދުގެ އަނެއް ފަޅީގައި އިށީނދެ ހެޑްބޯޑުގައި ބުރަކަށި ޖައްސާލިއެވެ. އޭނާ ލެޕްޓޮޕްގެ ސްކްރީނަށް ނަޒަރު ހިންގާލި އިރު އަރޫޝާ އިނީ އެއްޗެއް ލިޔާށެވެ. އަރޫޝާ ވަގު ލޮލުން އިރުއިރުކޮޅުން ނަދީމްއަށް ބަލައިލައެވެ.

" ހާދަ އާޖެންޓް އެއްޗެއް؟ މިހެން މި ބުނީ މި ގަޑީގައި ލިޔާތީވެ." ނަދީމް އެހިއެވެ.

" ނީޒާގެ ލެޕް ހިފައިގެން ގެއަށް އައީ މި ރިޕޯޓް ނިންމަން ވެގެން. އެކަމަކު މިރޭ ވަރުބަލި ވެގެން ނިދުނީ މާ ކުރިން. ކުއްލިއަކަށް ހޭލެވުނީ ދެންމެ. މިއީ މާދަމާ ހެނދުނު މާލޭ އޮފީހަށް މެއިލް ކުރަން ޖެހޭ ރިޕޯޓެއް. " އަރޫޝާ ވާހަކަ ދެއްކީ ސްކްރީނަށް ބަލަހައްޓައިގެން އިނދެއެވެ.

" އަދި ވަރަށް ގިނަ އިރު ވާނެތަ؟" ނަދީމް އެހިއެވެ.

އެ ވަގުތު އަރޫޝާއަށް ބޭއިހްތިޔާރުގައި ނަދީމްގެ މޫނަށް ބަލައިލެވުނެވެ.

" ނިދަން ވީ ދޯ؟ އަހަންނަށް އޯކޭ އޭ ތިރީގައިވެސް އިނދެވިދާނެ. އަހަންނަށް ހޭލެވުނު އިރު ނަދީމް ނެތީމަ، އެނދުގައި އިށީނދެލީ. " ހިނިތުން ވަމުން އަރޫޝާ ތެދުވަން އުޅުނެވެ.

" މިތާ އިނދެބަ! ޕްލީޒް...." އާދޭހުގެ ރާގަކަށް ނަދީމް ބުންޏެވެ.

އެއާއެކު އަރޫޝާއަށް ދެވަނަ ފަހަރަށް ވެސް ނަދީމްގެ މޫނަށް ބަލައިލެވުނެވެ. އެއާއެކު ނަދީމްގެ ދެ ލޮލުން ތަފާތު ކަމެއް ފާހަގަ ކުރެވުނެވެ. މީގެ ކުރިން ނުފެންނަހާ ސާފުކޮށް، އެ މޫނުން އެތައް ވާހަކަތަކެއް ބުނެދެމުންދާހެން ހީވިއެވެ.

" އޯކޭ! މި ނިމެނީ މިހާރު. ދެން އެހާ އިރެއް ނުވާނެ." އަރޫޝާ މަޑުމަޑުން ބުންޏެވެ.

އިސާހިތަކު އޭނާ ލެޕްޓޮޕް ލައްޕާލުމަށްފަހު އެނދުން ތެދުވެއްޖެއެވެ. އެއާއެކު ނަދީމް ކުޑަކޮށް އަރިވެލުމަށްފަހު އަރޫޝާގެ އަތުގައި ހިފައިފިއެވެ. ސިހިފައި އަރޫޝާއަށް ފަހަތް ބަލައިލެވުނެވެ.

" ޕްލީޒް" ނަދީމް ބުންޏެވެ.

ވާންވީ ގޮތެއް ނޭނގިފައި އަރޫޝާއަށް ހުރެވުނީ ނަދީމްއަށް ބަލާށެވެ. ހަރަކާތްތައް ހުއްޓި، އެހާމެ ހައިރާންވެފައެވެ. ހިތަށް އަރާ ފައިބަމުންދާ އެއްޗެހި ހަނދާން ނެތޭހާ ވެސް ގިނައެވެ.

" މިރޭ... މިރޭ މިތާ... އޮންނަން ވީ އެއްނު. " އާގަންނަމުން ކަހަލަ ގޮތަކަށް ނަދީމް ބުންޏެވެ.

އަރޫޝާ މަޑުމަޑުން ނަދީމްގެ އަތުގެ ތެރެއިން އޭނާގެ އަތް ދަމައިގަތެވެ. އަދި ލެޕްޓޮޕް ގައިގައި ޖައްސާލަމުން ދެ އަތުން އޭގައި ހިފަހައްޓާލިއެވެ.

" ނޫން. " ކުރު ޖަވާބެއް ދިނުމަށްފަހު އަރޫޝާ ހިނގައިގަތީ ޑްރެސިންޓޭބަލްއާ ދިމާލަށެވެ.

" އަހަރެން ބޭނުން އަރޫޝާއާއެކު ރީތި ދިރިއުޅުމެއް އުޅެން." ނަދީމްގެ ޖުމްލަ އަޑު އިވުމާއެކު އަރޫޝާއަށް ދެ ލޯ މަރައިލެވުނެވެ. އޭރު އޭނާގެ ހިތުގައި ދާއިންގެ ތަސްވީރު ކުރެހިއްޖެއެވެ. ސިކުނޑީގައި ދާއިން ދެއްކި ވާހަކަތައް އާ ވެއްޖެއެވެ. އޭނާއަށް އިންތިޒާރު ކުރުމަށް އެދުނުވަރު ހަނދާން ވެއްޖެއެވެ.

" ނަދީމްދެކެ އިންތިހާއަށް ލޯބިވާ މީހަކު ހުރި އިރު، ނަދީމްއަށް އެހެން މީހަކާއެކު ރީތި ދިރިއުޅުމެއް އުޅޭނެ ފުރުސަތެއް އޭނައެއް ނުދޭނެ. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ ތި ދެ މީހުން ލޯބިން އުޅުން. އަހަންނަށްޓަކައި ނަދީމް ޒައިނާ ދުރު ނުކޮށްބަލަ! އަހަރެންގެ ފަރާތުން ނަދީމްއަށް ލިބޭނެ އެއްވެސް އެއްޗެއް ނޯންނާނެ. ދެން؟" ނަދީމްއާ ދިމާލަށް އެނބުރިލުމަށްފަހު އަރޫޝާ ބުންޏެވެ.

އެއާއެކު ނަދީމް ތެދުވެއްޖެއެވެ.

" ޒައިނާގެ ކޮޓަރިއަށް ނަދީމް ދަންވަރު ވަންނަނީ ކީއްކުރަން ކަން އަހަންނަށް އެނގޭ! އަހަންނަކަށް ހިއެއް ނުވެ، ނަދީމްއަށް އިތުރު މީހަކު ދެން ބޭނުން ވެދާނެ ހެނެއް ވެސް." އަރޫޝާ އަނެއްކާ ވެސް ބުންޏެވެ.

އޭރު ނަދީމް އައިސް އޭނާއާ އަރާ ހަމަވެއްޖެއެވެ. އަރޫޝާ އެހެން ބުނުމުން ނަދީމްގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފާޅުވެއްޖެއެވެ.

" އަހަންނާމެދު ތި ކަހަލަ ކުށްހީ ނުކުރައްޗޭ! ތި ހީކުރާ ކަހަލަ އެއްވެސް ކަމެއް އަހަރެން ނުކުރަން. " ނަދީމް ބުނެލިއެވެ.

" އެހެން ވިޔަސް، ޒައިނާއާ ނަދީމް އޮންނަ ގުޅުމާމެދު ވާހަކަ ދައްކާކަށް އަހަރެންގެ ޝައުގެއް ނެތް. " އަރޫޝާ އެހެން ބުނެ، އަވަސް އަވަހަށް ފާހާނާއަށް ވަދެ ދޮރު ލެއްޕިއެވެ. އެތައް އިރެއް ވަންދެން ފާހާނާގެ ދޮރާ ދިމާލަށް ބަލަން ނަދީމްއަށް ހުރެވުނެވެ. އަރޫޝާ ނުނިކުތުމުން ނަދީމް ގޮސް އެނދުގައި އޮށޯތީ ނުތަނަވަސް ވެފައި ހުރި ހާލުގައެވެ.

މިހާރަކަށް އައިސް އަރޫޝާ ބަލަނީ ގެއަށް ނައިސް، ބޭރުގައި އުޅެވޭތޯއެވެ. އޮފީސް ނިންމާފައި ވެސް އޭނާ އެތައް އިރެއް ވަންދެން އޮފީހުގައި މަޑުކުރެއެވެ. މިއަދު ވެސް އޭނާ އިނީ އިތުރު މަސައްކަތްތަކެއް ކުރާށެވެ. ނީޒާ ވެސް އޭނާ ގާތު އިނެވެ.

" ދެ ތިން ދުވަސް ވެއްޖެ އަރޫގާތު ވާހަކައެއް އަހާލަން ވެގެން އުޅެނީ." ނީޒާ މަޑުމަޑުން ބުންޏެވެ.

އެއާއެކު އަތުގައި އޮތް ފައިލް ލައްވާލުމަށްފަހު އަރޫޝާ ނީޒާއަށް ބަލައިލީ ހިނިތުންވެލަމުންނެވެ.

" އަހަރެންގެ ފިރިމީހާ، ޒައިނާއާ އިންނަން އުޅޭ ވާހަކަ ދޯ؟" އަރޫޝާ ބުންޏެވެ.

" ދެން ކީއްވެ އަރޫ އެހާ ހަމަޖެހިފައި ތި ހުރީ؟ އަހަންނަށް އެ ވާހަކަތައް އަޑު އިވުނީއްސުރެ ހުންނަނީ ފާޑެއްގެ ގޮތެއް ވެފައި. އަރޫ ދެރަވާނެ ވަރު ހިތަށް އަރާފަ އަހަންނަށް ރޮވެން ވެސް ރޮވުނު. " ނީޒާ ހަމްދަރުދީ ފާޅު ކުރިއެވެ.

އަތުގައި ހުރި ހުރިހާ ސާމާނެއް ކަބަޑަށް ލުމަށްފަހު އަރޫޝާ ގޮނޑީގައި ލެނގިލަމުން އަނެއްކާ ވެސް ހީލިއެވެ. ދެން އޭނާއަށް ބަލައިލެވުނީ ކުޑަދޮރާ ދިމާލަށެވެ. އޭރު ވެސް ނީޒާ އިނީ އަރޫޝާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.

" ކޮންމެ ކަމަކީ ވެސް އިމްތިހާނެކޭ ނީޒާ. އެ ދެ މީހުންގެ ގުޅުމަށް ހުރަސް އަޅަން އަހަންނަށް އޮތީ ކޮން ހައްގެއް؟ ކޮން ބާރެއް އޮތީ؟ ނެތެއްނު! އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ އެއްޗެއް ނުބުނެ ހުރުން. އެހެން ނޫނަސް، މީހުން ކިޔާނެ އެއްޗެއްސަކަށް އަހަންނެއް ނުވިސްނަން." އަރޫޝާ ބުންޏެވެ.

ދިރިއުޅުމުގެ ވާހަކަތައް ނީޒާއާ ވެސް ހިއްސާކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އިތުރަށް ނީޒާ ސުވާލު ކޮށްފާނެތީ އަވަސް އަވަހަށް އަރޫޝާ ތެދުވެ، ކޮނޑުގައި ދަބަސް އަޅުވާލިއެވެ.

" އަހަރެން ދެން ދަނީ!" އަރޫޝާ ބުނެލިއެވެ. ނަމަވެސް ނީޒާ އިތުރަކަށް އެއްޗެއް ނުބުންޏެވެ. އޭނާ އިނީ އަރޫޝާގެ ކެތްތެރިކަމާމެދު ސުވާލު އުފެދިފައި ކަހަލަ ގޮތަކަށެވެ.

ރަށުން ފުރައިގެން ދިޔަ ފަހުން ދާއިން އަރޫޝާއަށް ނުގުޅަނީ، އަރޫޝާ އެ ގޮތް ބޭނުންވާތީއެވެ. އޭނާ އެކަމަށް އިންކާރު ކުރާތީއެވެ. ކޮންމެ ދުވަހަކު ވެސް އެތައް ފަހަރަކު އޭނާއަށް ފޯނު ޗެކް ކުރެވެއެވެ. އަރޫޝާގެ އެއްވެސް ހަބަރެއް ލިބުނުތޯ ބެލެއެވެ. ނަމަވެސް ދުވަހުގެ އިރު އޮއްސެނީ މާޔޫސްކަމާއެކުއެވެ.

" އަހަރެން ނެތީމަ، ހޯދާކަށް ވެސް ނޫޅެން ދޯ؟" ކުއްލިއަކަށް ދާއިންގެ ކަންފަތުގައި ޖެހުނީ އަފާގެ އަޑެވެ.

ދާއިން އިނީ ޖެޓީ މަތީގައެވެ. އަތުގައި އޮތް ރެޑްބުލް ދަޅުން ފަހަރަކު އެތިފޮދެއް އޭނާ ބޮމުން ދަނީ ފޫހި ކަމާއެކުއެވެ.

" އެނގޭ އޮފަށް ދިޔައީކަން. އެހެން ނޫނަސް އަފާ އައްޔާ ޑިޔުޓީއަށް ނިކުންނާނެ އެއްނު." ދާއިން ބުނެލީ އާދައިގެ ރާގަކަށެވެ.

" އަހަރެން ދާއިންއާ ހެދި މިހާވަރު ވާއިރު ވެސް ދާއިން ކީއްވެތަ އަހަންނާމެދު ޝައުގުވެރި ނުވަނީ؟ " އަފާ ވާހަކަ ދެއްކީ މަޑުންނެވެ.

" މެސެޖެއް ކުރިޔަސް ރިޕްލައި އެއް ނުދޭ! އަހަރެން ހަމަ އެހާ ވެސް ފޫހީތަ؟ ބުނެބަަލަ ކިހިނެއްތަ ވީ؟" އަނެއްކާ ވެސް އަފާ އެހިއެވެ.

" ބުނަންވީ ތަ؟ ބުނީމަ ވެސް ހަމަ އުނދަގޫ ވާނީ އަފާއަށް. " ދާއިން ބުންޏެވެ. އެއާއެކު އަފާ ކޮންމެވެސް ވަރަކަށް ޖެހިލުން ވިއެވެ.

" އަހަރެން ވަރަށް ލޯބިވާ ކުއްޖަކު އެބަހުރި. ފަހަރެއްގައި ވަރަށް އަވަހަށް ވެސް ކައިވެނި ކުރެވިދާނެ. އެހެންވެގެން އެހެން އަންހެން ކުދިންނަށް ޝައުގުވެރިވާނެ ޖާގައެއް އަހަރެންގެ ހިތަކު ނެތް. " އެހެން ބުނެ ދާއިން ތެދުވިއެވެ. އިސާހިތަކު އަފާގެ ދެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އަފާގެ ހާލެއް ބަލައިވެސް ނުލާ ދާއިން ބާރުބާރަށް ގޮސް ރަށުތެރެއަށް އެރިއެވެ. އޭރު ވެސް އަފާ އިނީ ޖެޓީ މަތީއެވެ.

ބޮލުގައި ފުނާ ހާކާލަ ހާކާލަ އިން ޒައިނާގެ މޫނުމަތިން ފެންނަނީ އުޖާލާ ކަމެވެ. އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ. އާދަޔާ ހިލާފަށް މިއަދު އޭނާ ހުރީ ވަރަށް ބޮޑަށް ރީތި ވެގެންނެވެ. ލައިގެން އިނީ ވެސް މަޑު ފިޔާތޮށި ކުލައިގެ ރީތި ދިގު ހެދުމެކެވެ. އަލަތު ކައިވެނީގެ ދުވަހު، މަންމައާއި ބައްޕަ ކައިރީގައި ނެތްކަމުގެ އިހްސާސް ވެސް އޭނާއަށް ނުވާ ކަހަލައެވެ. އެ މޫނުމަތީގައިވާ ހިނިތުންވުން އެހާ ވެސް ފުރިހަމައެވެ.

ނަދީމްގެ ގަމީސް އިސްތިރި ކޮށްލުމަށްފަހު، އަރޫޝާ އައިސް އެނދުގައި އިށީނދެލިއެވެ. ވަގުތަކީ ނަދީމް ފާހާނާއިން ނިކުތް ވަގުތެވެ. އޭނާ ހުރީ ހަމައެކަނި ފަޓްލޫން ލައިގެންނެވެ. އެ ބޯ އިސްތަށިގަނޑު ހުރީ ހަމައެއް ލަމައެއް ނެތި، ހާވާލައިފައެވެ. އަތުގައި އޮތް ތުވާލި، ރެކް މަތީގައި އެޅުމަށްފަހު ނަދީމް އަރޫޝާއަށް ބަލައިލިއެވެ. އެއާއެކު އަރޫޝާއަށް އަވަހަށް ދުރަށް ބަލައިލެވުނެވެ.

" އަހަންނަށް އެނގޭ ކުއްލިއަކަށް އަހަރެމެންގެ ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލްތަކެއް ދެން އަންނާނެކަން! އަހަންނަށް އެނގޭ ކޮންމެ ކަމަކަށް ވެސް އަރޫޝާ ކެތްކުރާނެކަން. އެކަމަކު އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫން. އަހަރެން ބޭނުން އަރޫޝާ ވެސް އުފަލުގައި ގެންގުޅެން. ޒައިނާއާ ކައިވެނި ކުރިޔަސް، އަހަރެން ބޭނުން އަރޫޝާއަށް ވެސް ވަގުތު ދޭން. ހީނުކުރައްޗޭ ތިހެން އަހަރެން ދުރުކޮށްލަން އުޅުނަސް، އަހަރެން ދުރަށް ދާނެޔޭ." ނަދީމް އެހެން ބުނުމާއެކު އަރޫޝާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

މަޑުމަޑުން އޭރު ނަދީމް އޭނާއާ ދިމާލަށް އާދެއެވެ. އަރޫޝާއަކަށް މަޑަކުން ނީނދެވުނެވެ. އޭނާ އަވަސް އަވަހަށް ތެދުވެ، ދުރަށް ހިނގައިގަންނަން އުޅެނިކޮށް، ނަދީމް އައިސް އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

" އަހަރެންދެކެ ލޯތްބެއް ނުވަމޭ ނުބުނައްޗޭ! އަހަރެން ވެސް ފުަރަތަމަ އަރޫޝާދެކެ ލޯތްބެއް ނުވެޔޭ! ލޯބި ވެވުނީ މާ ފަހުން" ނަދީމް ބުނެލިއެވެ.

" ތިއީ މިހާރު ބޭކާރު ވާހަކަ. ތި ބުނާ ލޯބި އަހަރެން ބޭނުންވި ދުވަސް މާޒީވެ ގޮއްސި. ދެން އަހަރެން ބުނެލަން ބޭނުންވަނީ، ފެށެން އުޅޭ ނަދީމްގެ އާ ހަޔާތަށް މަރުހަބާއޭ! " އަރޫޝާ އެހެން ބުނެލީ އަތް ފޮޅުވާލަމުންނެވެ. އެއާއެކު ނަދީމް އަނެއްކާ ވެސް އަރޫޝާގެ އަތުގައި ހިފިއެވެ.

" އަރޫ! " ނަދީމްގެ ޖުމްލައިން އަރޫޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާއަށް ހީވީ ދާއިންގެ އަޑުން އަރޫ އޭ ކިޔާ ގޮވާލި އަޑު އިވުނު ހެންނެވެ.

" ޕްލީޒް... ވީ ކަމެއް ވީ! ދެން އެ ދުވަސް ހަނދާން ނުކުރޭ! ޕްލީޒް.. " ނަދީމް ބުންޏެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)