" އަރޫ! " ނަދީމްގެ ޖުމްލައިން އަރޫޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާއަށް ހީވީ ދާއިންގެ އަޑުން އަރޫ އޭ ކިޔާ ގޮވާލި އަޑު އިވުނު ހެންނެވެ.
" ޕްލީޒް... ވީ ކަމެއް ވީ! ދެން އެ ދުވަސް ހަނދާން ނުކުރޭ! ޕްލީޒް.. " ނަދީމް ބުންޏެވެ.
" އަރޫ އޭ؟" އަރޫޝާއަށް ސުވާލު ކުރެވުނީ ދާދި ދެންމެއަކު ނަދީމް އޭނާއަށް މުހާތަބް ކުރި ނަމާ ބެހޭ ގޮތުންނެވެ.
" ކުރިއަށް ވުރެ އަރޫ ހާއްސަ ވީމަ، މިހާރު އަރޫޝާ ކިޔާހިތެއް ނުވެ." ނަދީމް ބުންޏެވެ.
އަރޫޝާ އަނެއްކާ ވެސް ނަދީމްގެ އަތް ފޮޅުވާލިއެވެ. އޭރު އޭނާއަށް އުނދަގޫ ވެފައިވާ މިންވަރު އެ މޫނުމަތިން ވެސް ހާމަ ވެއެވެ.
" އެކަމަކު ވެސް ހެޔޮ. ނަދީމް އަހަންނާ ދިމާލަށް އަރޫ ކިޔައިގެން ނުވާނެ." ދެ އަތް އުރާލަމުން އަރޫޝާ ބުނެލިއެވެ.
އެއާއެކު ނަދީމްއަށް ހެވުނެވެ.
" އަނެއްކާ އަރޫ ކިޔާ އިތުރު މީހަކު ހުރީތަ؟" ނަދީމް ސުވާލު ކުރީ ހެވިފައި ހުރެއެވެ. އަރޫޝާއަށް ހިންދިރުވާލެވުނީ އާނއެކޭ ބުނާ ހިތުންނެވެ. ނަމަވެސް އޭނާ އެ ސުވާލަށް ޖަވާބު ދޭ ހިތެއް ނުވިއެވެ.
" އަވަހަށް ތައްޔާރު ވެގެން ނިކުންނަން އުޅޭ! މިހާރު ގާޟީ ދުރުވަން ވަރަށް ކައިރިވެދާނެ. " އަރޫޝާ ބުންޏެވެ.
" ކީއްވެތަ ތިހާ ބޯ ހަރުވެގެން ތިއުޅެނީ؟ ގޮތް ދޫ ނުކުރަން ބޭނުންވަނީ ކީއްވެތަ؟ އެއް އިރެއްގައި އަހަރެމެން ދެ މީހުން، ނުދަންނަ ބައެއްގެ ގޮތުގައި އުޅުނަސް، މިހާރު އެ ދުވަސް ފާއިތު ވެއްޖެ. އަހަރެން މިހާރު އިންތިހާއަށް އަރޫ ބޭނުން." ނަދީމް ބުންޏެވެ.
އެ ވަގުތު ދޮރުގައި ޓަކި ޖަހާލުމަށްފަހު ރިޒާ ގޮވާލި އަޑު އިވުނެވެ. ތެޅިގަނެފައި އަވަސް އަވަހަށް އަރޫޝާ ގޮސް ދޮރު ހުޅުވީ، ނަދީމް ކައިރިން ސަލާމަތް ވުމަށްޓަކައެވެ. އޭނާ ހުރީ ވެސް ނަދީމް ދައްކާ ވާހަކަތަކަށް ރައްދެއް ދޭން ބޭނުން ނުވެފައެވެ.
" ވަގުތު ކައިރިވާތީ މި އައީ. ދެން ނިކުންނަން އުޅޭ! " ރިޒާ ބުނެލީ އާދައިގެ ގޮތަކަށެވެ. އޭނާ ދިޔުމާއެކު އަރޫޝާ ނަދީމްއަށް ބަލައިލިއެވެ.
" ދޮރު ލައްޕާފައި މިކޮޅަށް އާދެބަލަ!" ނަދީމް އެދުނެވެ. އޭނާގެ މޫނުމަތީގައި ހުރި ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފެނި އަރޫޝާ ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. އެހެންވެ، އޭނާ ނަދީމް އެދުނު ފަދައިން އައިސް ނަދީމްގެ ކުރިމަތީގައި ހުއްޓުނެވެ.
" ތެދަށް ބުނެދީބަލަ! އަހަރެން ޒައިނާއާ ކައިވެނި ކުރާތީ، އެއްވެސް ވަރަކަށް ދެރައެއް ނުވޭތަ؟ " ނަދީމް އެހިއެވެ.
އެ ސުވާލުގެ ޖަވާބު އޭނާ ބޭނުންވެފައި ހުރި މިންވަރު އަރޫޝާއަށް އިހްސާސް ކުރެވޭ ކަހަލައެވެ.
" އަހަންނާމެދު ހަމަ އެއްވެސް ވަރަކަށް ޝައުގުވެރިކަމެއް ނެތްތަ؟ އަހަރެން ޖަވާބު ބޭނުން.. ވަރަށް ތެދު ތެދަށް." ނަދީމް ބުންޏެވެ.
އިރުކޮޅެއް ވަންދެން އަރޫޝާ ނަދީމްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހުން ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ ބޯ ޖަހާލިއެވެ.
" ތި ކައިވެނި ކުރާތީ އަހަރެން އެއްވެސް ވަރަކަށް... ދެރައެއް ނުވެ. އަދި ނަދީމްއާމެދު އަހަރެންގެ ހިތުގައި އެއްވެސް ޝައުގެއް ނެތް. ލޯތްބެއް ވެސް ނެތް. އަހަންނަށް ތިއީ ހަމައެކަނި ނަމެއްގައި ހުރި ފިރިއެއް. ސާފު ވެއްޖެތަ؟ " އަރޫޝާ ދޫކޮށްލި ކޮންމެ ލަފްޒަކުން ނަދީމްގެ ހިތަށް އަނިޔާ ލިބެމުން ދިޔަ ކަހަލައެވެ.
" އަހަރެންގެ ލޯބި ލިބޭނެކަމަށް ދެން އަދި އަމުދުން އުއްމީދު ވެސް ނުކުރައްޗޭ! ނަދީމް ބޭނުމިއްޔާ އަހަރެން ދޫކޮށްލެވިދާނެ. އަހަންނަކަށް ހިއެއް ނުވެ ދުވަހަކު ވެސް އަހަންނަށް ނަދީމްދެކެ ލޯބި ވެވިދާނެހެންނެއް. " އަރޫޝާ އިތުރު ކޮށްލިއެވެ.
އެއާއެކު ތުރުތުރު އަޅާ ހާލު ނަދީމްް އަރޫޝާގެ ދެ ކޮނޑުގައި ހިފެހެއްޓިއެވެ. އަދި ބާރުބާރަށް ފަހަތަށް ގެންގޮސް، ފާރުގައި އޭނާ ތަތްކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ދުވަހަކުވެސް ދުލެއް ނުކުރާނަން. އަދި އަހަރެން ތި ލޯބި ވެސް ހޯދާނަން. " ނަދީމް އެހެން ބުނުމަށްފަހު އަރޫޝާގެ ގައިން ދޫކޮށްލިއެވެ.
އޭރު އަރޫޝާ ހުރީ ކޮންމެވެސް ވަރަކަށް ބިރުގެންފައެވެ. އެއްޗެއް ނުބުނެވި އުޅެނިކޮށް، ނަދީމް އޭނާއާ ދުރަށް ގޮސް އަވަސް އަވަހަށް ތައްޔާރުވާން ފެށިއެވެ. އަރޫޝާ އެ ހުރި ތާ ހުއްޓާ، އަރޫޝާއާ ދިމާލަށް ބަލައިވެސް ނުލާ، ނަދީމް ނިކުމެގެން ގޮއްސިއެވެ.
އަރޫޝާ ގޮސް ކޮޓަރި ތަޅުލިއެވެ. އަދި ދޮރު ބުޑުގައި އިނދެ ހިތް ފުރެން ދެން އޭނާ ރުޔެވެ. ފޯނުގައި އިން ދާއިންގެ ނަންބަރަށް ގުޅަން އޭނާ އެތައް ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް އެ ގޯސް، ހަދަން ވެސް އޭނާގެ ހިތެއް ނޭދުނެވެ. ދިރިއުޅުން އެހެން މީހުންގެ އަތްމައްޗަށް ދޫކޮށްލައިގެން ހުރެ، ހިތާމަ ކުރުން ނޫން ގޮތެއް ނެތީ ބާވައޭ އަބަދުވެސް އޭނާގެ ހިތަށް އަރައެވެ.
ނިދިފައި އޮތް އަރޫޝާ ސިހުނީ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ފުރަތަމަ ވެސް އޭނާއަށް ބަލައިލެވުނީ ގަޑިއެވެ. އޭރު ހަވީރު ވެއްޖެއެވެ. ބޮލު މެދަށް ހުޅިއެއް ޖަހާލުމަށްފަހު، ގޮސް ދޮރު ހުޅުވި އިރު ކުރިމަތީގައި ހުރީ މަދީހާއެވެ.
" ދަރިފުޅު ނިކުންނަން ދެން އިނދެ އިނދެފައި އެންމެ ފަހުން މަންމަ މި އައީ." މަދީހާ ބުންޏެވެ.
އެތެރެއަށް ވަނުމަށް އަރޫޝާ އެދުމުން މަދީހާ އައިސް އެނދުގައި އިށީނދެލިއެވެ. އަދި ވަށައިގެން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ.
" ޒައިނާއާ ނަދީމް ކައިވެނި ކުރީމަ ވެސް ބައްޕަ ދިން، އެ ގެސްޓުހައުސްގައި އެއް ދުވަހު ތިބެލާނެ ލާރި. އެހެންވެ އެތަނަށް ގޮއްސަވީ. " މަދީހާ ބުންޏެވެ.
އަރޫޝާ ހިނިތުންވެލުމާއެކު މަދީހާ ކަޅިޖަހާނުލައި އަރޫޝާގެ މޫނަށް ބަލަން ފެށިއެވެ.
" ދަރިފުޅުގެ މޫނުމަތި ހާދަ ދުޅައޭ! ރޮއިރޮއިފަތަ ނިދީ؟ މަންމައަށް އެނގޭ ދަރިފުޅު ދެރަވާނެކަން. ނަދީމް މިހާރު ދަރިފުޅަށް ވަރަށް ރަނގަޅުކަން ވެސް މަންމައަށް އެނގޭ. ނަދީމް ދަރިފުޅުދެކެ ލޯބިވާކަން ވެސް އެނގޭ. މިއަދު ނަދީމްގެ މޫނުމަތިން އެންމެ ފަހަރަކު ވެސް އުފާވެރިކަމެއް ނުދެކެން. ޒައިނާ ހެވިފައި ނަދީމްއަށް ބަލާތީ ނަދީމް ހީލާ. އެކަމަކު އެނގޭ އެއީ ގަދަކަމުންކަން. " މަދީހާގެ އަޑުގައި ހުރީ ވަރުބަލިކަމެވެ.. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްވެރިކަމެވެ.
" މަންމަ ކީއްކުރަން ތި ހުރިހާ ކަމަކާމެދު ވިސްނަނީ؟ އަހަރެން ހަމަ އެ ކައިވެންޏަށް ވަރަށް ރުހެން. ނަދީމްއަށް ވެސް އުފާވެރިކަން ލިބޭނެ. ނަދީމް އެންމެ ލޯބިވާ ކުއްޖާއާ ކައިވެނި ކުރެވެންޏާ އޭނަ ކިހާ އުފާވާނެ. އަހަރެން އަބަދުވެސް އެދެނީ އެ ކައިވެނި ބާއްޖަވެރިވުމަށް. " މަދީހާގެ ކޮނޑުގައި ބޯ އަޅާލަމުން އަރޫޝާ ބުންޏެވެ. އެއާއެކު މަދީހާ އަރޫޝާގެ މޫނުގައި ފިރުމާލީ ނުހަނު ލޯތްބާއެކުއެވެ.
ޖަކޫޒީގެ ތެރޭގައި ޒައިނާ އޮތީ އޮރެންޖް ޖޫސްތައްޓެއް ހިފައިގެންނެވެ. ފެންގަނޑުގައި ހުރި ރަތް ކުލައިގެ ފިނިފެންމާ ފިޔަތަކުން އޭނާގެ މުޅި ހަށިގަނޑު ވަނީ ފޮރުވިފައެވެ. ބިތުގައި ހަރުކޮށްފައި ހުރި ލޯގަނޑު ކުރިމަތީ ހުރެ ނަދީމް ގައިގައި ލޯޝަން ލަމުން ދިޔައެވެ. ތުވާލި އަނދެލައިގެން ހުރި ނަދީމްއަށް ބަލަން ޒައިނާ އޮތީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.
" އަވަސް ކޮށްގެން ހިނގާބަލަ ގެއަށް ދާން. " ނަދީމް އެހެން ބުނުމާއެކު ޒައިނާ ރުޅި ގަދަވިއެވެ.
" ގެއަށް ދާން. ގެއަށް ދާން! މި ތަނަށް ވަނީއްސުރެ ގެއަށް ނުދެވިގެން ނަދީމް އުޅެނީ. އެ ގޭގަ ކޯއްޗެއް އޮވެގެންތަ ގެއަށް ނުދެވިގެން ތި އުޅެނީ؟ އެ ކަޓު އަރޫޝާ ނުފެނި މާ ގިނަ އިރު ވީތަ؟" ޒައިނާ ބުންޏެވެ.
އޭނާ ފުންމައިގެން ކޮޅަށް ތެދުވެ، ކައިރީގައި ހުރި ރެކްގައި އޮތް ތުވާލި ދަމައިގަނެ، ގައިގައި އޮޅާލީ ނުހަނު އަވަހަށެވެ.
" އަޖައިބެއް ނުވާނެތަ؟ ގެއަށް ދާން މި ބުނީ އެއްޗެހި ބަލައޭ! އެއްވެސް އެއްޗެއް ނުގެނެސް، ޒައި ބޭނުންވީ އެއްނު އަވަހަށް މިތަނަށް އަންނަން." ދެ ފަރާތަށް ބޯ ހޫރާލަމުން ނަދީމް ބުންޏެވެ.
" އެކަމަކު އަދި ނުދެވިގެން އުޅޭ ވަރެއް ނުވެއެއްނު. އަހަންނާއެކު ޖަކޫޒީއަށް އެރިލަން ވެސް ނަދީމްއަށް ވީ ބޮޑު ކަމަކަށް. އެނގެއެއްނު އަހަރެން އަބަދުވެސް ޖަކޫޒީއަށް އެރޭހިތް ވާ ކަން." ޒައިނާ ބުންޏެވެ.
" ދެން އެރި އޮވެބަލަ! ދެ ގަޑި އިރުވަންދެން އަހަންނަކަށް ތިޔަކު ނޯވެވޭނެ. " ރުންކުރު ގޮތަކަށް އެހެން ބުނެ، ނަދީމް ކޮޓަރިއަށް ވަނެވެ. ރުޅިވެރި ލޮލަކުން ނަދީމްއަށް ބަލަހައްޓައިގެން ހުރެ، ޒައިނާ ބާރުބާރަށް ގޮސް ފެންވަރާ ބަޔަށް ވަނީ ވެސް ކުދި ކިޔަމުންނެވެ.
ތައްޔާރު ވެގެން ޒައިނާ ނިކުތް އިރު ނަދީމް އިނީ ގޯތިތެރޭގައި ހުރި އުނދޯލީގައެވެ. ޒައިނާ ފެނުމާއެކު އޭނާ ތެދުވެއްޖެއެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް ޒައިނާ ނަދީމްއާ މި ފަހަރު ވެސް ވާހަކަ ދައްކަން ފެށީ ރުޅި އައިސްގެންނެވެ.
" ނަދީމްގެ އެއްޗެހި ނަގަން އަހަރެން ވެސް އެ ކޮޓަރިއަށް ވަންނަން ބޭނުން." ޒައިނާ ބުންޏެވެ.
ޒައިނާގެ ޖުމްލަ އިވި، ނަދީމްއަށް ދެ ފަރާތަށް ބޯ ހޫރާލެވުނެވެ.
" ކޮން ބޮލެއް ހޫރާކަށް؟ އަހަރެން ދެން ބޭނުމެއް ނޫން، އަހަރެން ނެތީސް، އެ އަރޫޝާ ނަދީމްއަށް ބަލައިލާކަށް ވެސް." ޒައިނާ ބުންޏެވެ.
އެ ވަގުތު ލާނެތް ފާޑަކަށް ނަދީމްއަށް ހެވުނެވެ. ލިބުނު ހައިރާންކަމުގެ ބޮޑުކަމުން ޒައިނާ ގާތަށް އިތުރަށް ރުޅި އައެވެ.
" ކީއްވެ ތި ހެނީ؟" ޒައިނާ އެހިއެވެ.
" މާ ބޯ ގޯސް ވާހަކަ ދައްކަންޏާ ހެވޭނެ އެއްނު. އަހަރެން މި ހުރީ ހަމަ ހައިރާންވެފަ. ރަނގަޅަށް ވެސް އަޖައިބުވެފަ. އެއީ ވެސް މަގޭ އަނތްބެކޭ. އޭނައާ އިނދެގެން ހުރެ، ޒައިނާގެ ކޮޓަރިއަށް ވަންނައިރުވެސް އޭނަ އަހަންނާ ތި ފާޑަކަށް ވާހަކައެއް ނުދައްކާ! ރުޅި އައިސް އެއްޗެއްސެއް ނުކިޔާ. " ނަދީމް ބުންޏެވެ.
" އޯ! އޭނައާ މަށާ އަޅާ ކިޔަންތަ ނަދީމް ތި އުޅެނީ؟ އެނގޭތަ އަހަންނާ އަރޫޝާއާ ހުރި ތަފާތު؟ ފަހަރެއްގައި ވެސް އަހަރެން ހިއެއް ނުކުރަން ، އެ ތަފާތު މަގޭ ދުލުން ނަދީމްއަށް އަންގައިދޭން ޖެހިދާނެ ކަމަކަށް. ނަދީމް ހަނދާން ނެތިދާނެކަމަކަށް ވެސް އަހަރެން ހިއެއް ނުކުރަން. މަށަކީ ނަދީމްގެ އަލަތު ލޯބިކަން ނަދީމްއަކަށް ހަމަ ނޭނގޭތަ؟ އޭނައަކީ އަލަތު އަނބިމީހާކަމަަށް ވިޔަސް، ތި ދެ މީހުންނަކީ އަދިވެސް ދެ ބީރައްޓެހިންނޭ. ވީ އިރު މަށާ އޭނަ އަޅާކިޔަން ނަދީމްއަށް އޮތީ ކޮން ހައްގެއް؟ " ޒައިނާ އޭރު ހުރީ ފެންކަޅި ވެފައެވެ. ޒައިނާގެ ރުޅިވެރިކަން އިންތިހާއަށް ދިޔުމުން އޭނާއަށް ރޮވޭނެކަން ނަދީމްއަށް އެނގެއެވެ.
" ކޮންމެ ގޮތެއް ވިޔަސް، ކައިވެންޏަކީ ވަރަށް މާތް ގުޅުމެއް. ދެ އަނބިން ހަމަހަމަ ނުކުރީމަ، އަހަރެން ފާފަވެރިވާނެކަމެއް ޒައިނާއަކަށް ނޭނގޭތަ؟ ލޯބިވުމާ ނުވުމަކީ އަދި މުޅިން ތަފާތު ކަމެއް. ދޭން ޖެހޭ ވަގުތާ، ކުރަން ޖެހޭ ހަރަދާ، އެހެނިހެން ކަންކަން ހަމަހަމައަށް ކުރުމަކީ އަހަރެންގެ ވާޖިބެއް. އެ ކަންކަމަށް ހުރަސް އަޅަންޏާ އަހަރެން ރުޅި އަންނަން ޖެހިދާނެ. އަހަންނާއެކު ލޯބިން އުޅެން ބޭނުންވަންޏާ، ރުޅި ގަދަނުކޮށް، ރަނގަޅަށް އުޅޭ!" ނަދީމް ބުންޏެވެ.
" މޫނު ސާފުކޮށްގެން ގެއަށް ދާން އާދޭ! ރުޅި އައިސް ހުންނަންޏާ، ގެއަށް ދާ ގޮތަށް އަހަރެން މި ތާކަށް ދެން ނާންނާނަން." ނަދީމް އަނެއްކާ ވެސް ބުންޏެވެ.
ހިނގައިގަންނަން ވެސް ނޭނގިފައި ޒައިނާއަށް ހުރެވުނީއެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދެއެވެ. އެ ހާލުގައި ހުރެ އޭނާއަށް ނުދެވޭނެކަން ހަމަ ރަނގަޅަށް ވެސް އޭނާއަށް އެނގެއެވެ.
" ނަދީމް އެކަނި ދޭ! އަހަރެން ނުދާނަން." ޒައިނާ އެހެން ބުނެ، އުނދޯލީގައި އިށީނެވެ.
" ޕްލީޒް ޒައި! ތިހެން ނޫޅެބަލަ! އަހަރެން ވެސް ދެރަވާނެއެއްނު. އަހަރެން ކިހިނެއް މިހެން ޒައިއާއެކު އުޅޭނީ؟ އަބަދު ޒުވާބުކުރުމުގައި މި އުޅެނީ؟ އަހަރެމެންގެ ހާލަތު އެނގި ހުރެ ޒައި ތިހެން އުޅުނީމަ، އަހަރެމެންގެ މި ދިރިއުޅުން ކިހިނެއް އުފާވެރިވާނީ؟" ނަދީމް ވާހަކަ ދެއްކީ ޒައިނާ ހަމައަކަށް އެޅުވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތިއެވެ.
" ބުނެފީމެއްނު އެކަނި ދާށޭ! އަހަރެން ނުދާނަމޭ..." ނަދީމްއަށް ނުބަލަން ވެގެން ޒައިނާ އިނީ މޫނު އަނބުރާލައިގެންނެވެ.
އިރުކޮޅަކު މަޑުކޮށްލުމަށްފަހު ނަދީމް ތެދުވެއްޖެއެވެ. އަދި ޒައިނާއަށް ބަލައިލުމަށްފަހު އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން އެނބުރި އަންނައިރު ތި މޫޑުގައި އިނދެގެން ނުވާނެ." އެހެން ބުނެ، ނަދީމް ދޮރާއްޓާ ދިމާލަށް ހިނގައިގަތެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ފޫހިވެފައެވެ. ނިކުމެގެން ތަންކޮޅަކަށް ގޮސް އޭނާ، ޖީބަށް އަތްކޮއްޕާލީ، ފޯނު ނަގާށެވެ. އެނދުމަތީގައި ފޯނު ބޭއްވުނު ހަނދާން ވުމާއެކު އޭނާ އަވަހަށް ގެސްޓުހައުސްއަށް ދާން މިސްރާބު ބަދަލު ކޮށްލިއެވެ.
އަވަސް ހިނގުމުގައި ގޮސް ދޮރާށި ހުޅުވާލުމާއެކު، އޭނާގެ ނަޒަރު ހުއްޓުނީ ކަންފަތުގައި ފޯނު ޖަހައިގެން އުނދޯލީގައި އިން ޒައިނާއަށެވެ. ޒައިނާއަށް ނަދީމް ފެނުމާއެކު، ފޯނު ތިރިކޮށްލެވުނީ ސިހިގެންނެވެ. އޭނާ ހާސްވި ވަރު އެ މޫނުމަތިން ފާހަގަ ވެގެން ދިޔައެވެ. ނަދީމްގެ ހިތަށް އުނދަގޫވީ ޒައިނާގެ މޫނުމައްޗަށް ވެރިވި ކުލަވަރުންނެވެ. ނުސީދާ ގޮތަކަށް ޒައިނާއަށް ބަލަމުން އައިސް، ނަދީމް އޭނާގެ ކުރިމަތީގައި ހުއްޓުނެވެ.
" ކާކަށް ގުޅައިގެން؟" ނަދީމް ސުވާލު ކުރިއެވެ.
އެއާއެކު ޒައިނާ އިސްޖަހާލިއެވެ. އޭނާ އެއްޗެއް ނުބުނުމުން ދެވަނަ ފަހަރަށް ވެސް ނަދީމް އެ ސުވާލު ތަކުރާރު ކުރިއެވެ.
" އެއީ... ރައްޓެހި ކުއްޖެއް. " ޒައިނާގެ ޖަވާބުން ނަދީމް އިތުރަށް ހިތްހަމަ ނުޖެހިއްޖެއެވެ.
" ކޮން ރައްޓެއްސެއް؟ އަހަރެން ހަމަ ނިކުތުމާއެކު ޒައިނާ ތި ގުޅީ ކާކަށް؟ އަހަރެން ނިކުތް އިރު ޒައިނާ ހުރީ ރުޅި އައިސްގެން ގޮސް ރޮވިފަ. ދެން އެ ހާލުގައި ހުރި މީހަކު ރައްޓެއްސަކަށް ގުޅައިގެން ދެއްކޭނީ ކޮން ވާހަކައެއް؟ އަހަރެންގެ ވާހަކަތަ؟ " ނަދީމް ބުންޏެވެ.
" ގަބޫލު ނުކުރަންޏާ ފޯނު ބަލަންވީއެއްނު. ޝަރޫއަކީ މަންމަގެ ރައްޓެއްސެއްގެ ދަރިއެއް. އޭނަ ގުޅީމަ އަހަރެން ރުޅި މަޑުވީ ވެސް. " ފޯނުން ޝަރޫގެ ނަން ދައްކާލަމުން ޒައިނާ ބުންޏެވެ.
އިތުރަށް އެއްޗެއް ނުބުނެ ނަދީމް އެތެރެއަށް ވަނީ ވެސް ރުޅި މޫނުގައި ހުރެގެންނެވެ. ފޯނު ހިފައިގެން އެނބުރި ނަދީމް ނިކުތް އިރު ވެސް، ޒައިނާ އުނދޯލީގައި އިނެވެ.
ގަދަ އަވީގައި ހިނގާފައި ގޮސް ނަދީމް ވަނީ އޭނާގެ ކޮޓަރިއަށެވެ. ނަދީމް ވަނުމާއެކު ލޯގަނޑު ކުރިމަތީގައި ހުރި އަރޫޝާ ސިހިފައި ފަހަތް ބަލައިލިއެވެ. ދޮރު ލެއްޕުމަށްފަހު ބާރުބާރަށް އައިސް ނަދީމް އަރޫޝާގެ ގައިގައި އެހާމެ ބާރަށް ބައްދާލިއެވެ. ލިބުނު ހައިރާންކަމުގެ ބޮޑުކަމުން އަރޫޝާއަށް ހުރެވުނީ ހުއްޓުން އަރާފައެވެ.
" އަހަންނަކަށް ޒައިނާއާއެކު އުފަލަކު ނޫޅެވޭނެ." ވަރުބަލި އަޑަކުން ނަދީމް ބުންޏެވެ.
އެ ވަގުތު އަރޫޝާ ނަދީމް ދުރަށް ޖައްސާލިއެވެ. އަދި ހައިރާންކަމާއެކު ނަދީމްގެ މޫނަށް ބަލަން ފެށިއެވެ.
" އަހަރެން ދުރުނުކުރޭ! އަހަންނަށް ތިހެން ނަހަދާ އަރޫ! ކުރިން އަހަރެން ޒައިނާދެކެ ލޯބި ވިޔަސް، މިހާރަކު އަހަރެން އޭނަދެކެ ލޯތްބެއް ނުވޭ! އެކަން އަހަންނަށް އިހްސާސް ކުރެވިއްޖެ އަރޫ! " ނަދީމް ބުންޏެވެ. އޭނާ އަނެއްކާ ވެސް އަރޫޝާގެ އަތުގައި ހިފިއެވެ.
" އަހަރެންގެ ހިތް މުޅިން ބަދަލް ވެއްޖެ! އަރޫ... އަހަރެމެން ދެ މީހުންނަށް ވެސް އެކުގައި އުފަލުގައި އުޅެވޭނެޔޭ. އަދި އަރޫއަށް އަހަރެންދެކެ ލޯބި ވެވޭނެ! އަހަންނަށް ހަމަ ޔަގީން. އަހަރެން އަރޫއަށް ލޯބިދޭނަން. އުފަލުގައި އަރޫ ގެންގުޅޭނަން." ނަދީމް ބުންޏެވެ. އެއާއެކު ނަދީމްގެ އަތުގެ ތެރޭގައި އޮތް އަތް އަރޫޝާ ދަމައިގަތެވެ.
" އަރޫ ޕްލީޒް! ހެޔޮނުވާނެ. ފިރިއެއްގެ ވާޖިބު އަދާކުރަން އަހަންނަށް ފުރުސަތު ދީ! އަހަރެން މިހުރީ އަރޫގެ ހިތް ފަތަހަ ކުރަން ތައްޔާރަށް. މިވަރަކުން އަރޫއަކަށް ނުފުދޭތަ؟" ނަދީމް އާދޭސް ކުރަން ފެށިއެވެ.
އާގަމަ ވެފައި އަރޫޝާއަށް ހުރެވުނީ ނަދީމްގެ މޫނަށް ބަލާށެވެ.
" އަހަރެން ބޭނުންވަނީ އެކަނިވެލަން. " އަރޫޝާ ބުނެލިއެވެ. އެއާއެކު ނަދީމް ހިންދިރުވާލިއެވެ.
" ނަދީމް މިތަނުން ދޭ! އަހަންނަށް ވަރަށް އުނދަގޫވޭބަ!" އަނެއްކާ ވެސް އަރޫޝާ ބުންޏެވެ.
އެއާއެކު ނަދީމް އަލަމާރިން ބައެއް އެއްޗެހި ނަގައި، ދަބަހަށް އެޅުމަށްފަހު އަރޫޝާއަށް ބަލައިލިއެވެ. އަރޫޝާ ވަގުތުން ނަދީމްއަށް ފުރަގަސް ދިނެވެ. ދެން އޭނާއަށް އިވުނީ ދޮރު ލެއްޕުނު އަޑެވެ. އެ ވަގުތު ދުވެފައި ގޮސް އޭނާ ދޮރު ތަޅުލިއެވެ. އަދި މަތީގައި ހަރުކޮށްފައި ހުރި ތަންޑު އަޅުވައި ބާރުކޮށްލިއެވެ. އަވަސް ހިނގުމުގައި ގޮސް އެނދުމަތީގައި އޮތް ފޯނު ނަގައި ދެ އަތުން ފޯނާ ކުޅެން ފެށިއެވެ.
" ހަ..ހަލޯ! ދާއިން." އަރޫޝާއަށް ދާއިންގެ ނަން ބުނެވުމާއެކު ރޮވިއްޖެއެވެ.
" ކިހިނެއްވީ؟ އަރޫ! ކީއްވެ ރޮވެނީ؟ އަރޫ ބުނެބަލަ! ތިހެން ރޮންޏާ އަހަރެން ކިހާ ބިރުގަންނާނެ." ދާއިން އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ.
ކައިގެން ފެން ވެސް ނުބޮއި ދާއިން ކެންޓީނުން ނިކުމެގެން ގޮސް ހުއްޓުނީ މީހުން މަދު ސަރަހައްދެއްގައެވެ. އޭރު އޭނާގެ ހިތުގެ ތެޅުން އަވަސްވެ މީހާ ފިނިވެއްޖެއެވެ. އަރޫޝާގެ ގިސްލުމުގެ އަޑުން ދާއިންގެ މޫޑު ގޯސްވިއެވެ.
އެތައް ފަހަރަކު ސުވާލު ކުރުމުން، ނަދީމް ދެއްކި ހުރިހާ ވާހަކަތަކެއް އަރޫޝާ ދާއިންއަށް ކިޔައިދިނެވެ.
" އަހަންނަކަށް ނޭނގެ މި ކުރެވެނީ ރަނގަޅު ކަމެއް ކަމެއްވެސް. އަހަރެންގެ ހުރިހާ ވެސް މީހަކީ ހަމަ ތީ! ބުނެބަލަ! އަހަރެން ކިހިނެއް ހަދާނީ؟ އަހަރެން ކިހިނެއް ނަދީމްއަށް ލޯބި ދޭނީ؟ މިފަހަރު ނަދީމް އެހުރީ ދޫކުރާ ގޮތަކަށް ނޫން. އޭނަ އަހަރެންދެެކެ ވަރަށް ލޯބިވެޔޭ ބުނަނީ. އޭނަ އަހަރެން ބޭނުމޭ ބުނީ. އަހަންނަށްޓަކައި ޒައިނާވެސް އޭނަ ވަރިކޮށްފާނެ. ދާއިން ބުނެބަލަ! އަހަންނަށް އިތުރު ގޮތެއް އެބައޮތްތަ؟ " އަރޫޝާ ވާހަކަ ދެއްކީ ރޮމުންނެވެ.
" ހަމަ މިހާރު ނިކުމެގެން ގޮސް މަންމައާ ބައްޕަ ކައިރީ ބުނޭ އަހަންނާ އަރޫގެ ގުޅުމުގެ ވާހަކަ. އަދި ބުނޭ ނަދީމްއާއެކު އުޅެން ބޭނުން ނުވާ ވާހަކަ. އެހެން ނޫނީ އަހަރެންތަ ގުޅާފަ ބުނަންވީ؟" ދާއިންގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.
" އެކަމަކު.... މަންމަ!" އަރޫޝާ ފަސްޖެހުނީ މަންމައާމެދު ވިސްނާފައެވެ.
" ރަނގަޅުވާނެ! އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. އަބަދު ތިހެން ވިސްނައިގެން ކަމަކު ނުދާނެޔޭ އަރޫ. " ދާއިން ނަސޭހަތް ދިނެވެ.
އެންމެ ރަނގަޅު. އަހަރެން މި ދަނީ! އަހަރެން ގޮސް ހުރިހާ އެއްޗެއް ކިޔައިދޭނަން. އަހަންނަކަށް ދެނެއް ކެތެއް ނުވާނެ." އަރޫޝާ އަނެއްކާ ވެސް ރޮއިގަތެވެ. ވަރަށް ގިނައިރު ވަންދެން ދާއިން ވާހަކަ ދެއްކުމުން އަރޫޝާ، ހަމައަކަށް އެޅުނެވެ. ދާއިންގެ ހިތްވަރުން އަރޫޝާ ތެދުވީ، މަދީހާއާއި ރިޒާއަށް ހަގީގަތް ހާމަކޮށްދޭން ދާށެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!