ދާއިން ދިން ހިތްވަރުން އަރޫޝާ ތެދުވީ، މަދީހާއާއި ރިޒާއަށް ހަގީގަތް ހާމަކޮށްދޭން ދާށެވެ.
މަދީހާގެ ކޮޓަރި ބޭރުގައި ހުރި ރިޒާއާއި މަދީހާގެ ފައިވާން ފެނި، އަރޫޝާގެ ހިތް ބާރަށް ތެޅިގަނެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ ދޮރު ކައިރީ ހުއްޓުމާއެކު ފުރަތަމަ ވެސް އިވުނީ ރިޒާގެ އަޑެވެ.
" އަހަރެން މިހާރު ހިތަށް އަރާ އެކަން އެގޮތަށް ނުކުރެވުނު ނަމައޭ!" ރިޒާގެ އަޑަށް އަރޫޝާއަށް މަޑުކޮށްލެވުނެވެ.
" އަރޫޝާ މިހާރު މާ ހިތާމަ ކުރާނެ. އަހަންނަށް ހީވަނީ އަސްލު ދާއިންއާ ދެކުދިން ގުޅުނު ނަމަ މާ ރަނގަޅު ވީސް ހެން. ދާއިންއަށް ވެސް ކޮންމެވެސް ދުވަހަކުން ހެޔޮ ވިސްނުން ލިބޭނެކަން އަހަރެމެންނަށް ނުވިސްނުނީމަ ދެރައީ." މަދީހާގެ އަޑުން އޭނާ ރޮނީކަން އަރޫޝާއަށް ޔަގީން ކުރެވުނެވެ.
" ދާއިންއާ އަރޫޝާގެ ގުޅުން އެނގި ހުރެ އަހަރެމެންގެ ދެ އަތުން އެ ކުދިންގެ އުފާތައް މި ގުރުބާން ކުރެވުނީ! އަހަންނަށް އެނގޭ އަރޫޝާއާ ނަދީމްއާ ދެމެދު އެއްވެސް ގުޅުމެއް ނޯންނަ ކަން. ނޭނގޭ ކަމަށް ހަދައިގެން މިހެން މި އުޅެނީ. ދަރިންގެ ދިރިއުޅުމާ ކުޅެވުނީމަ އަހަރެން ހާދަ ހިތާމައެއް ކުރަމޭ. އޭގެ ބަދަލު ކަންނޭނގެ އަހަންނަށް މި ލިބުނީ." މަދީހާ އަނެއްކާ ވެސް ރޮއި ގަތް އަޑު އަރޫޝާއަށް އިވުނެވެ. އޭރު އަރޫޝާއަށް މާނޭވާ ލެވެން ފަށައިފިއެވެ.
އެ ވަގުތު އަރޫޝާގެ ސިކުނޑި ބުނެދިނީ އެމީހުންނާ ކުރިމަތި ލުމަށެވެ. ހިތުގައިވާ އުދާސްތައް އެ ދެ މީހުންގެ ފައިބުޑަށް ބަންޑުން ކޮށްލުމަށެވެ. އެ ދެ މީހުންގެ ސަބަބުން އަރޫޝާ ތަހައްމަލް ކުރަމުންދާ ވޭނާއި ހިތާމަތައް އިހްސާސްކޮށްދިނުމަށެވެ.
މަދީހާގެ ކޮޓަރީގެ ތަޅުގައި އަރޫޝާ ހިފާލީ، ތުރުތުރު އަޅާ ހާލުގައެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ދޮރު ހުޅުވާލިއެވެ. އެއާއެކު އެނދުމަތީގައި އިށީނދެލައިގެން ތިބި ރިޒާއާއި މަދީހާއަށް ސިހިފައި ދޮރާ ދިމާލަށް ބަލައިލިއެވެ.
އަރޫޝާ ފެނުމާއެކު އޭނާއަށް ކޮންމެވެސް ކަމެއް ވެފައި ހުރިކަން މަދީހާގެ އިތުރުން ރިޒާއަށް ވެސް ފާހަގަ ކުރެވުނެވެ. ރިޒާ މަޑުމަޑުން ކޮޅަށް ތެދުވުމާއެކު، ދޮރު ލައްޕާލުމަށްފަހު އަރޫޝާ އެތެރެއަށް ހިނގައިގަތެވެ. އޭރު އޭނާ ހުރީ ފެންކަޅި ވެފައެވެ. ދެ އަތުން މަދީހާ ވެސް މޫނު ފުހެލިއެވެ. އަދި ގަދަކަމުން ހިނިތުންވެލަމުން އަރޫޝާއަށް ބަލައިލީ، ހާސް ހިތަކައިގެންނެވެ.
" މަންމަމެން ދެންމެ ދެއްކި ހުރިހާ ވާހަކައެއް އަހަންނަށް އަޑު އިވިއްޖެ." އަރޫޝާގެ ދެ ތުންފަތް ހަރަކާތްކޮށްލީ މަޑުމަޑުންނެވެ. އެއާއެކު މަދީހާއަށް ފުންމައިގެން ތެދުވެވުނެވެ.
" ނޫން. އިތުރަށް އެއްވެސް އެއްޗެއް އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން މަންމާ! އަހަރެން ހަމައެކަނި މަންމައާއި ބައްޕަގާތު އަހާލަން ބޭނުންވަނީ، ތިހެން ކަންތައް ކުރީ ކީއްވެތޯ؟ އަހަންނާ ދާއިންއާ ގުޅުމެއް އޮތްކަން އެނގުނީ ކޮން އިރަކުތޯ؟ އަދި އަހަރެން ނަދީމްއާ ކައިވެނި ކުރުވީ ކީއްވެގެންތޯ؟ އަހަންނަށް އޮޅުންފިލުވައި ދީބަލަ ބައްޕާ! އަހަރެން އެއްވެސް ޝަކުވާއެއް ނުކުރާނަމޭ. " އަރޫޝާ، ރިޒާއާ ދިމާލަށް ބަލައިލަމުން ބުނެލިއެވެ.
އެއާއެކު މަދީހާއާއި ރިޒާއަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން އިރުކޮޅަކު ތިބެވުނެވެ.
" ދާއިންއަކީ ޒިންމާދާރުކަމެއް ނެތް، އުޅުމެއް ނެތް ކުއްޖަކަށްވާތީ، އަބަދުވެސް މަންމަ އެއްޗެހި ކިޔާ އަޑު އަރޫޝާއަށް ވެސް އިވޭނެ." ވާހަކަ ދައްކަން ފެށީ ރިޒާއެވެ.
" އެއްރޭ ދަންވަރު ބައްޕައަށް ފެނުނު ތި ދެ ކުދިން ޖޯލިފަތީގައި ތިއްބާ. އެ ހިސާބުން އެނގުނު ގުޅުމެއް ނެތި، ދަންވަރު ބޭރު ޖޯލިން ބައްދަލެއް ނުކުރާނެކަން. މަންމައާއި ބައްޕަ ވެސް ދަރިފުޅު، ދާއިންއާ ގުޅުން ބާއްވަން ބޭނުން ނުވީ ދާއިންއަކީ އޭރު ހަރުދަނާ މީހަކަށް ނުވާތީ. ދަރިފުޅަށް އުފާވެރި ދިރިއުޅުމެއް ދާއިންކަހަލަ ކުއްޖަކަށް ހޯދައި ނުދެވިދާނެތީ އެކަމާ އޭރު ވިސްނުނީ. އެހެންވެ، ނަދީމްއާ ކައިވެނި ކުރުވީ. " ރިޒާ ކިޔައިދިނެވެ.
" އެއް ފަހަރު ވެސް ދާއިންއަށް ފުރުސަތެއް ދިން ނަމަ..." އަރޫޝާއަށް ބުނެވުނީ އެހިސާބަށެވެ. އޭނާއަށް ރޮވިއްޖެއެވެ. އެހެންވެ، އިތުރަށް އެ ކޮޓަރީގައި މަޑުކުރަން ބޭނުން ނުވެގެން އޭނާ ބާރު ބާރަށް ބޭރަށް ނިކުންނަން ދުއްވައިގަތެވެ. އެ ވަގުތު ދޮރާ ދިމާލަށް ބަލަހައްޓައިގެން ހުރި ރިޒާ ސިހުނީ މަދީހާގެ އަނގައިން ނިކުތް ވޭނީ އަޑަކުންނެވެ.
ރިޒާއަށް މަދީހާގެ ގައިގައި ހިފެހެއްޓުނީ ކިރިޔާއެވެ. އޭނާގެ ހަބަރު ހުސްވެއްޖެއެވެ. ރިޒާ ބާރުބާރަށް މަދީހާއަށް ގޮވަމުން ދިޔައެވެ.
ނަދީމް ގޮސް ގެސްޓްހައުސްއަށް ވަނުމާއެކު، އޭނާގެ ފޯނަށް ރިޒާ ގުޅިއެވެ.
" ކިހިނެއް ވީ؟ ކާކު ގުޅީ؟ ކޮންތާކަށް ތި ދަނީ؟ " އެނދުމަތީ އޮތް ޒައިނާ ތެދުވީ،ނަދީމް ބޭރަށް ނިކުންނަން ހިނގައިގަތުމުންނެވެ.
" މަންމަ ގޮވައިގެން މަރުކަޒަށް ދާން ބައްޕަ އެ ގުޅީ! މަންމަ ހޭނެތިގެން." އޭރު ނަދީމްގެ އަޑު ތުރުތުރު އަޅައެވެ. އޭނާ މަޑުކުރުމެއް ނެތި ނިކުމެގެން ދިޔައެވެ.
" ކަންތަކާ ޖެހުނީއޭ! އަނެއްކާ މާލެ ދާން ނުޖެހުނިއްޔާ ވާނީ. ކައިވެނިކޮށްގެން ވެސް ދެ މީހުންނަށް އެއްތާކު ތިބެ ނުލެވޭ އެ މީހުންގެ އުނދަގުލާ ހެދި. އެއްކޮޅުން މަންމަ! އަނެއްކޮޅުން އަރޫޝާ. " ޒައިނާއަށް ކުދި ކިޔެން ފެށިއެވެ. ފޫހި ގޮތަކަށް ގައިމަތީ އޮތް ބްލޭންކެޓް ނެގުމަށްފަހު، އޭނާ ވެސް ތެދުވީ، ސިއްހީމަރުކަޒަށް ދާށެވެ.
ނަދީމް ގެއަށް ދިޔައިރު ގޭގައި އެކަކު ވެސް ނެތެވެ. ބައްޕައަށް ދެ ފަހަރަކު ގުޅުމުން ވެސް ފޯނެއް ނުނަގައެވެ. އެމްބިޔުލާންސްގައި ދިޔައީކަމަށް ނިންމާ، ފަޔަށް ބާރުލައިފައި އޭނާ ސިއްހީމަރުކަޒާ ދިމާއަށް ހިނގައިގަތެވެ.
މާ ދުރުން މަރުކަޒު ކައިރިއަށް މީހުން އެއްވަމުން ދާތަން އޭނާއަށް ފެނުނެވެ. އެއާއެކު ވަރަށް ބޮޑަށް ނަދީމްގެ ހިތް ނުތަނަވަސް ވެއްޖެއެވެ.
" ގެނައި އިރު ވެސް ނިޔާވެފައި އޮތީ." މަރުކަޒުގެ ގޭޓާ ހަމައަށް އެރުމާއެކު މީހަކު ބުނެލި ޖުމްލައިގެ އަޑު އިވި، ނަދީމްގެ ދެ ފައިގައި ކަސްތޮޅު އެޅުނެވެ. އިތުރަށް އެތެރެއަށް ވަންނާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ކުރިއަށް އެޅި ފިޔަވަޅު ވެސް ބޭއިހްތިޔާރުގައި ފަހަތަށް އެޅުނީ، މަންމަ މި ދުނިޔެ ދޫކުރިކަން އެނގުމުންނެވެ. އޭނާ އަވަސް އަވަހަށް މަރުކަޒަށް ފުރަގަސްދިނެވެ. ނަމަވެސް މަންމަ ދެކިލާ ހިތުން އެތަނުން ދުރަށް ދާ ހިތެއް ނުވިއެވެ.
ނަދީމް ފެނުމާއެކު މީހުންތައް އޭނާއަށް ޖާގަ ދޭން ފެށިއެވެ. މަޑުމަޑުން ގޮސް މަންމަ ބާއްވާފައި އޮތް ކޮޓަރިއަށް އޭނާ ވަނީ ރޮވޭ ހާލުގައެވެ. މަންމަ އޮތް އެނދު ކައިރީގައި އަރޫޝާއާއި ރިޒާ ހުއްޓެވެ. ނަދީމް ވަނުމާއެކު ރިޒާ ބަލައިލިއެވެ.
ރިޒާގެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަތައް ފައިބައިގަތީ އެހިސާބުންނެވެ. ކެތްތެރިކަން ކޮޅުންލީ ނަދީމް ފެނުމުންނެވެ. އޭރު އަރޫޝާ ވެސް ހުރީ ރޮއިރޮއި ވަރުބަލި ވެފައެވެ. މަންމަގެ ގައިމަތީ އަޅާފައި އޮތް ހުދުކުލައިގެ ބެޑްޝީޓްގައި ނަދީމްއަށް އަތްޖައްސާލެވުނީ ތުރުތުރުއަޅާ ހާލުގައެވެ. އެއާއެކު ރިޒާ ބާރުބާރަށް ނަދީމްގެ ގައިގައި ބައްދައިގަތެވެ. ބާރަށް ނުރޮއިވޭތޯ ނަދީމް ވަރަށް މަސައްކަތް ކުރިއެވެ. ރިޒާގެ ގައިން އަތް ދޫކޮށްލުމަށްފަހު އޭނާއަށް އަރޫޝާއާ ދިމާލަށް ބަލައިލެވުނެވެ. ރަތްވެފައިވާ އެ ދެ ލޯ ފެނި، ނަދީމް ދެ ފަރާތަށް ބޯ ހޫރާލީ ނުރޯށޭ ބުނުމުގެ ގޮތުންނެވެ.
ރިޒާ ކުޑަކޮށް ދުރަށް ޖެހިލުމާއެކު ނަދީމް ގޮސް އަރޫޝާ ގާތު ހުއްޓުމަށްފަހު ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.
" އަރޫ ތިވަރަށް ރޯކަށް މަންމައެއް ނޭދޭނެ. މަންމަދެކެ އެންމެ ލޯބިވަނީ އަރޫކަން މަންމައަށް އެނގޭ." ނަދީމް ބުންޏެވެ.
އޭރު މަދީހާގެ ފައިގައި އަތް ޖައްސާލައިގެން ހުއްޓުން އަރާފައި ރިޒާ ހުއްޓެވެ.
ނަދީމް މަޑުމަޑުން އަތް އުފުލާލުމަށްފަހު އަރޫޝާގެ ދެ ލޮލުން ކަރުން ފުހެލަދިނެވެ. ވަގުތަކީ ޒައިނާ އައިސް އެ ކޮޓަރި ދޮރު ހުޅުވާލި ވަގުތެވެ. ޒައިނާއަށް އެ މަންޒަރު ފެނުމާއެކު އެތެރެހަށި އަނދައިގަތް ކަހަލައެވެ. އެ ކޮޓަރީގައި މައްޔިތަކު އޮތްކަން ވެސް އޭނާ ހަނދާންނެތް ކަހަލައެވެ. ނަދީމްއާ ދިމާލަށް އޭނާއަށް ބަލައިލެވުނީ ރުޅިވެރި ލޮލަކުންނެވެ. ނަމަވެސް އިސާހިތަކު އޭނާއަށް މޫޑު ބަދަލުކުރަން، ސިކުނޑި މަޖުބޫރު ކުރުވި ކަހަލައެވެ.
ރޯން ބޭނުންވި ނަމަވެސް ޒައިނާގެ ލޮލުގައި ކަރުނައިގެ އަސަރު ވެސް ނެތެވެ. އޭނާ ދިޔަ ގޮތަށް ގޮސް ނަދީމްގެ ގައިގައި ތަތްވެ، މޫނު ފޮނުވާލިއެވެ.
" ކީއްވެ ކުއްލިއަކަށް މަންމަ އަހަރެމެންނާ ވަކިވީ؟" އަސަރާއެކު ވާހަކަ ދެއްކޭތޯ ޒައިނާ މަސައްކަތް ކުރަމުން ދިޔައެވެ.
" މަންމައަކީ ހާދަ ހެޔޮ މީހެކޭ. މަންމަ ނެތީމަ އަހަރެމެން އެންމެންނަށް ހާދަ ފަޅުވާނެޔޭ." ޒައިނާ އަޑުގައި ތުރުތުރު ލައްވާލިއެވެ. އަދި ލޮލުގެ ހިމަކޮޅުން ރިޒާގެ މޫނަށް ބަލައިލިއެވެ.
އޭރު ވެސް ރޮވިފައި ހުރެ ރިޒާ މަދީހާއަށް ބަލަމުން ދެއެވެ. ދެ އަތުން މޫނު ސާފުކޮށްލުމަށްފަހު، ޒައިނާ ގަދަކަމުން ނޭފަތް ދަމާލާ އަޑު، ރިޒާއަށް އިއްވަން މަސައްކަތް ކުރިއެވެ.
" ބައްޕާ! ދެރަނުވޭ. މިއީ މަންމައަށް ހެޔޮދުއާ ކުރަންވީ ވަގުތު." ޒައިނާ ބުންޏެވެ.
ޒައިނާ ޖައްސާ ވައްތަރުތައް އެންމެ ރަނގަޅަށް ދެނެގަނެވެނީ އަރޫޝާއަށެވެ. އެހެންވެ، އޭނާ ހުރީ އެތާ ހުންނަން ވެސް ބޭނުން ނުވެފައެވެ.
" ބައްޕާ! ދާއިން ކޮއްކޮއަށް ގުޅިންތަ؟" ނަދީމް ބުންޏެވެ.
އެއާއެކު އަރޫޝާގެ ހިތަށް ވަރަށް އުނދަގޫވިއެވެ. ދާއިން ދެރަވާނެ ވަރު އޭނާއަށް މިހާރު ވެސް އިހްސާސް ކުރެވެއެވެ. ދާއިންއަށް ހިތްވަރުދޭން ކިތަންމެ ބޭނުން ވިޔަސް، އެ ފުރުސަތު ވެސް އޭނާއަކަށް ނެތްކަން އެނގޭތީ އިތުރަށް އަރޫޝާ ދެރަވިއެވެ.
" ނުގުޅަން. މަންމަ ނިޔާވެއްޖޭ ދާއިން ގާތު ބުނާނެ ހިތްވަރެއް ބައްޕަގެ ދުލަކު ނެތް." އެހެން ބުނެ، ރިޒާ އިނގިލިތަކުން ދެ ލޯ ފުހެލިއެވެ. ވަގުތުން ނަދީމް ޖީބުން ފޯނު ނަގައިފިއެވެ. ވަގުތަކީ ޑޮކްޓަރާއި ނަރުހުން އެތެރެއަށް ވަތް ވަގުތެވެ. އެހެންވެ، ނަދީމްއަށް ޖެހުނީ ފޯނު ތިރިކޮށްލާށެވެ.
ދާއިން އުޅުނީ ޑިޔުޓީގައެވެ. ދުވަހަކީ އެހެން ދުވަސްތަކާ ހިލާފަށް މަސައްކަތް ބުރަ ދުވަހަކަށް ވާތީ، އާބިދު ދެ ފަހަރަކު ގުޅުމުން ވެސް އޭނާ ފޯނެއް ނުނަގައެވެ. މީގެ ކުރިން އޭނާއަކީ ގަސްތުގައި އާބިދުގެ ފޯނެއް، ނުނަގައި ދޫކޮށްލާ މީހެއް ނޫނެވެ.
ކޮމްޕިޔުޓާ މަސައްކަތްތައް ނިންމާލުމަށްފަހު، ޑެސްކް މަތީގައި އޮތް ފޯނަށް ދާއިން ނަޒަރު ހިންގާލިއެވެ. އޭރު ނަދީމްގެ ދެ މެސެޖެއް ލިބިފައި އޮތެވެ. ނަދީމްއަކީ ދާއިންއަށް މެސެޖްކޮށް، ގުޅާ ހަދާ މީހެއް ނޫނެވެ. އެހެންވެ، ނަދީމްގެ ނަން ފެނުމުން ދާއިން ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ.
މެސެޖް ހުޅުވާލުމާއެކު ދާއިންއަށް މަޑުމަޑުން ދެ ލޯ މަރާލެވުނެވެ. ހިތުގެ ހިނގުން އަވަސްވެ، އެތައް އަހަރެއްގެ ފަހަތަށް ސިކުނޑި ދަތުރުކުރި ކަހަލައެވެ. އެންމެ ތުއްތުއިރު މަންމަ އޭނާ ގެންގުޅުނު ހަނދާންތައް ލޮލު ތެރެއިން ފެންނަން ފެށި ކަހަލައެވެ.
"މަންމާ!" ލޯ ހުޅުވާލެވުމާއެކު ދާއިންގެ ދެ ތުންފަތް ހަރަކާތްކޮށްލިއެވެ. ރޮވެންފެށި ނަމަވެސް، ދާއިން ހިތްވަރު ކުރިއެވެ. މަޑުމަޑުން ތެދުވެ، ބޭރަށް ނިކުތް އިރު އުދަރެސް އޮތީ ކަޅު، ބޯ ވިލާތަކުން ބައްދާލާފައެވެ. އޭރު ވައި ގަދަވެ، ވެލިތައް ވެސް ހިރަފުހާއެކު ކެކި އަރާތަން ފެނެއެވެ.
" ކޮޅިގަނޑު ލައިގަތީއޭ!" ފަހަތުން އައި ބަޔަކު ކިޔަމުން ދިޔަ އަޑު އިވުނެވެ.
މަންމަގެ މޫނު ދެކެން ދާން ކިތަންމެހާ ވެސް އޭނާ ބޭނުމެވެ. ނަމަވެސް މޫސުމަށް އައި ކުއްލި ބަދަލުން ރިސޯޓުން އެއްވެސް ލޯންޗެއް ނުފުރާނެކަން އޭނާއަށް ޔަގީންވިއެވެ.
ކުއްލިއަކަށް ނަދީމްގެ ކޯލެއް އަތުވެއްޖެއެވެ. ފޯނަށް ބަލަހައްޓައިގެން ހުރުމަށްފަހު ދާއިން ފޯނު ނެގިއެވެ.
" މަންމަގެ މޫނު ދެކިލަން އާދެވޭ ގޮތެއް އެބައޮތްތަ؟ ކުއްލިއަކަށް މޫސުން ގޯސްވެއްޖެ. ވިއްސާރަވެސް ވެއްޖެ." ނަދީމް ބުންޏެވެ. އޭނާގެ އަޑުގައިވާ މަޑުމޮޅިކަމުގެ ސަބަބުން ދާއިން އިތުރަށް ރަށަށް ދާހިތްވިއެވެ.
" ވަރަށް ގަދަވެއްޖެ. މިހާ ގަދައިގަ ރިސޯޓަކުން ނުފުރޭނެ." ދާއިން ބުންޏެވެ.
" އެންމެވެސް އެ ކިޔަނީ، މަޣްރިބް ނަމާދަށް ފަހު ވަޅުލަން ވިއްޔޭ. " ނަދީމް ބުންޏެވެ.
" ބައްޕަ ކޮބާ؟ " ދާއިން އެހިއެވެ.
" އެބައިން ހިނަވާ ގޭ ބޭރުގައި. " ނަދީމް ބުންޏެވެ.
" މަންމަގެ މޫނު ފެނުމުގެ ނަސީބު ނެތީ ކަންނޭނގެ. ބައްޕައަށް ރަނގަޅަށް ބަލައްޗޭ." ދާއިންއަށް އެހެން ބުނެވުމާއެކު އޭނާއަށް ރޮވިއްޖެއެވެ. އެހެންވެ، އަވަހަށް އޭނާ ފޯނު ކަނޑާލުމަށްފަހު، ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
އެއާއެކު ކުއްލިއަކަށް އަނެއްކާ ވެސް ދާއިންގެ ފޯނަށް މެސެޖް އެލާޓް އައެވެ. އަރޫގެ ނަން ފެނުމާއެކު އޭނާ ހުރިތާ ހުއްޓި، މެސެޖް ބަލައިލީ އަވަސް ހިތަކައިގެންނެވެ.
" ކެތްތެރިވައްޗޭ." މެސެޖްގައި އޮތީ ހަމަ އެންމެ ޖުމްލައެކެވެ.
ނަމަވެސް އެ ޖުމްލައިން ވެސް ދާއިންގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނު ކަހަލައެވެ. އޭނާއަށް ކުރިމަތި ވި އެންމެ ހިތްދަތި ދުވަހު ވެސް އަރޫޝާ އޭނާއާމެދު ވިސްނާކަން އެނގުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ކަހަލައެވެ. މެސެޖްގެ ޖަވާބުގައި ދާއިން ފޮނުވީ ހަމައެކަނި ރަތް ކުލައިގެ ހިތެކެވެ. އޭނާ ހުރީ ވާހަކަ ދެއްކުމަށް ވުރެ ބޮޑަށް އެކަނިވެލަން ބޭނުން ވެފައެވެ.
މަދީހާގެ ޖަނާޒާގެ ކަންތައްތައް ނިމުމާއެކު، ރިޒާގެ ފަހަތުން ނަދީމްއާއި ޒައިނާ އަދި އަރޫޝާ ވެސް އައީ ގެއަށެވެ. އެއްވެސް މީހަކާ ވާހަކަ ދެއްކުމެއް ނެތި ރިޒާ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހުމާއެކު ނަދީމް ގޮވާލިއެވެ.
" ބައްޕާ! މިރޭ އަހަރެން ބައްޕައާއެކު ނިދަން ތި ކޮޓަރިއަށް އަންނަންތަ؟" ނަދީމް ބުންޏެވެ.
ނަދީމްގެ ޖުމްލައިން ޒައިނާއަަށް ލިބުނީ ކުއްލި ސިހުމެކެވެ. ފަހަރެއްގައި ވެސް ނަދީމް އެ ގޮތަށް ކަންތައް ކުރާކަށް ޒައިނާ ބޭނުމެއް ނޫނެވެ. ޒައިނާ ހުރީ ރިޒާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ.
" ނޫނޭ. ބައްޕައަކަށް މިރޭ ނުނިދޭނެ. މަންމައަށް ހެޔޮ ދުއާ ކުރުންމަތީ ހޭލާ ހުންނަން ބޭނުންވަނީ. ތި ހުރިހާ ކުދިން ވެސް މަންމައަށް ހެޔޮދުއާ ކޮށްދީ. މިހާރު ވެސް މާ ލަސްވެއްޖެ.ކަށްވަޅުގައި ސާބިތުކަން ދެއްވުން އެދި ދުއާކޮށްދީ!" ރިޒާ އެހެން ބުނުމަށްފަހު އަވަސް އަވަހަށް ކޮޓަރިއަށް ވަދެއްޖެއެވެ.
އެއާއެކު އަރޫޝާ ވެސް ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ވެސް ޒައިނާއާއިއެކު ނަދީމް ހުރީ ސިޓިންރޫމްގައެވެ.
" އަހަންނަށް ފެންނަނީ މިރޭ މި ގޭގައި މަޑުކުރަން." ނަދީމް ބުންޏެވެ.
އެއާއެކު ޒައިނާގެ މޫނަށް ދަނބުކުލަ އަރައިގެން ދިޔައީ ހިތްހަމަ ނުޖެހުނުވަރުންނެވެ. ނަމަވެސް އޭނާއަކަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ކަމުގެ ގޮތުން ނަދީމް ބޭނުންވާ ގޮތަށް ކަންތައްކުރަން ހިތް މަޖުބޫރު ކުރުވިއެވެ.
ނިދަން އުޅެއުޅެ އަރޫޝާއަކަށް ނުނިދުނެވެ. މަދީހާގެ ކުއްލި ވަކިވުމަކީ އޭނާއާހެދި ވީ ކަމެކޭ އެތައް ފަހަރަކު ހިތް ބުނަމުން ދިޔައެވެ.
" އަޅެ އަހަންނަށް އެ ގަޑީގައި އެ ކޮޓަރިއަށް ނުވަދެވުނު ނަމަ... އަހަންނަށް އެ ވާހަކަތައް ނުދެއްކުނު ނަމަ... މަންމައަކަށް އެހެންނެއް ނުވީސް." އަރޫޝާއަށް ބުނެވުނެވެ.
އިރު އެރި އިރުވެސް އޭނާގެ ދެ ލޮލުން ކަރުނައެއް ނުހިކުނެވެ. ދާއިންއަށް އެ ވާހަކަތައް ކިޔައިދޭނީ ކިހިނެއްބާވައޭ ހިތަށް އަރާފައި އަރޫޝާ ޖެހިލުންވަނީއެވެ. ފަތިސް ނަމާދުކޮށްގެން އައިސް ބާލީހުގައި ބައްދާލައިގެން އޮވެ އަރުޝާ ފުންކޮށް ވިސްނަމުން ދިޔައެވެ. ކުއްލިއަކަށް އޭނާ ސިހުނީ ކައިރީގައި އޮތް ފޯން ރިންގް ވާން ފެށުމުންނެވެ.
" ދާއިން؟ މި ގަޑީގަ؟" އަރޫޝާއަށް ބުނެވުނެވެ.
" އަރޫ..." ފޯނު ނެގުމާއެކު ދާއިންގެ އަޑު އަރޫޝާގެ ކަންފަތުގައި ޖެހުނެވެ.
" މަންމަ ގާތު އަހަރެމެންގެ ވާހަކަ ދެއްކިންތަ؟ އޭރު ފޯނު ބޭއްވީ، އެ ވާހަތައް ދައްކާށޭ ކިޔާފައެއްނު. ފަހުން އަހަންނަކަށް ހަބަރެއް ނުވޭ." ދާއިންގެ ސުވާލުން އަރޫޝާއަށް ފުންމައިގެން ތެދުވެވުނެވެ. ހިތަށް ބިރުވެރިކަން ވެރިވެ، މީހާ އުދާސްވެއްޖެއެވެ.
( ނުނިމޭ)
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!