" ޕްލީޒް! " ދާއިން ބުންޏެވެ.

" ނޫން. ނުވާނެ! " އަރޫޝާ ބުނެލިއެވެ.

Ad
rt

" އަހަރެން އިންތިޒާރު ކުރާނަން. " ދާއިން އެހެން ބުނި އަޑު އިވުނު ނަމަވެސް އަރޫޝާ ބެލީ އަވަހަށް އެތަނުން ނިކުމެވޭތޯއެވެ.

" މަޑުކޮށްބަލަ!" އަނެއްކާ ވެސް ދާއިން އެދުނެވެ.

އެއާއެކު އަރޫޝާ ހުއްޓުނެވެ. އަދި އެނބުރި ބަލައިލުމަށްފަހު އައިސް ދާއިންގެ ކުރިމަތީގައި ހުއްޓި ހުރެ، މޭޒުގައި އަތް ވިއްދާލިއެވެ.

" އަހަރެން ބުނީމެއްނު އަހަންނާހެދި ނޫޅޭށޭ. އަހަރެން މަތިން ހަނދާން ނައްތާލާށޭ. " އަރޫޝާ ވާހަކަ ދެއްކީ މަޑުންނެވެ.

" ނުވާނެ ތިކަމެއް! ތި ދެ މީހުންގެ ދެމެދުގައި އެއްވެސް ގުޅުމެއް ނެތްކަން އެނގުނު އިރުއްސުރެން އަހަރެން މިހާރަކު ތި ދިރިއުޅުން ހަލާކުވެދާނެތީ ބިރެއް ނުގަނޭ. ލޯބިން އުފަލުގައި އުޅޭނަމަ އަހަރެން އަރޫގެ ދިރިއުޅުމަކާ ނުބެހުނީމުސް. އަހަރެން ބޭނުންވަނީ ވެސް މިހާރު ތި ދެ މީހުން ދުރުކުރަން." ދާއިން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.
" ދާއިން! ކޮންމެ ގޮތެއް ވިޔަސް އަހަންނަކީ ދާއިންގެ މީހެއް ނޫނެއްނު. ދާއިން ބޭނުންވާހާ ގޮތަކަށް އަހަރެންގެ ދިރިއުޅުމަކާ ނުބެހެވޭނެ." އަރޫޝާ މި ފަހަރު ވާހަކަ ދެއްކީ ކުރިއަށް ވުރެ ވެސް މަޑުންނެވެ.
" ބެހޭނަން. އަރޫ ހީކުރީތަ އަރޫއަށް ކޮންމެ ގޮތެއް ވާން އަހަރެން ދޫ ކުރާނެކަމަށް. ތި ހިތްދަތިކަމުގައި ކަރުނަ އަޅާ ރޮއިރޮއި ހުރުމެއް އަރޫއަކަށް ޑިޒާވްއެއް ނޫން. ޒައިނާ އޭނައާ ދެވާފަ އަރޫ ތިކަމުން ސަލާމަތް ވޭ!" ދާއިން ބުންޏެވެ.

" އަހަރެންގެ ނިންމުން ދާއިން ގާތު ބުނީމެއްނު. އެހެން ނޫނަސް މިހާރު އަމުދުން ތިކަން ވާކަށް ނެތް" އަރޫޝާ ބުންޏެވެ.

" މަންމައާ މެދު އަރޫ ވިސްނާކަށް ނުޖެހޭނެ. އަހަންނަކީ މަންމަގެ ދަރިއެއް. މަންމަ މާ ބޮޑަށް އަހަރެމެންގެ އުފަލާމެދު ވިސްނާނެ. އަހަރެން ފުރާނީ މަންމައަށް ހުރިހާ އެއްޗެއް ކިޔައިދީފަ. " ދާއިން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

ދާއިންގެ ކުރިމަތީގައި ހުރި ގޮނޑި ދަމާލުމަށްފަހު، އަރޫޝާ އިށީނެވެ. އޭރު އޭނާ ހުރީ ވަރަށް ހާސްވެފައިކަން ދާއިންއަށް އެނގުނެވެ. ނަމަވެސް އަދިވެސް ދާއިން އިނީ ފުސް މޫނު ހަދައިގެންނެވެ.

" މަންމަ އޯކޭ ވިޔަސް ނަދީމް އަހަރެން ވަރިއެއް ނުކުރާނެ." އަރޫޝާ ބުނެލީ ސީދާ، ދާއިންގެ ދެ ލޮލަށް ބަލައިލަމުންނެވެ.

އެ ވަގުތު ދާއިންއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

" އެޔޯ؟ އަރޫ ހިފެހެއްޓުމުގެ އެއްވެސް ހައްގެއް، އަދި ބާރެއް ވެސް އޭނައަކަށް ނޯންނާނެ. އޭނަ ކިހިނެއް އަރޫއަށް އެ ހަދާލަނީ؟" ދާއިން އެ ޖުމްލަ ބުނެ ނުނިމެނީސް އަރޫޝާ ވާހަކަ ފެށިއެވެ.

" ނަދީމް ބުނީ... ނަދީމް ބުނީ " ބުނަން އުޅުނު ވާހަކަ ނުބުނެވިގެން އަރޫޝާ ހުއްޓާލީ، ދާއިންއަށް ވާނެ ގޮތް އޭނާއަށް އެނގޭތީއެވެ.

" ކީކޭ ބުނީ؟ ބުނެބަލަ އަވަހަށް. އަރޫ ހީވަނީ އަހަންނަށް ކޮންމެވެސް ކަމެއް ސިއްރު ކުރާހެން." ދާއިން ޖެހިލުމެއް ނެތި ބުނެލިއެވެ.

" އަހަރެންދެކެ އޭނަ މިހާރު ލޯބިވާ ވާހަކަ ބުނީ. " އަރޫޝާ ބުންޏެވެ.

އެއާއެކު ދާއިންއަށް ޗޮކެއް ކަނޑައިލެވުނެވެ. އޭނާ ވަގުތުން އެހެން ދިމާލަކަށް މޫނު އަނބުރާލީ، މޫނުމަތީގެ ކުލަވަރު އަރޫޝާއަށް ދައްކަން ބޭނުން ނުވާތީއެވެ.

" ޒައިނާދެކެ މިހާރު ފޫހިވާ ވާހަކަ ބުނީ. އަދި އަހަންނާއެކު ރީތިކޮށް އުޅެން ބޭނުންވެޔޭ ވެސް ބުނި." އަރޫޝާ ވާހަކަ ދެއްކީ ލަސްލަހުންނެވެ. އޭނާ އޭރުވެސް ދާއިންގެ މޫނަށް ބަލަމުން ދިޔައެވެ.

" ދެން؟ ތިކަން ތި ވީއެއްނު! ތިއީ ނަދީމްގެ މީހެއް ވިއްޔަ! ނަދީމްގެ އަނބިމީހާ! އަހަރެން ދެން ކީކޭ ބުނާނީ؟ އޯކޭ! އޭނަ އެންމެ ފަހުން ލޯބި ވެސް ވީ! އެހެން ވެދާނެތީއޭ އަހަރެން އަބަދުވެސް މި ކިޔަނީ ދުރަށް ދާށޭ! އަރޫއާ އެކީ ފަސްމިނެޓް ވެސް މީހަކު ހޭދަކޮށްލައިފިއްޔާ އަރޫދެކެ އެ މީހަކަށް ލޯބި ވެވޭނެކަން އަހަންނަށް އެނގެޔޭ! " ދާއިންއަށް ވާހަކަ ދެއްކުނީ ރުޅި އައިސް ހުރެއެވެ.

ދާއިން ރުޅި ގަދަވާން ފެށުމުން އަރޫޝާ އަވަސް އަވަހަށް ތެދުވިއެވެ. އެއާއެކު ދާއިން ވެސް ތެދުވެއްޖެއެވެ.

އަރޫޝާގެ މޫނުމަތިން ފެންނަމުންދާ މާޔޫސްކަން ދެނެގަންނަން ދާއިންއަކަށް އުނދަގުލެއް ނުވިއެވެ. ދެ މީހުންނަށް އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބެވުނީއެވެ. މަޑުމަޑުން އަރޫޝާގެ ދެ ލޮލަށް ޖަމާވަމުންދާ ކަރުނަތައް ފެނި، ދާއިން ދެރަވެއްޖެއެވެ.

" ނުރޮއްޗޭ! ޕްލީޒް... އަހަންނަށް އިތުބާރު ކުރޭ! އަހަރެންގެ ހިތުގައި ވިންދު ޖަހާ ހާ ހިނދަކު، އެއްވެސް މީހަކަށް އަރޫ މިލްކު ވިޔަކަ ނުދޭނަން. މި...މި ހިތުގައި އަޅާ ވޭން ކުޑަކޮށް ވެސް އަރޫއަކަށް އިހްސާސެއް ނުވާނެ. ހީ ނުކުރައްޗޭ އަހަރެން ފަހަތަށް ޖެހޭނެޔޭ. މިހާރު އަހަރެން އަރޫދެކެ މާ ބޮޑަށް ލޯބިވޭ. " ދާއިން ވާހަކަ ދެއްކީ ވަރުބަލިކަމާއެކުއެވެ.

" އަހަންނަކަށް ދެން ނޭނގެ ހަދަންވީ ގޮތެއް.. އަހަންނަކަށް ހަމަ އެއްވެސް އެއްޗެއް ނޭނގެ." އަރޫޝާ ބުނެލީ ގޮތް ހުސްވެގެންނެވެ.

ދެ ލޯ ފުހެލަމުން އަރޫޝާ ކާގެއިން ނިކުންނަން ހިނގައިގަތީ ނުހަނު ބާރަށެވެ. ދާއިން އަނެއްކާ ވެސް އިށީނެވެ. އޭރު އޭނާ ހުރީ އިންތިހާއަށް ދެރަވެފައެވެ.

އަރޫޝާ ގޮސް ކޮޓަރިއަށް ވަތް އިރު ނަދީމް އޮތީ އެނދުމަތީ ބަންޑުން އޮށޯވެގެންނެވެ. އަރޫޝާ ވަތްކަން އެނގުމާއެކު އޭނާ ތެދުވެއްޖެއެވެ. ނަދީމް ތެދުވުމުން އަރޫޝާއަށް ބަލައިލެވުނެވެ. އެ މޫނުމަތިން ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެން އަރޫޝާއަށް ހީވިއެވެ. އެހެންވެ އޭނާ ދެ ވަނަ ފަހަރަށް ވެސް ނަދީމްއަށް ބަލައިލިއެވެ.

" ބައްޕަ މިއަދު ގެނެސްދީފި ކައިވެނި ކުރުމަށް އެދޭ ފޯމް." ނަދީމް ބުންޏެވެ.

ލުއި ގޮތަކަށް ހިނިތުންވެލުމަށްފަހު އަރޫޝާ ގޮސް މޭޒުމަތީގައި އަތް ދަބަސް ބަހައްޓާލިއެވެ.

" ކައިވެނި ކުރީމަ ޒައިނާ ރަނގަޅު ވެދާނެ. މިހާރު އޭނަ އެހާ ރުޅި އަންނަނީ އޭނަ އެކަނިވެރިވާތީވެ. " މަޑުމަޑުން އަރޫޝާ ބުނެލިއެވެ. އަރޫޝާގެ ސަމާލުކަން އިތުރަށް ނުލިބުމުން، ނަދީމްއަކަށް ވާހަކަ ދައްކާކަށް ނުކެރުނެވެ. އަރޫޝާ ގޮސް ފާހާނާއަށް ވަންނަން ދެން ނަދީމް ހުރީ އޭނާއަށް ބަލާށެވެ.

މަދީހާ ބަލިވެ އުޅޭތީ އަރޫޝާ ގިނަ ވަގުތު ހޭދަކުރީ މަދީހާގެ ކޮޓަރީގައެވެ. އިޝާ ނަމާދުކޮށްގެން ރިޒާ އައިސް ކޮޓަރިއަށް ވަނުމުން އަރޫޝާ، ތެދުވެއްޖެއެވެ.

" ބޭސްކައިގެން ނިދިފައި އެއޮތީ. އެ ބޭސް ކެއީމަ ވަރަށް ނިދޭ ހެން ހީވަނީ. މަންމަ އަބަދު ވަރުބަލި ކުރަނީ ވެސް އެހެންވެ. ބަތް ވެސް ކައިފި." އަރޫޝާ ބުނެލިއެވެ.

" އެހެންވިއްޔާ ދެން ބާއްވާ! ރޭގަ ވެސް ނިދި ގޮތަށް ހޭލީ ފަތިހު. ބައްޕަ ވެސް މިރޭ ނެތް ކާހިތެއް. ހަވީރު މާ ރަނގަޅަށް ސައިބުއީމަ ބަނޑުހައެއް ނުވޭ." ލައިގެން ހުރި ގަމީސް ބާލަމުން ރިޒާ ބުންޏެވެ.

އެއްވެސް ޖަވާބެއް ނުދީ، އަރޫޝާ އެ ކޮޓަރިން ނިކުތެވެ. ވަގުތަކީ ޒައިނާ ވެސް އޭނާގެ ކޮޓަރިން ނިކުތް ވަގުތެވެ. ޒައިނާއަށް އަރޫޝާ ފެނުމާއެކު ހިތްހަމަ ނުޖެހޭ ގޮތް ދައްކާލިއެވެ. އެ މަންޒަރު ބަލަން ބޭނުން ނުވާތީ، އަރޫޝާ އަވަސް އަވަހަށް އޭނާގެ ކޮޓަރިއަށް ދާން އެނބުރިގަތެވެ.

" ނަދީމް ކައިރީ ބުނެބަލަ އަހަރެން ތައްޔާރު ވެގެން ބޭރުގައި އެބަ ހުއްޓޭ! " ޒައިނާ ބުނެލިއެވެ.

އަރޫޝާ އެއްޗެއް ނުބުނެ ހިނގައިގަތެވެ. އަރޫޝާ ސުވާލެއް ނުކުރުމުން ޒައިނާ ހުރީ އިތުރަށް ފޫހިވެފައެވެ. އޭނާ ހުރީ އަރޫޝާ ދެރަކޮށްލަން ބޭނުންވެފައި ކަހަލައެވެ.

ކޮޓަރިއަށް ވަތް އިރު ނަދީމް ހުރީ ލޯގަނޑު ކުރިމަތީގައެވެ. އަރޫޝާ ވަތްކަން އެނގުމާއެކު ނަދީމް އަވަސް އަވަހަށް ފަހަތް ބަލައިލިއެވެ.

" ޒައިނާ ބުނީ ދާށޯ. ތައްޔާރު ވެގެންނޯ މި ހުރީ." އަރޫޝާ އެހެން ބުނެ، އެނދު ކައިރީގައި ހުރި ސަރަންފީ ގޮނޑީގައި އިށީނދެލިއެވެ. އަދި ފޯނު ނަގައިގެން ކުޅެން ފެށިއެވެ.

" ކޮފީއަކަށް ދާން ކިޔާވަރުން...." ނަދީމް ބުނެލީ ލަސްލަހުންނެވެ.
" އެއީ މައްސަލައެއް ނޫނޭ. އަހަރެން އެއްޗެކޭ ހިތަށް އަރާފާނެތީތަ ތިހެން ތި ބުނީ؟ ނަދީމްއަށް ހުރިހާ ކަމެއް ވެސް ނަދީމް ބޭނުންވާ ގޮތަށް ކުރެވޭނެ. އަހަންނަކީ ހަމަ ނެތް މީހެއް ފަދަ! ދޯ؟" އަރޫޝާ ބުންޏެވެ.

އެއާއެކު ނަދީމް ގޮސް އެނދުގައި އިށީނދެލިއެވެ. އަދި ސާދާ ގޮތަކަށް އަރޫޝާގެ މޫނަށް ބަލައިލިއެވެ.

" އަހަރެން ބޭނުންވާ ގޮތް ކިޔައިދިނީމަ ވެސް، އަދިވެސް ތި ވިސްނަނީ އެންމެ ކުރިން ވިސްނި ގޮތަށްތަ؟ މިހާރު ހުރިހާ ކަމެއް ވެސް ބަދަލް ވެއްޖެއެއްނު. ދެން ތި ވިސްނުން ދޫކޮށްލާފަ، އަހަރެމެން ދެ މީހުންގެ ދެމެދުގައި މި އޮތް ދުރުކަން......" ނަދީމްގެ ޖުމްލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލީ ޒައިނާއެވެ. ޒައިނާ ފެނުމާއެކު ނަދީމްއަށް ފުންމައިގެން ތެދުވެވުނެވެ. ނަދީމްއާއި އަރޫޝާ ވާހަކަ ދައްކަން ތިބި ތަން ފެނި، ޒައިނާގެ ލޭ ހަމަ ރަނގަޅަށް ވެސް ކެކެން ފެށި ކަހަލައެވެ. ރުޅިވެރި ލޮލަކުން އޭނާއަށް ބަލައިލެވުނީ އަރޫޝާގެ މޫނަށެވެ.

" އަހަރެން ބުނެގެން ނަދީމްއަށް ގޮވައިދޭން ވަތް މީހާ، ތި އިންނަނީ ބޮޑު ވާހަކައިގަތަ؟" ހިތްހަމަ ނުޖެހިފައި ހުރެ ޒައިނާ ބުންޏެވެ.

" ޒައިނާ! ހާދަ ރުންކުރު ގޮތަކަށް ތި ވާހަކަ ދައްކަނީ؟ " ނަދީމްއަށް ބުނެވުނީ އިންތިހާއަށް ބާރަށެވެ.

" އޯހް! ނުބައި ވަގުތެއްގައިތަ މި ވަދެވުނީ؟ ސޮރީ! ދެމަފިރިއަކު އުޅޭ ކޮޓަރިއަކަށް ހުއްދަ ނެތި ދޯ މަށަށް މި ވަދެވުނީ." މަލާމާތުގެ ރާގަކަށް އެހެން ބުނެ، ޒައިނާ ބާރުބާރަށް ދޮރު ލެއްޕިއެވެ.

" މިރޭ ހުރިހާ ކަމެއް މި ހަމަ ވީ؟ އެ ދިޔައީ! ރުޅި އައިސްގެން. އަރޫޝާ ބުނެބަލަ! އަހަރެން ކިހިނެއް އޭނައާއެކު ދިރިއުޅޭނީ؟" ނަދީމް އަނެއްކާ ވެސް އިށީނެވެ.

" އެއީ ނަދީމްގެ ޗޮއިސް. އަހަރެން ނެތިން ތި ކަމުގެ ތެރެއަށް ވަންނާކަށް." އެހެން ބުނެ، އަރޫޝާ ތެދުވެއްޖެއެވެ.

" ދެން ނުދާނެ ޒައިނާ ބޭރަކަށް ވެސް. " ނަދީމް ބުނެލީ ފޫހި ރާގަކަށެވެ.

" ދެން އޭނަ ރުއްސަން ވާނެއެއްނު. ނަދީމް! އަހަންނާ ހެދި ތި ދެ މީހުން މައްސަލަތަކެއް ޖެހިގެން ނުވާނެ. އޭނަ މިހާރު އަހަންނަށް ނަފްރަތު ކުރެޔޭ. ނަދީމް އޭނަ ދުރުކުރާ ވަރަކަށް އަހަރެންދެކެ އެ ރުޅި އަންނަނީ. " އަރޫޝާއަށް ބުނެވުނެވެ.

އެއާއެކު ނަދީމް އެއްވެސް އެއްޗެއް ބުނުމެއް ނެތި ތެދުވެގެން ނިކުންނަން ހިނގައިގަތެވެ. ނަދީމް ދިޔުމާއެކު، އަރޫޝާ ތެދުވީ ކައްކާފައި ހުރި އެއްޗެހި ހޫނު ކޮށް، މޭޒުމަތި ސާފުކުރަން ދާށެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް، ކާގެއާ އަރާ ހަމަ ވީ އިރު ދާއިން ކާގެއިން ނިކުންނަނީއެވެ. އަވަސް އަވަހަށް ސިޓިންރޫމް ތެރެއަށް ދާއިންއަށް ނަޒަރު ހިންގާލެވުނެވެ. މީހެއްގެ ހިލަމެއް ނެތުމުން އޭނާ ބާރުބާރަށް އަރޫޝާގެ އަތުގައި ހިފިއެވެ. އެއާއެކު ދެ ލޯ ބޮޑުވެ، އަރޫޝާއަށް ތެޅިގަނެވުނެވެ. އެއްޗެއް ބުނެލާނެ ފުރުސަތެއް ދިނުމެއް ނެތި، ކާގެއާ އެންމެ ކައިރީގައި ހުރި އޭނާގެ ކޮޓަރި ތެރެއަށް ދެމިގަތެވެ. އޭރުވެސް އަރޫޝާ މަސައްކަތް ކުރަމުން ދިޔައީ އަތް ފޮޅުވާލެވޭތޯއެވެ.

އޭނާގެ އަތުން ދާއިން ދޫކޮށްލުމާއެކު އަރޫޝާ ދުއްވައިގަތީ ދޮރާ ދިމާލަށެވެ. ނަމަވެސް ހުށިޔާރުވެ ހުރި ދާއިން އަރޫޝާގެ އަތުގައި ދެ ވަނަ ފަހަރަށް ވެސް ހިފިއެވެ.

" ކިހިނެއް ވެގެންތަ ތި އުޅެނީ؟" އަރޫޝާ ބުނެލީ ރުޅި އައިސް ހުރެއެވެ.

" ވެގެން އުޅޭ ގޮތެއް ނޭނގޭތަ؟ މިރޭ އަހަންނާ ބައްދަލް ކުރަން ނުނިކުންނާނަމޭ ބުނީމެއްނު!" ދާއިން ބުނެލިއެވެ.

" އާނ! ނުނިކުންނާނަން. އަހަރެންގެ ފިރިމީހާއަކީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް އަހަރެން އޭނައަކަށް ބޭވަފާތެރިއެއް ނުވާނަން." ބާރުބާރަށް އަތް ފޮޅުވާލަމުން އަރޫޝާ ބުންޏެވެ.

" އެއީ އެހާ ވަފާތެރި މީހަކީތަ؟" ދާއިން ބުނެލީ މަލާމާތުގެ ރާގަކަށެވެ.

" ދާއިން ތި ކުރީ ވަރަށް ބޮޑު ކުށެއް!" އަރޫޝާ ބުންޏެވެ.

އެ ވަގުތު ދާއިންގެ ހިތް މޯޅިވި ނަމަވެސް، އޭނާއަށް އާދެވުނީ ރުޅިއެވެ. ކޮޓަރީގެ މެދުގައި ދެ އަތް އުރާލައިގެން ހުރި އަރޫޝާގެ ކުރިމަތީގައި އޭނާ ގޮސް ހުއްޓުނެވެ.

" ތެދެއް! އަހަންނަކީ ހަމަ ކުއްވެރިއެއް. އަހަރެންގެ ކުށަކީ އަރޫދެކެ އިންތިހާއަށް ލޯބިވުން. އަދި އަރޫ މަތިން ހަނދާންނައްތާ ނުލެވުމަކީ ވެސް ހަމަ ވަރަށް ބޮޑު ކުށެއް. " ދާއިން ބުނެލީ ސަމާސާ ރާގަކަށެވެ.

އަރޫޝާ ދެ ފަރާތަށް ބޯ ހޫރާލަމުން އަނެއްކާ ވެސް ނިކުންނަން ހިނގައިގަތެވެ.

" އަހަރެން މާދަމާ ފުރަން. ވަރަށް ހިތް ބިރުގަނޭ! ހީވަނީ އަހަންނަށް އަރޫ ދެން ގެއްލި ދާނެހެން." އަރޫޝާގެ އަތުގައި ހިފައިގެން ހުރެ ދާއިން ވާހަކަ ދެއްކި ރާގުން މި ފަހަރު އަރޫޝާގެ ހިތަށް އުނދަގޫ ވެއްޖެއެވެ.

" އަހަންނަކަށް ނެތް މިތާ ހުރެވޭކަށް. ނަދީމް އެބަ އުޅޭ ގޭގައި. ދާއިން ބޭނުންވަނީ އަހަރެން މި އާއިލާ ތެރެއަށް ބަދުނާމު ކުރަންދޯ؟" އެހެން ބުނެ އަރޫޝާ ހިނގައިގަތެވެ.

އެ ހިނދު ދާއިން އަވަސް އަވަހަށް އައިސް އަރޫޝާގެ ކުރިމަތީގައި ހުއްޓި، ދެ ކޮނޑުގައި ހިފަހައްޓާލިއެވެ.

" ޕްލީޒް! މި ވަގުތުކޮޅު އަހަންނަށް ދީ! އަހަރެން އަދިވެސް އަރޫއާ ދައްކަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުރި. އަރޫ! އަހަރެންދެކެ ޒައްރެއްގެ މިންވަރަށް ވިޔަސް، ލޯބި ވަންޏާ ނަދީމްބެ ގާތުން ވަކިވޭ! ހެޔޮނުވާނެ އަރޫ. އަހަންނަކަށް މިހާރަކު ކެތެއް ނުވޭ! އަހަރެން އަރޫ ބޭނުން. އިންތިހާއަށް ބޭނުން." ދާއިން އެހެން ބުނެ، އަރޫޝާގެ ގައިގައި ބާރަށް ބައްދައިގަތެވެ. އަރޫޝާ ހިނގައިދާނެތީ އޭނާ ވާހަކަ ދެއްކީ ވެސް ނުހަނު އަވަހަށެވެ.

ދާއިންގެ ހަށިގަނޑުގެ ހޫނުކަން އިހްސާސް ކުރެވުމާއެކު ބޭއިހްތިޔާރުގައި އަރޫޝާއަށް ދެ އަތް އުފުލައިލެވުނެވެ. ނަމަވެސް ދާއިންގެ ހަށިގަނޑުގައި އަތްލާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

" އަހަރެން ބޭނުންވަނީ އަހަރެންގެ އަނތްބަކަށް އަރޫ ހަދަން. ހިޔަހާސް އުފާ ހޯދައިދީގެން ތި ހިތުގައިވާ ޒަހަމްތައް ފިލުވައިދޭން އަހަރެން ވައުދުވަން. އަހަރެން ވަރަށް ލޯބިން އަރޫ ގެންގުޅޭނަމޭ. ޕްލީޒް އަރޫ އަހަރެން ގާތަށް އާދޭ!" އަރޫޝާގެ ކޮނޑުގައި މޫނު ޖައްސައިގެން ހުރެ ދާއިން ބުނަމުން ދިޔައެވެ.

އެންމެ ފަހުން ހަތިޔާރު ބެހެއްޓުމަށްފަހު އަރޫޝާއަށް ވެސް ދާއިންގެ ގައިގައި ބައްދާލެވުނެވެ. ދާއިންގެ ގައިން ދުވާ ސެންޓުގެ ވަހަކީ އޭނާއަށް ވަރަށް މުހިއްމު ވަހެކެވެ. އެ މީރު ވަހުގެ ސަބަބުން މާޒީގެ ހަނދާންތަކާ އޭނާގެ ހިތް ގުޅިލާމެހެއެވެ. އަދި ދާއިންދެކެ ވާ ލޯބިން، އޭނާގެ ޖަޒްބާތުތަައް އުތުރި އަރަމުން ދާ ކަހަލައެވެ.

" އަހަންނަށް މި ކުރެެވެނީ ކުށެއްކަން އެނގޭ! ވެވެނީ ބޭވަފާތެރިކަން ވެސް އެނގޭ. އެކަމަކު..މިހެން ދާއިންއާ ބައްދަލްވާ އެއްވެސް ފަހަރަކު ދުރަށް ދާހިތެއް ނުވޭ." އަރޫޝާއަށް ބުނެވުނެވެ.

އެއާއެކު ދާއިން އަރޫޝާގެ ގައިން ދޫކޮށްލުމަށްފަހު އޭނާގެ މޫނަށް ބަލައިލިއެވެ.

" އެކަމަކު... ދާއިން ދޭ! އަހަންނަށްޓަކައި މަޑުނުކުރައްޗޭ! މިރޭ ނޫންކަމެއް ވެސް ނޭނގެ ނަދީމް.... ނަދީމް... އަހަރެންގެ ފަރާތުން." އަރޫޝާ ސިހުނީ ދާއިން އޭނާގެ ތުންފަތުގައި އިނގިލި ޖައްސާލުމުންނެވެ.

" ނޫން. ތިހެން ނުބުނޭ! އެއްވެސް މީހަކަށް އަރޫގެ ހަށިގަނޑުން އެއްވެސް އުފަލެއް ނުހޯދޭނެ. އެ އުފާތަކަކީ ހަމައެކަނި އަހަރެންގެ ހައްގެއް. އަރޫ އެހެންވިޔަ ނުދެއްޗޭ!" ދާއިން ހުރީ މޮޔަވާވަރުވެފައެވެ. އޭނާގެ މޫނުމަތީގެ ހާސްކަން އިތުރުވަމުން ދާކަން އަރޫޝާއަށް ފެނެއެވެ.

" އަހަންނަކަށް ނޭނގެ! ނަދީމް މިހާރު ހުންނަނީ އަބަދު އަހަންނާ ވާހަކަ ދައްކާހިތުން. އަހަރެންގެ ފަސްފަހަތުން އުޅެނީ. ޒައިނާގެ ވާހަކަ ވެސް ދައްކަނީ ވަރަށް ފޫހިވެގެން. އަހަރެން ވެސް ވަރަށް ބިރުގަނެޔޭ. އަހަރެން ކީއްތަ ކުރާނީ؟ މިރޭ ވެސް މަންމަ ގާތު މި ވާހަކަ ދައްކަފާނަމޭ އެތައް ފަހަރަކު ހިތަށް އެރި. އެކަމަކު މަންމަ މިހާރު އަހަންނާ ނަދީމްގެ ދަރިއެއްގެ ހުވަފެން ވެސް ދެކޭ! ދުނިޔޭގައި ހުއްޓާ މާމަ ކިޔާނީ ކޮން ދުވަހަކުން ހޯ އެހީ." އަރޫޝާ ބުންޏެވެ.

އެ ވަގުތު ދާއިން މަޑުމަޑުން އަރޫޝާގެ މޫނުގައި ހިފަހައްޓާލިއެވެ.

" ހިތްވަރުކޮށްލާ! އަހަރެން މި ފަހަރު ރިސޯޓަށް ދާން ޖެހޭނެ. އެކަމަކު މާ ގިނަ ދުވަހެއް ނުވާނެ އަހަރެން އަންނާނަން. ކޮންމެވެސް ގޮތަަކުން އަރޫ ތި ކަމުން ނެރޭނަން. " ދާއިން ބުނެލިއެވެ. އެއާއެކު ބޭއިހްތިޔާރުގައި އަރޫޝާއަށް ބޯ ޖަހާލެވުނެވެ.

ދާއިން ނުހަނު ލޯބިން އަރޫޝާގެ މޫނުގެ އެތަން މިތަނަށް ބޮސް ދެމުން ދިޔައިރު ވެސް އަރޫޝާ ހުރީ ގުޑި ވެސް ނުލައެވެ.

" ވަރަށް އަވަހަށް އަހަރެން އަންނާނަން. އިންތިޒާރު ކުރައްޗޭ! އަބަދުވެސް ހަނދާން ކުރާތި ތިއީ ހަމައެކަނި އަހަރެންގެ މީހެއްކަން." ދާއިން ބުންޏެވެ.

މި ފަހަރު ވެސް އަރޫޝާ ބޯ ޖަހާލީ ކިޔަމަންތެރިކަމާއެކުއެވެ. ދާއިން އަރޫޝާގެ ނިތްކުރިއަށް ބޮސް ދިނުމަށްފަހު ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.

" އަހަރެން ދެން ދިޔަޔަސް އެންމެ ރަނގަޅުތަ؟" އަރޫޝާ ބުނެލިއެވެ.

ދާއިން ބޯ ޖަހާލުމާއެކު އަރޫޝާ ހިނގައިގަތެވެ. ދާއިންގެ ހުއްދަ ނުލިބިގެން އޭނާއަށް ނުދެވިފައި ހުރި ކަހަލައެވެ. އަރޫޝާ މަޑުމަޑުން ގޮސް ކޮޓަރި ދޮރު ހުޅުވާލި ވަގުތަކީ ނަދީމް އެ ހިސާބަށް އަރާ ހަމަވި ވަގުތެވެ. ކުރިއަށް އެޅި ފިޔަވަޅު ވެސް ނަދީމްއަށް އެޅުނީ ފަހަތަށެވެ. އަރުޝާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އޭރު ނަދީމްގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)