ޕާކިސްތާނުން އަފްޣާނިސްތާނުގެ އިރުމަތީ ސަރަޙައްދުގައި ދިން ވައިގެ ހަމަލާތަކެއްގައި 46 މީހުން މަރުވެއްޖެކަމަށް ޠާލިބާނު ސަރުކާރުގެ ތަރުޖަމާނު ޒަބީހުއްލާ މުޖާހިދު ބުދަ ދުވަހު އޭ.އެފް.ޕީއަށް ވިދާޅުވެއްޖެއެވެ.
"އަންގާރަ ދުވަހުގެ ރޭ ޕާކިސްތާނުން ޕަކްޓިކާ ޕްރޮވިންސްގެ ބަރްމަލް ޑިސްޓްރިކްޓްގެ ހަތަރު ސަރަޙައްދަކަށް ބޮން އަޅާފައިވޭ. ޖުމްލަ 46 މީހުން މަރުވެފައިވާއިރު، އޭގެ ގިނަ އަދަދެއްގެ މީހުންނަކީ އަންހެނުންނާއި ކުޑަކުދިން،" މުޖާހިދު ވިދާޅުވިއެވެ. އިތުރު 6 މީހުން ޒަޚަމްވެފައިވާ ކަމަށާއި، އޭގެ ގިނައީ ކުޑަކުދިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަންގާރަ ދުވަހުގެ ރޭ ދިފާއީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި، އަފްޣާނިސްތާނުގެ ސަރަޙައްދުގައި ޕާކިސްތާނުން ދިން މި އެންމެ ފަހުގެ ހަމަލާތައް ކުށްވެރިކޮށް، އެއީ "ނުބައި" އަދި "ސާފު އުދުވާނެއް" ކަމުގައި ބުނެފައިވެއެވެ.
"އިސްލާމިކް އެމިރޭޓްސްއިން މި ފިނޑި ޢަމަލު ޖަވާބު ނުދީ ދޫކޮށެއް ނުލާނެ. އަދި އަމިއްލަ ސަރަޙައްދާއި މިނިވަންކަން ދިފާއުކުރުމަކީ އޭގެ ނުގެއްލޭނެ ޙައްޤެއް ކަމުގައި ދެކެމެވެ،" މި ބަޔާނުގައި ބުނެފައިވެއެވެ. މިއީ ޠާލިބާނު ވެރިކަމުގެ ރަސްމީ ނަމެވެ.
2021 ގައި ޠާލިބާނު ސަރުކާރު ވެރިކަމަށް އައުމަށްފަހު، ދެ ޤައުމުގެ ދެމެދުގައި އޮތް ބޯޑަރުގެ ކަންތައްތައް ގޯސްވެފައިވެއެވެ. ޕާކިސްތާނުން ބުނާ ގޮތުގައި މިލިޓަންޓް ގްރޫޕްތަކުން އަފްޣާނިސްތާނުން ޕާކިސްތާނަށް ގަވާއިދުން ހަމަލާ ދެމުންދެއެވެ.
ޕާކިސްތާނުން ކާބުލްގެ ޠާލިބާނު ސަރުކާރަށް ތުހުމަތުކުރަނީ މިލިޓަންޓް ފައިޓަރުންނަށް ފިލާވަޅިއެއް ދީ، އެމީހުންނަށް ޕާކިސްތާނުގެ ބިމަށް ހަމަލާދޭން ފުރުޞަތު ދޭ ކަމަށެވެ. ނަމަވެސް ކާބުލުން މި ތުހުމަތުތައް ދޮގުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!