" ދެން ދޭ އަވަހަށް ބަތްގަނޑު ހަދަން! ލަމްގެ ބޯއީ އަންނަން ވާއިރަށް އަހަރެމެންވެސް ޖެހޭނެ މަރުހަބާ ކިޔަން ރެޑީ ވާން"
މަޑުމަޑުން ތެދުވަމުން ޖުމާ ބުނެލިއެވެ. އެއާއެކު ލަމްހާއަށްވެސް ހެވުނެވެ.
***
މުއާޒް ގެއަށް އައިސް ވަނުމާއެކު އެންމެ ފުރަތަމަވެސް ބައްދަލްވީ އޭނާގެ މަންމަ ކަފީލާއާއެވެ. ކަފީލާގެ މޫނުމަތީގައިވާ ހިތްހަމަ ނުޖެހުމުގެ އަސަރުތަކުން ރޭގައި ކަންތައް ވީ ގޮތް އޭނާއަށް އެނގިއްޖެކަން މުއާޒަށް ޔަޤީން ކުރެވުނެވެ. އެހެންކަމުން މަންމަގެ ކުރިމަތީގައި މަޑުކުރާކަށް އޭނާގެ ހިތެއް ނޭދުނެވެ. ނަމަވެސް މަންމަގެ ހަރުކަށި އަޑުން މުއާޒަށް ޖެހުނީ ހުއްޓޭށެވެ.
" ޒޯޔާ މާދަމާ ފުރަން އެބައުޅޭ! "
ކަފީލާގެ ވާހަކައިން މުއާޒްގެ ހިތަށް ހަމަޖެހުން ގެނުވި ކަހަލައެވެ.
" މަންމައަށް ޔަޤީން މުއާޒް ކޮންމެވެސް އެއްޗެއް ކިޔައިފިކަން"
ދެއަތް އުރާލަމުން އަނެއްކާވެސް ވާހަކަ ދެއްކީ ކަފީލާއެވެ.
" މަންމައަށް އަޅުގަނޑުގެ ގޮތް އެނގިލައްވާނެ.. ރޭގަ ޒޯޔާ ހިތްހަމަ ނުޖެހުނީ ދަންވަރު ސައިކަލް ބުރުޖަހަން ނުދިޔައީމަ.. އަޅުގަނޑަކީ އެގޮތަށް އުޅޭ މީހެއް ނޫނެއްނު.."
މަޑުމަޑުން މުއާޒް ބުނެލިއެވެ. އެއާއެކު ކަފީލާއަށް ދެފަރާތަށް ބޯ ހޫރާލެވުނީ ހިތްހަމަ ނުޖެހުނުވަރުންނެވެ.
" ނޫނޭ ދަރިފުޅަށްވާ ސާބަސް.. ސައިކަލް ދުއްވާލަން ދިޔުމަކީ މައްސަލައެއްތަ؟ ދަރިފުޅާހެދި މަންމައާ ޒޯޔާގެ މައިންބަފައިންގެ ދެމެދު ހިތްހަމަ ނުޖެހުން އުފެދިއްޖެ! ޒޯޔާ ކުއްލި ގޮތަކަށް ފުރަން އުޅޭތީ މަންމައާ އެމީހުން ސުވާލުކޮށްފި! ޒޯޔާ މިތަނަށް ފޮނުވީ ވަރަށް އުފަލުގައި އުޅެވޭނެކަމަށޯ! އެކަމަކު..."
ކަފީލާގެ ޖުމްލަތަކުން މުއާޒް ކަންބޮޑުވިއެވެ. އޭނާގެ ސަބަބުން މަންމައާއި ބައްޕަ ލަދުގަންނަން ޖެހޭނެވަރުގެ ކުރާކަށް އެނާ ބޭނުމެއް ނޫނެވެ.
" ދެން އެހެންނެއް ނުވާނެ މަންމާ! ޒޯޔާ ގާތު ބުނޭ މަޑުކޮށްލާށޭ ކުޑަ ދުވަސްކޮޅަކު"
އަވަސް އަވަހަށް އެހެން ބުނުމަށްފަހު މުއާޒް އިތުރަށް މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ގޮސް ކޮޓަރިއަށް ވަތް އިރު ފުޅާ ހިނިތުންވުމެއްގައި ކަފީލާ ހުއްޓެވެ.
****
ލަމްހާއާއި މާހިލް ތިބީ ކާމޭޒުކައިރީގައެވެ. ކޮންމެވެސް ވަރަކަށް ލަދުގަނެފައިވާ ކަމުގެ ޝުއޫރުތައް މާހިލްގެ މޫނުމަތިން ފާޅުވެއެވެ އެހެންކަމުން ލަމްހާއަށް އިރުއިރުކޮޅުން މާހިލަށް ބަލާފައި ހެވެނީއެވެ.
" އަޅެ މާހިލް ހާދަ ލަދުން ތި އިނީ! ބޭބެ އައީމަ އަނެއްކާ ވާހަކަ ދެއްކޭވަރު ވާނެތަ؟ "
ފެންތަށީގައި ހިފަމުން ލަމްހާ ބުންޏެވެ. އެއާއެކު މާހިލަށްވެސް ހެވިއްޖެއެވެ.
" ލަދޭ؟ ނޫން! އެއީ ހީވާގޮތް.. އެހެން ނޫނަސް އަލަށް ގެއަކަށް އަންނައިރު އިންނަންވާނީ މަޑުންނެއްނު.."
އެއްބުމަ ހިއްލާލަމުން މާހިލް ބުންޏެވެ.
" ކާއެއްޗެހި ވަރަށް މީރު.. ލަމްއަށް އެނގޭދޯ މިހާ މީރުކޮށް ކައްކަންވެސް"
ޓިޝޫއަކުން ދެއަތް ފުހެލަމުން މާހިލް ބުންޏެވެ. އެއާއެކު ލަމްހާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
" އަޅެ ލަމްއެއް ނޫނޭ ކެއްކީ! ބެސްޓީގެ ދޮންތަ! ކުރިމަތީ ހުންނަ ބައިގައި އުޅޭނީ! އެމީހުންވެސް ބުނި ލަމްގެ ބޯއީ ލަދުގަންނަވާލަން އަންނާނަމޭ!"
މޭޒުކައިރިން ތެދުވެ، ކާއެއްޗެހީގައި މަތިޖެހުމުގެ މަސައްކަތުގައި އުޅެމުން ލަމްހާ ވާހަކަ ދެއްކިއެވެ. އޭރު މާހިލް ގޮސް ސޯފާގައި އިށީންދެއްޖެއެވެ.
" މިހާރު އެމީހުން ގާތު ވެސް އަހަރެންގެ ވާހަކަ ދެއްކީދޯ! "
ދެފަރާތަށް ބޯ ހޫރާލަމުން ހިނިއައިސް އިނދެ މާހިލް ބުންޏެވެ. އޭރު ދުފާދަޅު ހިފައިގެން ލަމްހާ އައިސް މާހިލާ ޖެހި ފިތިގެން އިށީނެވެ.
" އާނ! އަޅެ އެމީހުންނަށް ގުޅަންތަ؟ "
ފޯނު ނެގުމަށްފަހު ލަމްހާ ސުވާލު ކުރުމާއެކު މާހިލް އިންކާރު ކުރިއެވެ.
" ދެން ހަމަ އެންމެންގެ ތެރޭގައި އަހަރެން އިޝްތިހާރުކުރަންތަ ތިއުޅެނީ؟ ނުގުޅައްޗޭ!"
މާހިލް ލަދުގަތްވަރު އެނގުމުން ލަމްހާ ބޭނުންވީ ކޮންމެހެންވެސް އެ ކޯލް ކުރާށެވެ.
" އަޅެ މާހިލް ލަދުގަތީމަ ހާދަ ކިޔުޓޭ! "
ކަންފަތުގައި ފޯނު ޖަހަމުން މާހިލްގެ ދަތްދޮޅީގައި ލަމްހާ ހިފާލިއެވެ. އެހިނދު މާހިލް ލަމްހާގެ އަތް ނައްޓުވާލަމުން ތުންތަޅުވާލިއެވެ.
" އޭ! އާދޭ! އަހަރެމެން މިތިބީ ޔޫ މެންގެ އިންތިޒާރުގައޭ! "
އުފާވެރި ރާގެއްގައި ލަމްހާ ވާހަކަ ދެއްކީ ޖުމާއާއެވެ.
" ދޮންތައަށް އޮތީ ނިދިފައި.. މާބޮޑަށް ވަރުބަލިވީ ކަމަށްވާނީ! ދެން.. އަހަރެން އެކަނި ދާން ޖެހޭނީ! ހަމަ ދާންވީތަ؟"
ޖުމާ އަހާލިއެވެ.
" ހޫމް.. އާދެބަލަ ދެން.. އޭރުންތާ މަގޭ ބޯއީއާ ފްރެންޑްވެސް ވެވޭނީ... ބޭބެވެސް އެބަ އާދެޔޭ"
މާހިލްގެ ގައިގައި ކޮއްޓާލަކޮއްޓާލަ އިނދެ ލަމްހާ ބުނެލިއެވެ. އެއާއެކު މިދަނީ ކަމުގައި ބުނެ ޖުމާ ފޯނު ބޭއްވިއެވެ.
ކަންފަތުން ފޯނު ނައްޓާލުމާއެކު ލަމްހާގެ ނަޒަރު ހުއްޓުނީ ހުޅުވިގެން ދިޔަ ދޮރާ ދިމާލަށެވެ. އޭރު ޝާހު އައިސް ވަދެއްޖެއެވެ. ޝާހު ފެނުމާއެކު މާހިލް ހަށިގަނޑު ތެދުކޮށް، ހަމަޖެހިލިއެވެ.
" މާހިލް...ދޯ؟ "
ރެކްގައި ބޫޓު ބަހައްޓަމުން ޝާހު ބުނެލީ އެކުވެރި ރާގެއްގައެވެ. ހެވިފައި އިނދެ މާހިލް ބޯ ޖަހާލި އިރު ލަމްހާ އިނީ ތުނބުކޮޅުން ހީލަހީލައެވެ.
" ކޮއްކޮ މާހިލްއަށް ކާން ދީފިންތަ؟ "
ކާމޭޒާ ދިމާލަށް ދަމުން ޝާހު ބުންޏެވެ. އެއާއެކު ލަމްހާ ތެދުވެއްޖެއެވެ.
" ހޫމް.. ކައިގެން މިތިބީ! ބޭބެ ކާންވީނު"
" ނޫން.. އަދި ނުވޭ! މިއައީ ބޭރުން ކޮފީއެއްވެސް ބޮއިގެން"
ބަތްތަށީގެ މަތި ހިއްލާލުމަށްފަހު ޝާހު ބަލައިލިއެވެ. އެއަށްފަހު އޭނާ އެނބުރިލީ މާހިލްއާ ދިމާލަށެވެ. އޭރު މާހިލަށްވެސް އިނދެވުނީ ޝާހުއަށް ބަލަހައްޓައިގެންނެވެ.
" މާހިލްއާ ކުރާނެ ހަމަ އެއްވެސް ސުވާލެއް ނޭނގެ.. ލަމް ހުރިހާ ވާހަކައެއް ކިޔައިދީފަ އޮތީ.. ބޭބެ ބުނިން ކައިވެނި ކުރަންވާނީ ދެމީހުންނަށް އުޅެވޭނެ ކަމުގެ ޔަޤީންކަން އޮވެގެންނޭ! "
ހިނގަމުން ހިނގަމުން އައިސް ޝާހު ސޯފާގައި އިށީނެވެ. އޭރު ލަމްހާ އިނީ ސޯފާ ކުރިމަތީގައި ހުރި ގޮނޑީގައެވެ. ހަމަ އެވަގުތެވެ. ދޮރުގައި މަޑުމަޑުން ޓަކި ޖަހާލުމާއެކު ދޮރު ހުޅުވިއްޖެއެވެ. އެއާއެކު އެންމެންނަށް އެއްފަހަރާ އެދިމާލަށް ބަލައިލެވުނެވެ. ހިނިތުންވުމާއެކު އެހާމެ ލަދުން ހުރެ ޖުމާ އެތެރެއަށް ވަނެވެ. އަދި ދޮރު ލައްޕާލަމުން އޭނާ ސޯފާއާ ދިމާލަށް ނަޒަރު ހިންގާލިއެވެ. އެންމެ ފުރަތަމަވެސް އޭނާގެ ނަޒަރު ހުއްޓުނީ ހައިރާންވެފައި އިން މާހިލްގެ މޫނަށެވެ. ލަމްހާއާއި ޝާހުގެ މޫނުމަތިން ފުޅާ ހިނިތުންވުމެއް ފެނުނު ނަމަވެސް މާހިލް އިނީ ހުއްޓުން އަރާފައިކަން ޖުމާއަށް އެނގުނެވެ. ޖުމާއަށްވެސް ހުރި ފިޔަވަޅުމަތީގައި ހުރެވުނީއެވެ. ހެވިދިލިފައި ހުރެ ލަމްހާ ތެދުވެގެން އައިސް ޖުމާގެ ގައިގައި އަތް ޖައްސާލަމުން މާހިލަށް ބަލައިލިއެވެ.
" މާހިލް..މިއީ އަހަރެންގެ ބެސްޓްފްރެންޑް، ޖުމާ! މިހާރު ފަހަރިއޭވެސް ބުނެވިދާނެ ހަމަ! ބޭބެގެ ހޫމްހޫމް.. އަހަރެން ބުނީމެއްނު މާހިލްގާތު ބޭބެވެސް އުޅެނީ ކަމެއް ނިންމަން ވެގެންނޭ!"
ލަމްހާ އެހެން ބުނެ ޝާހުއަށް ބަލައިލި އިރު ޝާހު އިނީ ވަރަށް ޝައުޤުވެރިކަމާއެކު ޖުމާއަށް ބަލަހައްޓައިގެންނެވެ. ނަަމަވެސް މާހިލްގެ ނުތަނަވަސްވެފައިވާ މޫނުން އެތައް ވާހަކަތަކެއް ޖުމާއަށް ފެންނަމުން ދިޔަ ކަހަލައެވެ. ޖުމާ ފެނުމުން ލަމްހާ ދެއްކި އެއްވެސް ވާހަކައެއް މާހިލަކަށް އަޑެއްވެސް ނީވުނެވެ.
" އާދެބަލަ ޖުމާ! "
ޖުމާގެ އަތުގައި ހިފައިގެން ލަމްހާ އައުމާއެކު ޝާހު އޭނާއަށް އިށީންނަން ޖާގަ ދެއްކިއެވެ. ޝާހުއާ ޖެހިގެން އިށީން އިރުވެސް ޖުމާއަށް އުނދަގޫ ވަމުން ދިޔައެވެ. އެއްފަހަރާ އެތައް ބައިވަރު ކަންތައްތަކެއް ޖުމާގެ ސިކުނޑިއަށް ޖަމާވާން ފެށިއެވެ. މާހިލަކީ ނުދަންނަ މީހެއް ކަމަކަށް ހެދޭކަށް ނެތެވެ. ދޮންތައާވެސް އޭނާ ބައްދަލްވާނެއެވެ. އަދި މިގޭގައި އުޅެންޏާ ބޭބެއަށްވެސް ފެންނާނެއެވެ. އެހެންކަމުން ޖުމާއަށް ވިސްނުނު ގޮތުގައި އެންމެ ރަނގަޅުވާނީ މާހިލަކީ ކާކުކަން ޖުމާގެ ދުލުން ބުނިއްޔާއެވެ.
" މާހިލް؟ "
ވާހަކަދައްކަން ކިތަންމެ އުނދަގޫވީ ނަމަވެސް ޖުމާ ބޭނުންވީ އޭނާގެ ހިތްވަރު ހުރިވަރު މާހިލަށް ދައްކާށެވެ. ދަންނަ މީހަކަށް ގޮވާލާފަދަ ރާގެއްގައި ޖުމާ ގޮވާލުމާއެކު ލަމްހާއާއި ޝާހުގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ. ޖުމާގެ ރޭވުމަކީ ކޮބައިކަން ނޭނގޭ ޙާލު މާހިލް ބޯ ޖަހާލަމުން ގަދަކަމުން ހީލިއެވެ.
" ލަމްއަށް އެނގޭތަ މިއީ ކާކުކަން؟ "
ތުރުތުރުއަޅާ ޙާލު ޖުމާ ބޯ އަރިކޮށްލުމަށްފަހު ލަމްހާއާ ސުވާލުކޮށްލިއެވެ. އޭރުވެސް ލަމްހާގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ. ނަމަވެސް އޭނާ އިނީ ހިނިތުންވުމެއްގައެވެ.
" ދޮންތަބޭގެ ކޮއްކޮ! "
ޖުމާގެ ޖުމްލައިން މާހިލްގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ. އެއާއެކު ލަމްހާ ދެބުމަ ހިއްލާލުމަށްފަހު މާހިލަށް ބަލައިލިއެވެ.
" ހަމަ އަސްލުތަ؟ ދެން މާހިލްއަކަށް ނޭނގޭތަ ދޮންތަމެން މިގޭގައި އުޅޭކަމެއް؟ މާހިލްގެ ދޮންބެ ނުވެސް ބުނޭތަ؟ "
ލަމްހާގެ ސުވާލުތައް ގިނަވުމާއެކު މާހިލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ނަމަވެސް މިފަހަރު ޖުމާ އިނީ މާހިލް ދައްކާނެ ވާހަކަތައް އަޑުއަހާ ހިތުން މަޑުންނެވެ. އޭނާ ރެކެން ދައްކާނީ ކޮން ބަހަނާއެއްބާވައޭވެސް ޖުމާގެ ހިތަށް އެރިއެވެ.
" ހޫމް.. ނޭނގެ! ދޮންބެވެސް ނުބުނޭ ދައްތަމެން އުޅޭ ތަނެއް.. "
މާހިލް އަވަސް އަވަހަށް ބުނެލިއެވެ. އޭރުވެސް ޖުމާއަށް ބެލެނީ މާހިލްގެ މޫނަށެވެ.
" ދެން އެކަމަކު އާއިލީ ގުޅުން ބަދަހި ކުރަންވާނެ! އަނެއްކާ މާހިލްވެސް ތި ހުންނަނީ ކުއްޔަށް! ދެން ބޭބެއަށް ފެންނަނީ ދެކުދިން އަވަހަށް ކައިވެނި ކުރިއްޔާ ކަންނޭނގެ ރަނގަޅުވާނީ.. ޖުމާމެން ދަންނަ މީހެއްވީމަ މިހާރު ބޭބެއަށް ޔަޤީން ވެއްޖެ މާހިލަކީ ގޯސް ކުއްޖަކަށް ނުވާނެކަން... ދޯ ޖުމާ؟ "
ޖުމާގެ މޫނަށް ލޯތްބާއެކު ބަލައިލަމުން ޝާހު ބުންޏެވެ. އެއާއެކު ޖުމާއަށް ބަލައިލެވުނީ މާހިލްގެ މޫނަށެވެ. ހިންދިރުވާލަމުން މާހިލް ތިރިއަށް ނަޒަރު ހިންގާލުމުން ޖުމާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
" އެއްވެސް މީހަކީ ގޯސް މީހެއްނޫން.. އެކަމަކު ބައެއް ފަހަރު ޙާލަތު ދިމާވާގޮތުން ތިމާގެ އަމިއްލަ ފައިދާއަށްޓަކައި ބައެއް މީހުންނަކީ އިންސާނުންގެ ދަރަޖަ ދެވޭ ވަރަށްވުރެން ރަޙުމުނެތް ގޯސް މީހުންނަށް ބަދަލުވާ މީހުން.."
ބޭއިޙްތިޔާރުގައި ޖުމާއަށް ބުނެވުނެވެ. އެއާއެކު އެންމެންނަށް ހިމޭން ވެވުނެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން މިފަހަރު ފޫ އަޅުވާލީ ލަމްހާއެވެ.
" ހުރިހާކަމެއްވެސް އަދި ރަނގަޅުވާނެ.. ޖުމާ ނުވާނެ އެހާ ވަރަށް ވިސްނާކަށް... "
ލަމްހާގެ ޖުމްލައިން މާހިލަށް ބޭއިޙްތިޔާރުގައި ޖުމާގެ ބަނޑަށް ބަލައިލެވުނެވެ. އެކަން ޚުދު ޖުމާއަށްވެސް ފާހަގަ ކުރެވުނެވެ. އެހެންކަމުން އޭނާ ކުޑަކޮށް ޝާހުގެ ހަށިގަނޑާ ނިވާވެލިއެވެ.
" އަހަރެން އަސްލު ކައިވެނި ކުރަން ބޭނުންވަނީ ބޭބެގެ ކައިވެންޏާ އެކު.."
ޝާހުއަށް ބަލައިލަމުން ލަމްހާ ބުނެލީ މަޑުމަޑުންނެވެ. އެއާއެކު ކުޑަކޮށް ބޯ އަރިކޮށްލަމުން ޝާހު ޖުމާގެ މޫނަށް ބަލައިލިއެވެ. އެވަގުތު ޖުމާގެ މޫނުމަތީގައިވާ ނުތަނަވަސްކަން ޝާހުއަށް ވަރަށް ސާފުކޮށް ފެނުނެވެ. އެހެންކަމުން ހީލަން އުޅެފައިވެސް ޝާހު ބަލަހައްޓައިގެން އިނީ ފުން ނަޒަރަކުންނެވެ.
" ބޭ...ބެގެ ކައިވެންޏޭ؟"
ވަހުމެއް ހިތަށް ވަނުމާއެކު މާހިލަށް އަހާލެވުނީ ބޭއިޙްތިޔާރުގައެވެ. އެއާއެކު ލަމްހާ ހިނިތުންވަމުން ބޯ ޖަހާލިއެވެ.
" އަހަރެން މިބުނީނު ޖުމާއަކީ ފަހަރިއޭ! ބޭބެ ނިންމަން އުޅެނީ މިކަންތަކޭ މާހިލޫ!"
ދެވަނަ ފަހަރަށް ބުނަން ޖެހުމުން ސަމާސާ ރާގެއްގައި ލަމްހާ އަޑުގަދަ ކޮށްލިއެވެ. އެއާއެކު ޝާހު ހިނިގަނޑެއްޖަހާލިއެވެ. ނަމަވެސް އޭރުވެސް މާހިލްއާއި ޖުމާއަށް ތިބެވުނީ މަޑުމަޑުންނެވެ. ކުރިއަށް ނަގާނެ ރާޅު ބޮޑުވާނެކަން ޖުމާއަށް ރަނގަޅަށް އެނގެއެވެ. ދެން ދިމާވާނެ ކަންތައްތަކާމެދު ވިސްނާލަންވެސް އޭނާ ބިރުގަނެ ޖެހިލުންވިއެވެ. މާހިލް ވަގު ލޮލަކުން ޖުމާއަށް ބަލައިލި އިރު ޖުމާއަށްވެސް އިނދެވުނީ މާހިލަށް ބަލަހައްޓައިގެންނެވެ.
" ކުރިން ދަންނަ ދެމީހުން ވީމަ މާ ރަނގަޅަކަށްނު މި ދިމާވީ"
ޝާހު ޖުމާގެ އަތްމަތީގައި އަތް ބާއްވާލަމުން ބުންޏެވެ. އެއާޢެކު ލަމްހާ ގަދަކަމުން ހީލިއެވެ.
" އެހާ ރައްޓެއްސެއް ނުވާނެ"
ޖުމާ އެހެން ބުނެލުމުން މާހިލް ޖުމާގެ މޫނަށް ބަލައިލީ އަސަރާއެކުގައެވެ. އެ މޫނުމަތީގައި ކޮންމެވެސް އުނދަގޫ ޝުއޫރުތަކެއް ހުރިކަން ޖުމާއަށް ފާހަގަ ކުރެވުނެވެ.
(ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!