ކުރީގެ ޢަދަދާ ގުޅޭ:

" އެހާ ރައްޓެއްސެއް ނުވާނެ"

Ad
rt

ޖުމާ އެހެން ބުނެލުމުން މާހިލް ޖުމާގެ މޫނަށް ބަލައިލީ އަސަރާއެކުގައެވެ. އެ މޫނުމަތީގައި ކޮންމެވެސް އުނދަގޫ ޝުއޫރުތަކެއް ހުރިކަން ޖުމާއަށް ފާހަގަ ކުރެވުނެވެ.

" އެހެންވިޔަސް ދެން ގައިމުވެސް އެންމެން މިވީ އެއް އާއިލާއަކަށްނު" ލަމްހާ އަވަސް އަވަހަށް ބުންޏެވެ.

ތަފާތު ވާހަކަ ތަކުގައި ލަމްހާ މަޖާކުރަމުން ދިޔައިރުގައިވެސް ޖުމާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. މާހިލްވެސް އިނީ އެފަދަ ޙާލަތެއްގައިކަން ޖުމާއަށް އިޙްސާސް ކުރެވުނެވެ.

" އަހަރެން އެބަ އަންނަން! ދޮންތަ ގާތު ބުނެލާފަ މާހިލް އިން ވާހަކަ" މަޑުމަޑުން ޖުމާ ބުންޏެވެ.

އެމީހުންގެ ކުރިމަތީގައި އިންނަން އިތުރަށް ބޭނުން ނުވެގެން ޖުމާ ތެދުވިއެވެ. އެއާއެކު މާހިލް ލަދުގަންނަ ގޮތްވެއްޖެއެވެ. ޒާރާއާ ކުރިމަތިލާން އޭނާއަށް އަދިވެސް އުނދަގޫވާނެކަން އިޙްސާސް ކުރެވުނެވެ. ނަމަވެސް ހެދޭނެ އިތުރު ގޮތެއް ނެތުމުން އޭނާ މަޑުމަޑުން އިނީއެވެ.

" ދޮންތަ ގޮވައިގެން އަންނައްޗޭ! " ޝާހު ހެވިލާފައި ބުންޏެވެ.

ބޯޖަހާލަމުން ޖުމާ ނިކުމެގެން ދިޔައެވެ. އޭނާ ގޮސް ކޮޓަރިއަށް ވަތް އިރު ޒާރާ އޮތީ ހޭލައެވެ. މާހިލްގެ ވާހަކަ ބުނާނެ ގޮތެއް ނޭނގި ހުރެ ޖުމާ މަޑުމަޑުން ޒާރާގެ މަގަތުގައި އިށީނެވެ. އެއާއެކު ފޯނު ބަލަން އޮތް ޒާރާގެ ސަމާލުކަން ޖުމާއަށް އަމާޒުވިއެވެ.

" ކޮބާ؟ ލަމްގެ ބިޓު ދިޔައީތަ؟ " ކުޑަކޮށް ތެދުވެ، ފާަރުގައި ބުރަކަށި ޖައްސާލަމުން ހެވިފައި އިނދެ ޒާރާ އެހިއެވެ.

އެއާއެކު މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލަމުން ޖުމާ ނޫނެކޭ ބުނެލިއެވެ. ޖުމާގެ ހަމަހިމޭންކަން ޒާރާއަށް ދެނެގަންނާކަށް މާ ގިނައިރުތަކެއް ނުނެގިއެވެ.

" ކޮއްކޮ ކިހިނެއްވެފައި ތިއިންނަނީ؟" ޒާރާ ސުވާލުކުރީ ކަންބޮޑުވާފަދަ ރާގަކަށެވެ.

" ދޮ..ދޮންތައަށް އެނގޭތަ ލަމްގެ ބޯއީއަކީ ކާކުކަން؟ " އިސްޖަހާލުމަށްފަހު އަތުގެ އިނގިލިތަކާ ކުޅެން އިނދެ ޖުމާ ބުންޏެވެ.

އެއާއެކު ޒާރާ ނޫނެކޭ ބުނެލިއެވެ.

" އެއީ.. މާހިލް! " މާޔޫސީ ނަޒަރަކުން ޒާރާގެ މޫނަށް ބަލައިލަމުން ޖުމާ ބުނެލިއެވެ.

ޖުމާގެ އަޑުން ޒާރާއަށްވެސް ލިބުނީ ކުއްލި ސިހުމެވެ. އިރުކޮޅަކު ހުއްޓުން އަރާފައި އޭނާއަށްވެސް އިނދެވުނީއެވެ.

" މާހިލްއޭ!" ހައިރާންވެފައި ޒާރާއަށް ބުނެވުނެވެ.

އެއާއެކު އަނެއްކާވެސް ޖުމާ ބޯ ޖަހާލިއެވެ.

" އަޅާނުލާ ދޮންތާ! އެމީހުންގެ ދިރިއުޅުމަށް އަހަރެމެން ވަންނަން އުޅޭނެ ކަމެއްވެސް ނެތް. އެއްވެސް އެއްޗެއް އަންގާނެ ކަމެއްވެސް ނެތް. ބަދަލު ހިފުމުގެ ގޮތުން މާހިލްއަށް ދެރަވާފަދަ ކަމެއްވެސް އަހަރެމެން ކުރާނެކަމެއް ނެތް. އަަހަރެން ޖެހިލުންވަނީ ޝާހުއަށް އެކަން އެނގޭ ދުވަހަކުން ކަންތައްވާނެ ގޮތް ނޭނގޭތީ. އަހަރެން މި ހުންނަނީ މި ދަރިފުޅުގެ ބައްޕަ އޭނައަށް ސިއްރު ކޮށްގެން." ދެރަވެފައި އިނދެ ޖުމާ ވާހަކަ ދެއްކިއެވެ.

އޭރުވެސް ޒާރާއަށް އިނދެވުނީ ރައްދުގައި ބުނާނެ އެއްޗެއް ނުވިސްނިފައެވެ.

" އެކަމަކު... ކޮންމެވެސް ދުވަހަކުން ފަޅާއަރާނެކަން އަހަންނަށް އެނގެނީ. އެތާ އިނދެވެސް އަހަންނަށް ވަރަށް ދުރަށް ވިސްނާލެވުނު. ހިތަށް އެރި މާހިލްގެ މަންމައަށް މިތަނުން އަހަރެން ފެންނާނެ ދުވަހެއް އަދި އަންނާނެޔޭ! އެދުވަހަކުން އަހަރެން މާހިލްގެ ބޮލުގައި އިލްޒާމް އެޅުވިއްޔޭ ބުނެ ވަރަށް އެތިވަރު ގޮވާލާނެޔޭ.." ޖުމާގެ އަޑުގައިވަނީ ނުތަނަވަސްކަމެވެ.

" އެހާ ބޮޑަށް ނުވިސްނާ! މާހިލްއަށް ދިރިއުޅުމެއް ހޯދައިދޭން އެގޭ މީހުން ބޭނުން ވަންޏާ އެމީހުންވެސް ޖެހޭނީ އެއްޗެކޭ ނުކިޔާ ތިބެން. ދޮންތަ ރަށަށް ގޮސް މުއާބެއާ އެވާހަކަ ދައްކާނަން. އެހެން ނޫނަސް ޝާހު ކަހަލަ ރަނގަޅު މީހަކު ކޮއްކޮއަށް ލިބިފައި ހުއްޓާ މާހިލްއަށްޓަކައި ވީ އޭނަވެސް ދޫކޮށްލަން؟ މުޅިންވެސް މާހިލްގެ އުފަލަކަށްނު އަހަރެމެން މި ވިސްނަން ޖެހެނީ؟" ފޫހިވެފައި އިނދެ ޒާރާ ބުންޏެވެ.

އެއާއެކު ޖުމާއަށް ޒާރާގެ މޫނަށް ބަލައިލެވުނެވެ. އޭރު ޖުމާއަށްވެސް އިނދެވުނީ ހަދާނެގޮތެއް ނުވިސްނިފައެވެ.

" އަހަރެން މިއައީ އެމީހުން ބުނެގެން ދޮންތަ ބަލައޭ." ޖުމާ މަޑުމަޑުން ބުންޏެވެ.

"ޕިސް! އަހަރެން ނޫޅެން ދާކަށް.." ޒާރާ އިނީ ވަރަށް ބޮޑަށް ފޫހިވެފައެވެ.

"އެކަމަކު ޕްލީޒް ދޮންތާ! އެމީހުންނަކަށް މިކަންކަމެއް ނޭނގޭނެއެއްނު. މުއާބެގެ ކޮއްކޮވީމަ އެމީހުން ދެކެނީ ދޮންތައާ މާހިލް ވަރަށް ގާތް ވާނެ ކަމަށޭ. ހިނގާބަލަ އަހަންނާއެކު ދާން." އާދޭހުގެ ރާގުގައި ޖުމާ ވާހަކަ ދެއްކިއެވެ.

ދެކޮޅު ހަދަން ބޭނުން ނުވެގެން ޒާރާ ތެދުވެއްޖެއެވެ. ކުޑަކޮށް ތައްޔާރު ވެލުމަށްފަހު އޭނާ ޖުމާއާއެކު އެގެއަށް ދިޔައެވެ. ދޮރު ހުޅުވާލުމާއެކު މާހިލްގެ މޫނުމަތި ނުތަނަވަސް ވެގެން ދިޔަކަން ޖުމާގެ އިތުރުން ޒާރާއަށްވެސް ފާހަގަ ކުރެވުނެވެ. ނަމަވެސް އެދެމީހުންވެސް މަސައްކަތް ކުރީ ހިނިތުންވުމާއެކު މާހިލްއާ ކުރިމަތިލެވޭތޯއެވެ.

" ދައްތާ!" ގަދަކަމުން ހީލަމުން މާހިލް ގޮވާލިއެވެ.

އެހިނދު ޒާރާވެސް ހިނިތުންވެލީ ގަދަކަމުންނެވެ. ނަމަވެސް ޒާރާގެ ހިނިތުންވުމުން މާހިލްގެ ހިތަކަށް މާބޮޑު ހިތްހަމަ ޖެހުމެއް ނުލިބުނެވެ. އޭނާ އިނީ ކޮންމެވެސް ވަރަކަށް ބިރުގަނެފައެވެ.

" މާ ރަނގަޅަށް ހުރިހާ ކަމެއްވެސް މި ދިމާވީ. އެންމެން އެއް އާއިލާއަކަށްތާ މިވަނީ" ހިނިގަނޑެއް ޖަހާލަމުން ޝާހު ބުންޏެވެ.

"ލަމްހާ ބޭނުންވަނީ އަހަރެމެންނާއެކު ކައިވެނި ކުރަން! އެކަމަކު އަހަރެން ބޭނުންވަނީ ލަމްއާ މާހިލްގެ ކައިވެނި އަވަސްކޮށްލަން. " އަނެއްކާވެސް ވާހަކަ ދެއްކީ ޝާހުއެވެ.

ޝާހު އެހެން ބުނުމަކުން މާހިލް އުފާވިހެންނެއް ހިއެއް ނުވެއެވެ. ނަމަވެސް ލަމްހާގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަ ޖެހުން ފިޔަވައި އެއްވެސް އެއްޗެއް ފާޅެއް ނުވެއެވެ.

" މާހިލް ޤަބޫލުވަންޏާ އަހަންނަށް އޯކޭ" ދެކޮނޑު ހިއްލާލަމުން އުފާވެރި ރާގެއްގައި ލަމްހާ ބުންޏެވެ.

އެއާއެކު މާހިލްވެސް ކުޑަކޮށް ހިނިތުންވެލިއެވެ.

" އަހަރެން.. އަދި ކިރިޔާ ވަޒީފާއަކަށް މި ދަނީ. އެއްވެސް އެއްޗެއް ސޭވް ވެފައެއް ނެތް. އެހެންވީމަ ބޭނުން ކުޑަ ވަގުތު ކޮޅެއް" އާގަންނަމުން މާހިލް ވާހަކަ ދެއްކިއެވެ.

" ތިއީ އެއްވެސް އުޒުރެއް ނޫން. ފައިސާ ނެތިގެން ކައިވެނި ނުކޮށް ހުންނާނަކަށް އިރާދަކުރެއްވިއްޔާ ނުޖެހޭނެ. ބޭބެ މިހުރީނު"

ޝާހު އަވަސް އަވަހަށް ބުނެލިއެވެ. ދެއަތް އުރާލައިގެން ގޮނޑީގައި އިން ޒާރާ އޭރުވެސް ބަލަމުން ދިޔައީ މާހިލްގެ މޫނަށެވެ. ޖުމާއަށް އިނދެވެނީ އިސްޖަހައިގެންނެވެ. އޭނާގެ ހިތުގައި އަޅަމުންދާ ވޭނާއި ރިހުން އެއްވެސް މީހަކަށް ނޭނގުނަސް މާހިލްއަށް އެނގޭ ކަހަލައެވެ. އިރުއިރުކޮޅުން މާހިލްއަށް ޖުމާގެ މޫނަށް ބެލެނީވެސް އެކަން އިޙްސާސްވާތީއެވެ.

" ދެން އެއްބަސްވެބަލަ! " މާހިލްގެ ކޮނޑުގައި ޖަހާލަމުން ލަމްހާ ބުނެލީ ހެމުންނެވެ.

އެއާއެކު މާހިލަށް އަނެއްކާވެސް ބަލައިލެވުނީ ޖުމާއަށެވެ.

"އަހަރެން މި ގޮސްލަނީ އިނގޭ! ދިޔުމުގެ ކުރިން މާހިލް އެބަޔަށް ވަދެލައްޗޭ! "

ޒާރާ އެހެން ބުނެ ތެދުވެއްޖެއެވެ. މާހިލް ބޯ ޖަހާލަމުން އާނއެކޭ ބުނި އިރު ޖުމާވެސް ތެދުވެއްޖެއެވެ.

" ބޭބެވެސް އަދި އެބަ ޖެހެޔޭ ބޭރަށް ގޮސްލަން.. އެހެންވީމަ ކައިވެނި ޔަަގީންވެ ނިމުނީ އިނގޭ!" ހިނިތުންވެ ހުރެ ޝާހު ބުންޏެވެ.

އެއާއެކު އެންމެން ތެދުވެއްޖެއެވެ. ޒާރާގެ ފަހަތުން ޖުމާ ހިނގައިގަތްތަން ފެނި، މާހިލް ލަމްހާއަށް ބަލައިލިއެވެ.

" އަހަރެންވެސް ދެން ދަނީ! ގެއަށް ގޮސް ގުޅާނަން" މާހިލް ބުންޏެވެ.

އޭރު ލަމްހާ ހުރީ އުފަލުން ފުރިފައެވެ. އޭނާ ބޯ ޖަހާލުމަށްފަހު މާހިލްގެ އަތަށް ފިތާލިއެވެ. އޭރު ސިޓިންގރޫމްގައި ތިބީވެސް އެދެމީހުން އެކަންޏެވެ. އެހެންކަމުން ލަމްހާ ހުރީ މާހިލް ފޮނުވަންވެސް ބޭނުން ނުވެފައެވެ.

" ބުނެބަލަ! އުފަލުންތަ ކައިވެންޏަށް އެއްބަސްވީ؟ " ލަމްހާ ސުވާލުކުރީ މާހިލްއާ ކުޑަކޮށް ގާތްވެލަމުންނެވެ. އެއާއެކު މާހިލްއަށް ހިނިތުންވާން ޖެހުނީ މިފަހަރުވެސް ގަދަކަމުންނެވެ.

" ހޫމް.. އުފާވާނެ އެއްނު " ލަމްހާގެ ބޮލުގައި ޖަހާލަމުން އެހެން ބުނެ މާހިލް ބެލީ އަވަހަށް ހިނގައިގަނެވޭތޯއެވެ. މިފަހަރު މާހިލް ހިފަހައްޓާކަށް ލަމްހާ ނޫޅުނެވެ. އުފާވެރި މޫޑެއްގައި ހުރެ އަތުން ހަނާ އަޅާލީއެވެ.

ހާސްހިތަކައިގެން ހުރެ މާހިލް ޓަކި ޖަހާލީ ޖުމާގެ އެޕާޓްމަންޓްގައެވެ. އިރުކޮޅެއްގެ ތެރޭގައި ޖުމާ ގޮސް ދޮރު ހުޅުވާލިއެވެ. އެއާއެކު ދާދި ގާތުން އޭނާއަށް މާހިލް ފެނުނެވެ. އެތައް ދުވަހަކަށްފަހު އެހާ ގާތުން މާހިލްގެ މޫނު ފެނުމުން އެހެން ދިމާލަކަށް ބަލާލާކަށް ޖުމާގެ ހިތެއް ނޭދުނެވެ. މާހިލްގެ ލޮލުގެ ތެރެއަށް އޭނާއަށް ފީނައިގަނެވުނީއެވެ. މާހިލްއަށްވެސް ޖުމާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ. އެމޫނުމަތިން އަދިވެސް މާހިލްދެކެ ލޯބިވާކަން އޭނާއަށް އިޙްސާސް ކުރެވުނެވެ.

" ޖުމާ! " ދެރަވެފައި ހުރެ މާހިލް ގޮވާލުމާއެކު ސިހިފައި ޖުމާ އޭނާއަށް ޖާގަ ދިނެވެ.

" ދޮންތަ ވީ ކޮޓަރީގަ! އިރުކޮޅަކުން ނިކުންނާނެ" ހާސްވެ ހުރެ ޖުމާ ބުންޏެވެ.

އޭރު ހަށިގަނޑުވާ ނާރުތަކުގައި ދައުރުވަމުންދާ ލޭގެ ހިނގުން އަވަސްވެފައިވާކަން ޖުމާއަށް އެނގުނެވެ. މާހިލް ފެނުމުން އަނެއްކާވެސް ހިތުގައި ވަޅުޖެހިފައިވާ ލޯބި ފާޅުވާން ފެށިހެން އޭނާއަށް ހީވިއެވެ. ހިތުގައި ފުނިޖެހިފައިވާ ޝަކުވާތައް މާހިލްގެ ފައިބުޑަށް ބަންޑުންކޮށްލަން ބޭނުންވިއެވެ. ނަމަވެސް ހިތްވަރެއް ނެތެވެ. ލޮލަށް ކަރުނަ ޖަމާވާން އުޅުމުން ޖުމާ އަވަސް އަވަހަށް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ހަމަޖެހެން މަސައްކަތް ކުރިއެވެ.

" ކޮން ދުވަހަކުން ވިހަނީ؟ " މަޑުމަޑުން މާހިލް ކޮށްލި ސުވާލުން ސިހިފައި ޖުމާ ބަލައިލިއެވެ.

އޭނާ އެސުވާލު ކޮށްފާނެ ކަމަކަށް ޖުމާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ.

" މާހިލް ކީއްކުރަން ޖުމާ ވިހާ ދުވަހެއް ބަލަނީ؟ " ހިތްހަމަ ނުޖެހޭ ރާގެއްގައި ޒާރާ ބުނެލި އަޑަށް ޖުމާގެ އިތުރުން މާހިލްވެސް ސިހުނެވެ. އޭރު ޒާރާ ހުރީ ކޮޓަރި ދޮރުމަތީގައެވެ.

" އަހަންނަށް އެނގޭ އެއީ މާހިލްގެ ދަރިއެއްކަން. އެދުވަހު މާހިލް އަހަރެމެން ބޭޒާރުކޮށްލާ އަހަރެމެން އެންމެންގެ ކުރިމަތީގައި ބާކީ ކޮށްލިޔަސް މިއަދު އަހަރެމެން އެކަމާ ހިތާމައެއް ނުކުރަން. މާހިލްގެ ދޮންބެވެސް އެކަނި އުޅެން އެޖެހެނީ ހަމަ މާހިލްއާ ހެދި. މިއީ މާހިލްގެ ދަރިއެއްކަމަށް އެދުވަހު އެއްބަސްވީނަމަ ތި އާއިލާއިން އަހަރެމެންނަށް މިހާ އިހާނެތިކޮށް ކަންތައް ކުރީސްތަ؟ " ހިތްހަމަ ނުޖެހިފައި ޒާރާ ބުންޏެވެ.

ޒާރާގެ ހިތުގައި ފުނިޖެހިފައިވާ ހުރިހާ ޝަކުވާތަކެއް އޭނާ ބޭރުކުރަމުން ދިޔައެވެ. އޭނާ ހުއްޓުވާކަށް ޖުމާވެސް ނޫޅެއެވެ. ޚުދު ޖުމާވެސް ބޭނުންވަނީ މާހިލްގެ ކުށް މާހިލްއަށް އިޙްސާސް ކޮށްދޭށެވެ.

" ޖުމާ އެހާލުގައިވެސް އިންދާ ޝާހު އޭނަގެ ކައިވެނިކުރަން ޝާހު ބޭނުންވޭ! އެކަމަކު އަނެއްކާވެސް ޖުމާއަށް މިޖެހެނީ އެކަމާ ދެކޮޅު ހަދަން. އެނގޭތަ އެއީ ކީއްވެކަން؟ ހަމަ މާހިލްއަށްޓަކައި. ޖުމާގެ ބަނޑުގައި އޮތީ މާހިލްގެ ދަރިއެއްކަން ލަމްހާއަށް އެނގުނީމަ އޭނަގެ ހިތް ހަލާކުވެދާނެތީ. އަނެއްކޮޅުން އަނެއްތާކަށް އަހަރެން ބޭޒާރުވާނީ"

ޒާރާގެ ވާހަކަ އަޑުއަހަން ހުރި މާހިލްއަށް ޖުމާއަށް ބަލައިލެވުނެވެ. އޭރު ޖުމާ ހުރީ އިސްޖަހާލައިގެން ދޮންތަގެ ވާހަކަ އަޑުއަހާށެވެ. ރައްދުގައި ދޭނެ ޖަވާބެއް ނޭނގި މާހިލަށް ހުރެވުނީ ނެގިމަޑުވެފައެވެ.

" ކަންތައްތައް ދެން ވާނެ ގޮތެއްވެސް ނޭނގެ. އަހަރެމެން މިތިބެނީ ޖުމާއަށް އުފާވެރި ދިރިއުޅުމެއް ލިބޭނެކަމުގެ ފޮނި އުއްމީދުގައި. އަދި އަހަންނަށްވެސް އަހަރެންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަމުގެ އިންތިޒާރުގައި. އެކަމަކު... އަނެއްކާވެސް އަހަރެމެންނަށް ހީވަނީ ވަރުގަދަ ތޫފާނެއް އަންނަން އުޅޭހެން. " އަސަރުން ފުރިފައިވާ ލޮލަކުން ޒާރާ މާހިލްއަށް ބަލައިލިއެވެ.

އޭރު މާހިލް ހުރީ ގޮތްހުސްވެފައެވެ. ހިންދިރުވާލުމަށްފަހު އޭނާއަށް އަނެއްކާވެސް ޖުމާއަށް ބަލައިލެވުނެވެ. އޭރު ޖުމާވެސް ހުރީ ފެންކަޅިވެފައިވާ ޙާލު މާހިލްގެ މޫނަށް ބަލާށެވެ. މިފަހަރު މާހިލްއަށް އުނދަގޫވެއްޖެއެވެ. ހިތުގައި ޖެހުނެވެ. ފުރަތަމަ ފަހަރަށް އޭނާގެ ކުށް ޤަބޫލު ކުރެވުނެވެ. ނަމަވެސް ކަންތައް ކުރަންވީ ގޮތް އޮޅި، ހަދާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ޒާރާގެ ވާހަކަތަކަށް ދޭނެ ރައްދެއް ނޭނގުނެވެ. ދުލުން ބޭރުކޮށްލާނެ އެއްވެސް ލަފްޒެއް ހިތަކަށް ނައެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)