ކުރީގެ ޢަދަދާ ގުޅޭ:

" ޖުމާ؟ ޕްރެގްތަ؟ އެހެން ނުވާނެ! އޭނަ ނުބުނެ މީހަކާ އިންވާހަކައެއް"

Ad
rt

ހައިރާންކަމާއެކު ލަމްހާ ބުންޏެވެ.

" މީހަކާ ނީނދެޔޭ! "

" ވަޓް؟ "

ތުންފަތުގައި އިނގިލި ޖައްސާލަމުން ލަމްހާއަށް ބުނެވުނެވެ. ލަމްހާގެ މޫނުމައްޗަށް އަރައިގަތް ކުލަވަރު ބަލަން ޝާހު އިނެވެ.

" ކިހިނެއްވީ؟ ހިތްހަމަ ނުޖެހުނީތަ؟ "

ދެބުމަ ހިއްލާލަމުން ޝާހު ސުވާލު ކުރި އިރުގައިވެސް ލަމްހާއަށް އިނދެވުނީ ހައިރާންކަންމަތީއެވެ.

" ހިތްހަމަ؟ ކިހިނެއް ހިތްހަމަ ޖެހޭނީ؟ އަހަންނާއެކު އެހާ ގާތްކޮށް އުޅޭ އިރުގައިވެސް އެކަހަލަ ވާހަކައެއް ނުބުނެ!"

ފުންކޮށް ވިސްނާލަމުން ލަމްހާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ނަމަވެސް އެއަޑުގައި އެކުލެވިގެންވާ ނުތަނަވަސްކަންވެސް ޝާހުއަށް އިޙްސާސް ކުރެވުނެވެ.

" ލަމްއަށްވެސް އެކަހަލަ ކަމެއް ދިމާވި ނަމަ ކުރެވޭ އިޙްސާސް އެނގޭނީ؟ ކާކަށް ބުނަން ކެރޭނީވެސް؟ ޖުމާ ބުނީ ލަމްގާތު ބުނަން ނުކެރިގެން އޭނަ ވަރަށް ގިނަ ދުވަސްވެއްޖެޔޯ އެކަމާ ވިސްނަނީވެސް. އަދި ބުނި ލަމްއާ އޮންނަ ގުޅުން ކެނޑިދާނެތީވެ ބިރުންނޯ ބުނަން ނުކެރުނީވެސް. އެހެން ނޫނަސް އެއީ ސިއްރުވާނެ ކަމެއް ނޫނެއްނު "

ޝާހުގެ ވާހަކަ އަޑުއަހަން އިނދެ ލަމްހާ ބޯ ޖަހާލިއެވެ.

" ބޭބެއަށް އޯކޭތަ ހަމަ؟"
އަނެއްކާވެސް ލަމްހާ ސުވާލުކުރިއެވެ. އެއާއެކު ޝާހު ވަގުތުން ބޯ ޖަހާލިއެވެ.

" ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ! އަހަރެމެން މިއީ އިންސާނުން! ޖުމާއަކީ ވަރަށް ރަނގަޅު ކުއްޖެއް! ބޭބެއަށް އޭނަ ވަރަށް ކަމުދޭ! މާޒީގައި ކުރެވިފައި އޮތް ކުށެއްގެ ސަބަބުން އޭނަ ބާކީ ކުރަން ޖެހޭނެ ހެންނެއް ހިއެއް ނުވެ"

ޝާހު، ޖުމާ ބޭނުންވާވަރު އެނގުމުން، އެކަމާ ދެބަސް ވާކަށް ލަމްހާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ބޭބެގެ އުފަލަކީ ޚުދު އޭނާގެވެސް އުފާކަމަށް ވާތީ ލަމްހާ ހިނިތުންވެލީ ޝާހުއަށް އެކަން އިޙްސާސްކޮށް ދިނުމަށެވެ.

***

ގޭ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލުމާއެކު ދޮރާށި ހުޅުވާފައި ނިކުތް ޒޯޔާ ފެނި މުއާޒަށް ލިބުނީ ކުއްލި ސިހުމެކެވެ. ފުރިހަމަ ހިނިތުންވުމަކުން ޒޯޔާ މުއާޒަށް ބަލަމުން ދިޔައެވެ.

" ޒޯ ބުނީމެއްނު އިންތިޒާރު ކުރާނަމޭ! "

ސައިކަލް ކުރިމަތީގައި ހުއްޓުމަށްފަހު ޒޯޔާ ބުނެލީ މަސްތީ ރާގަކަށެވެ. އޭރުވެސް މުއާޒަށް އިނދެވުނީ ޒޯޔާގެ މޫނަށް ބަލަހައްޓައިގެންނެވެ.

" އެކަމަކު.. މިހާރު މާ ލަސްވެއްޖެއެއްނު! އެގާރަވެސް ޖަހައިފި.. މިހާ ދަންވީމަ އަހަރެން ބޭނުމެއް ނޫން ދާކަށް"

މުއާޒް އެހެން ބުނުމުންވެސް ޤަބޫލު ނުކޮށް ޒޯޔާ ގޮސް ސައިކަލް ފަހަތަށް އެރިއެވެ.

" އުނހު! ކުޑަކުޑަ ބުރެއްވިޔަސް ހެވޭ! އަހަރެން ނުނިދާ މި އިންނަނީވެސް މުއާޒް އަންނަން ދެން"

މުއާޒްގެ ކަންފަތާ ދިމާލަށް ކުޑަކޮށް މޫނު ކައިރިކޮށްލަމުން ޒޯޔާ ބުނެލިއެވެ. އޭނާގެ ޢަމަލުތައް ހުރި ގޮތުން މުއާޒް ހިތްހަމަ ނުޖެހި އޭނާއަށް އުނދަގޫވިއެވެ. އެހެންކަމުން އަވަސް އަވަހަށް އޭނާ ސައިކަލުން ފޭބިއެވެ.

" ނޫނެކޭ! އަހަރެން ބުނީމަ ކީއްވެތަ އަޑު ނާހަނީ؟ އަހަންނަކީ މީހެއްގެ ފިރިއެއްކަން ޒޯޔާއަށް ނޭނގެނީތަ؟ މީހުންގެ ފިރިން ހިލޭ އަންހެނުން ގޮވައިގެން ސައިކަލް ބުރުޖަހަން ދިޔުމަކީ މާ ރީތި ކަމެއް ނޫނޭ!"

ހިތްހަމަ ނުޖެހުނުވަރުން މުއާޒަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ޒޯޔާ ފެންކަޅި ވެއްޖެއެވެ. މާޔޫސްވެ އިނދެ އޭނާ މުއާޒަށް ބަލަމުން ސައިކަލުން ފޭބިއެވެ.

" އަހަރެން ނުދެކެން މިއީ މައްސަލައެއް ކަމަކަށް.."

އެހެން ބުނުމަށްފަހު ލޯ ފުހެލަމުން އޭނާ އެތެރެއަށް ވަންނަން ދުއްވައިގަތެވެ. މުއާޒްވެސް އިރުކޮޅަކު ވިސްނާލަން ހުރެ، ދޮރާށި ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ.

***

" މަޢާފަށް އެދޭކަށް ނުޖެހޭނެ! އަހަންނަށް ހުރިހާ އެއްޗެއް ބޭބެ ކިޔައިދިން.. އަހަރެން މިހުރީ ޖުމާ ކަހަލަ ރަނގަޅު ފަހަރިއަކު ލިބޭތީވެ ވަރަށް އުފަލުން"

ލަމްހާ ބޭނުންވީ ޖުމާ ހިތްހަމަ ޖައްސާށެވެ. ޖުމާގެ ހިނިތުންވުން ފެނި ލަމްހާ އުފަލާއެކު ޖުމާގެ އަތުގައި ހިފާލިއެވެ.

" ދެން މާޒީ ހަނދާން ނައްތާލާ! ބޭބެ މާ ރަނގަޅުވާނެ"

ލަމްހާ އެހެން ބުނުމާއެކު ޖުމާއަށް ދުރަށް ނަޒަރު ހިންގާލެވުނެވެ.

" އަދިވެސް އަހަރެންގެ ހިތުގައި ބައިވަރު އެއްޗެހި ހަރުލާފައި އެބަހުރި! އެމީހަކީ އަހަރެން މުޅި ދުނިޔެއިންވެސް އެންމެ ލޯބިވި މީހާ! އެންމެ ބޭނުންވި މީހާ! އަދި އެއީ އަހަރެންގެ އަލަތު ލޯބިވެސްމެ! އަހަންނަށް ޔަޤީން އޭނަވެސް އަހަރެންދެކެ އެހާ ލޯބިވިކަން! ދެމީހުން ގުޅިގެން އުޅުނީ މުޅި ދުނިޔެއަށް ސިއްރުން! އެހެންވެ އަހަންނަށް މި ލަނޑު މިލިބުނީވެސް.. އަހަރެމެން ދެމީހުން އެކަހެރިކޮށް ބައްދަލްކުރި ފުރަތަމަރޭވެސް ދެމީހުންނަށް އަރައިގަނެވުނީ ބޮޑު ފާފައަކަށް. އެކަމުގައި އަހަރެން ވަކި އޭނަ އެކަނި ކުއްވެރިއެއް ނުކުރާނަން.. އަހަރެންވެސް ކުއްވެރިވާނެ! "

ފެންކަޅިވެފައި އިނދެ ޖުމާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ލަމްހާ އިނީ ނުހަނު ޝައުޤުވެރިވެފައެވެ.

" ދެން ކިހިނެއްވީ؟ ދެން މިހާރު އޭނަ ކޮބާ؟ "

ލަމްހާގެ ސުވާލާއެކު ޖުމާއަށް ލުއިގޮތަކަށް ހިނިތުންވެލެވުނެވެ.

" ނޭނގެ! އުޅޭ ތަނެއްވެސް... އަހަރެން ބަލިވެއިންކަން އެނގުނު ހިސާބުން އޭނަ އެއްބަހެއް ނުވި.. އަހަންނަކީ ދަންނަ މީހަކަށްވެސް ނެހެދި. އަދި އަހަރެން ދޫކޮށްލާ ބާކީކޮށްލީ! މިއީ އޭނަގެ ދަރިއެއްކަމަށް އަހަރެން ވަކި ދައްކާނީ ކޮން ހެއްކެއް؟ "

ލޮލުން ކަރުނައިގެ ރޮނގެއް ފާއްދާލުމާއެކު ޖުމާ އަވަސް އަވަހަށް ލޯ ފުހެލިއެވެ.

" ރަށު ކުއްޖެއްތަ؟ "

އަނެއްކާވެސް ލަމްހާ އެހިއެވެ. އެއާއެކު ޖުމާ އަނެއްކާވެސް ހީލިއެވެ.

" ދެން އަޅާނުލާ! އެއީ އަހަންނާ ގުޅުމެއް ބާއްވަންވެސް ބޭނުންވާ މީހެއް ނޫން! އަހަރެން ބޭނުމެއް ނޫން އޭނަމަތިން ހަދާން ކުރާކަށްވެސް..އަސްލު އޭނަ އެގޮތަށް ކަންތައްކުރީ ބިރުން.. ދުނިޔޭގެ ލަދާއި ވާނެ ފަޟީޙަތާ ބޭޒާރަށްޓަކައި! އާއިލާ ލަދުގަނެ ދެރަވާނެތީ! ހަމަ އަހަރެންވެސް އެކަންކަމާ ވިސްނާނެއެއްނު.. އެކަމަކު އަަހަންނަށް އޮންނާނެތަ އިތުރު ގޮތެއް؟ އަހަރެމެން އަންހެނުންނަށް ފިލެން އޮންނާނެތަ؟"

ޖުމާ ލަމްހާގެ މޫނަށް ބަލައިލިއެވެ.

" ދެން އެވާހަކަތައް އާކުރާނެ ކަމެއް ނެތް! ހަނދާންވެސް ކުރާނެ ކަމެއް ނެތް.. ބޭބެ ބުނި ޖުމާގެ ބޭބީއަކީ ބޭބެގެ ދަރިއެއްކަމަށް ބަލައިގެން އުޅޭނިއްޔޭ! ބޭބެ ޖުމާދެކެ ހާދަ ލޯބިވެއްޖެޔޭ!"

ސަމާސާ ރާގަކަށް ލަމްހާ އެހެން ބުނެލީ ޖުމާ ހެއްވާލާށެވެ.

" ތެދެއް! ޝާހުއަކީ ވަރަށް އާދަޔާ ޚިލާފް މީހެއް. އޭނަގެ ކޮންމެ ޖުމްލައަކުން އަހަރެންގެ ހިތުގައިވާ ފާރުތަކަށް ލުއިކަން ލިބޭ! އަހަރެންވެސް ޝާހުއާމެދު ވަރަށް ހިތްހަމަ ޖެހޭ! އެއީ ވަރަށް އޯގާތެރި މީހެއް"

" ހޫމް ހޫމް.. ދެން ހުއްޓާލާ! ތަޢުރީފް ކުރުން މާ ގިނަ ނުކުރައްޗޭ! އޭރުން ބޭބެ މާ ފޮނިވާނެ"

ޖުމާގެ މޫނަށް ބަލައިލަމުން ލަމްހާ ހީގަތެވެ. އެއަށްފަހު އޭނާއަށް ނަޒަރު ހިންގާލެވުނީ ޖުމާގެ ބަނޑަށެވެ.

" ޖުމާ ހިކިކޮށް ހުންނާތީއޭ ބަނޑު ނިކުންނަކަންވެސް ނޭނގެނީ! އަދިވެސް ނޭނގެ ބަނޑުބޮޑުކަމެއް"

ހެވިފައި އިނދެ ލަމްހާ ބުންޏެވެ. އެއާއެކު ޖުމާއަށްވެސް ބޭއިޙްތިޔާރުގައި އޭނާގެ ބަނޑަށް ބަލައިލެވުނެވެ.

" މިހާރު އެކަމު ތިންމަސްވަނީއޭ! ދެން ވަރަށް އަވަހަށް ވިހާފާނެ ދޯ! "

" ހޫމް.. ދެން ވިހެއީމަ އޮންނާނެއެއްނު ބޭބީގެ ނަންކީބަތާއެކު ކައިވެނި ސައިވެސް"

ލަމްހާ އެހެން ބުނުމުން ޖުމާއަށް ލަމްހާގެ ގައިގައި ޖަހާލެވުނެވެ.

" މިރޭ އަހަރެންގެ ބޯއީވެސް އަންނާނެ ގެއަށް.. ބޭބެއާ މީޓް ކުރަން.. އަހަރެން ބޭނުން ޑިނަރ ރެޑީކުރަން.. ޖުމާގެ ދޮންތަ ގާތު ބުނަންވީއެއްނު މީރު ބަތްގަނޑެއް ހަދަން"

ދެލޯ ކުޑަކޮށްލަމުން ލަމްހާ އެދުނެވެ. އެއާއެކު ޖުމާއަށް ބަލައިލެވުނީ ކޮޓަރިއާ ދިމާލަށެވެ.

" ދޮންތަ ނިކުންނާނެ އިރުކޮޅަކުން..ދެންމެ ހަމަ އެ ދިޔައީ ނަމާދަށް އަރަން.. އަންނަންދެން ލަމްވެސް މަޑުކޮށްބަލަ! ތިކަން ހަމަ ޖެހޭނެޔޭ!"

" ކޮންކަމެއް ހަމަނުޖެހިގެންތަ ދެމީހުން މާ އޮލަ ވާހަކައެއްގައި މިތިބީ؟"

ޖުމާގެ ޖުމްލަ ނިމުނު އިރު ޒާރާ ހުރީ ބޭރުގައެވެ. އެއާއެކު ޖުމާއާއި ލަމްހާއަށް ބަލައިލެވުނީ އެއްފަހަރާއެވެ.

" މި ލަމްގެ ބޯއީ އަންނަނިއްޔޯ މިރޭ ޝާހުއާ މީޓްކުރަން. އެހެންވެ ބަތްގަނޑެއް ހަދާވާހަކަ އެ ކިޔަނީ"

ޖުމާ އަވަސް އަވަހަށް ބުނެލިއެވެ. އޭރު ހެވިފައި ހުރެ ޒާރާވެސް އައިސް މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.

" އަސްތާ! ތިއީ ހާދަ އުފާވެރި ޚަބަރެކޭ! ބަތްގަނޑެއް ހެދިދާނެ.. ތިއީ ދެން މީހަކު މާ ވިސްނަންޖެހޭވަރުގެ ކަމެއްވެސް ނޫނެއްނު.. ލަމް ބުނީމަ ދެން ކޮށްނުދީ ވާކަށްވެސް ނޯންނާނެ.. މިހާރު ޖުމާއަކީ ތިގޭ ކުއްޖެއް ވިއްޔަ"

ހެމުން ހެމުން ޒާރާ ވާހަކަ ދެއްކިއެވެ. ޒާރާގެ މޫނުމަތީގައިވާ އުފާވެރިކަން ފެނި ޖުމާގެ ހިތުގައި ސުވާލުތައް ގިނަވެއްޖެއެވެ. އެހެންކަމުން އޭނާ ލަސްނުކޮށް ޒާރާއާ ސުވާލު ކުރަން ފެށިއެވެ.

" ދޮންތަވެސް ހީވަނީ މާ އުފާވެރި ޚަބަރެއް ލިބިގެން ނިކުތްހެން.. އަނެއްކާ މުއާބެ އަންނަނީތަ؟ "

ޖުމާގެ ސުވާލުން ހެވިފައި އިން ޒާރާގެ ދެތުންފަތް ލެއްޕުނެވެ. އަދި ވަގުވަގަށް އޭނާ ލަމްހާއަށް ބަލައިލިއެވެ. އޭރު އޭނާގެ މޫނުމަތީގައިވާ ހިނިތުންވުން މުޅިންހެން ގެއްލިއްޖެއެވެ.

" ކިހިނެއްވީ ދޮންތާ؟ ބުނެބަލަ! "

ކަންބޮޑުވެފައި ޖުމާ ސުވާލު ކުރުމާއެކު ޒާރާ ގަދަކަމުން ހީލިއެވެ.

" ކަމެއް ވެއްޖެތަ؟ މުއާބެއަށް އާދެވެނީ އަންނަ މަހު.. އޭރުން ގިނަ ދުވަހު ހުރެވޭނެޔޯ ބުނީ"

ޒާރާގެ އަޑުގައިވާ މޮޅިވެރިކަން ލަމްހާއަށްވެސް ދެނެގަނެވުނެވެ. އޭނާ އިނީ ޒާރާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާށެވެ.

" އަސްލު ދޮންތަ މާލޭގައި ތި މަޑުކުރަނީ ޖުމާ ބަލަން ވެގެންދޯ؟ "

ލަމްހާ ސުވާލު ކުރިއެވެ.

" ހޫމް.. ރަށުގައި އުޅެވެން ނެތިގެން މިކޮޅަށް ބަދަލުވީވެސް.."

ޖުމާ ބުންޏެވެ. އެއާއެކު ލަމްހާއަށް އަނެއްކާވެސް ބަަލައިލެވުނީ ޒާރާއަށެވެ.

" އަހަރެން ބުނާ ގޮތެއް ހަދާފާނަންތަ؟ "

ލަމްހާގެ ޖުމްލައިން ޒާރާއަށް ލަމްހާގެ މޫނަށް ބަލައިލެވުނެވެ. އޭރު ޖުމާވެސް އިނީ ޝައުޤުވެރިކަމާއެކު ލަމްހާއަށް ބަލާށެވެ.

" ދޮންތަ ދާންވީއެއްނު މުއާބެއަށް ސަޕްރައިޒެއް ދޭން އެރަށަށް.. އަހަރެމެން މިތިބީއޭ ޖުމާއާއެކު.. އެހެން ނޫނަސް ޖުމާއަށް ބަލާނެ އިތުރު މީހަކުވެސް މިހާރު އެބަހުއްޓެއްނު.."

ލަމްހާގެ ޖުމްލައިން ޒާރާގެ މޫނުމަތި އުޖާލާވީކަން ޖުމާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ޖުމާވެސް އެގޮތް ބޭނުން ވިއެވެ.

" އަހަރެން ކައިރީ ހުރެވިދާނެއެއްނު.. އެހެން ނޫނަސް ބޭބެއާމެދު ބިރު ނުގަންނައްޗޭ! އެއީ ވަރަށް ވަރަށް އަޙްލާޤް ހުރި މީހެއް.. ދޮންތައަށް މިހާރު އަހަރެންގެ ގޮތްވެސް އެނގޭނެ.. އަހަންނަށްވުރެ ބޭބެ އަދި މާ ރަނގަޅުވާނެ.."

ލަމްހާގެ ވާހަކަ އަޑުއަަހަން އިނދެ ޒާރާއަށް ޖުމާގެ މޫނަށް ބަލައިލެވުނެވެ.

" އަހަރެންގެ މޫނަށް ބަލާނެ ކަމެއް ނެތް! ދޭބަލަ "

ބާރު ހިނިގަނޑެއް ޖަހާލަމުން ޖުމާ ބުންޏެވެ. އެއާއެކު ޒާރާއަށްވެސް ހެވުނެވެ.

" ސީރިއަސްކޮށްތަ ޖުމާ؟ ދޮންތަ ހަމަ ދާންވީތަ؟ ސަޕްރައިޒަކަށް؟"

ތިން ސުވާލު އެއްފަހަރާ ޒާރާއަށް ކޮށްލެވުނީ ނުހަނު އަވަސް އަވަހަށެވެ. އެއާއެކު ލަމްހާއަށްވެސް ބާރަށް ހީގަނެވުނެވެ.

" އާނއެކޭ! ދާށޭ.. "

ޖުމާ އަނެއްކާވެސް ބުންޏެވެ. އޭރުވެސް ޒާރާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. މުއާޒް ދެކިލާހިތުން ކެތްމަދުވެފައިވާ އޭނާގެ ހިތަށް ދިރުން ލިބުނުހެންވެސް ހީވިއެވެ.

" އަޅެ ތޭންކްސް ލަމް.. ދޮންތަ ވަރަށް އުފާވެއްޖެ.. ވަރަށް ބޭނުން ވެފައި މިހުންނަނީވެސް މުއާ ގާތަށް ދާން.. މުއާ ވަރަށް އެކަނިވެރިހެން ހީވަނީ! ގުޅިޔަސް ހުންނަނީ ވަރަށް ފޫހިވެފަ! މާލެ އަންނަން ނިންމާއިރަށް ފިހާރަ ކޮންމެވެސް ކަމެއް ޖެހޭ ވިއްޔަ"

ތުން ދަމާލަމުން ޒާރާ ބުންޏެވެ. އެއާއެކު ޖުމާއަށް ލަމްހާ ނިތް އެއްލިއެވެ.

" ދެން ދޭ އަވަހަށް ބަތްގަނޑު ހަދަން! ލަމްގެ ބޯއީ އަންނަން ވާއިރަށް އަހަރެމެންވެސް ޖެހޭނެ މަރުހަބާ ކިޔަން ރެޑީ ވާން"

މަޑުމަޑުން ތެދުވަމުން ޖުމާ ބުނެލިއެވެ. އެއާއެކު ލަމްހާއަށްވެސް ހެވުނެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)