" ވާހިދުގެ މޫނު ދެކެން އެތަނަށް ދިޔައްޔާ މުޅި ރަށުގައި ކަލޭ ބަދުނާމުކޮށް ފަޟީޙަތް ކުރާނަން! "
އާރިފާގެ ޖުމްލައިން ޖުމާގެ ދެފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. އޭރު ޖުމާއަށް ބެލުމެއްނެތި ޒާރާ ގޮސް އެމްބިއުލާންސަށް އަރައިފިއެވެ. ލުތްކެއް ޖަހާފައި އާރިފާ ޖުމާގެ އަތުން ދޫކޮށްލުމާއެކު ޖުމާއަށް ފަހަތަށް ފިޔަވަޅެއް އެޅުނެވެ. އަދި ދެލޮލުން އޮހޮރެމުންދާ ކަރުނަތަކާއެކު އޭނާއަށް ބަލަހައްޓައިގެން ހުރެވުނީ ދުރުގައި އޮތް އެމްބިއުލާންސަށެވެ.
***
" ބައްޕަގެ މޫނު ދެކިލަން ޖުމާ ނާދޭތަ؟ "
ހިނަވާގެއިން ނިކުތް މީހަކު ބުނެލިއެވެ. އެއަޑަށް އާރިފާއަށް ޒާރާގެ މޫނަށް ބަލައިލެވުނެވެ. ރޮއިރޮއި އިން ޒާރާ މަޑުމަޑުން ބޯ ހޫރާލީ، ޖުމާއާ ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނާށޭ ބުނާ ކަހަލަ ގޮތަކަށެވެ. އޭރު އާރިފާގެ ކައިރީގައި ފެންކަޅި ވެފައި ޝާމްވެސް ހުއްޓެވެ.
" އޭނަ އައިސް ގޮއްސި! "
އިސްޖަހައިގެން އިނދެ އާރިފާ ބުނެލިއެވެ. އެއާއެކު ޒާރާއަށް ދެލޯ މަރާލެވުނެވެ.
***
ބައްޕަގެ ޖަނާޒާގެ ކަންތައް ނިމުމާއެކު ޒާރާ ގެއަށް އައީ އާރިފާއާއެކުގައެވެ. ގެއަށް ވަދެވުމާއެކު ފަޔަށް ބާރުލައިފައި އާރިފާ ހިނގައިގަތީ ޖުމާގެ ކޮޓަރިއަށެވެ. ވަރުދެރަވެފައިވާ ޙާލު ޒާރާވެސް އާރިފާގެ ފަހަތުން ދިޔައެވެ. އާރިފާގޮސް ދޮރު ހުޅުވާލި އިރުގައިވެސް ޖުމާ އޮތީ ރޯށެވެ.
" ވާހިދުގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ކަލޭ! "
އާރިފާގެ ހަރުކަށި އަޑަށް ޖުމާ ފުންމައިގެން ތެދުވިއެވެ. އެއަށްފަހު ދުވެފައިގޮސް ޒާރާގެ ގައިގައި ބައްދައިގަތެވެ.
" ދޮން...ތާ! ބައްޕަގެ މޫނު ދެކިލަން ބޭނުން.. ބައްޕަ ގާތަށް އަހަރެން ގެންދޭ!"
ޖުމާ ވާހަކަ ދެއްކީ ރޮމުންނެވެ.
" ބައްޕަގެ މޫނު ދެކެން ދެން ކަލޭ ދާން ޖެހޭނީ ފަސްގަނޑު ދަށަށް..."
ރުޅިވެރިކަމާއެކު އާރިފާ ބުނެލިއެވެ. އެއާއެކު ޒާރާއަކަށް މަޑަކުން ނުހުރެވުނެވެ. ޖުމާގެ ބުރަކަށީގައި ހިފަހައްޓާލަމުން އޭނާއަށް އާރިފާއަށް ބަލައިލެވުނީ ރުޅިވެރިކަމާއެކުގައެވެ.
" އެއީ އަޅުގަނޑުމެން ދެބެންގެ ބައްޕައޭ! މިވަގުތު އަޅުގަނޑަށް ރަނގަޅީ އަޅުގަނޑުމެންނާ ދިމާލަށް އެއްވެސް އެއްޗެއް ނުކިއްޔާ!"
ޒާރާގެ ޖުމްލައިން އާރިފާ ގާތަށްވެސް އައީ ރުޅިއެވެ.
" ކޮންމެހެން މަށަށް ތަޤުރީރު ދޭން އުޅޭނެ ކަމެއް ނެތް! ކަލޭމެން ދެމީހުންނަކަށް މިގެއަކު ދެނެއް ނުހުރެވޭނެ.. މިއީ ކަލޭމެންގެ ބައްޕަގެ ގެއެއްނޫން... މިއީ މަގޭ ގެއެއް.. ރަންމެދަށް ބަލިވެ އިނދެގެން އައިސް މަގޭ ބޯހިޔާވަހިކަމުގައި އަމުދުން ނުހުރެވޭނެ..! އަވަހަށް ދާން އުޅޭ.. "
އާރިފާގެ ވާހަކަތައް އިވިފައި ޒާރާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އޭނާ ޖުމާއާ ދުރަށް ޖެހިލަމުން އައިސް އާރިފާގެ ފައިބުޑަށް ތިރިވެ ހެދުމުގައި އަތް ޖައްސާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ހެޔޮނުވާނެ މަންމާ! އަޅުގަނޑުމެންނާމެދު ތިޔަހާ ރަހުމު ކުޑަ ނުކުރައްވާ! އަޅުގަނޑުމެން މިއަދު މަންމަގެ އެހީތެރިކަން އިންތިހާއަށް ބޭނުން."
" ޖުމާގެ މަންމައަކީ ކަލެއެއްނު! ކަލޭ އުޅޭ އެ ބަދުނާމު ބޮލުގައި އަޅުވައިގެން.. މަ ބޭނުމެއްނޫން ހުތުރު ނަމެއްގައި އެޅޭކަށެއް.. ލަދުން ހަލާކުވެދާނެ"
ހެދުމުގެ ފަސްބައި ދަމައިގަންނަމުން އާރިފާ ބުންޏެވެ. އެއާއެކު ޒާރާ ކޮޅަށް ތެދުވެ ދެލޮލުން ކަރުނަ ފުހެލަމުން ބުނެލިއެވެ.
" އަޅުގަނޑުވެސް މިއިނީ ބަލިވެ! "
" އަމައްޔާތް! ދެން މަވީ ކަލޭމެން ދެމީހުންގެ ދަރިން ބަލަން މާމައަކަށް ވެގެން ގޭގައި އިންނަންތަ؟ ކޮބާ ކަލޭ މައިދައިތަމެން؟ މިހިރަފެންނަ ވިޔާނުދާ އަންހެނާއާހެދި އެގެއިންވެސް ނެރެލީދޯ!"
އާރިފާގެ މަލާމާތުގެ ޖުމްލަތަކުން ޒާރާ އިސްޖަހާލިއެވެ.
" ނޫން! އަޅުގަނޑުމެން އައީ! "
" އެރަށުގައި ބަދުނާމު ވެދާނެތީވެ ސިއްރުން ދަންވަރު ފުރައިގެން ތިއައީ މިރަށަށް؟ ކަލޭމެންނަށް ހީވަނީތަ ތިކަން ސިއްރު ކުރެވިދާނެޔޭ! "
އަނެއްކާވެސް އާރިފާ ބަހުގެ ހަމަލާތައް ފޮނުވަން ފެށިއެވެ. އާރިފާގެ ރުޅިވެރި ޖުމްލަތައް އަޑުއަހަން ހުރި ޖުމާގެ ލޭ ދިޔައީ އޭރުވެސް ކެކި އުތުރި އަރަމުންނެވެ. އެންމެފަހުން ޖުމާގެ ކެތްތެރިކަން ކޮޅުން ލުމުން އޭނާ ޒާރާގެ އަތުގައި ހިފާ ފަހަތަށް ޖައްސާލުމަށްފަހު އާރިފާގެ ކުރިމައްޗަށް އެރިއެވެ. އަދި އާރިފާގެ މޫނަށް އިނގިލި ދިއްކޮށްލަމުން ޖުމާ ވާހަކަ ދައްކަން ފެށިއެވެ.
" އެންމެ ކުޑައިރުއްސުރެ މަންމައެއްގެ ސިފައިގައި އަހަރެމެންނަށް ބައްޕަ ދެއްކީ ކަލޭ! އެކަމަކު ކަލޭ ނުވޭ މަންމައަކަށްވެސް.. ރަނގަޅު އަނތްބަކަށްވެސް... ބައްޕައަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ކޮށްދިނީ އަހަރެމެން! ބައްޕަދެކެ ކަލޭގެ ހިތުގައި ކުޑަވެސް ލޯތްބެއް އޮތްނަމަ މިއަދު އަހަރެމެން ހާލަކު ނުޖައްސާނެ! ކަލޭގެ މޫނުމަތީގައި ހިތާމައިގެ އަސަރެއް ނެތް.. ހީވަނީ ބައްޕަ ނެތީމަ އުފަލުން ފޮޅޭހެން"
ޖުމާގެ ވާހަކަތައް ހުއްޓުވާކަށް ޒާރާވެސް ބޭނުން ނުވާ ކަހަލައެވެ. ދެއަތް އުރާލައިގެން ޒާރާ ހުރީ އަޑު އަހާށެވެ.
" މަގޭ ބައްޕަގެ މޫނު ދެކިލަން މަށަށް ނުދެވުނީ ހަމަ ކަލެޔާ ހެދި! މަށަށް އިންޒާރުދީ ބަދުނާމު ކުރާނެކަމަށް ބުނެ ބިރުދެއްކީ! މިއީ މަގޭ ބައްޕަގެ ގެއެއް ނޫނަސް މިތަން ކޮޅަށް ޖެހީ މަގޭ ބައްޕައޭ! އަހަރެމެން މިގެއިން ފޮނުވާލާފަ އާރިފާ ހީކުރަނީތަ އަހަރެމެންނަށް ގޮތް ހުސްވާނެޔޭ! އަހަރެންގެ ބައްޕައާމެދު ކަލޭ ކަންތައްކުރިގޮތް އަހަރެންވެސް ދުށީމު.. ދުވަހަކުވެސް ކަލެއަށް މަޢާފެއް ނުކުރާނަން"
ޖުމާގެ އަޑު ގަދަކަމުން އޭރު އާރިފާ ހުރީ ކޮންމެެވެސް ވަރަކަށް ޖެހިލުންވެފައެވެ.
" ދޮންތާ! މިގެއިން ދާން ހިނގާ! އަހަރެން ބޭނުމެއް ނޫން މިތާ އެންމެ އިރުކޮޅަކުވެސް ހުންނާކަށް..."
" ހިތުން މަށަށް ބިރުދައްކާފަދޯ ތިދަނީ؟ ކަލޭމެން މުޅި ރަށަށް ފަޟީޙަތްކޮށްލާނަން"
ޖުމާއާއި ޒާރާ ނިކުމެގެން ދާން ފެށުމުން އާރިފާ ގޮވާލިއެވެ. ނަމަވެސް ފަސް ބެލުމެއްނެތި އެމީހުން ގޮސް އެގެއިން ނިކުމެއްޖެއެވެ. އޭރު މެންދުރުވާން ކައިރިވެއްޖެއެވެ.
***
" މިރަށަށް ބަދުނާމުވެ ފަޟީޙަތް ވިޔަސް އަހަރެމެން ދާނެ އިތުރު ތަނެއް ނެތް! ފަޅު ގެއެއް ވިޔަސް ހޯދަން ޖެހޭނެ.. "
ދެލޮލުން ފެން ފުހެލަމުން ޒާރާ ބުންޏެވެ. އެއާއެކު ޖުމާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ވަގުތުން އޭނާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
" ފަޅު ގެއެކޭ!؟"
ޖުމާއަށް އަސަރާއެކު ބުނެވުނެވެ.
" ކޮންމެ ގޮތެއް ވިޔަސް އަހަރެމެންނަކީ ތަނަވަސް ބައެއް ނޫން.. ދާނީ ވަކި ކޮންތާކަށް؟ ބައްޕަވެސް އެ ވަކިވީ! ޖުމާއަށްވެސް އެނގެއެއްނު ބައްޕައަށް އެހެންވީ ކީއްވެކަން؟ އަހަންނަށް ޖުމާ ކުށްވެރި ކުރެވެން އުޅެވޭ.. އެކަމަކު... މިހެންވެސް ނުބުނަން ވަރަށް ކެތްކޮށްފިން"
މޫނުގައި ދެއަތް އަޅައިގެން ހުރެ ޒާރާ ރޯން ފެށުމުން ޖުމާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.
" ދޮންތައަށް ކޮންމެ އެއްޗެއްވެސް ބުނެވިދާނެ.. އަހަންނަކީ ކުއްވެރިއެއް! އަހަރެންގެ ސަބަބުން ދޮންތަގެ ދިރިއުޅުންވެސް ދޮންތައަށް ގެއްލުނީ! ބައްޕަވެސް ވަކިވީ.. ދޮންތާ... ދޭ! ދޮންތަވެސް ދޭ ދޮންތަގެ ދިރިއުޅުން އާރާސްތުކުރަން.. އަހަރެން، އަހަރެންގެ ޙާލައިގެން އުޅެން މަސައްކަތް ކުރާނަން.."
ރޮމުން ރޮމުން ޖުމާ ދެއްކި ވާހަކަތަކުން ޒާރާއަށް ޖުމާގެ ގައިގައި ބައްދައިގަނެވުނެވެ.
" އަހަންނަކީ އެހާ ހިތްހަރު މީހެއް ނޫނޭ! އަހަންނަށް ކޮއްކޮ އެއްލާލެވެން ނެތީމައެއްނު ކޮއްކޮއާއެކު މި އައީ! އެއްބަނޑުމީހާ އަހަންނަށް ގިނައެއް ނުވާނެ... ޖުމާއަށްޓަކައި އަމިއްލަ ދިރިއުޅުން ޤުރުބާންކޮށްފައި މިއަދު އަހަރެން ޖުމާ ދޫކޮށްފައި ދާނީ ކިހިނެއް؟"
ޒާރާގެ ޖުމްލަތަކުން ޖުމާއަށް އަނެއްކާވެސް ރޮވިއްޖެއެވެ.
***
" ދަރިފުޅާ! ޒާރާގެ އެއްވެސް ޚަބަރެއް ނުވޭތަ؟ "
ކޮޓަރިން ނިކުތް މުއާޒް ގާތު ނަޖީބު އަހާލުމާއެކު ބޯ ޖަހާލަމުން މުއާޒް އިސްޖެހިއެވެ.
" ދެންމެ މިސްކިތުން އަަައި އިރު މީހަކު ބުނި ވާހިދު ނިޔާވި ވާހަކަ.."
" އޭނ؟ ޒާރާގެ ބައްޕަ؟ "
ސިހިފައި މުއާޒް އެހިއެވެ. އެއާއެކު ނަޖީބު ބޯ ހަލުވާލިއެވެ.
" ހޫމް.. ވާހިދުގެ ދުރުތާ ތިމާގެ މީހަކު ބުނި.. ކުއްލި މަރެކޯ ބުނީ.. ޒާރާއަށް ގުޅާބަލަ"
ކޮޅަށް ތެދުވެ ހުރެ ނަޖީބު އެހެން ބުނުމާއެކު މުއާޒަށް ގައިން ބާރު ދޫކޮށްލެވުނެވެ.
" ބައްޕާ! ޒާގެ ފޯނަށް ނުގުޅެޔޭ.. އަހަރެން ވަރަށް މަސައްކަތްކުރިން ގުޅަން ރޭގަވެސް.. އެކަމަކު އޮންނަނީ ނުގުޅޭގޮތް ހަދާފަ ކަންނޭނގެ..."
މުއާޒްގެ ޙާލަތު ފެނި ނަޖީބުވެސް އިންތިހާއަށް ދެރަވިއެވެ.
" ދެން އެރަށަށް ދާންވީނު ޒާރާ ބަލައި.. އެ ޙާލުގައި އެކަނިމާއެކަނި ކިހިނެއް އޭނަ އުޅެނީ؟ އަންނަ ރުޅީގައި އޭރު ދިޔަޔަސް މިހާރު އަތުވެދާނެ.."
ދެޖީބަށް އަތް ޖަހާލަމުން ނަޖީބު ބުންޏެވެ. ވަގުތަކީ ބޭރުން އައިސް ކަފީލާވެސް ވަތް ވަގުތެވެ.
" އަތުވެދާނެޔޭ؟ އެއީ މަންމަ ޤަބޫލު ކަމެއް ނޫން.. ޒާރާ ދިޔައީ އަހަރެމެން ފޮނުވާލައިގެންނެއްނޫން.. އެހެން ނޫނަސް އަހަރެމެންގެ ދަރިފުޅުގެ ބޮލުގައި އެވަރުގެ ބޮޑު އިލްޒާމެއް އެޅުވި ބަޔަކަށް އަލަކުން މިގެއިން ދޭނެ ޖާގައެއް ނެތް.. ބަލަ މާހިލަކީ މަގޭ ބަނޑުން ވިހޭ ކުއްޖެކޭ..މަށޭ އެދަރި ތަރުބިއްޔަތު ކުރީ.. އަހަރެން ދިން ތަރުބިއްޔަތާމެދު ޝައްކު އުފައްދައި އިނގިލި ދިއްކުރި ބަޔަކަށް އަހަރެންގެ މަޢާފެއް ދުވަހަކުވެސް ނުލިބޭނެ. މުއާޒްވެސް ދެން ދިރިއުޅުން ބޭކާރު ނުކޮށް އެހެން ކަމަކާމެދު ވިސްނަން އުޅޭ! "
" މަންމާ! "
ރުންކުރު ގޮތަކަށް ކަފީލާ ދެއްކި ވާހަކަތަކުން މުއާޒްގެ ލޭ ހޫނު ވެގެން ދިޔައެވެ. އަދި ހިތްހަމަ ނުޖެހޭ ގޮތަކަށް ބައްޕައަށް ބަލައިލަމުން މުއާޒް ވާހަކަ ދައްކަން ފެށިއެވެ.
" އަޅުގަނޑު ޒާރާ ދޫކޮށްލާކަށް ނުވިސްނަން! ޒާރާ އަދި އަންނާނެ... "
" ދަރިފުޅަށް ހާދަ ނުވިސްނެޔޭ.. ކޮއްކޮ ނުބައިކޮށްފައި ދިޔަ ބައެއް އެއީ! ދަރިފުޅަށް ކޮއްކޮ މުޙިއްމެއް ނުވިދޯ!"
ކަފީލާ ބޭނުންވީ މުއާޒަށް ވިސްނައިދޭށެވެ.
" ކޮއްކޮ މުޙިއްމުވީމައެއްނު އަޅުގަނޑު ޒާރާއާއެކު އެރަށުގައި މަޑުނުކޮށް މިއައީ! ޖުމާގެ ވާހަކަތައް އަޅުގަނޑެއްވެސް ޤަބޫލެއް ނުކުރަން.. ކޮއްކޮ އެހާ ގޯހެއް ނުވާނެ.. އަޅުގަނޑު އަދިވެސް ބޭނުންވަނީ ޒާރާއަށް ވިސްނައިދީގެން ޒާރާ ގެންނަން.."
މުއާޒް އެހެން ބުނުމަށްފަހު އަނެއްކާވެސް ވަނީ ކޮޓަރިއަށެވެ.
" އެ ޒާރާއަކީވެސް ގޮތް ދޫކުރާ ކުއްޖެއް ނޫން.. އޭނަ ނާންނާނެ. ދެން އަހަރެމެން އުޅެންވީ މުއާޒް އޭނަޔާ ދުރު ކުރެވޭތޯ! އަހަރެމެންގެ ދަރިންނާމެދު އަހަރެމެން ނުވިސްނާ ދެން ވަކި ކޮންބައެއް ވިސްނާނީ؟"
ނަޖީބަށް ބަލައިލަމުން ކަފީލާ ބުނެލިއެވެ. އެއާއެކު ނަޖީބަށްވެސް ބޯ ޖަހާލެވުނެވެ.
" ކަފީލާ ތިބުނީ މުޅިއަކުން ދޮގު ވާހަކައެއްނޫން.. އެކަމަކު ޒާރާ ދޫކޮށްލުމަކީވެސް މުއާޒަށް ފަސޭހަކަމަކަށް ނުވާނެ.. އޭނަ އިނީ މުއާޒްގެ ދަރިއަކަށް ބަލިވެކަން ހަނދާން އެބަހުރިތަ؟ "
ނަޖީބުގެ ވާހަކަ އަޑުއެހުމަށްފަހު ކަފީލާ ސޯފާގައި އިށީނެވެ.
" ހަނދާން އެބަހުރި! އެކަމަކު އަހަރެން އެ ޖުމާދެކެ އަރާ ރުޅިން ޒާރާދެކެވެސް ފޫހިވެއްޖެ! އަހަރެންގެ ދަރިފުޅު ދުނިޔޭގެ ލަދުން ސަލާމަތްވީ ހަމަ ކިރިޔާއެއްނު"
ލޯއަޅާލަމުން ކަފީލާ ބުންޏެވެ.
" ދެން ނޭނގެ ކަންތައްތައް ދާނީ ކިހިނެއް ކަމެއްވެސް! މުއާޒް މިއަދުވެސް ފިހާރައަކަށް ނުދެ... އަހަންނަށް ވަރަށް މުއާޒާމެދު ފިކުރު ކުރެވޭ.. މިހާރު ޒާރާގެ ބައްޕަ ނިޔާވެގެން އުޅެނީ.. ޒާރާމެން އެރަށުގައިވެސް އެކަނިވާނެތާދެން. އެހެންވެ އެކަމާ މުއާޒް ވަަރަށް ވިސްނާނެ"
" ވާހިދު ނިޔާވީ؟ އެކަމަކު ރޭގައެއްނު ޒާރާމެންވެސް އެ ދިޔައީ! ތި ނުވާނެ ރަނގަޅު ގޮތަކަށް ވީ ކަމަކަށް! އަހަންނަށް ހީވަނީ ޖުމާ ބަނޑުބޮޑުވާހަކަ ބުނީމަ އޭނައަށް ޝޮކެއް ލިބުނީ ކަންނޭނގެ! މަށަށް އެނގޭނެއެއްނު އެއީ މާހިލްގެ ދަރިއެކޭ ބުނީމަ މަށަށް ވީ ވަރުވެސް.."
ކަފީލާގެ ވާހަކަތައް ނިމުނު އިރު މުއާޒް ހުރީ ނިކުމެއެވެ. ކޮޓަރީގެ ދޮރު ލައްޕާލި އަޑަށް ކަފީލާއާއި ނަޖީބަށް ފަހަތް ބަލައިލެވުނީ ދާދި އެކުއެކީގައެވެ.
" އަޅުގަނޑު މިދަނީ ޒާރާ ބަލައި! "
މުއާޒްގެ ޖުމްލައާއެކު ކަފީލާއަށް ފުންމައިގެން ތެދުވެވުނެވެ.
" އޭނަ އަންނާނެތަ ޖުމާ ބަހައްޓާފައި! "
ކަފީލާގެ ޖުމްލައިން މުއާޒް އިސްޖަހާލިއެވެ. އަދި ދެކޮނޑު ހިއްލާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" ނޭނގެ! ގެނެވޭތޯ ވަރަށް މަސައްކަތް ކުރާނަން.."
" ޖުމާ، މާހިލަށް ދޭން އުޅުނު ލަނޑު ދަރިފުޅަށް އަންދާޒާ ނުކުރެވުނުދޯ"
ކަފީލާގެ ޖުމްލައިގެ މާނަ ދޭހަ ނުވެގެން މުއާޒަށް ބަލައިލެވުނެވެ.
" ދަރިފުޅުގެ ހުރި ހަމައެކަނި ކޮއްކޮގެ އަބުރު ކަތިލި ބަޔަކު މިގެއަށް ގެންނަން ތިއުޅެނީ؟ ޒާރާ ޖުމާގެ ފަހަތުން އެ ދިޔައީ މާހިލް ކުއްވެރިކޮށްފައި! ވީއިރު އޭނަ އައިސް މިތާ އުޅޭނެތަ؟ "
މިފަހަރު މުއާޒަށް އިސްޖަހާލެވުނެވެ. ދޭނެ ޖަވާބެއް ނޭނގި އޭނާއަަށް ސޯފާގައި އިށީނދެވުނެވެ.
" މަންމައަކަށް ދުވަހަކުވެސް އެ ދެމީހުންނަށް މަޢާފެއް ނުކުރެވޭނެ.. ގޮތް ނިންމާނީ ދަރިފުޅު!"
އެހެން ބުނުމަށްފަހު ކަފީލާ އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
" ޒާރާއަކީ ގޯސް ކުއްޖެއްނޫން.. އެކަމަކު ޒާރާގެ ނިންމުން ވަރަށް ގޯސް! ޖުމާ ބުންޏަސް، މާހިލް އެފަދަ ކަމެއް ކުރާނެކަމަށް ޒާރާ ޤަބޫލު ކުރުން އެއީ ޒާރާގެ ކުށް.. މާހިލް އެކަހަލަ ލަނޑެއް ނުދޭނެކަން ޒާރާއަށް އެނގެން ޖެހޭނެ!"
ނަޖީބުގެ ވާހަކަވެސް ހުރީ ޒާރާއާ ދެކޮޅަށެވެ. އެހެންކަމުން މުއާޒަށް އިތުރަށް ވިސްނަން މަޖުބޫރުވިއެވެ.
" ދަރިފުޅު އެންމެ ރަނގަޅު ޒާރާ ބަލައި ދިޔަޔަސް.. އެކަމަކު އޭނަ މިގެއަށް އަންނަންވާނީ ހިތުން ރުހުމުން ސާފު ހިތަކައިގެން! ޖުމާ ގެންނަން ނަހަދާތި"
ދެއަތް ފުރަގަހަށް ލައިގެން ހުރެ ނަޖީބު އޭނާގެ ނިންމުން އިއްވިއެވެ. ބަހެއް ބުނުމެއްނެތި މުއާޒް އިނީ ފުން ވިސްނުމެއްގައެވެ. ޒާރާއާމެދު މަންމައާއި ބައްޕަގެ ހިތުގައި އޮތް ޝަކުވާ އެނގުމުން މުއާޒް މުޅިން މާޔޫސް ވެއްޖެއެވެ. އޭރު އޭނާ އިނީ ވިސްނަންވީ ގޮތް އޮޅި، ހަދާނެ ގޮތެއް ނޭނގިފައެވެ.
(ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!