ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ލީޑަރަކީ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ ސިރާޖު ކަން އިއުލާންކޮށްފިއެވެ.
މަޖިލިހުގެ އިދިކޮޅު އެމްޑީޕީގެ މެމްބަރުންތަކެއް ވެރިކަން ކުރާ ޕީއެންސީ އަށް ބަދަލުވުމާ ގުޅިގެން މަޖިލިހުގައި ސިޔާސީ ޕާޓީތައް އަލުން ތަމްސީލް ކުރާ ގޮތްތައް ވަނީ އިއުލާންކޮށްފައެވެ.
މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އެމްޑީޕީގެ ދަފްތަރުގައި ހިމެނިވަޑައިގަންނަވާ 12 މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކަން އަންގަވާފައިވާ ކަމަށެވެ. އަދި އެ މެމްބަރުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަހައްޓަމުން އަންނަ ޕީއެންސީގެ ދަފްތަރުގައި ހިމަނާފައިވާ ކޮމިޝަނުން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިހުގައި މިހާރު ތިއްބަވާނީ އެމްޑީޕީގެ 44 މެމްބަރުންނެވެ. އެމްޑީޕީއަކީ މަޖިލިހުގެ މެޖޯރިޓީ ޕާޓީއެވެ. އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ)އެވެ. އަދި 14 މެމްބަރުންނާ އެކުގައި މަޖިލިހުގެ މައިނޯރިޓީ ޕާޓީއަކީ ޕީއެންސީއެވެ.
އޭގެ އިތުރުން ޑިމޮކްރެޓްސްގައި 14 މެމްބަރުން، ޕީޕީއެމްގެ ދެ މެމްބަރުން، އެމްޑީއޭގެ ދެ މެމްބަރުން، ޖުމްހޫރީ ޕާޓީގެ ދެ މެމްބަރުން ދެ މެމްބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ތިން މެމްބަރުން މަޖިލިހުގައި ތިއްބަވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!