ކުރީގެ ޢަދަދާ ގުޅޭ

މުއާޒަށް އިވޭވަރަށް ކަފީލާ އެހެން ބުނުމާއެކު ޒާރާއަކަށް މަޑަކުން ނުހުރެވުނެވެ. ހިތްހަމަ ނުޖެހޭ ގޮތަކަށް ކަފީލާގެ މޫނަށް ބަލައިލުމަށްފަހު ޖުމާގެ ކޮޓަރިއާ ދިމާލަށް އޭނާ ހިނގައިގަތީ މުއާޒަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ.

Ad
rt

ޒާރާ ވަތްއިރު ދަބަހަށް އެއްޗެހި އަޅައިގެން ޖުމާ އިނީ އެނދުމަތީއެވެ. ލިބުނު ހައިރާންކަމުގެ ބޮޑުކަމުން ޒާރާއަށް އިރުކޮޅަކު ހުރެވުނީއެވެ. ޒާރާ ފެނުމާއެކު ޖުމާ ކޮޅަށް ތެދުވިއެވެ. އޭރު އޭނާގެ ދެލޯހުރީ ރޮއިރޮއި ދުޅަވެފައެވެ. މޫނުމަތިވަނީ މިލާމޯޅިވެފައެވެ. އަދި އިތުރަށް އޭނާ ހިތުގައިޖެހިފައިވާކަން މޫނުމަތީގެ ޚަރަކާތްތަކުން އެނގެއެވެ. ހިތަށް ކުޅަދާނަ ނުވި ނަމަވެސް ހަމްދަރުދީ ފާޅުކުރާކަށް ޒާރާ ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ވާހަކަ ދައްކަން ފެށީ ހިތްހަމަ ނުޖެހޭ ރާގަކަށެވެ.

" ކާކު ބުނެގެން ދާން ތައްޔާރުވެގެން ތިއިނީ؟ ކާކު މިތަނަށް ވަނީ؟ "

ޒާރާގެ ސުވާލުން ޖުމާއަށް އިސްޖަހާލެވުނެވެ. އަދި ދެއަތްދެއަތާލައި ފިތަމުން އޭނާ ޖަވާބު ދިނީ މަޑުމަޑުންނެވެ.

" މުއާބެ މަންމަ! "

ޖުމާ ދިން ޖަވާބުން ޒާރާގެ މެޔަށް އުނދަގޫވިއެވެ. ޖުމާއާ ދިމާލަށް ކަފީލާ ކޮންމެފަދަ އެއްޗެއްވެސް ބުނެފާނެކަން ޒާރާއަށް އެނގެއެވެ. އެހެންކަމުން އޭނާ ހުރީ އޮޅުންފިލުވަން ބޭނުން ވެފައެވެ.

" ވަރަށް އެއްޗެހި ގޮވި! "

އަނެއްކާވެސް ޖުމާ ބުނެލިއެވެ. ހަމަ އެވަގުތެވެ. ޒާރާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް މުއާޒް އައިސް ވަނެވެ. އެއާއެކު ދެމީހުންނަށްވެސް މުއާޒާ ދިމާލަށް ބަލައިލެވުނީ އެއްފަހަރާއެވެ. ޒާރާގެ ކޮނޑުގައި އޮތް ދަބަސް ޖުމާގެ ލޮލުގައި އަޅައިގަތީވެސް ހަމަ އެވަގުތެވެ. ނަމަވެސް ސުވާލެއްކުރާނެ ހިތްވަރުވެސް އޭނާގެ ކިބަޔަކު ނެތެވެ. މުއާޒް ފެނުމާއެކު ޒާރާ ދޮރާއި ދިމާލަށް ހިނގައިގަތެވެ.

" ޒާ! "

މުއާޒްގެ އަޑު ޒާރާއަށް ނީވޭފަދައެވެ. މަޑުކުރުމެއްނެތި އޭނާ ނިކުމެގެން ދިޔައެވެ. ފަހަތުން ޖުމާވެސް ނިކުތެވެ. އޭރުވެސް ކަފީލާ އާއި ނަޖީބު އިނީ ސިޓިންގ ރޫމްގައެވެ. އެމީހުންނާ ދިމާލަށް ބަލައިލުމެއްނެތި ޖުމާވެސް މަޑުނުކޮށް ގެއިން ނިކުތެވެ.

" ދަރިފުޅު ދެން ކީއްކުރަން މި ދަންވަރު ތި ދަނީ؟ އެމީހުން ރަށާ ހަމައަށް ކައްޕި ގެންގޮސްދޭނެއެއްނު"

ބޭރު ދޮރާ ދިމާލަށް މުއާޒް ދާން ފެށުމުން ސޯފާގައި އިން ކަފީލާ ފުންމައިގެން ތެދުވިއެވެ. އެއާއެކު ހިތްހަމަ ނުޖެހުމުގެ ލޮލަކުން ނަޖީބަށް ކަފީލާގެ މޫނަށް ބަލައިލެވުނެވެ.

" މުއާޒް އެދަނީ އެރަށުގައި މަޑުކުރާކަށް ނޫނެއްނު! މާބަނޑު ދެކުދިން އެކަނި ކަނޑުމައްޗަށް ދޫކޮށްލާކަށް ނުވާނެ.."

" ނަޖީބު ބުނާނެ ތިހެން.. އެމީހުން އެރަށަށް ގޮސް މުއާޒްގެ ސިކުނޑިއާ ކުޅެލިއްޔާ އަހަރެމެން ދެން ކިހިނެއް ހަދާނީ؟ ޒާރާ އެދަނީ އަހަރެމެން ބުނެގެންނެއް ނޫން..ޒާރާ އަމިއްލައަށް ފިރިމީހާ ދޫކޮށްފައި ދާން ބޭނުންވީ.. އެހެންވީމަ މައިންބަފައިން ދޫކޮށްފައި ދިޔުމުގެ ޙައްޤު މުއާޒަކަށް ނޯންނާނެ"

ކަފީލާ އަޑުގަދަ ވާން ފެށުމުން ކޮޓަރީގައި އޮތް މާހިލް ބޭރަށް ބޯ ދިއްކޮށްލިއެވެ.

" ދަރިފުޅުގެ ޤަދަރާ ޢިއްޒަތް ވެއްޔާ މޮޑެލަން އުޅުނު ބައެއްގެ ފަހަތުން ދޮންބެއަށް ދާން ޖެހޭތަ؟ ޒާރާއަށް އޭނާގެ ކޮއްކޮ މުޙިއްމުވިޔަސް ދޮންބެއަކަށް ދަރިފުޅު މުޙިއްމެއް ނުވި.. ދޮންބެއަށް މުޙިއްމުވީ އަހަރެމެންގެ ދުޝްމަނުން"

މާހިލަށް އިޝާރާތްކޮށް ކަފީލާ، ބުނެލީ ވަރަށް ރުޅިވެރި ރާގަކަށެވެ. އެ ޖުމްލަތައް އިވިފައި މާހިލް އަވަސް އަވަހަށް ބޭރަށް ނިކުމެ ފާރުގައި ލެނގިލައިގެން ހުރި މުއާޒްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.

" ދައްތަ ދާތީވެ، ކަނޑުމަތީގައި އެކަނި ފޮނުވަން ބޭނުން ނުވެގެން ދޮންބެ މިދަނީ! "

މާހިލާ ދިމާލަށް މަޑުމަޑުން އެހެން ބުނެލުމަށްފަހު މުއާޒް އެނބުރިގަތީ ނިކުންނާށެވެ. މުއާޒް ލޯމަތިން ގެއްލެންދެން އެންމެންނަށްވެސް ތިބެވުނީ ބަލަހައްޓައިގެންނެވެ. އޭރުވެސް މާހިލްގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ.

" އެހާ ކިޔަމަންތެރި ދަރިޔަކަށް ތިފާޑުގެ އެއްޗެހި ކިޔަން ހެޔޮވެސް ނުވާނެ! ފުކަކަށް ވާވަރަށް އެއްޗެހި ކިޔަސް މޫނުމަތީގައި ޗުއްޕުވެސް ނުބުނާނެ.. ކަފީލާވެސް ތަންކޮޅެއް ރުޅި ގަދައީ! އަހަންނަށް ކަފީލާ ހިފަހައްޓާލެވެނީ ހަމަ ކިރިޔާ..."

ރުންކުރު ގޮތަކަށް ވާހަކަ ދެއްކުމަށްފަހު ނަޖީބު ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެއާއެކު ކަފީލާ ބާރުބާރަށް ސޯފާގައި އިށީނީ ނަޖީބާމެދުގައި ހިތްހަމަ ނުޖެހިގެންނެވެ. އެވަގުތު މަންމަ ވާހަކަ ދައްކަން ފަށައިފިއްޔާ ކޮޓަރިއަށް ނުވަދެވިދާނެތީ މާހިލްވެސް އަވަސް އަވަހަށް ކޮޓަރި ތެރެއަށް ދެމިގަތެވެ.

***

ރަށު ފަޅަށް ލޯންޗް ވަތް އިރު މެންދަމުން އަލިވެ 3 ޖަހައިފިއެވެ. އޭރު ޖުމާގެ އިތުރުން ޒާރާގެ ހިތުގައިވެސްވަނީ ބިރުވެރިކަމާއި ހާސްކަމެވެ. ކުރިމަތިވާނެ ކަންތައްތައް ހިތަށް އަރާފައި ޖުމާގެ ސިކުނޑިވަނީ ނުބައި ޚިޔާލްތަކުން ތަޣައްޔަރުވެފައެވެ. ޒާރާއަށް ވިސްނެނީ ބައްޕައާ މެދުގައެވެ. ލިބޭނެ މަލާމާތާއި ފުރައްސާރައާ މެދުގައެވެ. ވާނެ ބަދުނާމާއި ބައްޕަ ލަދުގަންނާނެވަރު ހިތަށް އަރާފައި އޭރުވެސް އޭނާ އިނީ ޖެހިލުންވެފައެވެ.

" އަހަރެމެން އެކަނި ގެއަށް ހިނގައިދާނަން.."

ފަހަތުން މުއާޒް ހިނގައިގަތުމުން ޒާރާ ބުނެލިއެވެ.

އެއާއެކު މުއާޒްގެ މޫނުމަތި ފުސްވެގެން ދިޔައެވެ. އިރުކޮޅަކު މަޑުކުރުމަށްފަހު ޖުމާ ދުރަށް ހިނގައިގަތެވެ. ނަމަވެސް މުއާޒް ބުނަން އުޅޭ އެއްޗެއް އަޑުއަހަން ބޭނުންވެފައި ހުރިވަރުން ޒާރާ މަޑުކުރިއެވެ.

" އަހަރެން ކިހިނެއް ޒާ އާ ނުލައި އުޅޭނީ؟ "

މުއާޒްގެ ދެތުންފަތް ހަރަކާތް ކޮށްލިއެވެ.

" މުއާއަށް އަހަންނާއެކު މިތާ އުޅެވިދާނެ! އަހަރެންދެކެ ލޯބިވަންޏާ އަހަންނާއެކު އާދޭ.."

ޒާރާގެ ޖުމްލަތަކުން މުއާޒްގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ. އޭނާ އެވަރަށް އިމްތިޙާން ނުކުރުމަށް އެދި ހިތުން ދުޢާވެސް ކޮށްލެވުނެވެ.

" ކިތަންމެހާވެސް.... ކިތަންމެހާވެސް ތިގޮތް ބޭނުން.. އެކަމަކު... "

ޖުމްލަ މަޑުޖައްސާލުމާއެކު އަނެއްކާވެސް ވާހަކަ ދެއްކީ ޒާރާއެވެ.

" އެކަމަކު؟ އަހަންނަށް ވިސްނެޔޭ! އެނގެޔޭ... މުއާއަށް މުއާގެ އާއިލާ ވަރަށް މުޙިއްމެއްނު.. އާއިލާގެ ޤަދަރާ އިއްޒަތް އަދި މާ މުޙިއްމެއްނު! ހުއް! މުއާ ކިހިނެއް އަހަރެމެން ކަހަލަ ވިޔާނުދާ، ގޮތްކުޑަ ބަޔަކާއެކު މިތާ އުޅޭނީ؟ ދޭ! މުއާވެސް ދޭ! އަހަރެން ފަހަތުން ނާދޭ.. އަހަންނަކީ މުއާގެ މަންމަމެން ބުނާހާ ޤަދަރު އުފުލިގެންވާ މީހެއް ނޫން"

ތުރުތުރުއަޅާ އަޑަކުން ޒާރާ ބުންޏެވެ. ޒާރާ އެއްގަމަށް ހިނގައިގަތް އިރުގައިވެސް މުއާޒަށް ހުރެވުނީ ހުރި ފިޔަވަޅު މަތީގައެވެ. މަޖުބޫރުގެ ކަސްތޮޅުން ދެފައި ބަނދެވިފައިވާއިރު އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅިފޮޅެނީއެވެ. ޒާރާއާއެކު ދިޔުމަށް އާދޭސް ކުރަނީއެވެ. ނަމަވެސް އޭނާއަކަށް އެ ހިތްވަރެއް ނުލިބުނެވެ. ލޯކުރިމަތިން ޒާރާ ގެއްލެންދެން ބަލަހައްޓައިގެން ހުރުން ފިޔަވައި އިތުރު ކަމެއް ނުކުރެވުނެވެ.

***

މެންދަމުގެ އެވަގުތު ޒާރާއާއި ޖުމާ ގޭ ދޮރުމައްޗަށް އަރައި ތަންކޮޅެއް ބާރަށް ދޮރުގައި ޖަހާލިއެވެ. ޒާރާގެ ފުރަގަހުގައި ހުރި ޖުމާގެ ހިތް އޭރުވެސް ކުދިކުދިވަމުން ދެއެވެ. ޒާރާގެ ނުރުހުންތެރި ނަޒަރުގެ ސަބަބުން ޖުމާގެ ހިތް އިތުރަށް ބިރުގަންނަމުން ދެއެވެ.

" ކާކު؟ "

އެތެރެއިން އިވުނީ ވާހިދުގެ އަޑެވެ.

" އަޅުގަނޑުމެން"

ޒާރާގެ އަޑު އިވުމާއެކު ވާހިދު އިސާހިތަކު ދޮރު ހުޅުވައިފިއެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ ހާސްކަމުގެ އަސަރުތަކެވެ. ކަންބޮޑުވެފައި ހުރެ ލޯބިވާ ދެދަރިންނަށް ބަލަހައްޓައިގެން ހުރެވުނެވެ. ޖުމާއާއި ޒާރާގެ މޫނު ފެނި އެއްވެސް ކަމެއް ރަނގަޅު ނޫންކަންވެސް ވާހިދަށް އިޙްސާސް ކުރެވުނެވެ. އޭނާއަށް ބޭރަށް ނަޒަރު ހިންގާލެވުނީ އިތުރު މީހަކު އެކުދިންނާއެކު އައިތޯ ބަލާށެވެ. އޭރު ބާރުބާރަށް ގޮސް ޖުމާ އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އެއާއެކު ޒާރާ އޭނާގެ ބައްޕަގެ ގައިގައި ލެނގިލިއެވެ. އަދި މަޑުމަޑުން ގިސްލާން ފެށީ ލޮލުގައި ހިފަހައްޓާފައި ހުރި ކަރުނަތައް ސިއްރު ނުކުރެވިގެންނެވެ.

" ކިހިނެއްވީ ދަރިފުޅާ؟ މުއާޒް ދަރިފުޅު ވަރިކުރީތަ؟ "

ވާހިދު އަހާލިއެވެ. ޒާރާ ދެފަރާތަށް ބޯ ހޫރަމުން ދިޔައެވެ. ޒާރާގެ ފަރާތުން ބަހެއް ނުލިބުމުން ވާހިދު މަޑުމަޑުން ޒާރާ ދުރުކޮށްލިއެެވެ. އަދި ޒާރާގެ ދެކޮނޑުގައި ހިފައިގެން ހުރެ ނުހަނު ލޯތްބާއެކު ވާހަކަ ދެއްކިއެވެ.

" ވެގެން އުޅޭގޮތެއް ބައްޕައަށް ކިޔައިދީބަލަ! އިއްޔެވެސް ބައްޕަ ގުޅީމަ ނިކަން ރީއްޗަށް ވާހަކަ ދެއްކީމެއްނު.. "

ބައްޕަގެ އޯގާތެރި އަޑުން ޒާރާގެ ހިތް ފަޅައިގެންދާވަރު ވިއެވެ. އެހެންކަމުން އަނެއްކާވެސް އޭނާއަށް ބައްޕަގެ ގައިގައި ބައްދައިގަނެވުނެވެ.

" ބައް...ބައްޕާ! ކޮއްކޮ... ކޮއްކޮ...."

ޒާރާއަށް ނުބުނެވިގެން ވާހަކަ ދެއްކުން ހުއްޓާލިއެވެ. އެއާއެކު ވާހިދު އަނެއްކާވެސް ޒާރާ އޭނާއާ ދުރުކޮށްލިއެވެ. އަދި ސުވާލުގެ ނަޒަރަކުން ޒާރާގެ މޫނަށް ބަލަން ފެށީ ނުތަނަވަސްކަމާ އެކުގައެވެ.

" އަހަރެމެން ބަދުނާމުވާން މާ ގިނަ ދުވަހެއް ނެތް ބައްޕާ! "

ވާހިދަށް ފުރަގަސްދެމުން ޒާރާ ބުނެލިއެވެ. އެއާއެކު ވާހިދު ގޮސް ޒާރާގެ ކުރިމަތީގައި ހުއްޓުނެވެ.

" ތަންކޮޅެއް ސާފުކޮށް ބުނެބަލަ ދަރިފުޅާ! ކޮއްކޮ ކިހިނެއްތަވީ؟ "

" އަނެއްކާ އެރަށުން ބޮނޑިއެއް ބޮއިގެންތަ އެއައީ؟ "

ފަހަތުގައި ހުރި އާރިފާގެ އަޑަށް ޒާރާގެ އިތުރުން ވާހިދުވެސް ދިޔައީ ސިހިގެންނެވެ. އެއާއެކު ވާހިދު ހާސްކަމާއެކު ޒާރާގެ މޫނަށް ބަލައިލިއެވެ. ރޮވިފައި ހުރެ ޒާރާ ލަސްލަހުން ބޯ ޖަހާލީ އާރިފާއަށް ކުރެވުނު ހީ ޔަޤީން ކޮށްދިނުމަށެވެ. އެއާއެކު އާރިފާއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

" ސުބްޙާނަﷲ! ނާ ހަމަ ތެދެއްތަ؟ "

އާރިފާގެ މޫނުމަތީގައިވެސް މިފަހަރު ކަންބޮޑުވުމުގެ އަސަރުތައް އެކުލެވިގެން ދިޔައެވެ. ބާރުބާރަށް ފުންކޮށް މާނޭވާ ލަމުން ދިޔަ ވާހިދު އެންމެ ހިނދުކޮޅަކުވެސް މަޑުކުރަން ބޭނުން ނުވާ ފަދަ ގޮތަކަށް ޒާރާއަށް ބަލައިލަމުން ޖުމާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

" ބައްޕާ! ބައްޕާ! "

ވާހިދަށް ގޮވަމުން ޒާރާ ދިޔައީ ދުވަމުން ކަހަލަ ގޮތަކަށެވެ. އޭރު ވާހިދު ގޮސް ޖުމާގެ ކޮޓަރި ދޮރު ހުޅުވާލިތަން ޒާރާއަށް ފެނުނެވެ. އެތެރޭގައި ހުރި ޖުމާ ސިހިފައި ވާހިދަށް ބަލަައިލިއިރު ޒާރާއަށްވެސް ކޮޓަރިއަށް ވަދެވިއްޖެއެވެ.

" ބަ...ބައްޕާ؟ "

ބައްޕައަށް ޖުމާ ގޮވާލި ރާގުން ޒާރާގެ ހިތް ވަހުމުން ފުރުނެވެ. އޭރު ވާހިދު ކޮންމެވެސް ވަރަކަށް އަރިވަމުންދާހެން އޭނާއަށް ހީވިއެވެ. އެހެންކަމުން ބޮޑެތި ފިޔަވަޅުތަކެއް އަޅައި ޒާރާ، ވާހިދުގެ ކުރިމައްޗަށް އެރީ ހާސްކަމާއެކުގައެވެ. އޭރު ވާހިދު ޚަބަރު ހުސްވެގެން ވެއްޓެނީއެވެ. އޭނާގެ އަނގައިން ބޮކި ޖަހާފައި ފޮނު އަންނަން ފެށުމާއެކު ދެލޯ ބޮޑުކޮށްގެން އޮވެ މީހާ ތެޅެން ފެށިއެވެ. އެއާއެކު ޖުމާއާއި ޒާރާ ބާރުބާރަށް ރޮއިގަތެވެ. އެއަޑަށް ބޭރުގައި ހުރި އާރިފާވެސް އަވަސް ހިތަކައިގެން ދުވެފައި އައިސް ވަދެއްޖެއެވެ.

" މަގޭ ވާހިދޫ! "

ވާހިދުގެ ބޮލާ ދިމާލަށް ގުދުވަމުން އާރިފާ ރޮއެ ހޭރިގަތެވެ. އޭރު ވާހިދުގެ ގައިގައި އެއްވެސް ކަމެއް ނެތެވެ.

" ބައްޕާ! ލޯހުޅުވާލަބަލަ! ދޮންތާ! ކީއްވެތަ ތި އިންނަނީ؟ ދޮންތަ ގޮވީމަ ބައްޕަ ތެދުވާނެ... ދޯ ބައްޕާ!"

ވެއްޓިފައި އޮތް ވާހިދުގެ މޫނުގައި ފިރުމަމުން ޖުމާ ގޮވަން ފެށީ ރޮމުންނެވެ. ރޮއިގަންނަމުން އާރިފާ ތެދުވެ ބޭރަށް ދުއްވައިގަތެވެ. އޭރުވެސް ޒާރާ އިނީ ހުއްޓުން އަރާފައެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި އާރިފާ އައީ ޖެހިގެން ހުރި ގޭގައި އުޅޭ ދެމަފިރިން ގޮވައިގެންނެވެ. އެމީހުން އައި ގޮތަށް ޖުމާ އާއި ޒާރާ ވާހިދު ގާތުން ދުރުކޮށް ވާހިދު ގާތަށް ގުދުވެލިއެވެ. އަދި ވާހިދު ހޭވެރިކަން ނުވާތީ ނޭވާލައިތޯ ބެލުމުގެ މަސައްކަތުގައި އުޅުނެވެ. އޭރުވެސް ޖުމާއާއި އާރިފާގެ ރުއިމުގެ އަޑު ނުކެނޑެއެވެ.

" إِنَّا لِلَّهِ وَإِنَّ إِلَيْهِ رَاجِعُونَ‎! "

އާދަނުގެ އަޑަށް ޒާރާއަށް ތެޅިގަނެވުނެވެ. ސިހިފައި އޭނާ ފުންމައިގެން ތެދުވެ ފަހަތަށް ޖެހެން ފެށިއެވެ. ކޮޓަރީގެ ފާރުގައި ބުރަކަށި ޖެހުމާއެކު އޭނާގެ އަޑު ފަޅައިގެން ދިޔައެވެ.

" ނޫން.. ނޫން.. ބައްޕަ އަޅުގަނޑާ ވަތްކެއް ނުވާނެ.. އެހާ އަވަހަކަށް ބައްޕަ މަރެއް ނުވާނެ.. އާދަންބެ! ބުނޭ ނޫނެކޭ.. ބުނޭ ދޮގެކޭ"

ދެފަރާތަށް ބޯ ހޫރަމުން ޒާރާ ކިޔަމުންދެއެވެ. އޭރު އަވަސް ޚަރަކާތްތަކާއެކު އާދަނު ދިޔައީ ރަށު ސިއްހީމަރުކަޒަށް ގުޅަން މަސައްކަތް ކުރަމުންނެވެ.

" މިހިރަ ފެންނަ ގޮތްކުޑަ އަންހެން ކުއްޖާއާ ހެދި މަގޭ ވާހިދު އެ ދުނިޔެ ދޫކުރީ"

ޖުމާއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން އާރިފާ ބުނެލީ ހަޅޭއްލަވައިގަންނަމުންނެވެ. އެއާއެކު އާދަނުގެ އަންހެނުން ފާތުމަ އާރިފާގެ ގައިގައި އަތް ޖައްސާލިއެވެ.

" މި ދަނޑިވަޅުގައި ތިޔަ ކަހަލަ ވާހަކަ ނުދައްކާ! "

" ކީއްވެ ނުދައްކަންވީ؟ "

އާރިފާ ބާރުބާރަށް ބުނެލިއެވެ. ވަގުތަކީ ސިއްޙީމަރުކަޒްގެ މީހުން އައިސް އެ ކޮޓަރިއަށް ވަތް ވަގުތެވެ. އަށިގަނޑަކަށް ލައިގެން ވާހިދު މަރުކަޒަށް ގެންދަން ނެރުމާއެކު ފަހަތުން ޒާރާ އާއި ޖުމާ ދުއްވައިގަތެވެ. އެއާއެކު އާރިފާ ބާރުބާރަށް ޖުމާގެ އަތުގައި ހިފުމަށްފަހު ރުޅިވެރި އަޑަކުން ބުނެލިއެވެ.

" ވާހިދުގެ މޫނު ދެކެން އެތަނަށް ދިޔައްޔާ މުޅި ރަށުގައި ކަލޭ ބަދުނާމުކޮށް ފަޟީޙަތް ކުރާނަން! "

އާރިފާގެ ޖުމްލައިން ޖުމާގެ ދެފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. އޭރު ޖުމާއަށް ބެލުމެއްނެތި ޒާރާ ގޮސް އެމްބިއުލާންސަށް އަރައިފިއެވެ. ލުތްކެއް ޖަހާފައި އާރިފާ ޖުމާގެ އަތުން ދޫކޮށްލުމާއެކު ޖުމާއަށް ފަހަތަށް ފިޔަވަޅެއް އެޅުނެވެ. އަދި ދެލޮލުން އޮހޮރެމުންދާ ކަރުނަތަކާއެކު އޭނާއަށް ބަލަހައްޓައިގެން ހުރެވުނީ ދުރުގައި އޮތް އެމްބިއުލާންސަށެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

ނޯޓު: މިވާހަކައިގެ އަންނަ ހަފުތާގެ ބައިތައް ނުގެނެސްދެވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެމެވެ. ނަމަވެސް ގެނެސްދެވޭގޮތް މެދުވެރިވެއްޖެނަމަ އެބައެއް ޝާޢިއުކުރާނެވާހަކަ ދައްކަނަވަމެވެ.

(ނިމުނީ)