" އަހަރެންގެ ކޮއްކޮވެސް އަހަންނަށް ދޮގެއް ނަހަދާނެ!"
އެހެން ބުނެލުމަށްފަހު މުއާޒް އިތުރަށް މަޑުނުކޮށް ދޮރާ ދިމާލަށް ހިނގައިގަތެވެ. މުއާޒްގެ ޖުމްލައިން ޒާރާއަށް ލިބުނީ ވޭނީ ސިހުމެކެވެ. ހިތްހަމަ ނުޖެހިފައި ހުރެ މާހިލްވެސް މުއާޒާއެކު ދިޔައެވެ.
ދޮރާ ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ޒާރާ ބަލައިލީ ދުރުގައި ހުރި ޖުމާއަށެވެ.
" ބައްޕައަށް ގުޅާފަ އަމިއްލައަށް ތިވާހަކަ ބުނޭ! "
ރުޅިއައިސް ހުރެ ޒާރާ ބުންޏެވެ. އެއާއެކު ސިހިފައި ޖުމާއަށް ޒާރާގެ މޫނަށް ބަލައިލެވުނީ ދެފަރާތަށް ބޯ ހޫރަމުންނެވެ.
" ކިހިނެއްވީ؟ ލަދުގަތީދޯ؟ އެކަން ކުރި އިރު ލަދެއް ނުގަނެ؟ ބިރެއްވެސް ނުގަނެ؟ އަހަރެން މިއަދު ޖުމާގެ ދައްތައަކަށްވީތީ ވަރަށް ލަދުގަނެއްޖެ! "
މީގެ ކުރިން ދުވަހަކުވެސް ޒާރާ ވާހަކަ ދައްކާފައިނުވާހާ ރުޅިވެރި ރާގަކަށް ޖުމާއަށް ބުނެލިއެވެ. އެއާއެކު އަނގަމަތީގައި އަތް އަޅައިގެން ހުރެ ޖުމާއަށް އަނެއްކާވެސް ރޮވިއްޖެއެވެ. އިތުރަށް ޖުމާގެ ކުރިމަތީގައި ހުންނަން ބޭނުން ނުވާތީ ޒާރާ ބާރުބާރަށް ގޮސް ކޮޓަރިން ނިކުމެއްޖެއެވެ. މަޑުކުރުމެއްނެތި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުފަތުގައި ލެނގިލެވުނީ މާޔޫސްކަމާއެކުގައެވެ. އޭރު އޭނާގެ ހަށިގަނޑާއި ހިތްވެސް ވަނީ ހިމޭންވެފައެވެ.
އެނދުގައި އިށީނދެލައިގެން ފުން ވިސްނުމެއްގައި އިން މުއާޒް ފެނުމުން ޒާރާ އެނދާ ދިމާލަށް ހިނގައިގަތީ ލަސްލަހުންނެވެ. މުއާޒަށް ފުރަގަސްދީ އެނދުގެ އަނެއް ފަޅީގައި ޒާރާ އިށީނދެލީ މުއާޒް ދައްކާނެ ވާހަކައެއް ނޭނގޭ ޙާލު އެހާމެ ނުތަނަވަސްކަމާއެކުގައެވެ. ފަނަަރަ ވަރަކަށް މިނިޓް ފާއިތުވެ ދިޔަފަހުންވެސް މުއާޒް އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެންކަމުން ޒާރާ ކުޑަކޮށް ފަހަތަށް އެނބުރި ވާހަކަ ދައްކަން ފެށިއެވެ.
" މުއާއަށް ހީވަނީތަ ޖުމާ ދޮގުހަަދަނީއޭ؟ "
ޒާރާގެ ޖުމްލަ ނުނިމެނީސް މުއާޒް ބޯ ޖަހާލިތަން އޭނާއަށް ފެނުނެވެ. އެހިނދު ޒާރާއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ.
" ޒިންމާދާރުކަމެއް ނެތަސް، މާހިލް އަހަންނަކަށް ދޮގެއް ނަހަދާނެ! އޭނަ ކޮންމެ ގޮތަކަށް އުޅުނަސް އެވަރުގެ ބޮޑު ލަނޑެއް ޒާގެ ކޮއްކޮއަކަށް ނުދޭނެ..."
މުއާޒް ހީވަނީ މާހިލަށް އޭނާ ކުރާ އިތުބާރު ޒާރާއަށް އިޙްސާސްކޮށްދޭން އުޅޭހެންނެވެ. ދުރަށް ބަލަހައްޓައިގެން އިނދެ މުއާޒް ބުނެލި ޖުމްލައާއެކު ޒާރާ ތެދުވެއްޖެއެވެ. ބާރުބާރަށް ގޮސް މުއާޒްގެ ކުރިމަތީގައި ހުއްޓި އޭނާ ދެއަތް އުރާލީ އެތެރެއަށް ފުންނޭވާއެއް ދަމާލަމުންނެވެ.
" މުއާއަށް މާހިލް ދިފާޢު ކުރެވިދާނެ! އެކަމަކު ބުނަންތަ؟ ޖުމާއަކީ އެންމެ ކުޑައިރުއްސުރެ އަހަރެން ގެންގުޅުނު ކުއްޖެއް! ޖުމާ އަހަންނަކަށް ދޮގެއް ނަހަދާނެ! އެވަރުގެ ބޮޑު އިލްޒާމެއް ކުށެއް ނުކުރާ މީހެއްގެ ބޮލުގައި ނުވެސް އަޅުވާނެ. އަމުދުން މުއާގެ ކޮއްކޮގެ...."
" ދެން ކީއްވެ މާހިލާ ރައްޓެހިވެގެން އުޅޭ ވާހަކަ ޒާ ގާތު ޖުމާ ނުބުނީ؟ "
މުއާޒްގެ ސުވާލުން ޒާރާ ހުއްޓުން އެރިއެވެ. ނަމަވެސް މުއާޒްގެ ކުރިމަތީގައި ޖަވާބުދާރީވާން އޭނާ ކޮންމެހެންވެސް ބޭނުންވިއެވެ.
" ތެދެއް! ޖުމާ އަހަރެންގާތަކު ނުބުނެ. އެކަމަކުވެސް އަހަންނަށް އެނގޭހާވެސް އެއްޗަކީ އެއީ މާހިލް ނޫންނަމަ އޭނަ މާހިލެކޭ ނުބުނާނެކަން.. "
މިފަހަރު މުއާޒްވެސް އެނދުން ތެދުވެއްޖެއެވެ. އަދި ޒާރާގެ މޫނަށް ފުން ނަޒަރަކުން ބަލައިލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" ޒާގެ ކޮއްކޮއަށް ތިކުރާ އިތުބާރު އަހަރެން، އަހަރެންގެ ކޮއްކޮއަށްވެސް ކުރަން! "
މުއާޒްގެ ވާހަކަ އެހިސާބަށް ދިޔުމާއެކު ކޮޓަރި ދޮރުގައި ޓަކި ޖަހަމުން ނަޖީބު ގޮވާލި އަޑަށް ދެމީހުންވެސް ސިހުނެވެ. އިތުރަށް މަޑުނުކޮށް ތަންކޮޅެއް ބާރަށްގޮސް މުއާޒް ދޮރު ހުޅުވި އިރު ދޮރުމަތީގައި ނަޖީބްގެ އިތުރުން މާހިލާއި ކަފީލާވެސް ހުއްޓެވެ.
" ވެގެން އުޅޭގޮތް މާހިލް ކިޔައިދީފި! "
އެތެރެއަށް ވަންނަމުން ނަޖީބު ބުނެލީ ޒާރާއަށް ބަލައިލަމުންނެވެ. އޭރު ކަފީލާގެ މޫނުމަތިންވެސް ރުޅިވެރިކަން އޭގެ އިންތިހާއަށް ފެންނަން ހުއްޓެވެ. އެމަންޒަރު ފެނި ޒާރާގެ ހިތް ނެގިނެގިފައި ޖެހެން ފެށީ މަޑުވުމެއް ނެތިއެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެ ޒާރާ ނަޖީބަށް ބަލަން ފެށީ، އޭނާ ދައްކަން އުޅޭ ވާހަކައެއް އިނގެން ބޭނުންވެގެންނެވެ.
" އަހަރެމެންގެ އާއިލާއަކީ މިރަށުގައި ޤަދަރު އުފުލިގެންވާ އާއިލާއެއް! މީހުންގެ އިޙްތިރާމް ލިބިފައިވާ އާއިލާއެއް! މިއާއިލާ ކިތަންމެ ކުޑަނަމަވެސް މީހުން ކުރާ ޤަދަރު ވަރަށްވެސް ބޮޑު! އަހަރެންގެ ދަރިފުޅުގެ ބޮލުގައި ޒާރާގެ ކޮއްކޮ އެ އިލްޒާމް އެޅުވުމުން އަހަރެން ވަރަށް ލަދުގަނެއްޖެ! "
ދެއަތް ފުރަގަހަށް ލައިގެން ހުރެ ނަޖީބު ވާހަކަ ދެއްކީ ހަރުކަށި ގޮތަކަށެވެ. އޭރުވެސް ކަންބޮޑުވެ ހުރެ ޒާރާ ދިޔައީ ނަޖީބަށް ބަލަމުންނެވެ.
" މާދަމާ އަލިވިލޭއިރަށް އެވާހަކަ މުޅި ރަށުގައިވެސް ދައްކަފާނެ! އޭރުން އަހަރެމެންގެ އަގު ވެއްޓޭނީ..އެކަހަލަ ވާހަކައެއް ވިއްޔާ މާ އަވަހަށް މީހުން ޤަބޫލުކުރާނެ! އަނެއްކާ މާހިލް އެހުރީ މީހަކާ އިންނަން ތައްޔާރުވެފައި.. އެ ކައިވެނި ހުއްޓި މާހިލްގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓޭކަށް އަހަރެން ބޭނުމެއް ނޫން"
ކަފީލާ ވާހަކަ ދެއްކީ ރުންކުރު ގޮތަކަށެވެ. އަޑުއަހަން ހުރި މުއާޒް ޒާރާއަށް ބަލައިލުމާއެކު ޒާރާއަށްވެސް މުއާޒްގެ މޫނަށް ނަޒަރު ހިންގާލެވުނެވެ.
" އެއީ ކާކުތޯ ބަލާކަށްވެސް އަހަރެމެންނަކަށް ނުޖެހޭނެ! ރަށުން ބޮއިގެން އައި ބޮނޑިއަކަށްވެސް ވެދާނެ.. އައިއްސަ އަދި ގިނަ ދުވަސްތަކެއް ވީއެއްނޫން"
މިފަހަރު ކަފީލާ ވާހަކަ ދެއްކި ބީދައިން ޒާރާއަށް ދެލޯ މަރާލެވުނެވެ. ޖުމާއާ ބެހޭގޮތުން އެފަދަ ރާގަކަށް މީހަކު ވާހަކަ ދައްކާއަޑުއަހަން އޭނާގެ ހިތަށް ކުޅަދާނަ ނުވީއެވެ.
" އަހަރެން ނުކުރާ ކަމަކަށް އެއްބަސްވާނީ ކިހިނެއްތަ ދޮންބޭ؟ "
ތަންކޮޅެއް ބާރަށް މާހިލް ބުނެލިއެވެ. މާހިލްގެ މޫނުމަތިން ފެންނަމުންދާ ހާސްކަމުގެ ސަބަބުން ޒާރާއަށް ޙަޤީޤަތް ވަރަށް ރަނގަޅަށް ސާފުވި ނަމަވެސް އެހެން މީހުން ތިބީ ޤަބޫލު ކުރާ ގޮތަކަށް ނޫނެވެ.
" އޭރުވެސް އަހަރެން ބުނިން އަހަރެމެންގެ ދަރިން އިންނަންވާނީ އަހަރެމެންގެ ފެންވަރުގެ މީހުންނާއޭ! ނުކިޔަވާ ތިބި ތަނެއްދޮރެއް ނޭނގޭ މީހުންނާ ކައިވެނިކޮށް ގެއަށް ގެނެސް ވެއްދީމަ ވާނީ މިހެން!"
އެންމެ ފަހުން ނަޖީބާ ދިމާލަށް ކަފީލާ ބުނި ޖުމްލައިން މުއާޒަކަށް މަޑަކުން ނުހުރެވުނެވެ.
" މަންމާ! "
އިތުރަށް ކިތަންމެ އެއްޗެއް ބުނަން ބޭނުންވި ނަމަވެސް މުއާޒްގެ ދުލުގައި ތަޅު އެޅުނީ ޒާރާ އައިސް އޭނާގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓުމުންނެވެ. ފެންކަޅިވެފައި ހުރެ ޒާރާގެ މޫނަށް މުއާޒް ބަލައިލުމާއެކު ޒާރާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
" އަހަރެމެންނާ ހެދި މަންމައާ ދިމާލަށް އެއްޗެހި ކިޔަން ނޫޅޭ މުއާ! "
" ދެން މިގޭތެރޭގައި ޒުވާބާ އަރާރުންގަނޑު ފެށެނީ ކަންނޭނގެ"
އަނެއްކާވެސް ކަފީލާގެ ރުޅިވެރި އަޑު އިއްވާލިއެވެ.
" ބައްޕައަށް ފެންނަނީ އިރުއަރަންވާއިރަށް ޖުމާ ރަށަށް ގެންދަން.. މާދަމާ ހެނދުނުވެސް ބައްޔެއް ވެގެން މަރުކަޒަށް ގެންދިޔަސް އެކަން ފަޅާއަރާނެ.. މިގޭގައި ހުރެގެން އެފަދަ އަޑެއް ރަށުތެރެއަށް އެރުމަކީ އަހަރެމެން ބޭނުންވާ ގޮތެއް ނޫން! ލޯންޗް ހަމަޖައްސައިގެން އޭނަ އަވަހަށް އެރަށަށް ގެންގޮސް ބައްޕައާ ޙަވާލް ކުރޭ"
ޒާރާއާއި މުއާޒްގެ މޫނަށް ވަކިވަކިން ބަލައިލުމަށްފަހު ނަޖީބު ނިކުންނަން ހިނގައިގަތެވެ. އޭރު ޒާރާގެ ދެލޮލުން ފެންތައް ފައިބައިގަނެއްޖެއެވެ.
" އާނ ތިބުނީ ރަނގަޅަށް... މަގޭ މާހިލްގެ ދިރިއުޅުން ހަލާކުވެދާނެ އެހެން ނޫނީ.."
ކުދި ކިޔަމުން ކަފީލާވެސް ނަޖީބުގެ ފަަހަތުން ހިނގައިގަތެވެ. އޭރު ދެރަވެފައި ހުރެ މާހިލް ދިޔައީ ޒާރާގެ މޫނަށް ބަލަމުންނެވެ. އޭނާގެ ހިތްވެސް އޮތީ ފަޅައިގެންދާވަރުވެފައެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ބާރުބާރަށް ނިކުމެގެން ގޮސް މާހިލް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އަދި ގައިގައި އޮތް ޓީޝާޓް ދަމައިގަނެ އެނދުމަތީގައި އިށީނީ ރުޅިވެރިކަމާއެކުގައެވެ.
" ސޮރީ ޖުމާ! ސޮރީ މައި ލަވް...އަހަންނަށް މަޢާފްކުރޭ... އަހަރެން.. އަހަރެން އަހަންނަށް މަޖުބޫރުވީއޭ... އާއިލާގެ ޤަދަރާ ޢިއްޒަތަށްޓަކައި އަހަންނަށް އެއްބަސްވާން ނުކެރުނީއޭ. އަހަރެން ބިރުގަތީއޭ.. ޖުމާ! ޖުމާ! ޖުމާ! "
ދަތްތައް ފިއްތާލަމުން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް ކޮއްޕާލަމުން މާހިލް އެނދު ހުރަހަށް އުއްޑުން ވެއްޓިގަތެވެ.
" އަަހަރެން ބޭނުމެއް ނޫން އަހަރެންގެ ލޯ ކުރިމަތިން ޖުމާ ގެއްލޭކަށް... އަހަރެން ޖުމާ ހާދަ ބޭނުމޭ...އަހަރެންގެ ދަރިފުޅުވެސް އަހަރެން ބޭނުން... ބޭނުން."
ލޮލުގެ ހިމަކޮޅުން ފައިބަމުންދާ ކަރުނަތައް މާހިލްގެ ކަންފަތް މައްޗަށް ފައިބަން ފެށުމުން އޭނާ ތެދުވެއްޖެއެވެ. އަދި ދެއަތުން މޫނު ސާފުކޮށްލުމަށްފަހު ފޯނު ނެގިއެވެ. ނަމަވެސް ޖުމާއަށް ގުޅާކަށް ނުކެރުނެވެ. ކަންތައްތައް ގޮސް އޮތް ހިސާބުން އޭނާ ޖެހިލުންވީއެވެ.
" އާނ ހަމަ މިހާރު ފުރޭ ގޮތަށް ލޯންޗް ރެޑީ ކޮށްލާ! "
މުއާޒް އެހެން ބުނެ ފޯން ބޭއްވުމުން ޒާރާއަށް ބަލައިލެވުނީ ގަޑިއެވެ. އޭރު ގަޑިން ބާރަވެސް ޖަހައިފިއެވެ.
" މި ދަންވަރު މިހާ ގަދައިރު އަހަރެންގެ ކޮއްކޮ އެޙާލުގައި ތި ފޮނުވާލަނީ؟ މުއާގެ ހިތުގައި އަހަންނާމެދު އޮތީ ކޮން ލޯތްބެއް؟ ކޮން ޤަދަރެއް؟ "
ޒާރާގެ ޖުމްލައިން ސިހިފައި މުއާޒަށް ބަލައިލެވުނެވެ.
" މިއާއިލާއަށް އެކަނިތަ ޤަދަރާ އިއްޒަތް ލިބިގެންވަނީ؟ ރަށު ރައްޔިތުންގެ އިޙްތިރާމް ޙައްޤުވަނީ ހަމައެކަނި މިއާއިލާއަށް އެކަނިތަ؟ "
މުއާޒްގެ ކުރިމަތީގައި ހުއްޓެމުން ޒާރާ ބުނެލީ މަލާމާތުގެ ރާގަކަށެވެ. ޖަވާބެއް ދޭން ނޭނގިފައި މުއާޒަށް އަދިވެސް ހުރެވުނީއެވެ.
" ބައްޕަ ބުނުއްވީމަ..."
މުއާޒަށް މަޑުމަޑުން ބުނެލެވުނެވެ. އެއާއެކު ދެފަހަރަކު ބޯ ޖަހާލުމަށްފަހު ޒާރާ އަލަމާރިކައިރިއަށް ގޮސް ހެދުންތައް ނަގަން ފެށިއެވެ.
" ޒާ؟ ޒާ ކީއްކުރަން ތިއުޅެނީ؟ "
ބޮޑެތި ފިޔަވަޅުތަކެއްގައި ގޮސް މުއާޒް ޒާރާގެ ގައިގައި ހިފެހެއްޓުމުން ޒާރާ ބާރުބާރަށް ދުރަށް ޖެހިގަތެވެ.
" މުއާއަށް މުއާގެ ކޮއްކޮ މުޙިއްމު ވަންޏާ އަހަންނަށް އަހަރެންގެ ކޮއްކޮ އަދި މާ މުޙިއްމުވާނެ! ތިހާ ރަޙުމުކުޑަ ގޮތަކަށް އޭނައާމެދު ކަންތައް ކުރާނެ ކަމަށް އަހަރެން ހިއެއް ނުކުރަން"
ދަބަސް ނަގައި އެއްޗެހި އަޅަމުން ޒާރާ ބުންޏެވެ.
" ދެން؟ ޒާ ތިއުޅެނީ އެރަށަށް ދާންތަ؟ "
މުއާޒް އަނެއްކާވެސް އެހިއެވެ. އެއާއެކު ނޭފަތް އެތެރެއަށް ދަމާލަމުން ޒާރާ ބޯ ޖަހާލިއެވެ.
" އަހަންނަށް އަހަރެންގެ ކޮއްކޮ ދުލެއް ނުކުރެވޭނެ... ކުށްކުރީ އެދެމީހުން! އެކަމަކު އަނިޔާލިބެނީ، ފަޟީޙަތްވަނީ އަދި ބޭޒާރުވަނީވެސް އަހަރެންގެ ކޮއްކޮ އެކަނި! ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވީނަމަވެސް އަހަންނަށް ޖުމާ ދުލެއް ނުކުރެވޭނެ! މުއާޒް ބޭނުންވަންޏާ އަހަންނާއެކު އަހަރެންގެ ރަށުގައި އުޅެން އާދޭ! ނޫނީ ޖުމާގެ ބަނޑުގައި އެއޮތީ މާހިލްގެ ދަރިއެއްކަމަށް މާހިލް ފާޅުގައި ބުނެ އެކަން އެންމެންނަށް އަންގައިދީ! "
ޒާރާގެ ހަރުކަށި ޖުމްލަތައް އަޑުއަހަން ހުރި މުއާޒްގެ މޫނުމަތިން ހާސްކަމުގެ އަސަރުތައް ފާޅުވާން ފެށިއެވެ. ހިންދިރުވާލުމަށްފަހު އޭނާ އެނދުމަތީގައި އިށީނުމަށްފަހު ވާހަކަދައްކަން ފެށިއެވެ.
" އެކަމުގެ ސަބަބުން އަހަރެމެން ދެމީހުންގެ ދިރިއުޅުމަށް ހުރަސްތަކެއް އެޅިގެން ނުވާނެެއެއްނު! ޒާ ވިސްނާލަބަލަ! ޒާ ބަނޑުބޮޑުއިރު އަހަންނާ ވަކިން ކިހިނެއް އުޅޭނީ؟ އަހަރެން ބޭނުމެއް ނުވާނެތަ ޒާއަށް އެހީތެރިވާކަށް؟"
އަސަރާއެކު މުއާޒް އެހެން ބުނުމާއެކު ޒާރާއަށް އިސްޖަހާލެވި ބަނޑުގައި އަތް ޖައްސާލެވުނެވެ.
" އަހަރެން ވަކި ބޭނުންވާނެތަ މުއާ އާ ދުރަށް ދާން... އަހަރެން ވަކި އުފާވާނެތަ؟ އެކަމަކު ޙާލަތާ ވަގުތަކީ ކުރިން އެނގިގެން ބަދަލު އަންނަ ކަންކަމެއް ނޫނެއްނު! "
އެހެން ބުނެލުމަށްފަހު ޒާރާ އަވަސް އަވަހަށް ހިނގައިގަތީ ޖުމާގެ ކޮޓަރިއަށް ދާށެވެ. ދަބަސް ހިފައިގެން އޭނާ ނިކުތް އިރު ސިޓިންގރޫމްގައި ކަފީލާ އިނެވެ.
" ޒާރާވެސް ދަނީތަ؟"
ކޮޅަށް ތެދުވަމުން ކަފީލާ އެހެން ބުނުމާއެކު ޒާރާ ބޯ ޖަހާލިއެވެ.
" ޒާރާ ގާތު ދާކަށް އަހަރެމެން ނުބުނަމެއްނު! މުއާޒް ކިހާ ދެރަވާނެ.. ކިހާ އެކަނިވާނެ އޭނަ..."
ކަންބޮޑުވެ ހުރެ ކަފީލާ ބުންޏެވެ. އެއާއެކު ޒާރާއަށް އިސްޖަހާލެވުނެވެ.
" އަޅުގަނޑުގެ ކޮއްކޮ އަޅުގަނޑަކަށް ދޮގެއް ނަހަދާނެ... މި އާއިލާ ބޭޒާރުވާން މަންމަމެން ނޭދޭފަދައިން އަޅުގަނޑުވެސް ބޭނުމެއް ނުވޭ ޖުމާ ބޭޒާރުވާކަށް.. އެކަމަކު އެފަދަ ކުށްތަކުން ފަޟީޙަތްވާނީ ހަމައެކަނި އަންހެން ކުއްޖާ! އިންކާރުކޮށްލާފައި ފިރެހެން ކުއްޖާއަށް މިއަދު ފިލައިގެން އެކަމުން ބަރީޢަވެގެން ހުރެވިދާނެ.. އެކަމަކު އެނގެންވާ ދުވަހުން އެކަން ހާމަވާނެ! އަޅުގަނޑު ފިޔަވައި މިއަދު އޭނައަށް އެހީތެރިވާނެ އެކަކުވެސް ނުހުންނާނެ.."
ލަދުން ހުރެ ޒާރާ ވާހަކަ ދެއްކީ ކިޔަމަންތެރިކަމާއެކުގައެވެ.
" އޯހް! ދެބެން މިތިބީ އެކައްޗެއް ކިޔައިގެންތަ؟ އެވަރުގެ ނުބައި ކަމެއް ކުރީމަވެސް ތިހުރީ ކޮއްކޮވެފައިތަ؟ "
މަލާމާތުގެ ރާގަކަށް ކަފީލާ އެހެން ބުނުމާއެކު ޒާރާއަށް ސިހިފައި އޭނާގެ މޫނަށް ބަލައިލެވުނެވެ. ވަގުތަކީ މުއާޒްވެސް ސިޓިންގރޫމަށް ނިކުތް ވަގުތެވެ. އޭރުވެސް އޭނާގެ މޫނުމަތީގައިވަނީ މާޔޫސްވެރިކަމާއި ނުތަނަވަސްކަމެވެ.
" ޒާރާވެސް ދަނިއްޔޯ! ޒާރާއަށް މުޙިއްމުވީ އެ ގޮތްކުޑަ އަންހެން ކުއްޖާއެއްނު... ފިރިމީހާގެ އެއްވެސް މުޙިއްމުކަމެއް ނެތް... މަ ހިތަށް އަރާ ކާކު ތަރުބިއްޔަތު ކޮށްފައި ތިބި ކުދިންތަކެއް ބާވައޭ؟"
މުއާޒަށް އިވޭވަރަށް ކަފީލާ އެހެން ބުނުމާއެކު ޒާރާއަކަށް މަޑަކުން ނުހުރެވުނެވެ. ހިތްހަމަ ނުޖެހޭ ގޮތަކަށް ކަފީލާގެ މޫނަށް ބަލައިލުމަށްފަހު ޖުމާގެ ކޮޓަރިއާ ދިމާލަށް އޭނާ ހިނގައިގަތީ މުއާޒަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ.
(ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!