ކުރީގެ އަދަދާއިގުޅޭ:

" ކިހިނެއްތަ ވީ؟ "

Ad
rt

ދޮރުން ނިކުމެ ނިކުމެ ހުއްޓާ، ޖުމާ ޒާރާގާތު ކޮށްލި ސުވާލުގެ އަޑު މާހިލްގެ ކަންފަތުގައި ޖެހުމާއެކު މާހިލްއަށް ދަތްތައް ފިއްތާލެވުނެވެ. ނަމަވެސް މަޑުކުރެވެން ނެތުމުން އޭނާ ގޮސް އަވަސް އަވަހަށް އެމްބިޔުލާންސަށް އެރިއެވެ. ރުޝްދީގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ރުޅިވެރިކަން ފެންނަން ހުރި ނަމަވެސް އެވަގުތު އޭނާވެސް އިންނާނީ ވަރަށް ހާސްވެފައިކަން މާހިލަށް އެނގުނެވެ.

" ދޮންތާ! ކީއްތަ ވެގެން މިއުޅެނީ؟ "

އެމްބިޔުލާންސް ދުއްވާލުމާއެކު އަނެއްކާވެސް ރީނާ އަހާލިއެވެ. އޭރު ކަފީލާވެސް އެތެރެއަށް ވަދެއްޖެއެވެ.

" މާހިލްގެ ގަރލްފްރެންޑްގެ ބޭބެއޭ އެ ކައުންސިލަރަކީ! "

ޒާރާ ބުނެލި ޖުމްލަ ރަނގަޅަށް ޖުމާއަކަށް ފަހުމެއް ނުވިއެވެ. އެހެންކަމުން ނުތަނަވަސްކަމާއެކު އޭނާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

" ކީކޭ ކީކޭ؟ ކީކޭ ތިބުނީ؟ މާހިލްގެ ބިޓޭ؟"

" ހޫމް.. މާހިލް ރައްޓެހިވެގެން އުޅޭނީ ކައުންސިލަރުގެ ކޮއްކޮއާ! އެހެންވެ ކައިވެނީގެ ވާހަކަ ދައްކަން އައިސް ތިބީ! "

ޒާރާ ދައްކަމުން ދިޔަ ވާހަކަތަކުން ޖުމާއަށް ސިހުން ލިބިގެން ދިޔައެވެ. އެވާހަކަ ޤަބޫލު ކުރަން ދަތިވި ނަމަވެސް ޙަޤީޤަތާ ކުރިމަތިލާން ޖެހޭނެކަން އޭނާ ޤަބޫލު ކުރިއެވެ. ގެއަށް ވަންނަން ޒާރާ އެނބުރިލުމާއެކު ޖުމާ ތަންކޮޅެއް ބާރަށް ވާހަކަ ދައްކަން ފެށިއެވެ.

" ދެން؟ ކީއްވެ އެމްބިޔުލާންސް އައީ؟"

ނޭވާ އެތެރެއަށް ހިފަހައްޓާލައިގެން ހުރެ ޖުމާ ބުންޏެވެ.

" އާދޭ ކޮޓަރިއަށް ދާން ވާހަކަ ދައްކަން.."

ބޭރުގައި ހުންނަން ބޭނުން ނުވެގެން ޒާރާ ބުނެލިއެވެ. އެއާއެކު ޖުމާ ދެފަރާތަށް ބޯ ހޫރާލީ އޭނާގެ މޫނު ސާފުކޮށް ދޮންތައަށް ފެންނަން ބޭނުން ނުވާތީއެވެ.

" އުނހު! އަދި ދަސްކުރަން އެއްޗެހިވެސް އެބަހުރި! ބުނެބަލަ ދެން"

" މާހިލް ބުނީ ކޮންމެވެސް މީހަކު ދިން ލަނޑެކޯ އޭނައަށް. ދެން އުޅެވޭތޯ ޓްރައި ކުރީމަވެސް މާހިލް އެހާ ގަޔާނުވިޔޯ! އެހެންވެ ދުރުވާން ބޭނުންވާ ވާހަކަ ބުނީމަ އެކުއްޖާ ނޭވާ ހާސްވީ! ބަލި ކުއްޖެއްކަމަށްވަނީ.."

ޒާރާގެ ޖުމްލަތައް އަޑު އިވި، ޖުމާއަށް އިސްޖަހާލެވުނެވެ. އޭރުވެސް އޭނާގެ ދެތުންފަތް ތުރުތުރު އަޅައެވެ. ހަމަ އެވަގުތެވެ. ޒާރާ އެތެރެއަށް ވަނުމުގެ ކުރިން މުއާޒްގެ ކޯލް އައެވެ.

" ރަނގަޅުތަ މިހާރު؟"

ޒާރާ ހާސްވެފައި ހުރެ އަހާލިއެވެ. އެއާއެކު ޖުމާއަށްވެސް ހުރެވުނީ ދެލޯ ބޮޑުކޮށްގެން ޒާރާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ހިތުގައިވާ އުދާސްތައް އެތެރެއަށް ހިންދައިގެން އޭނާ ހުރީ ހާމަކުރެވިދާނެތީ ޖެހިލުންވެސް ވެފައިވާ ޙާލުގައެވެ.

" އޮކްސިޖަން ގުޅާލީމަ މިހާރު އޯކޭ ޔޯ! މިހާރު މާހިލާ ވާހަކަ ދައްކަން ބޭނުންވެގެން ބައްޕައާއި ރުޝްދީ ގޮއްސިޔޯ އޭނަ ގޮވައިގެން ކޮންމެވެސް ތަނަކަށް! "

ފޯނު ބޭއްވުމަށްފަހު ޒާރާ ބުނެލިއެވެ. ޖުމާ ބޯ ޖަހާލުމަށްފަހު އިސްޖަހާލިއެވެ.

" އާދެބަ އެތެރެއަށް ދެން"

ގޭ ދޮރުމައްޗަށް އަރާފައި ޒާރާ އަނެއްކާވެސް އެދުނެވެ. ނަމަވެސް ޖުމާ މިފަހަރުވެސް އިންކާރު ކުރިއެވެ.

" އިރުކޮޅަކުން ދާނަން.. ވަރަށް އިރުވަންދެން ފޮތް ކިޔަން އިނދެފައި މި ނިކުތީ. އެހެންވެ މަޑުކޮށްލާފަ ވަންނާނަން ދޮންތަ ދޭ"

ޖުމާ ބޭނުންވީ އެކަނިވެލާށެވެ. ޖުމާ ދެއްކި ބަހަނާ ޤަބޫލުކޮށް ޒާރާ އެތެރެއަށް ވަނެވެ. އެތެރެއަށް ވަދެ، ޒާރާ ދޮރު ލައްޕާލުމާއެކު ޖުމާ ހިނގައިގަތީ ގަސްދޮށުގައި ހުރި ޖޯއްޔާ ދިމާލަށެވެ. ގައިން ވަރު ދޫވެފައިވާ ޙާލު އޭނާ ގޮސް ޖޯލީގައި އިށީނުމާއެކު ގަދަކަމުން ލޮލުގެ ތެރޭގައި ހިފަހައްޓާފައި ހުރި ކަރުނަތައް އެއްފަހަރާ ފައިބައިގަތެވެ. އެވަރުންވެސް އޭނާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އަޑުގެ ކޮޅަށް ރޯން ބޭނުންވި ނަމަވެސް އެކަމެއްވެސް ނުކުރެވުނެވެ. އެހެންކަމުން ދެއަތުން އަނގަމަތީގައި އަތް އަޅައިގެން އިނދެ އޭނާ ރޮމުން ދިޔައިރު މުޅި މީހާވެސް ތެޅެމުން ދިޔައެވެ. ޙަޔާތުގައި އަލަށްވެސް އޭނާއަށް ލޯބިވެވުނީ މާހިލްދެކެއެވެ. އިތުބާރުކޮށް އޭނާގެ މުޅި ޖިސްމާއިހިތް ހަދިޔާ ކުރީވެސް ހަމައެކަނި މާހިލްއަށެވެ. ޖުމާގެ ސިކުނޑީގައި އޭރު އެނބުރެމުންދަނީ މާހިލްއާއެކު އޭނާ ހޭދަކުރި ލޯބިވެތި ވަގުތުތަކެވެ. ދެއަތުން އިސްތަށިގަނޑުގެ ތެރެއަށް އަތް ކޮއްޕާލުމަށްފަހު ޖުމާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ދެއަތުން މޫނު ސާފުކޮށްލަމުން އޭނާ ކޮޅަށް ތެދުވިއެވެ. އަދި ފަޔަށް ބާރު ލައިފައި ގެއާ ދިމާލަށް ހިނގައިގަތެވެ. ނަސީބު ދިމާކުރި ގޮތުން ސިޓިންގރޫމްގައި އެއްވެސް މީހަކު ނެތެވެ. ޖުމާ ގޮސް ކޮޓަރިއަށް ވަތްއިރު އެނދުމަތީގައި އޮތް އޭނާގެ ފޯނަށް މެސެޖް އެލަރޓް އާދެއެވެ. އަވަސް ހިތަކައިގެން ގޮސް ފޯނު ނަގައި ބަލައިލި އިރު މާހިލްގެ ދެތިން މެސެޖެއް އައިސް އޮތްވެ. ތެޅިތެޅި އޮތް ހިތަކައިގެން ޖުމާ މެސެޖް ބަލައިލިއެވެ.

" ޕްލީޒް ޖުމާ! އަހަންނަށް އިތުބާރު ކުރޭ! ރީނާދެކެ އަހަރެން ލޯތްބެއް ނުވަން! އަހަރެން ލޯބިވަނީ ޖުމާދެކެ! ގެއަށް ގޮސް އަހަރެން ކަންތައްވީގޮތް އޮޅުން ފިލުވައި ދޭނަން"

ހިތަށް އުނދަގޫވެފައި ހުރިވަރުން ޖުމާ އަވަސް އަވަހަށް ބާލީސް ހިއްލާލުމަށްފަހު ފޯނު ބާލީހުގެ ދަށަށްލިއެވެ. އެއާއެކު އަނެއްކާވެސް އޭނާއަށް ރޮވުނެވެ. އިރުގަނޑެއް ވަންދެން ރޮއިލާ ރޮއިލާ އޭނާ އެހެން އިނެވެ.

" އެކަމަކު ބައްޕާ! "

ދެލޯމެރިފައި އޮތް ޖުމާ ސިއްސައިގެން ދިޔައީ ބާރުބާރަށް އިވުނު މާހިލްގެ އަޑަށެވެ. އެއާއެކު ސިހިފައި ޖުމާއަށް ތެދުވެވުނެވެ. އަދި އަވަސް އަވަހަށް ގޮސް ދޮރުފަތުގައި ލެނގިލައިގެން ހުރެ ބޭރުން އިވުނު އަޑާމެދު ވިސްނަން ފެށިއެވެ.

" އަހަރެން އަދި ކައިވެންޏެއް ކުރާކަށް ބޭނުމެއް ނޫނޭ.. "

އަނެއްކާވެސް އިވުނީ މާހިލްގެ އަޑެވެ.

" މާހިލް! މާހިލް ޖެހޭނީ އެ ކައިވެންޏަށް އެއްބަސްވާން.. ކީއްކުރަން ދެން ރީނާއާ ވާހަކަ ދެއްކީ؟ މިހާރު އެކުއްޖާ އެ ހަނގުރާމަ ކުރަނީ މަރާ! ބަލިކުދިންނާ ވާހަކަ ދައްކާއިރު އެވަރު ވިސްނަން ޖެހޭނެ! ފަހުން ވެދާނެ ގޮތަކާމެދު ނުވިސްނަންޏާ ވާނީ ތިހެން"

ނަޖިބުގެ އަޑު އައީ ވަރަށް ހަރުކަށި ގޮތަކަށެވެ.

" މާހިލްގެ މުޅި ކުރިމަގު އަނދިރިކޮށްލަންތަ ނަޖީބް ބޭނުންވަނީ؟ "

މިފަހަރު ޖުމާއަށް އިވުނީ ކަފީލާގެ އަޑެވެ.

" އަހަރެން ބޭނުންވެގެންނެއް ނޫން! އެއީ މާހިލް އަމިއްލައަށް ކުރި ކަމެއް! މާހިލްއާ ހެދި އެކުއްޖާ މަރާ ހަނގުރާމަކުރަން ޖެހުމަކީ ކުޑަކަމެއްތަ؟ މީހެއްގެ ފުރާނައިގެ ވާހަކަ މިދައްކަނީ"

ނަޖީބް ކުރިއަށްވުރެ ބާރަށް ބުނެލިއެވެ. އެއާއެކު އަނެއްކާވެސް ޖުމާއަށް އިވުނީ މާހިލްގެ އަޑެވެ.

" އެކަމަކު ބައްޕާ! "

" އިތުރަށް އެންމެ ލަފުޒެއްވެސް އަޑުއަހާކަށް ބޭނުމެއް ނޫން... ރުޝްދީ ބޭނުންވާ ތާރީޚެއްގައި ކައިވެނި ކުރަން ތައްޔާރުވޭ!"

އެއަޑަށް ޖުމާއަށް ހުރި ތަނަށް ތިރި ވެވުނެވެ. މޭގައި އަތް އަޅައިގެން އިނދެ އޭނާ މަޑުމަޑުން ގިސްލަމުން ދިޔައީ ހިތުގައި އަޅާ ވޭނުން ހިތް ފިހެމުންދާތީ އުނދަގޫ ވެގެންނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އޭނާ ތެދުވެގެން ގޮސް އެނދުގައި ހުރަހަށް އޮށޯވެލީ ހިތްވަރު ގެއްލިފައިވާ މީހެއް ފަދައިންނެވެ.

***

" މިކަންތައްގަނޑު ހަމަޖެހިލީމަ ބުނަން މަޑުކުރޭ އިނގޭ! އަހަރެން ބޭނުމެއް ނޫން މިހާ ނުތަނަވަސްވެފައި އޮތް ވަގުތެއްގައި އެ ވާހަކަ ބުނާކަށް"

ޒާރާ ގާތު އޮށޯވެލަމުން މުއާޒް ބުންޏެވެ. އެއާއެކު ބަނޑުމަތީގައި އަތް ޖައްސާލަމުން ޒާރާ ބޯ ޖަހާލިއެވެ.

" މުއާ! އެކަމާމެދު މުއާ ކީކޭ ބުނަނީ؟"

ވިސްނަން އޮވެފައި ޒާރާ އެހިއެވެ. އެއާއެކު މުއާޒްވެސް ޒާރާގެ ބަނޑުގައި އަތް ޖައްސާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ބޮޑު މައްސަލަތަކެއް ފެންމަތިވެދާނެތީދޯ މައްސަލައަކީ! ރުޝްދީ އެކަން ދުލެއް ނުކުރާނެ! ދެން ރަނގަޅުވާނީ ކޮއްކޮ ރީނާއާ އިނިއްޔާ ކަންނޭނގެ! މީހުންވެސް ވާހަކަ ފަތުރާނެދޯ"

މުއާޒްގެ ޚިޔާލް ހުރިގޮތް އެނގުމުން ޒާރާ އެހާ ގަޔަކާ ނުވިއެވެ. އެހެންކަމުން އޭނާ ބޭނުންވީ މުއާޒަށް ވިސްނައިދޭށެވެ.

" ބައްޕަ އެހެން ބުންޏަސް މާހިލްގެ މުޅި ދިރިއުޅުން ހަލާކުވާނީ! ރުޝްދީގެ ކޮއްކޮގެ އުފަލަށްޓަކައި މާހިލްގެ ޙަޔާތް ޤުރުބާން ކުރަން ޖެހޭތަ؟ "

" ރީނާގެ އުފަލަށްޓަކައެއް ނޫނޭ ޒާ! އޭނަގެ ފުރާނައަށްޓަކައި.. މިރޭވެސް އަހަރެމެން ހަމަ ހައިރާންވި... ފިޓުވެސް ޖެހުނު ވާހަކަ ބުނި އަހަރެމެން އަންނަން އުޅެނިކޮށް! ދެން ކީއްކުރާނީ؟ ރުޝްދީ އެ އަޅުވަނީ ހުރިހާ ކަމެއްވެސް ކޮއްކޮގެ ބޮލުގައި.. އެހެންވެ އޭނަ ގެއަށް އައީ ރުޝްދީ ގާތު ކައިވެންޏަށް އޯކޭ ދީފަ.. އަންނަމަހުގައި ކުރާނެ ވާހަކަ ބުނީ! އެކަމަކު ގެއަށް އައިސްވެސް ބައްޕަ ގާތު އެބުނީނު ނުކުރާނަމޭ! އޭނަ އަދިވެސް އެ ބަލަނީ ނުކޮށް ވޭތޯ ކަންނޭނގެ!"

މުއާޒް ބުނެލިއެވެ. އޭރު ޒާރާވެސް އޮތީ ބޯ ހިއްލާލައިގެން މުއާޒްގެ މޫނަށް ބަލާށެވެ.

" އިންޝާﷲ ހުރިހާކަމެއްވެސް އަދި ރަނގަޅުވާނެ! "

މުއާޒްގެ މޭމަތީގައި ފިރުމާލަމުން ޒާރާ ނުހަނު ލޯތްބާއެކު ބުންޏެވެ. އޭރުވެސް މުއާޒް އޮތީ ސީލިންގއަށް ބަލަހައްޓައިގެންނެވެ.

***

މުށިތައްމަތީގައި އޮށޯވެ އޮތް ޖުމާ ސިހުނީ ފޯނަށް އައި މެސެޖަކުންނެވެ.

" އަހަރެން އެބަ ދަން! ދޮރު ހުޅުވާލަބަލަ"

މާހިލްގެ މެސެޖް ކިޔާލުމަށްފަހު ޖުމާ މަޑުމަޑުން ތެދުވިއެވެ. އޭނާ ހުރީ އިންތިހާއަށް މާހިލްއާ ވާހަކަ ދައްކަން ބޭނުންވެފައެވެ. އެހެންކަމުން ޖުމާ ގޮސް ދޮރުފަތުގައި ލެނގިލައިގެން މާހިލްގެ އިންތިޒާރުގައި ހުއްޓެވެ. ހުޅުވާށޭ ބުނެ މާހިލް ފޮނުވި މެސެޖް ބަލައިލުމަށްފަހު ޖުމާ އަވަސް އަވަހަށް ދޮރު ހުޅުވިއެވެ. އެތެރެއަށްވަދެ ދޮރު ތަޅުލުމާއެކު މާހިލް ޖުމާގެ ގައިގައި ނުހަނު ބާރަށް ބައްދައިގަތެވެ. ނަމަވެސް އެއަށްވުރެ ބާރަށް ޖުމާ ތެޅިގަތުމަށްފަހު މާހިލްގެ މޭގައި އަޅާ ދުރަށް ކޮއްޕާލިއެވެ. އެކަން ވެގެން ދިޔައީ މާހިލަށް ލިބުނު އިތުރު ހިތްދަތި ކަމަކަށެވެ. ސުވާލުގެ ނަޒަރަކުން މާހިލް ޖުމާއަށް ބަލަމުން ދަނިކޮށް ޖުމާ ވާހަކަ ދައްކަން ފެށީ ރޮމުންނެވެ.

" އަހަރެން ހާދަ އިތުބާރެއް ކުރީމޭ މާހިލް! އަހަރެން ހާދަ ލޯބިވަމޭ.. ކީއްވެ ތިހެން ތިހެދީ އަހަންނަށް! ކީއްވެ އަހަންނަށް އޮޅުވާލީ؟ މާހިލްގެ ޙަޔާތުގައި އިތުރު މީހަކު ހުރިކަން އަހަންނަށް އެނގުނުނަމަ އަހަރެން މާހިލްއާ ދިމާލަށް ބަލައިވެސް ނުލީމުސް! މާހިލްގެ އެންމެ އެދުމަކަށް އަހަރެންގެ މުޅި ހަށިގަނޑު ޙަވާލުކުރިން.. ދެވެން އޮތް ހުރިހާ ލޯތްބެއް އެއްފަހަރާ ދިނިން! އެކަމަކު... އޭރުވެސް އަހަންނަކަށް ނޭނގެ ތިއީ ތިހާބޮޑު މަކަރުވެރިއެއްކަމެއް! ކުޑަކޮށްވެސް ހިއެއް ނުކުރަން..."

ވައިއަޑަކުން ޖުމާ ވާހަކަ ދެއްކީ ބޭރަށް އަޑު އިވިދާނެތީއެވެ.

" ޖުމާވެސް އަހަރެން ބާކީ ކޮށްލީތަ؟ އަހަރެން ހީކުރީ މުޅި ދުނިޔެ އަހަންނާ ދެކޮޅު ވިޔަސް ޖުމާ އަހަންނާ އެކުގައި ވާނެކަމަށް"

މާހިލް އަސަރާއެކު އެހެން ބުނުމުން ޖުމާ އެއްމިޔަކަނުން ހީލީ މަލާމާތުގެ ގޮތަކަށެވެ.

" ހުއް! އަހަރެން ކީއްކުރަން މާހިލްއާ އެކުގައި ވާންވީ؟ތިއީ އަހަރެންދެކެ ލޯބިވާކަމަށް ބުނެ އެހެން އަންހެނަކާއެކު އުޅޭ މީހެއް! އެއްފަހަރާ ދެމީހުންނާ ރައްޓެހިވެގެން އުޅުނީ! ރީނާއާއެކު ލޯބިން އުޅުނީމަ އޭނައަށް އެހާވަރު އެވަނީ! އަހަންނަށް އެނގެޔޭ މިހާރު މާހިލް.. އެކަހެރިކޮށް މާހިލްއާ ބައްދަލް ކުރެވުނު ފުރަތަމަ ރޭ މާހިލް އަހަރެންގެ ފަރާތުން ހުރިހާ އުފަލެއް ހޯދި! ދެން އަހަރެން ކިހިނެއް ޤަބޫލު ކުރާނީ؟ "

ޖުމާ މާހިލަށް ފުރަގަސްދިނީ އޭނާއަށް އަނެއްކާވެސް ރޮވެން އުޅޭތީއެވެ. ޖުމާގެ ވިސްނުން ހުރި ގޮތް އެނގި މާހިލް އިންތިހާއަށް ދެރަވިއެވެ. އޭނާ ބާރުބާރަށް ގޮސް ޖުމާގެ ދެކޮނޑުގައި ހިފައި ވާހަކަ ދައްކަން ފެށިއެވެ.

" ތިހެން ނުބުނޭ ޖުމާ! ދޭބަލަ ރީނާ ގާތު ގޮސް އަހަން.. އަހަރެން ނުހުންނާނެ ރީނާ ގާތްކޮށްފައެއް. އެއީ އަހަރެން ލޯބިވާ މީހެއް ނޫނޭ "

" އެކަމަކު މާހިލް ތިއުޅެނީ އޭނައާ އިންނާކަށްނު. މިއީވެސް ދޮގެއްތަ؟"

އަސަރާއެކު ރީނާ ސުވާލު ކުރުމާއެކު މާހިލް އިސްޖަހާލިއެވެ. ޖަވާބެއް ނުދީ ހުރުމާއެކު ރީނާ މާހިލްގެ އަތުގައި ހިފައި އޭނާގެ ގައިން ނައްޓުވާލިއެވެ.

" ދެން.. މާހިލް އަހަރެން މަތިން ހަނދާން ނައްތާލާ! އަހަންނާ މާހިލްގެ ގުޅުން މިހިސާބުން މި ނިމުނީ! ދެން ދޭ މިތަނުން.. ޕްލީޒް"

ޖުމާގެ ޖުމްލައާއެކު މާހިލް އިސްއުފުލާލަމުން ޖުމާގެ މޫނަށް ބަލައިލިއެވެ.

" މި ގުޅުން ނިންމާލިޔަސް މިހިތުގައި ތި ނޫން ލޯތްބެއް ނުހިނގާނެ! ދުވަހަކުވެސް..."

އެހެން ބުނުމަށްފަހު މާހިލް އަވަސް އަވަހަށް ނިކުންނަން ހިނގައިގަތެވެ. މާހިލް ނިކުމެގެން ދިޔައިރުގައިވެސް ޖުމާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)