ކުރީގެ އަދަދާއިގުޅޭ:

" މި ގުޅުން ނިންމާލިޔަސް މިހިތުގައި ތި ނޫން ލޯތްބެއް ނުހިނގާނެ! ދުވަހަކުވެސް..."

Ad
rt

އެހެން ބުނުމަށްފަހު މާހިލް އަވަސް އަވަހަށް ނިކުންނަން ހިނގައިގަތެވެ. މާހިލް ނިކުމެގެން ދިޔައިރުގައިވެސް ޖުމާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.

" މާހިލް އެހެން މީހަކާއެކު އުޅޭތަން ބަލަން އަހަންނަށް ދެނެއް ކެތެއް ނުކުރެވޭނެ! ކުޑަދުވަސްކޮޅެއްގެ ތެރޭގައި މާހިލްދެކެ އަހަންނަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެ! އަހަރެން ދެން މިތާ އުޅޭކަށްވެސް ބޭނުމެއް ނޫން... ބޭނުމެއް ނޫން"

އެނދުގައި އިށީނދެލަމުން ޖުމާއަށް އަމިއްލަ ނަފްސާ ވާހަކަ ދައްކަން ފެށުނެވެ. އެހެން އިނދެ އޭނާ ހިތުގެ އުދާސްތައް އަމިއްލައަށް ބަންޑުން ކުރަމުންގޮސް ނިދުނު އިރެއްވެސް ނޭނގެއެވެ.

***

ހެނދުނުގެ ނާސްތާ ވަގުތެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ މާޔޫސްކަމެވެ. އެކަކު އަނެކަކާ ވާހަކަ ދެއްކުމެއްނެތި، އެންމެންވެސް ތިބީ ހިމޭންވެފައެވެ. ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލައިލުމަށްފަހު، އެންމެ ފަހުން ކަފީލާ ވާހަކަ ދައްކަން ފެށިއެވެ.

" މިހާރު ކައިވެނި ކުރާނެ ދުވަހެއް ކަނޑައެޅިއްޖެތަ؟"

ނަޖީބަށް ބަލައިލަމުން ކަފީލާ އެހެން ބުނުމާއެކު މާހިލް ފުންމައިގެން ތެދުވެއްޖެއެވެ. އެއާއެކު އެންމެންގެ ނަޒަރު ހުއްޓުނީ ރުޅިގަދަވެފައި ހުރި މާހިލަށެވެ.

" ވީހާވެސް އަވަހަކަށް ކައިވެނީގެ ކަންތައްތައް ހަމަޖައްސާ! އަހަރެން ރީނާއާ ނީނދެގެން އެންމެން ހީވަނީ އެހެން ކަމެއް ވެގެން އުޅޭހެން.. "

ބާރުބާރަށް މާހިލް ހަޅޭއްލަވައިގަތް އަޑަށް ކޮޓަރީގައި އޮތް ޖުމާ ދުވެފައި އައިސް ދޮރުކައިރީ މަޑުކޮށްލީ ނުތަނަވަސްވެފައިވާ ހިތަކައިގެންނެވެ.

" ވާހަކަ ދައްކާހާ އަންހެން ކުއްޖަކާ ނުޖެހޭނެ އިންނާކަށް! މަންމަމެން ތިއުޅެނީ އަހަރެންގެ މުޅި މުސްތަޤްބަލް ބައެއްގެ އަތްދަށުލާންތަ؟"

ކަފީލާއަށް ބަލައިލަމުން ދަތްތައް ފިއްތާލަމުން މާހިލް ބުންޏެވެ. އެއާއެކު އިސްޖަހާލައިގެން އަޑުއަހަން އިން މުއާޒް މަޑުމަޑުން ކޮޅަށް ތެދުވެއްޖެއެވެ. އޭރުވެސް ނަޖީބު އިނީ ރުޅި ގަދަވެފައި މާހިލްގެ މޫނަށް ބަލާށެވެ.

" ކޮއްކޯ! ކިތަންމެ ރުޅި އަޔަސް މަންމަމެންގެ ކުރިމަތީގައި އެހާ ބާރަށް އަޑު އުފުލާކަށް ރަނގަޅެއް ނުވާނެ.. ފުރަތަމަ މީހާ ހަމަޖެހިފައި އިށީނދެބަލަ! ތިވާހަކަ ދެއްކިދާނެ ތިއަށްވުރެ ހަމަޖެހިގެންވެސް.. "

މުއާޒް އެހެން ބުނުމާއެކު ބާރުބާރަށް މާހިލް އަނެއްކާވެސް އިށީނުމަށްފަހު އިސްޖެހިއެވެ.

" ބައްޕައަށް އެނގޭ ދަރިފުޅު ތި ވެއްޓުނީ ވަރަށް ބޮޑު އަނދަވަޅަކަށްކަން! ދަރިފުޅުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ވާކަށް ބޭނުމެއް ނޫން! ރުޝްދީ މިހާރު މުޅި ރަށުގައި އެވާހަކަ އެ ދައްކަނީ.. ދެން ތި ކައިވެނި ނުކޮށް ފަރަކުނުޖެހޭނެ"

ނަޖީބު ވާހަކަ ދެއްކީ މާހިލްއަށް ވިސްނައިދޭ ކަހަލަ ގޮތަކަށެވެ. ނަމަވެސް މާހިލް އިންގޮތުން އަދިވެސް އޭނާ އިނީ ރުޅިއައިސްފައިކަން ނަޖީބަށް އެނގެއެވެ.

" އާއިލާ ވެދާނެ ފަޟީޙަތަށްޓަކައިވެސް އަހަރެން ތި ކައިވެނި ކުރާނަން"

މަޑުމަޑުން އިނދެ އެހެން ބުނުމަށްފަހު މާހިލް ތެދުވެގެން ދިޔައެވެ. އެއާއެކު ފުން ނޭވާއެއް ދޫކޮށްލަމުން މުއާޒް އަނެއްކާވެސް އިށީނދެއްޖެއެވެ.

" ނަޖީބު އަދި އެއްފަހަރު ރުޝްދީއާ ވާހަކަ ދައްކާލަބަލަ! ނުނޭ ރީނާއަށް ވިސްނައިދޭށޭ! މާހިލްވެސް އެ ބުނަނީ ދޮގު ވާހަކައެއް ނޫންދޯ! މަޖަލަށްވެސް ކުދިން، ކުދިންނާ ވާހަކަ ދައްކާނެ. ދެން ވާހަކަ ދައްކާހާ މީހަކާ އިންނަން ޖެހޭތަ؟ އަހަރެން މިހުންނަނީ ތިކަމާ ވިސްނާވިސްނާ ބޯ ހަލާކުވެފައި."

ރުންކުރު ގޮތަކަށް ކަފީލާ ބުންޏެވެ.

" އަހަރެން ދެން ތިކަމާމެދު އިތުރަށް ދައްކާނެ ވާހަކައެއް ނެތް! "

ގޮނޑި ފަހަތަށް ދަމާލުމަށްފަހު ތެދުވެގެން ނަޖީބު ގޮސް ވަނީ ކޮޓަރިއަށެވެ. ބައްޕަ ދިޔުމުން އިތުރަށް އިންނަން ބޭނުން ނުވެގެން މުއާޒް ތެދުވެ ޒާރާއަށް ބަލައިލިއެވެ.

" މިއަދު މެންދުރު ހިއެއް ނުވެ ބްރޭކަށް އާދެވޭނެ ހެންނެއް.. މުދާ އަތުވެއްޖެ މިއަދު"

މުއާޒްގެ ޖުމްލައަށް ހިނިތުންވެލަމުން ޒާރާ ބޯޖަހާލިއެވެ. އެއާއެކު މުއާޒްވެސް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެހިނދު ނުތަނަވަސްވެފައި އިން ކަފީލާއަށް ބަލައިލަމުން ޒާރާ ލުއި ގޮތަކަށް ހީލިއެވެ.

" މަންމާ! ދެން އެކަމާ ނުވިސްނާ! ކޮންމެ ގޮތެއް ވިޔަސް ކައިވެނި ކުރަން މާހިލްވެސް މިހާރު އެއްބަސްވެއްޖެއެއްނު.. ދެން ރީނާ މިގެއަށް އައީމަ އަހަރެމެންވެސް ދެން މާހިލްއަށް ވިސްނައިދޭނީ"

ޒާރާ ލަސްލަހުން ވާހަކަ ދެއްކިއެވެ. ޒާރާގެ ވާހަކަތަކަށް ތާޢީދު ކުރުމުގެ ގޮތުން ކަފީލާ ބޯ ޖަހާލިއެވެ.

***

އެނދު ހުރަހަށް އޮށޯވެ އޮތް މާހިލްގެ މޭމަތީ ބާއްވާފައި އޮތް ފޯން ރިންވާން ފެށިއެވެ. ފޯނު ހިއްލާލުމަށްފަހު އޭނާއަށް ބަލައިލެވުނީ ފޫހިކަމާއެކުގައެވެ. ރީނާގެ ނަން ފެނުމުންވެސް އޭނާގެ މޫޑު ކުރިއަށްވުރެ ގޯސްވިއެވެ. ފޯނު ނަގާގޮތަށް ރުޅި އައިސް އެއްޗެހި ކިޔައިގަނެފާނަމޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާ ފޯނު ނެގީ ހިތްވަރުކޮށް، ރުޅި ކޮންޓްރޯލް ކުރުމަށްފަހުގައެވެ.

" ކީކޭ؟ "

މާހިލް އަހާލީ މަޑުމަޑުންނެވެ. އެއާއެކު އޭނާގެ ކަންފަތުގައި ޖެހުނީ ރީނާގެ އަޑެވެ.

" ރޭގަ މާހިލް ދެއްކީ ހަމަ ޙަޤީޤަތުގައިވެސް ތެދު ވާހަކަތަކެއްތަ؟ މާހިލް އަހަރެންދެކެ ލޯތްބެއް ނުވަންތަ؟ "

އަސަރާއެކު ރީނާ އެހެން ބުނެލުމުން މާހިލަށް ޖަވާބުދޭން ދަތިވިއެވެ. ރީނާއަށް ވެދާނެ ގޮތަކާމެދު ވިސްނި، އެވާހަކަ އިތުރަށް ދައްކަން އޭނާ ޖެހިލުންވިއެވެ.

" ލޯބި ވާތީ އެއްނު ކައިވެނި ކުރަން މިއުޅެނީ! ދެން ރޭގެ ވާހަކަ ނުދައްކާ!"

ގަޔާނުވާފަދަ ގޮތަކަށް މާހިލް ބުންޏެވެ. އެއާއެކު ރީނާ ކުޑަކޮށް ހީލި އަޑު އޭނާއަށް އިވުނެވެ.

" އަހަންނަށް އެނގޭ އަސްލު މާހިލް އަހަރެންދެކެ އެހާ ލޯބި ނުވާކަން.. ރޭގަ ދެއްކީ ތެދުވާހަކަ ކަންވެސް އަހަންނަށް އެނގޭ!"

ރީނާގެ ވާހަކަތައް ހުރި ގޮތުން މާހިލްގެ ހިތަށް ފިނިވެގެން ދިޔައެވެ. ރީނާއަށް ވިސްނުނީކަމުގައި ހިތާ ހިތް އަވަސްވީ ވަރުން މާހިލްއަށް އެނދުންވެސް ތެދުވެވުނެވެ.

" އެކަމަކު... އެކަމަކު މާހިލް! އަހަންނަކަށް މާހިލްއާ ނުލައި ދެނެއް ނޫޅެވޭނެ.. އަހަރެން މާހިލްދެކެ ވަރަށް ލޯބިވަން.. ކައިވެންޏަށްފަހުގައިވެސް އަހަރެން މަސައްކަތްކުރާނަން މާހިލް ބޭނުންވާ ގޮތަށް އުޅެވޭތޯ! ޕްލީޒް! އަނތްބެއްގެ ގޮތުގައި އަހަރެން ޤަބޫލުކުރޭ!"

ރީނާ ވާހަކަ ދައްކާ ނިމުނު އިރު މާހިލަށް ހުރެވުނީ އަތުގެ އިނގިލިތައް އެތެރެއަށް ފިތާލައިގެންނެވެ. ދެލޯމަރާ ބާރުކޮށްލުމަށްފަހު އޭނާ ފުން ނޭވާއެއް ދޫކޮށްލަމުން ގަދަކަމުން ހިނިތުންވެލިއެވެ.

" މާބޮޑަށް ދެން ނުވިސްނާ! ކައިވެނި ކުރާނެ ވާހަކަ އަހަރެން ކުރިންވެސް ބުނީމެއްނު! މާބޮޑަށް ވިސްނީމަ ރީނާ ބަލިވެދާނެ"

މާހިލް ބޭނުންވެފައި ހުރީ ފޯނު ބާއްވާށެވެ. ނަމަވެސް ރީނާ ހުރީ ފޯނު ބާއްވާ ޚިޔާލެއްގައެއް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ މާހިލްއާ ވާހަކަ ދައްކާ ހިތްވެފައެވެ.

" އަހަރެންގެ ޙަޔާތަށް މާހިލް އަންނަ ހިސާބުން އިރާދަކުރެއްވިއްޔާ އަހަރެން ދެން ދުވަހަކުވެސް ބައްޔެއް ނުވާނެ.. އެއީ އަހަންނަށް އެނގޭ އަހަރެން ހުންނާނީ ވަރަށް އުފަލުގައިކަން! އަނެއްކާ މިއީ އަހަންނަށް ކުރެވޭ ކުށްހީއެއްތަ މާހިލް؟ "

ރީނާގެ އަޑުން މިފަހަރުވެސް މާހިލްގެ ބޮލަށް އުނދަގޫވިއެވެ.

" އަހަރެން ރީނާ ދެރަކުރަން އެބަ އުޅޭތަ؟ "

މާހިލް އެހެން ބުނުމާއެކު ރީނާ ހީލި އަޑު އިވުނެވެ.

" އަހަރެން ބޭނުންވަނީ ނިދާލަން! ފޯނު ބާއްވަން އުޅޭ ދޯ"

މާހިލް އެދުނީ އާދޭހުގެ ރާގަކަށެވެ.

" ދެން ބުނެބަލަ މެރީ ކުރާ ޑޭޓް!"

ރީނާ އަނެއްކާވެސް ކައިވެނީގެ ވާހަކަ އާކޮށްލިއެވެ. މާހިލަށް ދެފަރާތަށް ބޯ ހޫރާލެވުނީ ރީނާ ކައިރިން ސަލާމަތްވާން އުނދަގޫ ވެގެންނެވެ.

" ރީނާވެސް އަހަންނަށް ކަމެއް ކޮށްދީބަލަ! ބޭބެ ކައިރީ ބުނެބަލަ ދެމަސް ދުވަސް ފަހުން ކައިވެނި ކުރަން އޯކޭތޯ؟"

މާހިލްގެ ޖަވާބުން ރީނާއަށް ލިބުނީ ހައިރާންކަމެވެ. އެހެންކަމުން މިފަހަރުވެސް އޭނާއަށް ކުރެވުނީ ސުވާލެކެވެ.

" ދެމަސްދުވަސް؟ ކީއްވެ އެހާ ލަސްކުރަން ތިއުޅެނީ؟ "

ހަރުކަށި ގޮތަކަށް ރީނާ އެހެން ބުނުމުން ޙަޤީޤަތުގައިވެސް މާހިލްގެ ހިތަށް ވެރިކުރުވީ އިތުރު ފޫހިކަމެކެވެ.

" އަހަރެން މިއުޅެނީ އިންޖިއަރިންގ ޓްރޭނިންގ ޕްރޮގްރާމެއްގައި ބައިވެރިވާންވެގެން.. އޭތި ނިމުނީމަ ކުރެވޭނީ! ރީނާވެސް ބޭބެ ގާތު ބުނެދީބަލަ އެގޮތަށް.. އަހަރެން ބޭނުންވާ ގޮތްވެސް ބަލައިލަން ޖެހޭނެ ކަންނޭނގެދޯ!"

ރުންކުރު ގޮތަކަށް މާހިލް އެހެން ބުނުމުން އިރުކޮޅަކު އެއްޗެއް ނުބުނެ ރީނާ ހުއްޓެވެ. ރީނާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ކެތްމަދުވެފައި މާހިލް ހުރީ ހާސްކަމެއްގައެވެ.

" ދެމަސްދުވަސް ތެރޭ ކިތަންމެ ކަމެއް ބަދަލުވެދާނެ! އަނެއްކާ މާހިލް އަހަންނަށް ގެއްލުނިއްޔާޔޯ"

ރީނާގެ ފަރާތުން ލިބުނީ މާހިލް ހީވެސް ނުކުރާ ކަހަލަ ޖަވާބެކެވެ. އެހެންކަމުން އަނެއްކާވެސް މާހިލްއަށް ޖެހުނީ އޭނާއަށް ވިސްނައިދޭށެވެ.

" ރީނާ ޕްލީޒް! ކުރިއަށް ކަންތައްވާނެ ގޮތް ކިޔާކަށް އަހަންނަކަށް ނޭނގެ! އަދި އެކަކަށްވެސް ނޭނގޭނެ.. އަހަރެންވެސް ކަންތައްތައް ރަނގަޅަށްދާނެ ކަމަށް ކުރަނީ އުއްމީދު... ދެކެނީ ހުވަފެންތަކެއް.. އެހެންވީމަ، ކައިވެނި ފަސްކޮށްލުމަކުން އަހަންނާމެދު ނުބައިކޮށް ދެކެން ހެޔޮވެސް ނުވާނެއެއްނު"

" ސޮރީ މާހިލް.. އަހަރެން ބިރުގަތީއޭ.. އަހަރެން ބޭނުމެއް ނޫން މާހިލް އަހަންނަށް ގެއްލޭކަށް.. އަހަރެން ބޭނުމެއް ނޫން މާހިލް އަހަންނާ ދުރަށް ދާކަށްވެސް.."

ރީނާ ތެޅިގަތެވެ. އެއަޑުގައިވާ ކަންބޮޑުވުން މާހިލްއަށް ސާފުކޮށް ހާމަވުމުން އަނެއްކާވެސް މާހިލް ރީނާއަށް ޔަޤީންކަން ދިނެވެ.

" ތި ހީކުރާ ކަހަލަ އެއްވެސް ކަމެއް ނުވާނެޔޭ! އަހަރެންވެސް ބޭނުންވާނެދޯ ރަނގަޅު މީހަކަށްވާން.. އަހަރެންގެ އަނބިމީހާއަށް ޚަރަދު ކުރާނީ އަހަރެން! އެހެންވީމަ ވަޒީފާއެއްވެސް ލިބޭނީ ކޮންމެވެސް އެއްޗެއް ދަސްވެފައި ހުރީމަދޯ"

ހިތާ ދެކޮޅަށް މާހިލް ރީނާއަށް އިއްވާލި ޖުމްލަތަކުން ރީނާ އުފަލުން ފޮޅިގަތެވެ.

" އަޅެ އަހަންނަށް ނިޞްބަތްކޮށް އަނބިމީހާއޭ ބުނެލީމަވެސް އަހަރެން ހާދަ އުފާވެއްޖެޔޭ! އަހަރެން ހަމަ މާދަމާ ތިވާހަކަތައް ބޭބެ ގާތު ކިޔައިދޭނަން.. އަހަރެން ބުނާނަން މާހިލް ބޭނުންވާ ގޮތޭ އަހަރެންވެސް ބޭނުންވަނީ! އޯކޭތަ؟ ހެޕީތަ؟"

ރީނާ އަވަސް އަވަހަށް ބުންޏެވެ. އެއާއެކު މާހިލްއަށް ލިބުނީ ވަރަށް ބޮޑު އުފާވެރިކަމެކެވެ. އެވަގުތުކޮޅުވެސް މިނިވަންކަން އޭނާއަށް އިޙްސާސްވީ ފަދައެވެ.

****

ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލުމަށްފަހު، ޖުމާ ބޭރަށް ނިކުތީ މީހަކު ފެންނަން ނެތުމުންނެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޒާރާގެ ކޮޓަރިއަށް ވަނުމާއެކު ޒާރާ ވާހަކަ ދައްކަން ފެށިއެވެ.

" ކީއްވެތަ އަބަދު ކޮޓަރީގައި ތި އިންނަނީ؟ ނުކައި ނުބޮއި އިންނާތީ މިގުޅީ! ހިނގާ ކާންދާން"

ޒާރާ އެހެން ބުނުމާއެކު ސޯފާގައި ޖުމާ އިށީނދެލިއެވެ. އޭރު އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ރޭ ހަތަރުދަމު އޭނާ ވިސްނި ޚިޔާލުތަކެވެ. މާހިލްގެ ވާހަކަ ދޮންތައަށް ކިޔައިދޭންވީ ބާވައެވެ؟

" ކޮއްކޯ! ހާދަ ފާޑަކަށް ތި އިންނަނީ؟ އަބަދު ފޮތް ކިޔާކަށް ނުވާނެ.. މާގިނައިން ތިއުޅެނީ އެކަމާ! ދެލޯވެސް ތި ހުންނަނީ ދުޅަވެފައެއްނު! ނުނިދާ އުޅޭތީދޯ މާ ނެގިމަޑުވެފައި ތި އިންނަނީ؟ ޖުމާހެން ހީވެސް ނުވެ! "

އެނދު ތަންމަތި ރީތިކޮށްލުމަށްފަހު ޒާރާވެސް އައިސް ސޯފާގައި އިށީނދެލިއެވެ. އެއާއެކު ޖުމާ ލުއި ގޮތަކަށް ހީލަމުން ބޯ ޖަހާލިއެވެ. އޭރު މާހިލްއާ ބެހޭގޮތުން ދޮންތަ ގާތު ވާހަކަ ދައްކާހިތުން އޭނާގެ ހިތް ދިޔައީ ކެތްމަދުވަމުންނެވެ.

" އަދި އެބައޮތް ވަރަށް ބޮޑު ސަޕްރައިޒް ވާހަކައެއް ބުނަން ވެފައި! "

ޒާރާގެ މޫނުމަތީގައިވާ އުފާވެރިކަން ފެނި ޖުމާއަށްވެސް ހިނިތުންވެލެވުނެވެ. އަދި ސުވާލުގެ ނަޒަރަކުން އޭނާ، ޒާރާގެ މޫނަށް ބަލަން ފެށިއެވެ.

" ދޭބަލަ ޑްރެސިންގ ޓޭބަލް ވަތްގަނޑު ދަމާލަން"

ސޯފާގައި ލެނގިލަމުން ޒާރާ ބުންޏެވެ. އެއާއެކު ޖުމާ ތެދުވިއެވެ. އަދި ލަސް ހިނގުމެއްގައި ގޮސް ވަތްގަނޑު ހުޅުވާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެ މޫނުމަތީގައި އުފާވެރި ހިނިތުންވުމެއް ފެތުރިގެން ދިޔައެވެ. ޕްރެގްނެންސީ ޕޮޒިޓިވް ޓެސްޓްކިޓް ނަގާ، ރަނގަޅަށް ބަލައިލުމަށްފަހު އޭނާ ކިޓް ބޭއްވިއެވެ.

" ހަމަ އަސްލުވެސްތަ؟ "

އެއާއެކު ޒާރާ ބޯ ޖަހާލިއެވެ.

" ވަރަށް އުފާވެއްޖެ"

ޖުމާ އައިގޮތަށް އައިސް ޒާރާގެ ކޮނޑުގައި ބޯ އަޅާލިއެވެ. އެއާއެކު ޒާރާ ޖުމާގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެމެންގެ މަންމަ ދުނިޔޭގައި ހުރިނަމައޭ ހާދަ ހިތަށް އަރައޭ! މިދުވަސް ދެކެން މަންމަ ހުންނަން ބޭނުން... މަންމަގެ އަޅާލުމާ އޯގާތެރިކަން ވަރަށް ބޭނުން.."

ޒާރާގެ ހިމަ އަޑުން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ޖުމާއަކަށް ކެތެއް ނުވިއެވެ. އޭނާ އެހާ ދެރަވެފައި ހުއްޓާ، މަންމަގެ ވާހަކަ ދައްކާ އަޑުއަހާނެ ހިތްވަރު ނެތީއެވެ.

" ދޮންތާ! ދެން ތިއީ ކޮން ވާހަކައެއް؟ އަހަރެން އަބަދުވެސް ބުނަމެއްނު މިންވަރަށް ރުހެން ވާނެޔޭ! ދޮންތަދެކެ ނުލާހިކު ލޯބިވާ ފިރިޔަކު އެބަހުރި! ދެން ދޮންތަ ދެރަވަނީ ކީއްކުރަން؟ މިހާރު އަމުދުން ވިސްނާކަށް ނުވާނެއެއްނު"

ޒާރާގެ ބަނޑުގައި އަތް ޖައްސާލަމުން ޖުމާ ބުންޏެވެ. އެއާއެކު އަނެއްކާވެސް ޒާރާ ހީލިއެވެ.

"އަދި މިގޭ މީހުންގާތުވެސް ނުބުނަން.. ދެން މަހެއްވަރު ވެލީމަ ބުނާނީ.. މިގޭތެރޭގެ ޙާލަތު އެނގެއެއްނު މިހާރު އޮތްގޮތް.. އެހެންވެ މަޑުކުރީ ނުބުނެ"

ޒާރާގެ ޖުމްލައިން އަނެއްކާވެސް ޖުމާގެ ހިތަށް ވަރަށް އަސަރުކޮށްފިއެވެ. ނަމަވެސް އޭނާ ލުއި ހިނިތުންވުމެއް ރައްދު ކުރުމަށްފަހު އިސްޖަހާލީއެވެ.

" ދެން ހިނގާ ކާން ދާން.. މުއާބެ މިއަދު މެންދުރު ކާން ނާންނާނަމޯ ބުނީ! "

ޒާރާ ތެދުވަމުން ބުނެލިއެވެ. އެއާއެކު ޖުމާވެސް އިތުރަށް އެއްޗެއް ނުބުނެ ޒާރާގެ ފަހަތުން ދިޔައެވެ.

***

އިޝާނަމާދުކޮށް އަވަދިވެގެން ޖުމާ ނިކުމެލީ ބޭރު ޖޯއްޔަށެވެ. އުޑުމަތީގައި ދިއްލިފައި ހުރި ތަރިތަކަށް ބަލަހައްޓައިގެން އޭނާ އޮތީ ތާޒާ ވައިގެ ތެރޭގައި ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.

" އަހަރެންގެ ނަންބަރު ބްލޮކް ކޮށްގެންދޯ"

ތެޅިގަނެފައި ޖުމާ ބޯ ހިއްލާލީ މާހިލްގެ އަޑަށެވެ. އޭރު ދެޖީބަށް އަތް ޖަހާލައިގެން މާހިލް ހުރީ ޖުމާގެ ކުރިމަތީގައެވެ.

" އަހަރެން ނުދަންނަން"

މޫނު އަނބުރާލަމުން ޖުމާ ބުނެލީ މަޑުމަޑުންނެވެ.

" އަހަންނަށް ފިލައިގެންތަ ތިއުޅެނީ؟ ޖުމާ އަހަރެން ކުށްވެރި ކުރަނީދޯ"

އަނެއްކާވެސް ވާހަކަ ދެއްކީ މާހިލްއެވެ. ނަމަވެސް ބުދެއް ފަދައިން އެއްވެސް ހަރަކާތެއްނެތި ޖުމާ އިނެވެ.

" އަހަންނަށް މަޖުބޫރުވީއޭ ބުނީމަވެސް ޤަބޫލެއް ނުކުރަންތަ؟ "

މިފަހަރު މާހިލް ބުނެލި ޖުމްލައިން ޖުމާ ފުންމައިގެން ތެދުވިއެވެ. އަދި މާހިލްގެ މޫނަށް ތަންކޮޅެއް ރަނގަޅަށް ބަލައިލަމުން ބުނެލިއެވެ.

" ކޮންމެ ފަދަ މުޞީބާތެއް ޖެހިގެންވިޔަސް، މަޖުބޫރުވެގެން ވިޔަސް، އަހަންނަށް މިހާރު މާހިލް ގެއްލިއްޖެ! ދުވަސްކޮޅަކުން މާހިލްވާނީ މީހެއްގެ ފިރިއަކަށް.. އެހިސާބުން އަހަރެމެން ދެމީހުންނަށް މިވަރުގެ މިނިވަންކަމެއްވެސް ނުލިބޭނެ.. ކުޑަދުވަސްކޮޅެއްގެ ތެރޭގައި މާހިލްދެކެ އަހަންނަށް ލޯބިވެވުނީ އޭގެ އިންތިހާ ދަރަޖައަށް..އެކަމަކު... އެކަމަކު މިހާރު އެލޯބި ފުންމިން ނޭނގޭ ވަރުގެ އަނދިރި އަޑިގަނޑަކަށް ވެއްޓިއްޖެ! ދެން ދުވަހަކުވެސް އެލޯތްބެއް މާހިލްއަކަށް ނުފެންނާނެ! އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ނެތިން! ބާއްޖަވެރި ކައިވެންޏަކަށް އެދެން."

ދެއަތް އުރާލައިގެން ހުރެ ޖުމާ ޖުމްލަތައް އެއްފައްޗަކަށް އަމުނާލިއެވެ. އަދި ފުންނަޒަރަކުން މާހިލްގެ ދެލޮލަށް ބަލައިލުމަށްފަހު ގެއަށް ވަންނަން ހިނގައިގަތެވެ. ބުނަން ބޭނުން ކިތަންމެ އެއްޗެއް މާހިލްގެ ހިތުގައި އެތުރެމުން ދިޔަ ނަމަވެސް އޭނާ ރައްދު ނުދީ މަޑުކުރީ ޖުމާ ރުޅިއަރުވަން ބޭނުން ނުވެގެންނެވެ. ޖުމާގެ އިޙްސާސްތައް މާހިލްއަށް ވަޒަން ކުރެވޭ ފަދައެވެ. ޖުމާގެ ލޯތްބަށް ފެންބޮވައިގަނެފައިވާވަރުން އޭނާ އަދިވެސް އުއްމީދު ކުރަނީ ކައިވެނި ނުކޮށް ވާނެ މަގެއް ފެންނާނެ ކަމަށެވެ. ގޭ ދޮރާ ދިމާލަށް ބަލަހައްޓައިގެން ހުރެ މާހިލް ޖޯލީގައި އިށީން އިރުގައިވެސް ޖުމާ ދެއްކި ވާހަކަތައް ސިކުނޑީގައި ހަރުލާފައި ހުއްޓެވެ.

ބާރުބާރަށް ގޮސް ޖުމާ ކޮޓަރިއަށް ވަނުމާއެކު އޭނާއަށް ރޮވުނެވެ. އޭރު އާދަޔާ ޚިލާފް އުނދަގޫތަކެއް ހަށިގަނޑަށް ވެރިކުރުވާހެން އޭނާއަށް ހީވަމުން ދިޔައެވެ. ބޮލަށް އެނބުރުން އަރާ ގޮތް ވުމުން އެނދުގައި އިށީނުމާއެކު ހޮޑުލަވަން ފެށީ ހަމަ ކުއްލިއަކަށެވެ. އެހެންކަމުން އޭނާ ފާޚާނާއަށްވަދެ ހޮޑުލެވޭތޯ މަސައްކަތް ކުރިއެވެ.

" ޔާ ރައްބި! އަނެއްކާ އަހަންނަށް މިވަނީ ކީއް؟ "

ރީތިކޮށް މޫނު ދޮވެލުމަށްފަހު ޖުމާ ފާޚާނާއިން ނިކުތް އިރުގައިވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ބިރުވެރި ޚިޔާލްތަކެކެވެ. މޫނު ފުހެވެސް ނުލައި އޭނާ ދިޔައީ އެނދުމަތީގައި އޮތް ފޯނާ ދިމާލަށެވެ.

" އަހަރެން ޕީރިއަޑްވާ ދުވަސް މިހާރު ދިޔައީ؟ "

ފޯނުން ކަލަންޑަރު ބަލައިލުމަށްފަހު ޖުމާއަށް ބުނެވުނެވެ. އެއާއެކު އޭނާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ކުރިއަށްވުރެ ބޮޑަށް ބޮލަށް އެނބުރުން އަރާހެން ހީވިއެވެ.

" އަނެއްކާ އަހަރެން.....؟ ބަނޑުބޮޑީބާ؟ "

ޖުމާއަށް އެހެން ބުނެލެވުމާއެކު އަތުން ފޯނު ދޫވެގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)